ކޮންމެ ދާއިރާއަކުން ތަޢުލީމް ޚާޞިލްކުރި ކަމުގައިވިޔަސް އެ ޢިލްމަކުން ކުރިއަރާ ދިއުމަށްޓަކައި ކުރަންއޮތް އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ކަމަކީ މާތް ﷲ އަށް ކިޔަމަންތެރިވުން ކަމުގައި އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސް (އެފްއެޗްއެސް) ގައި ކިޔަވާ ދަރިވަރުން އިންތިޒާމްކޮށްގެން ރޭ ބޭއްވި ޚާއްޞަ ދަރުސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެފްއެޗްއެސްގެ ކޮންފަރަންސް ހޯލުގައި އޮތް ދަރުސްގައި ޝައިޚް އިންސާފްކުރެއްވީ "ތަޢުބާވުމަށް މަގެއް" މިމައުޟޫއަށެވެ. ﷲ އަށް ކިޔަމަންތެރިވުމުގެ މާނައަކީ އެއިލާހު ނަޙީ ކުރައްވާފައިވާ ތަންތަނަށް ނުބެލުމާއި، ނަޙީ ކުރައްވާފައިވާ ތަންތަނަށް ނުދިއުމާއި، ފާޅުގައި އަދި ސިއްރުގައިވެސް ﷲ ނަޙީ ކުރައްވާފައިވާ ޢަމަލަކަށް އަރައި ނުގަތުން ކަން ޝައިޚް ބަޔާންކުރެއްވިއެވެ.
ޝައިޚް ވިދާޅުވީ ކޮންމެ އާދަމްގެ ދަރިއަކީވެސް ކުށަށް އަރައިގަނެވޭނެ މީހެއް ކަމަށާއި ނަމަވެސް އެންމެ ހޮޔޮ މީހަކީ އެކުށަށް ތައުބާވާ މީހާ ކަމުގައެވެ. ތަޢުބާވުމަކީ ކުށަށް އިޢުތިރާފުވެ، ކުށުން ދުރުވުން ކަމަށާއި އަދި އެކުށަށް ހިތާމަ ކުރުމާއެކު އެކުށް ފުއްސަވައި ދެއްވުމަށް އެދި އިޚްލާޞްތެރިކަމާއެކު ﷲ އަށް ދުޢާކުރުން ކަމަށެވެ. މިމޭރުމުން ވާހަކަ ކުރިއަށްގެންދަވަމުން ޝައިޚް ވިދާޅުވީ ކުށެއް ކުރެވުމުން ތަޢުބާވާމީހާގެ މިސާލަކީ ދުވަހަކުވެސް ކުށެއް ނުކުރާ މީހެއް ފަދަ މީހެއް ކަމަށެވެ.
ޝައިޚް އިތުރަށް ވިދާޅުވީ ހުޅަނގު ފަރާތުން އިރު އެރުމަށް ދާންދެން ތަޢުބާގެ ދޮރު ވަނީ ހުޅުވިފައި ކަމަށާއި އަދި އިންސާނާގެ ފުރާނަ ނޭވާ ހޮޅިއަށް އެޅެންދެން ތަޢުބާވުމުގެ ދޮރު ވަނީ ހުޅިވިފައި ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ފާފައިގެ މަތީ ދެމިތިބުން ނޫންކަމަށާއި، އެންމެ ހެޔޮ މީހަކީ ނަފްސު އިޞްލާޙްކޮށް ވީއެންމެ އަވަހަކަށް ތަޢުބާވާ މީހާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...