ދީން ރޯދައިގެ ކުރިން ރޯދައަށް ބަލާލުމެއް 3

ރޯދައިގެ ކުރިން ރޯދައަށް ބަލާލުމެއް 3

ރޯދައިގެ ކުރިން ރޯދައަށް ބަލާލުމެއް 3

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

އަށްވަނަ: ރޯދަ ފާސިދުވެދާ ކަންތައް

  • ޖިމާޢުވުން:

މިއީ ރޯދަ ފާސިދުކޮށްލާ ކަންތަކުގެ ތެރެއިން އެންމެ ބޮޑު ކަންތަކެވެ. އެހެންކަމުން، ޖިމާޢުވުމުގެ ސަބަބުން ރޯދަ ގެއްލޭ މީހާގެ މައްޗަށް އެ ރޯދަ ޤަޟާ ކުރުމާއެކު ކައްފާރާ ދިނުން ވާޖިބުވެގެން ވެއެވެ. އެއީ، އަޅަކު މިނިވަން ކުރުމެވެ. އެކަމުގެ ތަނަވަސްކަން ނެތް މީހާ، ޖެހިޖެހިގެން ދެމަހު ރޯދަ ހިފުމެވެ. އެކަމަށް ކުޅަދާނަވެގެން ނުވާ މީހާ، 60 މިސްކީނުންނަށް ކާން ދިނުމެވެ.

  • · ގަސްތުގައި އެއްޗެއް ކެއުން ނުވަތަ ބުއިން:

ރޯދަމަހު ދުވާލުގައި، ރޯދައަށް ހުރި މީހާ ގަސްތުގައި އެއްޗެއް ކައިފިނަމަ ނުވަތަ ބޮއެފިނަމަ އޭނަގެ ރޯދަ ފާސިދުވާނެއެވެ. ނަމަވެސް، ރޯދަ ފާސިދުވިޔަސް، އެހެނިހެން ރޯދަވެރިންނެކޭ އެއްފަދައިން، ދުވަހުގެ ބާކީ އޮތްބައިގައި، އޭނާވެސް ކެއިން ބުއިމުން ދުރުވުން ވާޖިބުވެގެންވެއެވެ. ދެން، އެމީހަކު، މާތް ﷲ އަށް ތައުބާވާން ޖެހޭނެއެވެ. އެއަށްފަހު، ރަމަޟާންމަސް ނިމުމަށްފަހު، އެ ފަސާދުވި ރޯދަ، ޤަޟާކުރަންޖެހޭނެއެވެ.

އަދި ހަމައެފަދައިން، ހޮޅިއެއްގެ ޒަރިއްޔާއިން ނޭވާލާ ހޮޅީގެ ތެރެއިން މައިދާއަށް ކާނާއާއި ދިޔާ އެއްޗެހި ވާސިލުވުމުންވެސް ރޯދަ ގެއްލޭނެއެވެ. މިކަން ޢާންމުކޮށް ފެނިގެންދަނީ ބަލިމީހުންނަށް ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ކެއުން ބުއިމަށް ނުކުޅެދޭ ފަދަ މީހުންނާ މެދުގައެވެ.

  • · ގަސްތަކާ ލައިގެން މަނި ބޭރުވުން:

އެއީ، ޝަހުވަތާއި އެކު އަންހެނެއްގެ ޖިސްމުގައި ބީހުމުގެ ސަބަބުން ނުވަތަ ބޮސްދިނުމުގެ ސަބަބުން ނުވަތަ އެފަދަ ޚިޔާލެއް ކުރުމުގެ ސަބަބުން ނުވަތަ އެފަދަ މަންޒަރެއް ބެލުމުގެ ސަބަބުން ނުވަތަ އަމިއްލަ އަތުން ކުރި ކަމެއްގެ ސަބަބުން ވިޔަސް މަނި ބޭރުވުމެވެ. މިފަދަ ސަބަބެއް މެދުވެރިވެގެން މަނި ބޭރުވެއްޖެނަމަ، އެމީހެއްގެ ރޯދަ ފާސިދުވާނެއެވެ.

އެހެންކަމުން، މިފަދައިން ރޯދަ ފާސިދުކޮށްލައިފި މީހެއްގެ މައްޗަށް އޮތީ އެކަމަށް ތައުބާވެ އެ ރޯދަ އަލުން ޤަޟާކުރުމެވެ. (ޖިމާޢުވުމުގެ ސަބަބުން ދޭން ޖެހުނު ފަދަ ކައްފާރައެއް ދިނުން މިބައިމީހުންގެ މައްޗަކަށް ނުވެއެވެ. އެއީ ހަމައެކަނި، ޖިމާޢުވުމުގެ ބަޔަށް ޚާއްޞަ ކަމެކެވެ.)

