ރިޕޯޓް ދުނިޔެ އާއި މެދު ޣާފިލު ނުވާށެވެ.

ދުނިޔެ އާއި މެދު ޣާފިލު ނުވާށެވެ.

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަޙްމަދު އަމީން މުޙައްމަދު


ދުނިޔެ އަކީ ވަގުތީ މަންޒިލެކެވެ. ހިނދުކޮޅެއްގެ ތަނެކެވެ. ދަތުރުކޮށްފައިދާ އަސްވާރަކު ގަހެއްގެ ހިޔަލުގައި ވަރުބަލި ފިލުވާލަން މަޑުކުރާފަދަ މަދު ވަގުތުކޮޅެއްގެ ޙަޔާތެކެވެ. މިޙަޔާތުގެ ދުވަސްތަކަކީ ދާދި މަދު އަދި އަވަހަށް ފާއިތުވެގެންދާ ދުވަސްތަކެކެވެ. މި މަދު ދުވަސްކޮޅުގައި ކުރަން އޮތް ހަޤީގީ މަސައްކަތަކީ ދާން އޮތް މަންޒިލަށް މަސައްކަތް ކުރުމެވެ. ﷲ ދެއްވި ނިޢުމަތްތަކުގެ އަލީގައި އަދި އޭގެ ބާރުން އެކަލާންގެއަށް ޝުކުރުވެރިވެ ހެޔޮ ޢަމަލުތަށް ކުރުމުގައި ފުރާނަ ހަށިގަނޑާއި ވަކިވެގެން ދާންދެން ސާބިތުވެގެން ހުރުމަކީ ހެޔޮ ވިސްނޭ މީހުންގެ ސިފައެކެވެ.

ދުނިޔޭގެ ކަންކޮޅުތަކަށް ނަޒަރެއް ހިންގާލާއިރު މިއާއި ދިމާ އިދިކޮޅަށް ފެންނަ ކަންތައްތަށް ނިކަން ބައިވަރެވެ. ގިނަ މީހުން މަސައްކަތް ކުރަނީ ދުނިޔެ ގަތުމަށެވެ. ދުނިޔޭގެ ލައްޒަތާއި އާރާމާއި ހިންހަމަޖެހުމުގައި ޙަޔާތުގެ ދުވަސްތަށް ދުއްވާލުމަށެވެ. ގިނަ މީހުން އެމީހުންގެ ޒުވާންކަން ދުއްވާލަނީ ޖަލާލުވަންތަ ﷲ ޙަރާމްކުރެއްވި ބޮޑެތި ފާފަތަކުގައެވެ. އެ ފާފަތަކުން ތައުބާ ނުވެވިގެން އުޅެނިކޮށް ދެން އެމީހާގެ ކުރިމަށްޗަށް ޙާޟިރުވެގެން ދަނީ މަރެވެ. ދެން އެންމެ ސިކުންތެއް އަދި ހިނދުކޮޅެއްވެސް ހޭދަ ނުވެ އޭނާގެ ހަށިގަނޑާއި ފުރާނަ ވަކިވެދެއެވެ.

ދުނިޔެ ބޭނުންވެގެން ދުނިޔެއަށް މަސައްކަތް ކުރާ މީހުންގެ މައިގަނޑު މަސައްކަތަކީ އެއްވެސް އުންމީދެއް ނެތް މަސައްކަތްތަކެކެވެ. އެހެނީ އެމީހުންގެ އެމަސައްކަތުގެ "ފޮނި" މޭވާ ޚުދު އޭނާ އަށް ލިބޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އޭނާއަކަށް ނޯވެއެވެ. އެހެނީ މަރަކީ އޭނާއަށް އަދި އޭނާގެ މުދަލަށް ކޮންޓްރޯލްކުރެވޭ ނުވަތަ ޕްރޮގްރާމް ކުރެވޭ އެއްޗެއް ނޫނެވެ. ގިނަ މީހުން ބޮޑެތި އަދި އަގުބޮޑު އިމާރާތްތަށް ބިނާކޮށް ޕްރައިވެޓް ޖެޓްތަކާއި މިލިޔަން ޑޮލަރުގެ އަގުބޮޑެތި ރިޒޯޓްތައް ގެންގުޅެނީ އެތަކެއްޗާއި ތަންތަން އެބައި މީހުންނަށް މިލްކުވާނެކަމަށް އެމީހުން ދެކޭތީ ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވެއެވެ. އެބައި މީހުންނަކަށް އެބައި މީހުންގެ މުދާ މިލްކު ވެގެނެއް ނުވެއެވެ. އެހެނީ މިލްކު ވުމަކީ އަބަށް އެމީހަކަށް އެތަކެތި ލިބިފައި ވުމެވެ. އަދި އެމީހަކާއި އެކު އަބަދު އެތަކެތި ވުމެވެ. ނަމަވެސް ދުނިޔެ މަތީގައި އެއްކޮށް ފުރާ ކަންޒުތަކާއި ޢިމާރާތްކުރާ ބޮޑެތި ގަނޑުވަރުތަށް އެބައިމީހުންނަށް މިލްކުވެފައެއް ނުވެއެވެ.

