ދީން މުސްލިމެއްގެ ދުލުން ރަމަޟާން.. (ފުރަތަމަ ބައި)

މުސްލިމެއްގެ ދުލުން ރަމަޟާން.. (ފުރަތަމަ ބައި)

މުސްލިމެއްގެ ދުލުން ރަމަޟާން.. (ފުރަތަމަ ބައި)

ކިޔާލަން ހޭދަވާނީ 8 މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ލިޔުމެއްމީހަކު ސިނަމާއަކަށް ގޮސް ރީތި ފިލްމެއް ބެލުމަށްފަހު އެފިލްމުގެ ރީތިކަމާއި ފުރިހަމަކަން އަދި އޭނަ ފިލްމުބަލަމުން ދިޔަ އިރު ކުރެވުނު އިހްސާސްތަކާއި އެކު އޭނާގެ ރަހްމަތްތެރިންނަށް ކިޔައިދިނުމަކީ އުނދަގޫ ކަމެކެވެ. އަދި އެވާހަކަތަށް ކިތަންމެވަރަކަށް ތަކުރާރުކޮށް ފިލްމުގައި ކީ އެއްޗެއް ބަހުންބަހަށް ކިޔައިދިން ކަމުގައިވިއަސް އޭނާ ފިލްމުބަލަމުން ދިޔައިރު ކުރެވުނު އިހްސާސްތަށް އޭނާގެ ރަހްމަތްތެރިންނަށް އިހްސާސްކުރެވޭ ގޮތަށް ކިޔައިދިނުމަކީ ވަރަށް ދަތި ކަމެކެވެ. ފިލްމުގައި އުޅުނު އެކްޓަރުންނާއި، ފިލްމު ކުޅެފައިވާ ތަންތަނާއި ފިލްމުގައި ބޭނުންކޮށްފައިވާ ޚާއްޞަ އުކުޅުތަށް ސިފަކޮށްދޭން މަސައްކަތްކުރިއަކަސް އޭނާއަށް އެވަގުތު އިހްސާސް ކުރެވުނު ޖޯޝް އޭނާގެ އެކުވެރިންނަށް އިހްސާސްކުރެވުމަކީ ވާނޭކަމެއް ނޫނެވެ. ރަމަޟާންމަހުގެ ވާހަކަ ސިފަކޮށްދިނުމަކީވެސް ހަމަ މިކަހަލަ ކަމެކެވެ. މަތި މަތިން ބަލާލާ މީހަކަށް ރަމަޟާންމަސް ސިފަވާނީ ދުވާލުގަޑީގައި މުސްލިމުން ކެއުމާއި ބުއިމުން ދުރުވެގެން ތިބޭ މައްސަރެއްގެ ގޮތުގައެވެ. މިއީ އެފަދަ މީހަކަށް ނުވަތަ ބަޔަކަށް ބަލައިގަންނަން އެހާ ފަސޭހަކަމެއް ނޫނެވެ.  އެއްދުވަސްވަންދެން މުސްލިމުން ހައްދުފަހަނައަޅާފައިވާ ޑައިޓެއްގައި ތިބޭހެން އެމީހުންނަށް ހީވެދާނެއެވެ. ނަމަވެސް މުސްލިމުންނަށް ރަމަޟާން މަހަކީ ރަހުމަތްތެރިންނަށް ކިޔައިދޭންނޭގޭ ރީތި ފިލްމެއްފަދަ އެއްޗެކެވެ. ރަމަޟާންމަހުގެ ސަބަބުން އިހްސާސްކުރެވޭ އުފާވެރިކަން އެހެންބަޔަކަށް ސިފަކޮށްދިނުމަކީ ދުލަކުން ގަލަމަކުން ވާނޭކަމެއްނޫނެވެ. މި މަހަކީ މުޅި  އަހަރުގެ ތެރޭގައި އިންތިޒާރު ކުރެވޭ ބަރަކާތްތެރި މައްސަރެކެވެ. މި މަހުގެ އުފަލާއި ހިތްހަމަޖެހުމަކީ ހަމައެކަނި މުސްލިމުންގެ ތެރޭގައި ހިއްސާ ކުރެވެމުންދާ ސިއްރެކެވެ. ސަބަބަކީ އެ މަހުގެ ބަރަކާތްތެރިކަން މުސްލިމް ނޫން މީހަކަށް ސިފަކޮށްދިނުމަކީ ދަތި އުނދަގޫ ކަމަކަށް ވާތީއެވެ. އިސްލާމްދީނުގެ ހަތަރުވަނަ ރުކުންކަމުގައިވާ ރަމަޟާންމަހުގެ ރޯދައަކީ އޭގެ ސަބަބުން މުސްލިމުންގެ އަޤީދާ އިހުނަށްވުރެ ވަރުގަދަވެ، ހެއްދެވި ފަރާތާއި މެދު އޮންނަ އިތުބާރު ބޮޑު ވެގެންދާ އަޅުކަމެކެވެ. ﷲސުބުހާނަހޫ ވަތައާލާގެ މި އެންގެވުމަށް ބޯލެނބުމަށްޓަކައި އޭނާގެ ނަފްސު ތަރުބިއްޔަތުކޮށް، އޭނާއަށްވުރެ ދަތި ހާލަތުގައި ތިބި މީހުންގެ މަތިން ހަނދުމަކޮށް އޭނާގެ އަމިއްލަ އީމާންތެރިކަން ވަރުގަދަ ކުރަންޖެހެއެވެ.

