މާލެއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ ވެރިކަން ކުރާ ރަށެވެ. އެހެންކަމުން، މި މާލޭގައި ޢައިލާތައް އުޅެނީ ކުޑަ ކުޑަ ކޮޓަރިތަކާއި އެޕާރޓްމެންޓްތަކުގައެވެ. ދެތިން ހަތަރު ޢައިލާ އެއްތަނެއްގައި ނުވަތަ އެއް ގެއެއްގައި އުޅުމަކީ އާންމު ކަމެކެވެ.
ގިނަ ޢާއިލާތަކެއް އެއްތަނެއްގައި އުޅެންޖެހުމުގެ ސަބަބުން، ތަފާތު ގިނަގުނަ މައްސަލަތަކެއް ފެން މަތިވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ދަރީންގެ މެދުގައި ތަފާތު ކުރުމެވެ. ނޭނގި ނަމަވެސް އެއް ދަރިއަކަށް ނުވަތަ ދަރީންތަކަކަށް އިސްކަންދެވުމެވެ. މިއީ ހަޤީޤަތުގައި ވަރަށް ބޮޑު މައްސަލައެކެވެ. އެހެނީ، އެއް ބެއެއްގެ ހިތް އަނެއް ބެއެއްގެ މައްޗަށް ކިނލަބުވެގެންދާ ކަމެކެވެ. ނަމަވެސް، ޢާއިލީ ގުޅުމަށް ބަލާފައި އެކަން ފާޅު ނުކޮށްފާނެއެވެ. އެކަމުގެ ސަބަބުން އެދަރިފުޅު އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކޮށްފާނެއެވެ. މަންމަ ނުވަތަ ބައްޕަ ވަކި ދަރިފުޅަކަށް މާ ބޮޑު އިސްކަމެއް ދެނީ، ދެން ތިބި ދަރީން ގޯސްވީމަ ކަމަށް އެ ކުދިންނަށް އިޙްސާސްކުރެވެން ފަށާނެއެވެ. އަދި މަންމަގެ ނުވަތަ ބައްޕަގެ ތަފާތު ކުރުމުގެ ސަބަބުން އެއް ކުއްޖަކު އަނެއް ކުއްޖެއްގެ މައްޗަށް ހިތް ކިލަނބުވާ ގޮތް ވެދެއެވެ. އަދި ހަސަދައާއި ނަފުރަތުގެ ހުޅު ގަނޑު ކުދިންގެ މެދުގައި އަނދަން ފަށައެވެ.
ލޯތްބަކީ ހިތުގައި އުފެދޭ ޝުޢޫރެކެވެ. އެ ޝުޢޫރު އުފެދޭނީ އެކި މީހުންގެ މައްޗަށް އެކި ވަރަށެވެ. ސަބަބުތައް ހުރެދާނެއެވެ. ވުމާއެކު، ވަކި ދަރިފުޅަކަށް މައިންބަފައިން މާ ބޮޑަށް ލޯބި ވެދާނެއެވެ. މިއީ މައްސަލައެއް ނޫނެވެ. ނަމަވެސް، މައްސަލައަކަށްވާނީ، އެ ލޯބީގެ ސަބަބުން، މައިންބަފައިން، ދަރީންގެ މެދުގައިި، މުޢާމަލާތް ކުރުމުގައި ތަފާތު ތަކެއް ގެން ގުޅެން ފެށުމުންނެވެ. އެ ލޯބީގެ ސަބަބުން މައިންބަފައިން ވަކި ދަރިއަކަށް މާ ގިނަ ވަޤުތު ދިނުމެވެ. މިއީ އިސްލާމް ދީން ކަނޑައެޅިގެން މަނާ ކުރާ ކަމެކެވެ. ތިމާ ވަކި ކުއްޖެއް ދެކެ މާ ބޮޑަށް ލޯބިވާކަން، އެހެން ކުދިންނަށް އިޙްސާސްވިޔަ ދީގެން ނުވާނެއެވެ. މުޢާމަލާތް ކުރުމުގައި ހަމަހަމަ ކުރަން ވާނެއެވެ. އަދަބު އެއްކުއްޖެއް ކައިރީގައި ވަޤުތު ހޭދަކޮށްގެން ނުވާނެއެވެ. އަބަދު އެއްކުއްޖަކަށް ކަންތައް ކޮށްދީގެން ނުވާނެއެވެ. އެހެން ކުދިންނަށްވެސް ސަމާލުކަން ދޭން ވާނެއެވެ. އެހެން ކުދިންގެ ކޮޓަރިއަށްވެސް ޒިޔާރަށް ކުރަންވާނެއެވެ. ހަމަ ހަމަ ގޮތެއްގައެވެ.
