ރާއްޖޭގެ ޚަބަރު ފޮޓޯގަނޑެއްގެ ޒަރިއްޔާއިން ތަނަވަސްކުރެއްވި ތަޢުލީމުގެ ފުރުސަތު (1 ވަނަ ބައި)

ފޮޓޯގަނޑެއްގެ ޒަރިއްޔާއިން ތަނަވަސްކުރެއްވި ތަޢުލީމުގެ ފުރުސަތު (1 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މުހައްމަދު އަހުމަދު (މޯޑް)

މިއީ 1984 ވަނައަހަރު ނޭޝަނަލް ޖޯގްރަފީގެ ޕޮޓޯގްރާފަރެއް ކަމަށްވާ ސްޓީވް މެކްކަރީ، ނިކޯން އެފް އެމް 2 ގެ ކެމެރާއެއްގައި ނިކޯރު 105 މިލިމީޓަރ، އެފް 2.5 ގެ ލެންސެއް އަޅުވައިގެން ކޮޑަކްރޯމް ކުލަ ފިލްމަކަށް ނެގި، ޕާކިސްތާންގެ ނާސިރު ބާގް ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުން އައި އަފްގާނިސްތާނުގެ 12 އަހަރުގެ އަންހެން ކުއްޖެއްކަމަށްވާ ޝަރުބަތު ގުލާގެ ފޮޓޯގަނޑެއްގެ ސަބަބުން، އަފްޣާނިސްތާންގެ ދެޖިންސްގެ އެތައްސަތޭ ކުދިންނަށް ތައުލީމް އުނގެނުމަށް ހިލޭ އެހީ ތަނަވަސްވިގޮތުގެ ކުރު ޚުލާސާއެކެވެ. މިކަމުގައި ﷲ ތަޢާލާގެ ކުޅަދުންވަންތަވެރިކަމާއި ރަޙްމާނުވަންތަކަން ރަޙީމްވަންތަކަން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ. އެހެންނަމަވެސް އެކަންކަމަށް ވިސްނާ ފިކުރުކުރާ ބަޔަކަށް އެކަންޏެވެ. އެކަލާނގެއީ ޕްލޭން ކުރެއްވުމުގައިވެސް އެންމެ ފުރިހަމަ އަދި އެންމެ މަތިވެރި ކަލާނގެއެވެ.

1980 ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ ސޯވިއެޓް ސިފައިންގެ ހެލްކަޕްޓަރާއި ބަރުހަތިޔާރު ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާތަކުގައި މަންމަ އާއި ބައްޕް ނިޔާވުމުން 12 އަހަރުގެ ޝަރުބަތު ގުލާއަށް ޖެހުނީ މުސްކުޅި މާމައާއި ބޭބެއާއި ދައްތަމެން ގޮވައިގެ ވިންޓާރގެ ފިނިމޫސުމުގައި ފައިމަގުގަ އަވައްޓެރި ފާކިސްތާނުގެ ނާސިރު ބާގް ރެފިއުޖީ ކޭންޕަށް ހިޖުރަކުރާށެވެ. 1980ގެ އަހަރުތަކުގެ ފަހުކޮޅު ޝަރުބަތުގެ ކައިވެނި ރަޙްމަތު ގުލް އާއި ކުރުމަށް ފަހު، 1992 ވަނައަހަރު ވަނީ އަފްގާނިސްތާނަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ސަރުބަތުގެ ތިން އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ރުބީނާ، ޒާހިދާ އަދި ޢާލިއާ އެވެ. ހަތަރުވަނަ ކުއްޖާވަނީ ވަރަށް ތުއްތު އިރު ނިޔާވެފައެވެ.

1984 ވަނައަހަރުގެ ޖޫންމަހުގެ ނޭޝަނަލް ޖޯގްރަފީ މަޖައްލާގެ ބޭރުގަނޑުގައި ޝާއިޢުކުރި ޝަރުބަތުގެ ފޮޓޯގަނޑަކީ ލިއޮނާޑޯ ޑަވިންޗީގެ މޮނަލިސާ ކުރެހުމަށް ފަހު މިހާތަނަށް ނެގިފައިވާ ހަމައެކަނި އެ ފެންވަރުގެ މަޝްހޫރު ފޮޓޯއެވެ. ސްޓީވް މެކްކަރީ އެފޮޓޯ ނެގިއިރު ޝަރުބަތަކީ ރެފިއުޖީކޭމްޕުގެ ނުރަސްމީ ސްކޫލަކުން ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރެކެވެ. އެސަރަހައްދުގައި އަންހެނުންގެ ފޮޓޯނެގުން މަނާކޮށްފައި އޮތްނަމަވެސް ސްޓީވް މެކްކަރީ ނެގި އެފޮޓޯވަނީ މުޅިދުނިޔެއަށް " އެންމެ ފާހަގަކޮށްލެވޭ ތަސްވީރު" ގެ ނަމުން މަޝްހޫރުވެފައެވެ. ސަބަބަކީ އެ ތަސްވީރު ބަލާލި ކޮންމެ މީހަކަށް ޝަރުބަތުގެ މޫނުންނާއި ބޮލުގައި ދޫކޮށް އޮޅާލެވެފައިވާ ރަތްބުރުގާއިންނާއި ފެހިކުލައިގެ ދެ ކަޅިއާއެކު ކެމެރާއަށް ހުއްޓިފައިވާ ތޫނު ދެލޮލުން 1980ގެ އަފްޣާން ހަނގުރާމައާއި މުޅިދުނިޔޭގެ ރެފިއުޖީންގެ ހާލަތު ވަރަށް ފުރިހަމައަށް ސިފަކޮށްދޭތީއެވެ.

އެހެންނަމަވެސް 1984 ގެ ފޮޓޯގަނޑަށްފަހު ސްޓީވް މެކްކަރީ ދެވަނަފަހަރަށް ޝަރުބަތު ހޯދުމަށް އެތައްމަސައްކަތެއްވަނީ 1990ގެ އަފަރުތަކުގެ ތެރޭކޮށް އެކަން ނާކާމިޔާބުވެފައެވެ.  އެ ފޮޓޯގަނޑުގައި އިން ކުއްޖާއަށް ކިޔަނީ ކޮށްނަމެއްކަންވެސް ސްޓީވް އަކަށް އޭރު ނޭގެއެވެ. 2001 ގައި އެމެރިކާއިން އަފްގާނިސްތާނަށް ނުހައްގުން ވެރިވެގަތުމަށް ފަހު، އަފްގާނިސްތާނުވަނީ ވަރަށްބޮޑަށް ހުޅަނގުގެ މީޑިއާއަށް ހުޅެވާލާފައެވެ. 2002 ގެ ޖެނުއަރީ މަހު ޝަރުބަތު ގުލާ ހޯދުމަށް ނޭޝަނަލް ޖޯގްރަފީގެ ޓީމެއް އަފްގާނިސްތާނަށް ދަތުރެއްކުރިއެވެ. އެދަތުރު ކުރީ ޕާކިސްތާންގެ ނާސިރު ބާގް ރެފިއުޖީކޭމްޕް ބަންދުކުރުމަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރުއެވެ. ނެޝަނަލް ޖޯގްރަފީގެ ޓީމަށް އެކޭމްޕުން ޝަރުބަތު ގުލާގެ ބޭބެއަށް ބައްދަލުވެ ޝަރުބަތު ގުލާ ދިރިއުޅޭ ތަނުގެ މައުލޫމާތު ލިބުނެވެ.

(ނުނިމޭ)

ޓެގް

ފޮޓޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.