ރަމަޟާންމަސް ސިފަކޮށްދިނުމަށް އެހެން ގޮތަކުން މިސާލެއް ދެއްކޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ. ތިބާގެ މަންމައާއި ދުރުގައި ނުފެނި ބައްދަލުނުވެ އެއްއަހަރު ވެއްޖެކަމުގައި ވިސްނާލަބައްލަވާށެވެ. އަރަބި ދުނިޔޭގައި މިހެން މިކަން ވުމަކީ ތަސައްވަރުކޮށްލެވޭނެ ފަދަ ހާލަތެއް ނޫނެވެ. ނަމަވެސް ހުޅަނގުގެ ޤައުމުތަކުގައި މިއީ އާންމު ހާލަތެކެވެ. މިފަދަ ހާލަތެއްގައި ތިބާގެ މަންމަ ތިބާއަށް ޒިޔާރަތް ކޮށްފައި ދާން ނިކުންނަމުން ތިބާގެ ގޭގެ ސާފުތާހިރުކަމާއިމެދު ބަހެއް ބުނެލާފައި ގޮސްފިނަމަ، ތިބާ އުޅެނީ ސާފުތާހިރު ތަނެއްގައި ނަމަވެސް އެ ބަހުގެ ސަބަބުން ތިބާއަށް އިހުސާސްކުރެވޭނީ  ތިބާ އުޅެނީ ލަދުގަންނަންޖެހޭވަރުގެ ތަނެއްގައި ކަމަށެވެ. ދެން މަންމަ ޒިޔާރަތް ކުރާނެ ދުވަހަކަށް ދުރާލައި ގެ ސާފު ކުރުމަށް ތިބާ މަސައްކަތްކުރާނެއެވެ. ބިންމައްޗާއި ކާޕެޓުތައް ފޮޅާ ވެކިއުމްކޮށް، ދޮރުތަކާއި ކުޑަދޮރުތަށް ދޮވެ ފެންފޮތިލާ، ހިފާގެންގުޅޭ ސާމާނު އޮފުކޮށް، ދޮރުފޮތިތަކާއި ބެޑުޝީތުތަށް ދޮވެ އިސްތިރިކުރާނެއެވެ. މިއީ އާދައިގެ މަތިން ގެ ސާފުކުރާ ކުރުމެއް ނޫނެވެ. މިއީ މަންމައަށް މަރުޙަބާ ކިޔުމުގެ ގޮތުން ގެ ސާފުކުރާކުރުމެވެ.