މަންމަގެ ވަކިން ޚާއްޞަ ރަން ދަރިއެއް ނުވަތަ މާމަގެ ވަކިން ޚާއްޞަ ރަން މާމަ ދަރިއެއް ހުރުމުގެ ސަބަބުން، ހިތްހަމަ ނުޖެހުމާއި، ޢާއިލީ ގުޅުމަށް ބުރޫ އެރުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. ގިނަ ފަހަރަށް މި ކަހަލަ ރަން ދަރީންނަށް ވިސްނިފައި އޮންނަނީ، މަންމަގެ ނުވަތަ ބައްޕަގެ މައްޗަށް ތިމަންގެ ހައްޤު މާ ބޮޑުވާނެ ކަމަށެވެ. ނަމަވެސް ހައްޤަކީ އިސްލާމް ދީނުގައި ކޮންމެ ދަރިއަކަށްވެސް އެއް ވަރަކަށް ދީފައިވާ އެއްޗެކެވެ. ތަފާތުވާ ތަންކޮޅަކީ، ޢުމުރުގެ ތަފާތާ ހެދި އަންނަ އެއްޗެކެވެ. މިސާލަކަށް، ފަނަރަ އަހަރުގެ ދަރިފުޅަށް ގަނެދޭ ބޫޓުގެ އަގު ތުއްތު ކުއްޖަކަށް ގަނެދޭ ބޫޓުގެ އަގަށްވުރެ މާ ބޮޑުތަންވެސް އަގު ބޮޑު ވެދާނެއެވެ. މިއީ އެކަން އޮންނަން ޖެހޭ ގޮތެވެ. ނަމަވެސް، ދެ ކުދިންގެ ފެންވަރުން، ބޫޓު ދިނުމަކީ ވާޖިބެކެވެ. ދެ ކުދިންގެވެސް ހައްޤެކެވެ. އެކަކަށް ދީފައި އަނެކަކަށް ނުދީ ހުރެގެން ނުވާނެއެވެ.
ދަރިންނަކީ ޢަމާނާތެކެވެ. އެމީހުންގެ މެދުގައި ހަމަހަމަ ކުރަން ޖެހޭނެއެވެ. ނޭދެވޭ އެތައް ކަމަކުން ސަލާމަތް ވާނެއެވެ. ޢާއިލާއަށް ހަމަޖެހުން ގެނުވަ ދޭނެ ކަމެކެވެ. ހުރިހާ ކުދިންގެ ހިތުގައި މައިންބަފައިންނަށް އޮންނަ ލޯތްބާއި އިހްތިރާމް ދެމި އޮންނާނެއެވެ. ހުރިހާ ކުދިންނަކީވެސް، މައިންބަފައިންގެ ގާތުގައި، މުހިންމު ކުދިންކަމުގައި، އެކުދިންނަށް ޤަބޫލުކުރެވޭނެއެވެ.
ދަރިންގެ މައްޗަށްވެސް ހައްޤުތަކެއް ވެއެވެ. ދަރިންގެ ހައްޤުތައް ދަރިން ބަރާބަރަށް އަދާކުރަން ޖެހޭނެއެވެ. މައިންބަފައިންގެ ފަރާތުން ފެންނަ ތަފާތު ކުރުމަކީ، އެއްގޮތަކަށްވެސް، ތިމަންގެ މައްޗަށްވާ ހައްޤު ނަފީވެގެންދާނޭ ކަމެއް ނޫނެވެ. އިހްތިރާމާއި ޤަދަރު އެބައިމީހުންނަށް އަބަދުވެސް ކުރަންޖެހޭނެއެވެ.

















ޚިޔާލު