މިދިޔަ ހުކުރު ދުވަހު ނޯވޭއަށް ޙަމަލާދިން ޙައްދުފަހަނައަޅާފައިވާ ކްރިސްޓިއަން އެންޑާރސް ބެރިންގ ބްރެވިކްގ އެޙަމަލާ ދިނުމުގެ ކުރިން ލިޔެފައިވާ 1,518 ޞަފްޙާގެ "މެނިފެސްޓޯ"ގެ މުހިންމު ބައިތަކެއް އެޤައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
އޭނާ ޙަމަލާ ދިނުމުގެ އަމާޒުތަކެއް ކަމުގައި އިނގިރޭސިވިލާތުގެ ބައެއް ސިޔާސީ ފަރާތްތަކާއި ނޫސްވެރިން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އެޤައުމުގައި ކުރިން ބޮޑުވަޒީރުކަން ކުރެއްވި ޓޯނީ ބްލެއާއާއި، ގޯޑަން ބްރައުން އަދި ޚާރިޖީ ވަޒީރުކަން ކުރެއްވި ޖެކް ސްޓްރޯ ހިމަނާފައިވެއެވެ.
ޙައްދުފަހަނައަޅާފައިވާ ކްރިސްޓިއަން މި ޓެރަރިސްޓް އޭނާގެ އަމާޒުތައް ކަނޑައެޅި ސަބަބުތައްވެސް ހާމަކޮށްފައިވެއެވެ. އެގޮތުން ލަންޑަނަކީ އިސްލާމީ މާލީ ނިޒާމުގެ މައި މަރުކަޒަކަށް ހެދުމަށް ކުރާ މަސައްކަތުގެ ސަބަބުން ގޯޑަން ބްރައުން "ކުށްވެރި"ވެފައިވެއެވެ. ބްރައުންގެ ސަބަބުން މުސްލިމުންގެ ނުފޫޒު ބޮޑުވަމުންދާތީ މި ކްރިސްޓިއަން ޓެރަރިސްޓްވަނީ އޭނާ އަވަހާލަކޮށްލުމަށް ނިންމާފައެވެ. ޕްރިންސް އޮފް ވޭލްސް ޗާލްސް އާއި އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީޒް އާއި އޮތް ގުޅުމުގެ ސަބަބުން އޭނާވެސް އަވަހާރަކޮށްލުމަށް ނިންމާފައިވާއިރު، ޓޯނީ ބްލެއާ އާއި ޖެކް ސްޓްރޯގެ ނަންވަނީ އިނގިރޭސިވިލާތަށް ހިޖުރަކުރާ މީހުންނަށް ލުއިފަސޭހަ ސިޔާސަތުތައް ކަނޑައެޅުއްވަން މަސައްކަތްކުރައްވާތީ ބްރެވިކްގެ މަރާލަންޖެހޭ މީހުންގެ ލިސްޓުގައި ހިމަނާފައެވެ. ބްރެވިކް ޤަބޫލުކުރާ ގޮތުގައި މިސިޔާސަތުގެ ސަބަބުން އިނގިރޭސިވިލާތަކީ އެއް ނަސްލަށްވުރެ ގިނަ ނަސްލުގެ މީހުންގެ ޤައުމަކަށް ވެގެންދާނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސިވިލާތުގެ ޙައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ގްރޫޕެއް ކަމަށްވާ "އިންގްލިޝް ޑިފެންސް ލީގް" (އީ.ޑީ.އެލް) އާއި ބްރެވިކް އާއި ގުޅުން އޮތެވެ. މިޖަމާޢަތުގެ ގިނަ މުޒާހަރާތައް ނިމިފައިވަނީ ހަމަނުޖެހުމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...