އިސްވެ ދެންނެވުނު ހާލަތުގައި ސިފަކޮށްދެވުނީ އާއިލާގެ އެންމެ މުހިންމު އެންމެ ލޮބޮވެތި މެންބަރު ގެއަށް ޒިޔާރަތް ކުރާތީ ވާ ތައްޔާރީތަކުގެ ވާހަކައެވެ. މިހާ ހިސާބުން ރަމަޟާންމަހަށް ވާ ތައްޔާރީ އާއި މި ތައްޔާރުވުމާއި މެދު ވާ ތަފާތުތައް ފެންނަން ފަށައެވެ. މިއީ އެންމެ މީހަކަށްޓަކައި ވެވޭ ތައްޔާރީ އެކެވެ. ނަމަވެސް ރަމަޟާން މަހަށްވާ ތައްޔާރީތަކަކީ ސީދާ މާތްﷲ އަށްޓަކައި ވެވޭ ތައްޔާރީތަކެކެވެ. ރަމަޟާން މަހަށްޓަކައި މުސްލިމް މީހަކު އޭނާގެ ރޫހާނީ ގެ، އެބަހީ އޭނާގެ ހިތް މާތްﷲ އަށްޓަކައި ތައްޔާރުކޮށް، އަހަރުތެރޭގައި ކުރުމަށް ވަޢުދުވެފައިވާ ކަންކަން ނިންމުމަށް މަސައްކަތްކޮށް ފުރިހަމަ މުސްލިމަކަށްވުމަށް އިތުރު މަސައްކަތްތަކެއް އޭނާ ކުރެއެވެ. އިސްލާމެއްކަމުގައި ވުމަކީ މުޅި ދުވަސް މާތްﷲގެ ހަޟްރަތުގައި، އެ އިލާހަށް އަޅުކަންކުރުންމަތީ ދެމިހުރުމެވެ. މިފަދައިން އުޅުމަށް އޮތް އެންމެ ފަސޭހަ ދުވަސްވަރަކީ ރަމަޟާން މަހެވެ. ރަމަޟާން މަސް އަހަރުމެންނަށް ގޮވައިލަނީ ރަނގަޅަށް އުޅުމަށެވެ. އަދި މިގޮވާލުމުގެ ސަބަބުން ނަފްސު އިސްލާހުކުރުމަށް މުސްލިމުންނަށް ފަސޭހަވެގެންދެއެވެ. މުޅިދުވަހު އޭނާ ރޯދައަށް ހުންނަ އިރު އޭނާގެ ރޯދައިގެ މަޤްސަދު އޭނާގެ ހިތުގެ ތެރޭގައި އާލާވެހުރެއެވެ. މުސްލިމުން ހިފާ ރޯދައަކީ އޭނާގެ އަމިއްލަ ނަފްސަށް ދެވޭ އަދަބެއް ނޫނެވެ. ނުވަތަ ބަރުދަން ލުއިކޮށް ހިކުމަށް ބޭނުންކުރެވޭ އުކުޅެއްވެސް ނޫނެވެ. ނަމަވެސް އެއީ ހަމައެކަނި މާތްﷲ އަށްޓަކައި ޚާލިސްވެ ހުރެ ކުރެވޭ އަޅުކަމެކެވެ. މާތްﷲ ވަނީ ރަމަޟާންމަހުގެ ރޯދަ މުސްލިމުންގެ މައްޗަށް ވާޖިބު ކުރައްވަވާފައެވެ. މުސްލިމުން މި އަމުރަށް އިޖާބަ ދެނީ ވަރަށް ފުރިހަމައަށެވެ. ގެ ސާފުކުރުމުގެ މިސާލަކީ ރަމަޟާންމަހުގެ ރޯދައަށް ވާ ތައްޔާރީތަށް ސިފަކޮށްދިނުމަށް ނުފުދޭ މިސާލެކެވެ. ރަމަޟާންމަހުގެ ރޯދަ ހިފުމަކީ އެއީ ތިބާގެ މަންމަ ކަމުގައިވިއަސް އެހެން އިންސާނަކުގެ ހިތްހަމަޖެހުމާއި ރުހުން ހޯދުމަށްވުރެ މާ މުހިއްމު ކަމެކެވެ. އެކަމަކު މަންމައަށްޓަކައި މުޅިގެ ސާފުކޮށްފައިހުއްޓާ ގޭގެ ސާފުތާހިރުކަމާއި ރީތިކަމުގެ ތައުރީފުތަށް މަންމަގެ ދުލުން އަޑުއިވުމުން އަހަރުމެންނަށް ވަރަށް ބޮޑު ހިއްހަމަޖެހުމަކާއި އުފަލެއް ލިބޭނެއެވެ. އެހެންކަމުގައިވާއިރު ރަމަޟާންމަހުގެ ރޯދަ ފުރިހަމައަށް ހިފުމުން މުސްލިމުންނަށް ލިބޭ ހަދިޔާއަކީ އޭނާގެ ފާފަތައްފޮހެވުން ކަމުގައި ވާއިރު، ދުވަހުގެ ރޯދަ ފުރިހަމަކުރެވުމުން ވާނެ އުފަލާއި ލިބޭނެ ހިތްހަމަޖެހުން ތަސައްވަރުކޮށްލައްވަ ބައްލަވާށެވެ.