އަގުބޮޑެތި ގަނޑުވަރުތަކާއި ރަށްތަށް "ނަމުގައި އަމިއްލަކޮށްފައިވާ" ކިތައް މީހުން މިއަދު ދުނިޔޭގައިވޭބާއެވެ. މިލިޔަން ޑޮލަރުގެ ގެތަށް ބިނާކޮށް ނިމުމުން އެންމެ ރެއަކުވެސް އެގޭގައި ނިދުމުގެ އުފާނުލިބި މަރުވެފައިވަނީ ކިތައް މީހުންކަން އެނގޭހެއްޔެވެ. އަގުބޮޑެތި ކާރު ގަނެ އޭގައި އުފާކުރަމުން މަޖާކުރަމުންދަނިކޮށް އޭނާގެ އަމިއްލަ ކާރުގައި މަރުވެފައިވާ މީހުންގެ ޢަދަދު އެނގޭހެއްޔެވެ. ބޮޑެތި ކަންޒުތައް ފުރާލައި މާލާއި ޖާހު ބޮޑެތިކަމަށް ހެދިގެން އުޅުނު ކިތައް މީހުން އެމީހުންގެ ކަންޒުތަކުގެ ދަށުވެ މަރުގެ ރަހަ ދެކިފައިވޭހެއްޔެވެ. ބިލިޔަން ޑޮލަރުގެ ޕްރައިވެޓް ޖެޓްތަކުގައި އޭގެ އޯނަރުން އުފާކޮށް ރާބޮއި ހަދާއިރު އަމިއްލަ ޖެޓު ވެއްޓި އޭގެ ތެރޭގައި މަރުވެފައިވަނީ ކިތައް މަހުޖަނުންކަން އެނގޭހެއްޔެވެ. ނެތްވަރުގެ ޢިލާމާއި ސައިންސްވެރިކަމުގައި ގުދުރަތަށް ގޮންޖަހަމުން ދިޔަ ކިތައް ސައިންސްވެރިން އެމީހުންގެ ތިއަރީތަކާއި މޮޑެލްތައް ދޮގުވެފައިވާ ހާލު ހިތި ނިމުމެއްގައި ދުނިޔެ ދޫކޮށްފައިވޭހެއްޔެވެ. އަގުބޮޑު މޮޅު ފޮތީގެ ފޭރާމުން ހެދުންލައިގެން މޮޑެލްކުރި މީހުން ހުދު ކަފަކޮޅެއްގައި ފަސްގަނޑުގެ ދަށަށް ދާންޖެހުނީ ކީއްވެހެއްޔެވެ.

