އެމެރިކާއިން ކޮންމެ އަހަރަކު އިޒްރޭލަށް ދޭ 9 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނުގެ އެހީ މިއަހަރު ނިމުމަށްފަހު ހުއްޓާލަން ޖެހިދާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހާމަކޮށްފިއެވެ.
ސްޓޭޓު ޑިޕާޓުމެންޓުން މިހެން ހާމަކޮށްފައިވަނީ، އެ ޑިޕާޓުމެންޓުން ނެރުނު ރިޕޯޓެއްގައެވެ. 2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެމެރިކާއިން އަންނަނީ، އިޒްރޭލުގެ އިޤްޠިޞާދު ހަމަޔަކަށް އެޅުވުމުގެ ނަމުގައި 9 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީ އެއް ދެމުންނެވެ. އެހެން ނަމަވެސް ސްޓޭޓް ޑިޕާޓްމެންޓުން ހާމަކުރާ ގޮތުގައި، އިޒްރޭލުގެ އިޤްޠިޞާދު މިހާރުވަނީ ރަނގަޅު ހިސާބަކަށް ގެންދެވިފައެވެ. މިހެން ކަމުން މިއަހަރަށްފަހު އިޒްރޭލަށް ދެމުންދާ މި އެހީ ނިމުމަކަށް ގެންނަން ޖެހިދާނެއެވެ.
2002 ވަނަ އަހަރު އެމެރިކާއިން ދޭން ފެށި މި ލޯނު އެހީގެ އެއް ޝަރުތެއްގެ ގޮތުގައި އެމެރިކާއިން ކަނޑަ އަޅާފައި ވަނީ، އިޒްރޭލުން ފަލަސްޠީނުގެ ފޭރިގެންފައިވާ ބިންތަކުގައި، ކުރިޔަށް ގެންދާ ޔަހޫދީން އާބާދު ކުރުމުގެ މަޝްރޫއަށް މި ފައިސާ ބޭނުން ނުކުރުމެވެ.
އެމެރިކާގެ ރައީސްކަމަށް ބަރަކް އޮބާމާ ހޮވުމަށްފަހު، މިވީ ދުވަސްތަކުގައި އެމެރިކާއާއި، އިޒްރޭލާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވާކަމަށް ދިރާސާ ކުރައްވާ ފަރާތްތަކުން ހާމަކުރައްވައެވެ. މި ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން ޑައިރެކްޓާ އޮފް ދަ ކައުންސިލް އޮން ހެމިސްފެއަރިކް އެފެއާޒް، ލެރީ ބާންސް ހާމަކުރެއްވި ގޮތުގައި، އޮބާމާ ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމަށް ހޮވިއްޖެ ނަމަ، މި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ގޯސްވެގެން ދާނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...