ރަޙްމަތުގެ މައްސަރު

މިސްރުގެ ކައިރޯގެ އަލް- ހުސެން ނަމަކަށް ކިޔާ އަވަށެއް އޮވެއެވެ. ނަމަވެސް މި އަވަށުގެ ބަދަލުގައި މުސްލިމް ކޮންމެ ގައުމެއްގެ އަވަށެއްގެ  މިސާލުވެސް ޖެއްސެވިދާނެއެވެ. ކޮންމެއަކަސް މި އަވަށުގެ މިސާލެއް އަޅުގަނޑުމެން ދައްކާލާނަމެވެ. ވަގުތަކީ އިރުގެ ދޯދިތަށް ފަނޑުވެ ދުވަސް ނިމެން ކައިރިވެ، އިރުއޮއްސި ބަންގި ގޮވަން ކައިރިވާ ވަގުތެވެ. ހިނދުކޮޅެއްގެ ތެރޭގައި ރޯދަ ވީއްލުމުގެ ވަގުތު އައިސް ޖެހިދާނެއެވެ. ބުއިމަކަށް ކަރުހިއްކައިގަނެފައިވާ އަރުތަށް ފިނި ފެނުން ތެންމާލެވޭނެ ވަގުތު އައިސް ކައިރިވަނީއެވެ. އަވީގެ ގަދަ ހޫނުގައި މަސައްކަތް ކުރަމުން އައި އެތައް ބަޔަކަށް އެ މީހުންގެ ފުރަތަމަ ކެއުން ލިބޭވަގުތު ޖެހެނީއެވެ. ކޮންމެ  ރެސްޓޯރަންޓަކާއި ކެފޭ ހޮޓަލެއްގެ ކުރިމަތީގައި ރޯދަވީއްލަން އަންނަ އެންމެނަށް ޖާގަ ހެދުމަށް އިތުރު ގޮނޑިތަކާއި މޭޒުތައް ވަނީ އެތުރިފައެވެ. އެންމެން އެއްވެ އުޅޭ ހިސާބުގަނޑުގައި ދިގު މޭޒުތައް އެތުރި ގޮނޑިތަށް އަތުރާފައި އެބަ ހުއްޓެވެ. މިއީ "ރަހްމަތުގެ މޭޒު"ތަކެވެ. ފަގީރުންނާއި މިސްކީނުންނަށްޓަކައި ހިލޭ ބަނޑު ފުރެންދެން ރޯދަ ވީއްލުމަށްޓަކައި ކެއުމާއި ބުއިން ނެރުމަށް ތައްޔާރުކުރެވިފައިވާ މޭޒުތަކެކެވެ. ހުރިހާ ހިސާބެއްގައިވެސް މީސްތަކުންތިބީ އިންތިޒާރުގައެވެ. ރޯދަ ވީއްލުމުގެ ސިގްނަލް ދޭ މަޣްރިބް ނަމާދުގެ ބަންގީގެ އިންތިޒާރުގައެވެ. ބަންގީގެ އަޑު އެހުމަށްޓަކައި ރޭޑިއޯތަށްވަނީ ހުޅުވިފައެވެ. ދުވަހުގެ ރޯދައިގެ ނިމުން އައިކަން އިއުލާން ކުރުމަށްޓަކައި ހުދު ޞަލާހުއްދީން ބިނާކުރެއްވެވި ކައިރޯގެ ބޮޑު ކިއްލާގެ ބޮޑުބަޑިން ބަޑިއެއްޖަހައެވެ. ﷲ އަކްބަރު، ﷲއޭ އެންމެ ބޮޑީ، މި ގޮވާލުން ހުރިހާ މިސްކިތެއްގެ ތާޅަފިލިތަކުން އިއުލާން ކުރެއެވެ. މިއާއެކު ކެއުމާއި ބުއިމުގެ ވަގުތު ފެށިގެން ދެއެވެ.

އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު صلى الله عليه وسلم ކޮންމެ ދުވަހަކު ރޯދަވީއްލަވަން ފައްޓަވަނީ ފެން ނުވަތަ ކިރުގެ ބުއިމަކުންނެވެ. ދެން އެއަށްފަހު ހަކުރު ލާފައިވާ ކަދުރުކޮޅެއް ހިއްޕަވައެވެ.  ވަރަށް ގިނަ މުސްލިމުން ރަސޫލާ صلى الله عليه وسلم ގެ މި ސުންނަތަށް އަމަލުކުރެއެވެ. ރަމަޟާންމަހުގެ ތެރެއިގައި މުސްލިމް އަޙްވަންތަކަމުގެ ބާރު ވަރަށް ވަރުގަދަ ވެގެން ދެއެވެ. ފެންތައްޓެއް ނުވަތަ ކާލާނެ އެއްޗެއް ނެތް ކޮންމެ މީހަކަށްވެސް ރޯދަ ވީއްލާނެ އެއްޗެއް ފޯރުކޮށްދެވެއެވެ. އިނގިރޭސި ބަހުގައި ކިޔޭ "ބްރޭކްފަސްޓް" ނުވަތަ "ބްރޭކްފާސްޓް" ، ލަފްޒީ މާނައިންނަމަ ރޯދަ ވީއްލުމަކީ، މުސްލިމުންގެ އާދަކާދައިގެ ތެރެއިން އައިސްފައިވާ ކަމެކެވެ. ބުއިމުގެ ފުރަތަމަ ކޯވަރާއި ކެއުމުގެ ފުރަތަމަ ސުވާ އާއިއެކު އެކެއުމާއި ބުއިން މިންވަރުކޮށްދެއްވިކަމަށްޓަކައި ހަމްދާއި ޝުކުރުގެ ދުޢާއެއް ކިޔެއެވެ. މުޅި ދުވަހުގައި ރޯދައަށް ހުރުމުގެ ސަބަބުން ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި އެބައިމީހުންގެ ރޯދައިގެ ނިމުން ބޮޑު ބަޑީގެ ސެލިއުޓަކުން އިއުލާން ނުކުރެވޭނެ އެތައް ބަޔަކު ވާކަން ހަނދުމަވެއެވެ. މިވަރު ކީއްކުރައްހެއްޔެވެ، މިސްކިތަކުން ގޮވާލެވޭ ބަންގީގެ އަޑު ނީވި ރޯދަ ވީއްލަންޖެހޭ އެތައްބައެއް ތިބޭނެކަމުގެ އިހްސާސްވެސްކުރެވެއެވެ.

މުޅި ދުނިޔޭގެ އެކި އެކި ކަންކޮޅުތަކުގައި ކާލާނެ އެއްޗެއް ނުވަތަ ބޯލާނެ ފެންފޮދެއް ނުލިބިގެން ބަނޑުހައި ހޫނުކަންމަތީ ފަނާވެގެންދާ އެތައް އިންސާނުންނެއްވެއެވެ. ރަމަޟާންމަހަކީ މުސްލިމުންނަށް މާތްﷲ ދެއްވަވާފައިވާ އަގުހުރި ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް އޮތް މައްސަރެކެވެ. އެ ނިޢުމަތްތަކަކީ ހަމައެކަނި ކެއުމާއި ބުއިމެއް ނޫނެވެ. ނަމަވެސް ލާނެ އަންނައުނާއި، ރަނގަޅު ސިއްހަތާއި، އަދާކުރާނެ ވަޒީފާއަކާއި، ޢާއިލާއާއި، އެކުވެރި ރަޙްމަތްތެރިންވެސް މި ނިއުމަތްތަކުގައި ހިމެނެއެވެ. ދުނިޔެ ތެރޭގައި އެންމެ ދުވަހެއްވެސް ވޭތުކުރުމަށް އެހީއަށް ބޭނުންވާ އިންސާނުން، ޙާއްޞަ ގޮތެއްގައި އެހެން މުސްލިމުން ތިބޭނެ ކަން ހަނދުމަވުމުގެ ސަބަބުން މި ޝުކުރުވެރިކަން އަދާކުރުމަށް އިތުރު ބާރެއްލިބިގެންދެއެވެ.

