ރިޕޯޓް އޭ ޒުވާނާއެވެ! އަދި އެއްފަހަރު ވިސްނާލާށެވެ. (1ވަނަ ބައި)

އޭ ޒުވާނާއެވެ! އަދި އެއްފަހަރު ވިސްނާލާށެވެ. (1ވަނަ ބައި)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ ކާއިނާތުގެ ވެރި، އަބަދަށް ދެމިވޮޑިގެންވާ އިލާހެވެ. އިންސާނުންނަށް ގިނަގުނަ ވެގެންވާ ނިޢުމަތްތައް ދެއްވި އިލާހެވެ. ނެތުމުގެ ތެރެއިން އިންސާނާ ޚަލްޤު ކުރައްވާ ވުޖޫދަށް ނެރުއްވި ޚާލިޤުވަންތަ އިލާހެވެ. އެންމެހައި ޚަލްޤުތައް ވަނީ އެކަލާންގެ ރަޙްމަތަށް ބޭނުންވެގެންނެވެ. އެކަލާންގެ އިރާދަފުޅާއި މިންވަރުފުޅާއި ލައިގެން މެނުވީ އެއްވެސް ކަމެއް ނުވާހުއްޓެވެ. އާދަމްގެ ދަރިން މި ބިންމަތީގައި ޚަލީފާވެރި ކުރައްވާ އެހެންހުރިހާ މަޚްލޫގުންގެ މައްޗަށް މި އާދަމުގެ ދަރީން މާތް ކުރެއްވީ ނެތުމުގެ ތެރެއިން ވޫޖުދަށް ނެރުއްވި އިލާހެވެ.

އޭ ޒުވާނާއެވެ. ތިބާގެ ދުވަސްތައް ހޭދަވަމުން ތިޔަދަނީ ރަގަޅަށްކަމަށް ތިބާ ޤަބޫލު ކުރަންހެއްޔެވެ؟ ތަރިތަކާއި ހަނދާއި، އުޑާއި ބިމާއި އަދި އެ ދެމެދުގައި ވާހާތަކެއްޗެއް އެއްވެސް އައިބެއް، ހުއްޓުމެއްނެތި ދައުރުވަމުން އަދި ދަތުރުކުރަމުންދާ ގޮތާއި މެދު ތިބާގެ ވިސްނުން ބެހެއްޓީމުހެއްޔެވެ. މާތްﷲ ތިބާއަށް ދެއްވި އަގުހުރި ބުއްދީގެ ނިޢުމަތުން ތިބާއަށް ހޯދައިގަނެވުނީ ކޮންފައިދާއެއް ކަމާއި މެދު ތިބާ އެންމެ ހިނދުކޮޅަކަށް ނަމަވެސް ވިސްނާލީމުހެއްޔެވެ.

އޭ ޒުވާނާއެވެ. ދުނިޔެއަށް ތިބާ އުފަންވީ ވަރަށް ނިކަމެތި ހާލެއްގައެވެ. އެހެންމީހުންގެ އެހީއަށް އިންތިހާއަށް ބޭނުންވެގެންވާ ހާލުގައެވެ. ނުހިނގޭ، ވާހަކަ ނުދެއްކޭ ކުޑަކުޑަ އިންސާނެއްގެ ގޮތުގައި ތިބާ ދުނިޔެއަށް ނޭވާ ލީހިނދު މާތްﷲގެ ކުޅަދުންވަންތަކަމާއި ފަޟްލަވަންތަކަމުން ތިބާއަށް އެހެންމީހުންގެ ހަމްދަރުދީގެ ނަޒަރުތައް ހުއްޓުނެވެ. އުންމީދުން ފުރިގެންވާ ލޯތަކެއް އަދި ހިތްތަކެއް ތިބާގެ ޚިދުމަތުގައި ލެއްވިއެވެ. އަޅާލުމާއި އޯގާވެރިކަމުގައި ތިބާ ބަލާ ބޮޑުކުރާނޭ މީހަކު ކަމުގައި ތިބާގެ މައިމީހާ ލެއްވިއެވެ. މުޅިރޭދުވާ އެ މައިމީހާ ހޭދަކުރީ ތިބާގެ ޚިދުމަތުގައެވެ. ކެހިވެރި ދުނިޔޭގެ މުސީބާތްތަކަށް ކެތްކޮށް އަމިއްލަ ހަށިގަނޑާއި، ޖަހާއި، ފުރާނައަށް ބެލުމެއްނެތި ތިބާއަށް ކުރިމަތިވާ އެންމެހައި ކަންތައްތަކުން ތިބާ ސަލާމަތް ކުރުމަށް އެ މައިމީހާވީ މަތިވެރިވެގެންވާ ޤުރުބާނީއެކެވެ.