މުހިއްމު 2 ނުކުތާއެއް:

ގަސްތަކާ ނުލައި މަނި ބޭރުވެއްޖެނަމަ (މިސާލަކަށް ބައްޔެއްގެ ސަބަބުން ނުވަތަ ނިދީގައި)، އެފަދަ މީހެއްގެ ރޯދަ ފާސިދެއް ނުވާނެއެވެ. އަދި އޭނާގެ ރޯދައަށް އެކަމުގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެއެވެ. އޭނަގެ މައްޗަށް އޮތްހާވެސް ކަމަކީ، ޖުނުބުވެރިވުމުގެ ސަބަބުން ހިނައިގަންނަން ޖެހުމެވެ.

އަނެއް ނުކުތާއަކީ، ރޭގަނޑު އެމީހާ ކުރިކަމެއްގެ ސަބަބުން ޖުނުބުވެރިވެފައި ހުރި މީހާ، އިރު އެރިއިރުވެސް އޭނާ ފެންނުވަރާ ހުރެއްޖެނަމަ ދެން ހަދާނެތޮކެވެ. މި މީހާގެ މައްޗަށް އޮތީ އަވަހަށް ފެންވަރައިގަތުމެވެ. ރޯދައަކަށް އެކަމުން އަސަރެއް ނުކުރާނެއެވެ.

  • · ބަނޑުހައި ހޫނުކަން ފިލުވަން ޖަހާ އިންޖެކްޝަން:

މިފަދަ ގޮތަކަށް ހަދާފައި ހުންނަ އިންޖެކްޝަނެއް ޖަހައިފިނަމަ އެމީހެއްގެ ރޯދަ ފާސިދުވާނެއެވެ. ނަމަވެސް، މިއާ ޚިލާފަށް މިފަދަ އެއްވެސް ކަމެއް ނުހިމެނޭ އިންޖެކްޝަނެއްގެ އެއްވެސް މައްސަލައެއް ނެތެވެ. އެމީހެއްގެ ރޯދަ ފާސިދެއް ނުވާނެއެވެ.

  • · ލޭ އެޅުން:

މިސާލަކަށް، ރޯދަވެރިޔާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ އޮހޮރުމުގެ ސަބަބުން ލޭ އަޅަން ޖެހުމެވެ. މިފަދައިން ލޭ އަޅަން ޖެހިއްޖެނަމަ، ރޯދަ ފާސިދުވާނެއެވެ. އެހެންކަމުން، އެ ރޯދަ ފަހުން ޤަޟާކުރަންޖެހޭނެއެވެ.

  • · ޙައިޟު ނުވަތަ ނިފާސް ކަމުގެ ލޭ ފައުޅުވުން:

ޙައިޟުވެރިންނާއި ނިފާސްވެރިންގެ މައްޗަށް އެ މުއްދަތުގައި ރޯދައަށް ހުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ. މިބައިމީހުންނަށް އޮތީ ރޯދަމަސް ނިމުމުން އެ މުއްދަތުގައި ދޫކުރަން ޖެހުނު ރޯދަތައް ޤަޟާކުރުމެވެ.

  • ރޯދަވެރިޔާގެ ގައިން ލޭ ބޭރުކުރުން:

މިއީ ޙިޖާމާކުރުމާއި، ބަލިމީހަކަށް ލޭ ހަދިޔާކުރުން ފަދަ ކަމެއް ކުރުމެވެ. މިކަހަލަ ކަމެއް ކޮށްފިނަމަ އެމީހެއްގެ ރޯދަ ގެއްލޭނެއެވެ.

ނަމަވެސް، ލޭގެ ކުޑަ މިންވަރެއް ބޭރުވުމުގެ ސަބަބުން ރޯދައެއް ނުގެއްލޭނެއެވެ. މިސާލަކަށް ހަށިގަނޑުން ތަނެއް ހަލާކުވުމުގެ ސަބަބުން އަންނަ ލޭ، ލޭގެ ޓެސްޓު ހަދަން ނަގާ މަދު ލޭފޮދެއްގެ ސަބަބުން ރޯދައެއް ނުގެއްލޭނެއެވެ. ހަމަ އެފަދައިން، ދަތެއް އުފުރުމުގެ ސަބަބުން، ހިރުގަނޑުން އަންނަ ލެޔާއި، ނޯށުން އަންނަ ލޭގެ ސަބަބުންވެސް ރޯދައެއް ނުގެއްލޭނެއެވެ.

  • ގަސްތުގައި ހޮޑުލުން:

ރޯދަވެރިޔާ ގަސްތުގައި ހޮޑުލައިފިނަމަ އޭނަގެ ރޯދަ ފާސިދުވާނެއެވެ. ނަމަވެސް، ބޭ އިޚްތިޔާރުގައި ހޮޑުލެވުނެއް ކަމަކު ރޯދައަކަށް އެކަމުގެ އަސަރެއް ނުކުރާނެއެވެ. ރޯދައެއް ނުގެއްލޭނެއެވެ.