އަޅުކަމުގެ މައްސަރު

ދެން ރަމަޟާން މަހުގައި އަންނަ ލައިލަތިލް ޤަދުރީގެ ވާހަކަ ދައްކާލަމާހެއްޔެވެ. އެރެއަކީ އެއީ މަތިވެރިވެގެންވާ ރެއެކެވެ. އެހެނީ އެރެއަކީ ވަޙީގެ މަލާއިކަތާ ޖިބްރީލް އަލައިހިއްސަލާމް މުހައްމަދު صلى الله عليه وسلم ގެ މައްޗަށް ކީރިތި ޤުރުއާނުގެ ފުރަތަމަ ޢާޔަތްތަށް ބާއްވަވާލައްވާ، މުޅި ދުނިޔޭގެ ތާރީހް ބަދަލުކުރެވިގެންދިޔަ ރެއެވެ. މުސްލިމުން މިރޭގެ މަތިން ހަނދުމަކުރަނީ ވަރަށް ޚާއްސަ ޤަދަރަކާއިއެކުގައެވެ. ވަރަށްގިނަ މުސްލިމުން  މިރޭ ހާސިލް ކުރުމަށްޓަކައި ރޭގަނޑުގެ ވަގުތުތައް މިސްކިތްތަކުގައި ޤުރުއާން ކިޔެވުމުގައާއި މާތްﷲގެ ރަޙްމަތަށް އެދި ދުޢާ ކުރުމުގައި ހޭދަ ކުރެއެވެ. ލައިލަތުލް ޤަދްރީގެ ސަބަބުން މުސްލިމުންނަށް ހަނދުމަވެގެން އަންނަނީ ރަމަޟާންމަހަކީ ހަމައެކަނި ރޯދައިގެ މައްސަރެއް ނޫންކަމެވެ. އެއީ ކީރިތި ޤުރުއާނުގެ މައްސަރުކަންވެސް ހަނދުމަވެގެން ދެއެވެ. ރަސޫލާ صلى الله عليه وسلم އެއްފަހަރު އެކަލޭގެފާނުގެ ދަރިކަނބަލުން، ފާތިމަތުގެފާނުގެ އަރިހުގައި ހަދީޘްކުރެއްވެވިގޮތުގައި ކޮންމެ ރަމަޟާން މަހަކު ޖިބްރީލް އަލައިހިއްސަލާމް އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރައްވަވާ އެކަލޭގެފާނާއެކު ޤުރުއާން ޚަތިމް ކުރައްވަވައެވެ.

މުޅި ރަމަޟާން މަހުގެ ތެރޭގައި ޤުރުއާން ކިޔެވޭ ޚާއްސަ ނަމާދުތަކެއް ރޭގަނޑުގެ ވަގުތުތަކުގައި ކުރެވެއެވެ. މުޅި މަސް ނިމޭއިރު މިނަމާދުތަކުގައި ކީރިތި ޤުރުއާން އޮންނާނީ ޙަތިމް ކުރެވިފައެވެ. ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމުގެ ކުރީ ރަމަޟާން މަހު އެކަލޭގެފާނު ޖިބްރީލްގެފާނާއިއެކު ދެ ޚަތިމް ކުރެއްވިކަން މުސްލިމުން ޤަބޫލުކުރެއެވެ. އެހެންކަމުން ވަރަށްގިނަ މުސްލިމުން މި އިތުރު ޚާއްސަ ތަރާވީހް ނަމާދުތަކަށް ދެވޭތޯ މަސައްކަތްކުރެއެވެ. ކީރިތި ޤުރުއާން ކިޔެވުމަކީ މުސްލިމުންނަށް ޚާއްސަ ޘަވާބާއި ދަރުމަތަކެއް ލިބޭ ކަމެއްކަމުން ވަރަށް ގިނަ މުސްލިމުން ޚާއްސަ ސިފައެއްގައި ޘަވާބު ހޯދުމުގެ ބޭނުމުގައި މާތްﷲ ގެ ކަލާމްފުޅު، އެބަހީ ކީރިތި ޤުރުއާން އެއްކޮށް ކިޔަވާ ނިންމާ ޚަތިމްކުރުމަށް ގަދައަޅައި މަސައްކަތްކުރެއެވެ.

