ރާއްޖޭގެ ޚަބަރު ފޮޓޯގަނޑެއްގެ ޒަރިއްޔާއިން ތަނަވަސްކުރެއްވި ތަޢުލީމުގެ ފުރުސަތު (2 ވަނަ ބައި)

ފޮޓޯގަނޑެއްގެ ޒަރިއްޔާއިން ތަނަވަސްކުރެއްވި ތަޢުލީމުގެ ފުރުސަތު (2 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މުހައްމަދު އަހުމަދު (މޯޑް)

ފުރަތަމަ ބައި ވިދާޅުވޭ!

އެހެންނަމަވެސް 1984 ގެ ފޮޓޯގަނޑަށްފަހު ސްޓީވް މެކްކަރީ ދެވަނަފަހަރަށް ޝަރުބަތު ހޯދުމަށް އެތައްމަސައްކަތެއްވަނީ 1990ގެ އަފަރުތަކުގެ ތެރޭކޮށް އެކަން ނާކާމިޔާބުވެފައެވެ.  އެ ފޮޓޯގަނޑުގައި އިން ކުއްޖާއަށް ކިޔަނީ ކޮށްނަމެއްކަންވެސް ސްޓީވް އަކަށް އޭރު ނޭގެއެވެ. 2001 ގައި އެމެރިކާއިން އަފްގާނިސްތާނަށް ނުހައްގުން ވެރިވެގަތުމަށް ފަހު، އަފްގާނިސްތާނުވަނީ ވަރަށްބޮޑަށް ހުޅަނގުގެ މީޑިއާއަށް ހުޅެވާލާފައެވެ. 2002 ގެ ޖެނުއަރީ މަހު ޝަރުބަތު ގުލާ ހޯދުމަށް ނޭޝަނަލް ޖޯގްރަފީގެ ޓީމެއް އަފްގާނިސްތާނަށް ދަތުރެއްކުރިއެވެ. އެދަތުރު ކުރީ ޕާކިސްތާންގެ ނާސިރު ބާގް ރެފިއުޖީކޭމްޕް ބަންދުކުރުމަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރުއެވެ. ނެޝަނަލް ޖޯގްރަފީގެ ޓީމަށް އެކޭމްޕުން ޝަރުބަތު ގުލާގެ ބޭބެއަށް ބައްދަލުވެ ޝަރުބަތު ގުލާ ދިރިއުޅޭ ތަނުގެ މައުލޫމާތު ލިބުނެވެ.

އެންމެފަހުން އައިސް ނެޝަނަލް ޖޯގްރަފީގެ ޓީމަށް ޝަރުބަތުގުލާ އާއި ފުރަތަމަ ބައްދަލުވިތާ 17 އަހަރަށްފަހު ބައްދަލުވިއެވެ. އޭރު އޭނާގެ އުމުރުން ގާތްގަނޑަކަށް 30 އަހަރެވެ. އޭނާގެ އައިޑެންޓިޓީ ޔަގީންކުރީ ލޮލުގެ ކަޚީގެ ބަޔޯމެޓްރިކް ޓެކްނޮލޮޖީގެ އެހީގައި އޭރުނެގި ފޮޓޯގަނޑާއި އަޅާކިޔާގެންނެވެ. ޝަރުބަތުގެ މުޅިދުނިޔެއަށް މަޝްހޫރު ފޮޓޯ އޭނާއަށް ފުރަތަމަފަހަރަށް ފެނުނީވެސް ޖެނުއަރީ 2002 ގައެވެ. މާރޗް 2002 ގައި ނޭޝަނަލް ޖޯގްރަފީގެ ޓީވީ ޗެނަލުން ވަނީ ޝަރުބަތު ހޯދުމަށް ކުރި ދަތުރާއި ގުޅޭ ޑޮކިއުމެންޓަރީއެއް އެއާރ ކޮށްފައެވެ. އަދި އެއަހަރުގެ އޭޕްރީލް މަހުގެ ނެޝަނަލް ޖޯގުރަފީ މަޖައްލާގައި ވަނީ ޝަރުބަތުގެ ފަހުގެ ފޮޓޯތަކެއްވެސް ޝާއިއުކޮށްފައެވެ.