ނުވަވަނަ: ރޯދައިގެ ޙިކުމަތްތަކާއި ފައިދާތައް

1-    ރޯދައަކީ އަޅާ އޭނާގެ ވެރި ރައްބާ ކައިރިކޮށްދޭ އަޅުކަމެކެވެ. އެހެނީ، ކެއުމާއި ބުއިމާއި ޖިންސީ އެދުން އޭނާ ދޫކޮށްލަނީ އެފަރާތުގެ ރުހިވޮޑިގަތުމާއި، ސުވަރުގެ ޙާޞިލްކުރުމަށް ކަމަށްވާތީއެވެ.

2-    ރޯދައަކީ އަޅާގެ ނަފްސުގެ މައްޗަށް ކޮންޓުރޯލް ގެންނަން ދަސްކޮށްދޭ ކަމެކެވެ. އެހެނީ، ނަފްސު އެދޭ ކަންތައްތަކުން އޭނާ ނަފްސު މަތަކޮށް ހިފަހައްޓައެވެ. މިކަމުގެ ސަބުބުން، އޭނާގެ ހަވާ ނަފްސުގެ މައްޗަށް ކޮންޓުރޯލު ލިބި، ޙަޔާތުގެ ނައު، މާތް ﷲ ގެ ރުއްސެވުން ހޯދުމާ ދިމާލަށް މިސްރާބުޖަހާލައެވެ.

3-    ރޯދައިގެ ޙިކުމަތުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ ވާޟިޙު ޙިކުމަތަކީ މާތް ﷲ އަށް ތަޤުވާވެރިވުމެވެ. އެހެނީ، މާތް ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. )يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ(/ ބަޤާރާ:183 މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.”

މާތް ﷲ އަށް ތަޤުވާވެރިވުމަކީ، އެ އިލާހު އަމުރުކުރެއްވި ކަންތައް އަދާކުރުމާއި ނަހީ ކުރެއްވި ކަންތަކުން ދުރުވުމެވެ.

4-    ރޯދައިގެ ޙިކުމަތްތަކުގެ ތެރެއިން ހިމެނޭ އަނެއް ކަމަކީ، މުއްސަނދިން، އެމީހުންނަށް މާތް ﷲ ދެއްވާފައިވާ މުއްސަނދިކަމުގެ ނިޢުމަތާމެދު، މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރުމެވެ. އަދި ތިމާގެ ފަޤީރު މުސްލިމުންގެ ފަޤީރުކަމުގެ ޙާލު އިޙްސާސްކޮށް، އެބައިމީހުންނަށް އިޙްސާންތެރިވެ ޞަދާޤާތްކުރުމެވެ.

5-    ރޯދައިގެ ޙިކުމަތްތަކުގެ ތެރެއިން ހިމެނޭ އަނެއް މުޙިންމު ކަމަކީ، މައިދާއަށް އަރާމުގެ ވަޤުތުކޮޅެއް ލިބުމެވެ. މިކަމަކީ، ޞިއްޙީގޮތުން އޭގެ ފައިދާ ސާބިތުވެފައިވާ ކަމެކެވެ.

6-    ރޯދައިގެ ފައިދާތަކުގެ ތެރެއިން ޙާޞިލްވާ އެނެއް ފައިދާއަކީ، ރޯދަހިފުމުގެ ސަބަބުން އަޅާއަށް ކެތްތެރިވާން ދަސްވުމެވެ. އޭއީ އޭނާގެ ޝަހްވަތުގެ މައްޗަށް އޭނާ ކެތްތެރިވާ ކެތްތެރިވުމުންނެވެ.

7-    އަނެއް ފައިދާއަކީ، ރޯދަހިފުމުގެ ސަބަބުން އަޅުކަންތަކާއި އަޅާ ގަޔާވެ، އަޅުކަންތައް ކުރުމަށް ފަސޭހަވުމެވެ. އަދި މުންކަރާތްތަކުން ދުރުވުމެވެ.

(ނުނިމޭ)

  • ނޯޓް: މި ލިޔުމުގެ މަރްޖިޢުތަކަކީ، އައްޝޭޚު  މުޙަންމަދު އިންބު ޞާލިހު އަލްޢުޘެއިމީންގެ “މުޛައްކިރަތު ފިޤްހި” އާއި އައްޝޭޚު ޞާލިޙު އަލްފައުޒާންގެ ” އަލްމުލައްޙަޞުލް ފިޤްހީ” އެވެ.

ޓެގް

ރޯދަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.