ރޯދަމަހަށް ވަކިންޚާއްސަކޮށް ރޭގަނޑުގަޑީގައި ޓީވީން ގެނެސްދެމުންދާ ޕްރޮގްރާމްތަށް ދޫކޮށްލާފައި ތަރާވީޙް ނަމާދަށް މިސްކިތްތަކަށް ހާޒިރުވާ މީހުންގެ އަދަދު އިތުރުވުމަކީ ވަރަށް އުފަލާއެކު ފާހަގަކޮށްލަންޖެހޭ ކަމެކެވެ. މުސްލިމުންގެ ދިރިއުޅުން ބައްޓަންވެގެންދަނީ އިސްލާމްދީނުގެ މައްޗަށް ބިނާކުރެވިގެންނެވެ. އެހެންކަމުން މި ޙާއްސަ ދީނީ ރޫހުގެ މަހަށް މުސްލިމުންގެ ހިތުގައި ޚާއްސަ ޖާގައެއްވަނީ ދެވިފައެވެ. މިތާގައި ހަނދުމަކޮށްލަންޖެހެނީ އިސްލާމްދީނުގައި ދީނާއި ތިމާގެ ދިރިއުޅުމަކީ ލާމެހިފައިވާ ވަކިނުކުރެވޭނެ ދެއެއްޗެއްކަމެވެ. މުސްލިމް ފިރިހެނަކު އޭނާގެ ރަހްމަތެރިންގެ ގާތު ތިމަންނާއަށް ކަލޭމެންނާ ބައްދަލުވެވޭނީ ތަރާވީޙް ނަމާދަށް ފަހުގައޭ ބުނުމަކީ އަޖައިބުވާންޖެހޭ ނުވަތަ ލަދުގަންނަންޖެހޭ ކަމެއްނޫނެވެ. އެހެނީ އެމެރިކާގެ ފިރިހެނަކު އޭނާގެ ރަހްމަތެރިންގެ ގާތު ތިމަންނާއަށް ކަލޭމެންނާ ބައްދަލުވެވޭނީ ބޭސްބޯލް މެޗަށްފަހުގައޭ ބުނުމަކީވެސް އާދަޔާޚިލާފް ނުވަތަ ލަދުގަންނަންޖެހޭ ކަމެއްނޫނެވެ. އިސްލާމްދީން ފިރިހެނާގެ ފިރިހެންވަންތަކަން ދައްކައިދޭއިރު، އަންހެނާގެ އަންހެންވަންތަކަން އިތުރުކޮށްދެއެވެ. އެހެންވީމާ ދީނާއިބެހޭގޮތުން ވާހަކަ ދެއްކުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެއްނޫނެވެ. ދީނުގައި އަންގަވާފައިވާ ކަންތައްތައް ފުރިހަމަކުރުމަކީ ހަމައެކަނި މުސްލިމެއްގެ ޠަބީޢަތުގައި ހިމެނިގެންވާކަމެއްނޫނެވެ. އެކަންކަން ކުރުމަކީ އޭނާއަށް ލިބޭ މަތިވެރި ފަޚްރެކެވެ.

ތަޤްވާގެ މައްސަރު

މާތްﷲ މުސްލިމުންނަށް ރޯދަހިފުމަށް އަމުރުކުރެއްވެވި ސަބަބު ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުގައި ބަޔާންކޮށްދެއްވާފައިވެއެވެ.

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން އައި މީސްތަކުންގެ މައްޗަށް ފަރުޟު ކުރެއްވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ."