ޝަރުބަތު ގުލާގެ ރިކޮގްނިޝަންގައި ނޭޝަނަލް ޖޯގްރަފީ އިން ވަނީ އަފްގާނިސްތާނުގައި  ދެޖިންސްގެ ކުޑަކުދިންގެ ތަޢުލީމަށް ހިލޭ އެހީދޭ ފަންޑެއް ގާއިމްކޮށް އެތައްސަތޭކަ ކުދިންނަކަށް ތަޢުލީމު ލިބިގަތުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މެދުވެރިއަކަށްވެފައެވެ. ފުރަތަމަ އެފަންޑަށް ނަންދިނީ "އަފްޣާން ގާލްސް ފަންޑް" ގެ ނަމުންނެވެ. އެއީ ޝަރުބަތު ގުލާ ހޯދުމަށް ނެޝަނަލް ޖޯގްރަފީއިން ކުރި މަސައްކަތަށް ގުޅުވާފައެވެ. ނަމަވެސް 2008 ވަނައަހަރު ވަނީ އެފަންޑުގެ ނަން "އަފްޣާން ކުޑަކުދިންގެ ފަންޑު" މިނަމަށް ބަދަލުކޮށްފައެވެ.

އަޅުގަނޑުމެން މުސްލިމުންގެ ތެރޭގައި ޒަކާތް ނުދީ އުޅެނީ ކިތައްކިތައް މީހުންތޯއެވެ. މުދަލާއި ފައިސާ އާއި ބާރު އޮތަސް އެއިން އެންމެ މިސްގާލެއްވެސް ސަދަގާތުގެ ގޮތުގައި ހޭދަނުކޮށް ދުނިޔޭގެ އަރާމާއި ލައްޒަތުގައި އުމުރު ހޭދަކުރަނީ ކިތައް މީހުންތޯއެވެ. މުދަލާއި ފައިސާއާއި، ބާރުވެރިކަން އެއީ އެބައިމީހުންނަށް މާތްﷲ ދެއްވިތަކެއްޗެވެ. އެކަލާނގެ އެތަކެތި އިރާދަކުރެއްވި ކޮންމެ ވަގުތަކު، ކޮންމެ އިރަކު އަދި ކޮންމެ ގޮތަކަށް ބަދަލުކުރައްވައެވެ. ދުނިޔޭގެ ފަގީރުގައުމެއްގައި ދިރިއުޅުމުން އައި ޔަތީމު ނިކަމެތި ފަޤީރު ކުއްޖެއްގެ މޫނުގެ ސޫރައިގެ ތަސްވީރަކުން އެކަލާނގެ އެގައުމުގެ އެތައް ކުޑަކުދިންނަކަށް ދުނިޔޭގެ އެންމެކުރިއަރާފައިވާ ތަނަވަސްކަމުގެ އަހުލުވެރިން މެދުވެރިކޮށް ތައުލީމުލިބިގަތުމުގެ މަގު ތަނަވަސްކުރެއްވި ގޮތުގެ ފުރިހަމަކަން ނިކަން ބައްލަވާށެވެ. އެނިކަމެތި ޔަތީމު ކުއްޖާއަށް ނޭގި އޭނާ މުޅިދުނިޔެއަށް މަޝްހޫރު ކުރެއްވީއެވެ. އެކުއްޖާގެ މޫނު އެކަލާނގެ ހެއްދެވި ފުރިހަމަކަމުންނެވެ. އެކެމެރާ އީޖާދުކުރިމީހާއަށް އެކެމެރާ އުފެއްދުމަށް އެކަލާނގެ ދެއްވި ބުއްދީގެ ފުރިހަމަކަމުންނެވެ. ހަމަކަށަވަރުންވެސް އެންމެހާ ހަމްދު ސަނާ އާއި ތައުރީފު ހައްޤުވެގެން ވަނީ ހަމަ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. (ނިމުނީ)

ޓެގް

ފޮޓޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.