އޭ ޒުވާނާއެވެ. ވާހަކަ ނުދެއްކޭ ކުޑަކުޑަ އިންސާނެއްގެ ގޮތުގައި ދުނިޔެއަށް އައީތީވެ އަދި ހިނގައިގަތުމުގެ ކުޅަދާނަކަން ލިބިގެންނުވާ ކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އައުމަކީ ތިބާގެ ބަދުނަސީބެއް ނޫނެވެ. ޢާލަމްތަކުގެވެރި ﷲގެ އޯގާވަންތަކަމުން އެހެން އިންސާނުންނެކޭ އެއްގޮތަށް ތިބާއަށްވެސް ރަޙްމަތްލައްވައި ވާހަކަ ނުދެއްކުމާއި ހިނގައި ނުގަތުމުގެ އެއްވެސް އުނިކަމެއް އަދި ތަކުލީފެއް ނުޖައްސަވަތެވެ. އެހެންމީހުންގެ އެހީތެރިކަން މެދުކެނޑުމެއްނެތި ތިބާއަށް ފޯރުވަމުންދާނޭހެން ތިބާގެ ޅަދުވަސްތައް ލެއްވިއެވެ. މައިމީހާ ނުކައި ނުބޮއިވެސް ތިބާއަށް ކާއެއްޗެހި ހޯދައި ޚިދުމަތް އަދާކުރުމުގައި ތިބާގެ ޚާދިމެއްގެ ފަދައިން ކެތްކުރި އެމައިމީހާގެ ހިތުގައި ސިއްރުނޭނގޭ އެ ލޯބި ލެއްވި ފަރާތުގެ ކުޅަދުންވަންތަކަން ކިހައި ބޮޑުތޯއެވެ.

އޭ ޒުވާނާއެވެ. އޮރިޔާން ނިވައި ކުރާނޭ އެއްޗެއް ތިބާއަށް ލިބިގެން ނުވާހާލުވެސް އެކަލާންގެ ތިބާއަށް ރިވެތި ފޭރާން ދެއްވިއެވެ. މީހުންގެ އެހީތެރިކަމާއި ލޮތްބާއި އެކު އެމީހުންގެ ނަޒަރު އަބަދުވެސް ހުއްޓިފައިވީ ތިބާއަށެވެ. ތިބާ ހީލާއިރު އިތުރަށް ތިބާ އުފާކޮށްދޭނެއެވެ. އެކުގައި ކުޅެހަދާނެއެވެ. އެއް ފުރާވަރުގެ އެކުވެރިން ތިބާއަށް ހޯދައިދޭނެއެވެ. ތިބާ ރޮއިގެންފިނަމަ އެންމެންވެސް މާޔޫސްވެ ތިބާއަށް ހަމްދަރުދީވެއެވެ. ޖެހިފައިވާ އުނދަގުލުން ސަލާމަތްވެ ތިބާގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދެވޭތޯ އިންތިހާއަށް މަސައްކަތް ކުރެވެއެވެ.

(ނުނިމޭ)

ޓެގް

މުސްލިމް ޒުވާނުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.