ވީމާ ރޯދަ ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ މުސްލިމުންނަށް ތަޤްވާވެރިކަން ދަސްކޮށްދިނުމެވެ. ރޯދައިގެ ވަގުތު ފެށިގެން އަންނަނީ ފަތިސް ނަމާދުގެ ބަންގީގެ އަޑުންނެވެ. އަދި ނިމެނީ އިރުއޮއްސި މަޣްރިބް ނަމާދުގެ ބަންގީގެ އަޑަށެވެ. މި ދެމެދުގައި ކެއުމާއި ބުއިމާއި އަނބިންނާއި އެކު ޖިންސީ އެދުންތައް ފުއްދުމަކީ މުސްލިމުންގެ މައްޗަށް ޙަރާމްކުރެވިގެންވާ ކަންކަމެވެ. މިއިން ނުބައި މާނައެއް ދޭހަ ނުކުރައްވާށެވެ. ކެއުމާއި ބުއިމާއި އަނބިމީހާއާއިއެކު ޖިންސީ އެދުންތައް ފުއްދުމަކީ ދީނުގައި ގޯސް ނުވަތަ ޙަރާމް ކަންކަމެއް ނޫނެވެ. ނަމަވެސް ރަމަޟާން މަހުގެ ތެރޭގައި ނުވަތަ އެހެން މަހެއްގައިވެސް ރޯދައަށް ހުންނަ ހިނދު މިކަންކަމުން ދުރުވެހުރުމަކީ ރޯދައިގެ މަޤްޞަދު ކަމަށްވާ މީހާގެ ތަޤުވާވެރިކަން އިތުރުކޮށްދޭ ކަމެކެވެ. މިކަމުން އަހަރެމެންނަށް ދަސްކޮށްދެނީ ބައެއްކަންކަމުން ދުރުހެލިވެހުރެ މާތްﷲއަށް އަޅުކަންކުރުމަށް ޚާލިސްވެ ތިބުމަށެވެ. މަޣްރިބް ނަމާދަށްފަހު ފަޖްރުގެ އަލިކަން ފާޅުވަންދެން ރޯދަ ވީއްލި، މަނާކުރެވުނު ކަންތައްތައް ކުރުން ހުއްދަވެގެންދެއެވެ.

މުސްލިމުން ރަމަޟާންމަހު ހިފާ ރޯދައަކީ ވަރަށް ފުރިހަމަ އަޅުކަމެކެވެ. އެއީ ހަމައެކަނި ފޮނިކާތަކެތިން ދުރުވެލުމެއް، ނުވަތަ ފާހިޝް ބަސްތަކުން ދުރުވެހުރުމެއްނޫނެވެ. އެއީ މުޅި ނަފްސުން ހިފޭރޯދައެކެވެ. ސިނގިރޭޓުބުއިމަކީ ކެއުމާއި ބުއިމުގެ ތެރެއިން ހިމެނިގެންވާކަމެއްކަން އެއީ ސައިންޓިފިކް ހެއްކެކެވެ. އެހެންކަމުން ރޯދަމަހު ސިގިރޭޓުބުއިމުން ދުރުވެ ހުރުމަކީ ރޯދައިގެ ތެރޭގައި ހިމެނިގެންވާކަމެކެވެ. ދުވާލުގެ ވަގުތުތަކުގައި ހިފޭ މި ރޯދައަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ، ހަމައެކަނި މާތްﷲ އަށްޓަކައި ކުރެވޭ އަޅުކަމެކެވެ. ރޯދައަށް ހުންނައިރު އަވަށްޓެރިންނަށް އޯގާތެރިވާންޖެހެއެވެ. އެހެނީ އެހެންމީހަކަށް ބަދު ބަހެއްބުނެ ނުވަތަ އެހެންމީހަކާއިމެދު ހިތްބުރަކޮށް ނުބައި ގޮތަކަށް ވިސްނައިފިނަމަ ރޯދަ ބާތިލްވުން ގާތެވެ.

ނުނިމޭ

ނޯޓް: މިއީ އިގިރޭސިވިލާތުގެ ދާޢީއެއްކަމުގައިވާ އަލްއަޚުލްފާޟިލް އިދްރީސް ތައުފީޤްގެ ލިއުމެއް އަޞްލުކަމަށް ބަލައިގެން ލިޔެފައިވާ ލިއުމެކެވެ.

=އިސްލާމިކް އެފެއާރޒް / ދީނީ ހޭލުންތެރިކުރުމާބެހޭ ބައި=

ޓެގް

ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.