ކުޅިވަރުގެ މައިދާނުގައި ދުނިޔެދުށް މޮޅެތި "ސްޓާރުން" މިއަދު ކޮބައިތޯއެވެ. އެމީހުންގެ ހުނަރާއި މޮޅުކަމުން އެމީހުންނަށް މިލްކުވީ ކޮންކަމެއްހެއްޔެވެ. ކިތައް ފުޓުބޯޅަ ކުޅުންތެރިންގެ މަރު ދަނޑުމަތީގައި ހިއްޕަވާފައިވޭހެއްޔެވެ. ކިތަށް މިއުޒިކް ކުޅުންތެރިން އެ ޙަރާމް ޢަމަލު ކުރުމުގައި (އެމީހުންގެ އެ ފަޚުރުވެރިވި މިއުޒިކުގެ ހުނަރު) ދައްކަމުންދަނިކޮށް އެންމެންގެ ކުރިމަތީގައި ނިކަމެތިވެ މަރުވެފައިވޭހެއްޔެވެ. ހަނގުރާމައިގެ ހުނަރުގައި "އާދަޔާ ޚިލާށް މޮޅު" ކަމަށް ބުނި ކިތައް މީހުން އެއްވެސް ހަތިޔާރެއް ނެތް މީހުންގެ އަތްދަށުގެ މަރުގެވޭން ލިބިފައިވޭހެއްޔެވެ. ގާޟީންނާއި ފަނޑިޔާރުން އެބައިމީހުންގެ ނިޔާގެ މޮޅުކަމާއި އިންސާފުވެރިކަމުގެ މައްޗަށް ފަޚުރުވެރިވެފައިވަނިކޮށް ﷲގެ ނިޔާ އެމީހުންގެ މައްޗަށް ތަންފީޒު ކުރެވިފައިވަނީ ކިތަށް ގާޟީން ނުވަތަ ފަނޑިޔާރުން ހެއްޔެވެ. ދުވަހަކުވެސް ހަމަލާއެއް ނާންނާނެގޮތަށް ވަރުގަދަ "ހައި ސެކިއުރިޓީ ގައި" ބޮޑީގާޑުންނާއި އިންޓަލިޖެންސް ސާރވެލަންސް ފޯސްތަކުގެ ހިމާޔަތުގައި ދިރިއުޅުނު ވަލިއްޔުލް ޢަމްރުން، ރަޢީސުން، ރަސްކަލުން، ރާނީން، ވަޒީރުން މިއަދު ކޮބައި ހެއްޔެވެ.

ލޮބިވެތި އަޚުންނާއި އުޚުތުންނޭވެ. ދުނިޔެ އަކީ މިފަދަ ތަނެކެވެ. އަޅުގަނޑުމެން އެންމެންނަކީވެސް މަރުގެ ރަހަ ލިބޭނެ ބައެކެވެ. ދުނިޔޭގެ ޒީނަތަށް ހެއްލި ޣާފިލުކަމުގެ މަސްތުގައި ޖެހިގެން ތިބެން ހެޔޮވެސް ނުވާނެއެވެ. ހަޤީގީ ދުނިޔެ ޢިމާރާތްކުރުމަކީ ﷲ އަށް އިޚްލާސްތެރިކަމާއި އެކު އަޅުކަންކޮށް އެކަލާންގެ ދެއްވި ހަލާލު ރިޒްޤުގެ ބޭނުންކޮށް އެކަމަށް ޝުކުރުވެރިވާމީހާއެވެ. ދުނިޔޭގައި އެއްކުރާ މުދަލަކީ ތިމާއަށް މިލްކުވެގެންވާ އެއްޗިއްސެއް ނޫނެވެ. ކިތަންމެ ވަރަކަށް ސަންދޯއް ފުރެންދެން ރަނާއި ޖަވާހިރު އެޅިޔަސް އެއިން އެމީހާއަށް ކުރާނޭ އެއްވެސް ފައިދާއެއް ނެތެވެ. އެއްވެސް އާރެއް ބާރެއް ނެތްހާލު ބިރުވެރިކަން ބޮޑު ދުވަހު ތިމާއަށް ފައިދާއެއް އަދި ހެވެއް އޮތީ މިއަދު ނިދާފައި މިތިބި ޣާފިލުކަމުން ހޭލައިގެން އާޚިރަތަށް މަސައްކަތްކޮށްގެނެވެ. ތިމާގެ "ސްޓްރެޓެޖިކް ގޯލް" އަކީ ﷲ ތަޢާލާގެ ރުއްސެވުމާއި އެކަލާންގެ ނިޢުމަތްތަކުގެ ސުވަރުގެ ހޯދުންކަމުގައި އަދައި އެކަމަށް މަސައްކަތް ކުރާ މީހާއަކީ ހަމަ ޔަޤީނުންވެސް ކާމިޔާބު ހޯދައިފި މީހެކެވެ. ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚްތާއެވެ. ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ﷲ ގެ ރަޙްމަތުން ތިބާ އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲއީ އެންމެ އޯގާވަންތަ ކަށަކުޅަދުންވަންތަ އެއްކައުވަންތަ ކަލާންގެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.