ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މިއަދާއި މާދަމާ ހިންގުމަށް ހަމަޖެހިފައިވާ "ނަމާދު ވޯކްޝޮޕް" ގެ އަންހެން ބޭފުޅުންނަށް ޚާއްޞަ ބެޗްގެ ބައިވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ރޭ ބާއްވައިފި އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމް ގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ވޯކްޝޮޕްގައި ކިޔަވައިދެއްވާ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމްގެ އިތުރުން ޖަމްޢިއްޔަތުއްސަލަފްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް އެވެ.
ސަލަފްގެ އޮފިޝަލަކު ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި ބެޗްގައި ފަހުން އިތުރުކޮށްފައިވާ ޖާގަތައް އިއްޔެ ހަވީރު 17:54 ގައި ފުލްވެފައިވާ ކަމަށެވެ. އަދި ޖާގަ ފުލްވުމަށްފަހުވެސް ގިނަބަޔަކު ބައިވެރިވުމަށް އެދިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މި ބެޗްގައި ދެން ޖާގަ އިތުރުކުރެވެން ނެތް ކަމަށް ސަލަފުން ބުނެއެވެ.
ނަމާދު ވޯކްޝޮޕްގެ މި ބެޗަށް ފުރަތަމަ އިޢުލާން ކޮށްފައިވަނީ 100 ޖާގައެވެ. އަދި ޖާގަ އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުން ދިއުމާއި ގުޅިގެން 70 ޖާގަ އިތުރުކޮށްފައިވާ ކަމަށް ސަލަފުން ބުނެއެވެ. ސަލަފުން ބުނީ 100 ޖާގައިގައި ބޭއްވުމަށް ކުރިން ހިފާފައިވާ ހޯލް ދޫކޮށްލުމަށްފަހު އެކަށީގެންވާ ތަނެއް ހޯދުމަށް އެޖަމްޢިއްޔާއިން ކުރި މަސައްކަތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމް ގައި ވޯކްޝޮޕް ބޭއްވުމަށް ފަހުން ހަމަޖެހިފައިވާ ކަމަށެވެ.
މިވޯކްޝޮޕްގައި ކިޔަވާދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ނަމާދުކުރާނޭ ގޮތް އަދި އުޒުރުވެރިންގެ ނަމާދު ހިމެނެއެވެ.
މިވޯކްޝޮޕްގެ މިއަދުގެ ސެޝަންތައް ރޭވިފައިވަނީ ހަވީރު 16:15 ން 18:15 ށް އަދި ރޭގަނޑު 20:30 ން 23:00 ށެވެ. ހޮނިހިރު ދުވަހުގެ ސެޝަންތައް ރޭވިފައިވަނީ ހެނދުނު 09:30 ން 12:00 ށް، މެންދުރުފަހު 13:30 ން 14:30 ށް، ހަވީރު 16:15 ން 18:15 ށް އަދި ރޭގަނޑު 20:30 ން 23:00 ށެވެ.
"ނަމާދު ވޯކްޝޮޕް" ގެ ފިރިހެން ބޭފުޅުންނަށް ޚާއްޞަ ކުރެވުނު ބެޗް ކުރިއަށް ގެންދިޔައީ މިމަހު 8 އަދި 9 ވަނަ ދުވަހު ކުއްލިއްޔަތުއްދިރާސަތިލް އިސްލާމިއްޔާ ގައެވެ. އެ ވޯކްޝޮޕްގައި ވެސް ކިޔަވާދެއްވީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އެވެ. އެ ވޯކްޝޮޕްގެ ބައިވެރިވި ބައެއް ބޭފުޅުން ބުނެފައިވަނީ އެ ވޯކްޝޮޕާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، އެ ވޯކްޝޮޕްގެ ސަބަބުން ވަރަށް ބޭނުންތެރި ގިނަ މަޢުލޫމާތުތަކެއް ލިބި، އީމާންތެރިކަން ތާޒާވެގެން ދިޔަ ކަމަށާއި، އެފަދަ އިތުރު ވޯކްޝޮޕްތައް ބާއްވަން އެދޭ ކަމަށެވެ.
މީގެ ކުރިން "އަޤީދާ ވޯކްޝޮޕް" ގެ ނަމުގައި ވެސް ސަލަފުން ވޯކްޝޮޕްތަކެއް ހިންގާފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...