ރާއްޖޭގެ ޚަބަރު ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތު ދައުރާ ނިމިއްޖެ

ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތު ދައުރާ ނިމިއްޖެ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތު ދައުރާގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން / ލިޔުނީ : ޙަސަން ޝިޔާޒް

މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ދިވެހިރާއްޖޭގައި މިދިޔަ މަހު 27 ން މިމަހު 12 ށް ކުރިއަށް ގެންދިޔަ މިއަހަރުގެ ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތު ދައުރާގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި މިރަސްމިއްޔާތުގައި ދައުރާ އިން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށާއި، ދައުރާގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓާއި އިނާމް ދެއްވިއެވެ. އަދި ދައުރާގެ ފަރާތުން ބޭއްވި ބަޤަރާ ސޫރަތް ހިތުދަސްކުރުމުގެ މުބާރާތާއި ޙަދީޘް ހިތުދަސްކުރުމުގެ މުބާރާތުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށްވެސް ސެޓްފިކެޓާއި އިނާމް ޙަވާލުކުރެއްވިއެވެ. ސެޓްފިކެޓާއި އިނާމް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި ދައުރާގެ ރައީސް ޑރ. ޙުސައިން ބިން ޝަރީފް އަލްއަބްދަލީ އެވެ.

ދައުރާގެ ޓެސްޓުން ފުލް މާކްސް ހޯދައިގެން އެއްވަނަ އަށް ދިޔައީ މުޖާހިދު ޢަބްދުﷲ އާއި، ޢަލީ ރަމީޒް އާއި، ޢައްޒާމް ޙަލީމް އާއި ޢާއިޝަތު ސަމާ ޢަބްދުލް ޙަމީދު އެވެ. ބަޤަރާ ސޫރަތް ހިތުދަސްކުރުމުގެ މުބާރާތާއި ޙަދީޘް ހިތުދަސްކުރުމުގެ މުބާރާތުން ވެސް އެއްވަނަ ހޯދީ ސަލްވާ މުޙައްމަދު އެވެ.

މިރަސްމިއްޔާތުގައި ދައުރާގެ ރައީސް ޑރ.ޙުސައިން ބިން ޝަރީފް އަލްއަބްދަލީ ދެއްކެވި ވާހަކަފުޅުގައި މަދީނާ އިސްލާމިކް ޔުނިވަރސިޓީއާ ބެހޭ މަޢުލޫމާތުކޮޅެއް ދެއްވިއެވެ. އެގޮތުން މީގެ 50 އަހަރު ކުރިން ޤާއިމްކޮށްފައިވާ އެ ޔުނިވަރސިޓީ އަކީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމް ދީނުގެ ނޫރު ފެތުރުމަށްޓަކައި އިސްލާމީ އުއްމަތަށް ދީފައިވާ ހަދިޔާ އެއް ކަމަށް ވިދާޅުވިއެވެ. ޑރ. އަލްއަބްދަލީ  ވިދާޅުވީ އެ ޔުނިވަރސިޓީ އިން މިހާތަނަށް 160 ށް ވުރެ ގިނަ ޤައުމުތަކުން 30,000 ށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްލާމްދީނުގެ ދަޢުވަތު ފެތުރުމަށްޓަކައި އެ ދަރިވަރުން ޙަރަކާތްތެރިވަމުންދާ ކަން ފާހަނގަކުރެއްވިއެވެ.

ޑރ. އަލްއަބްދަލީ ވިދާޅުވީ ރާއްޖޭގެ 100 އާ ގާތްކުރާ ޢަދަދެއްގެ ދަރިވަރުން އެ ޔުނިވަރސިޓީ އިން ދަސްވެނިވެފައިވާ ކަމަށާއި، އެ ބޭފުޅުންގެ މަސައްކަތްތަކުގެ ހެޔޮ އަސަރު މިޤައުމުން ފެންނަމުންދާ ކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ 60 ށް ވުރެ ގިނަ ދަރިވަރުން އެ ޔުނިވަރސިޓީގައި ތަޢުލީމް ޙާޞިލްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މި ދަތުރުފުޅުގައި މާލެއިންނާއި އަތޮޅުތަކުން އެ ޔުނިވަރސިޓީގައި ކިޔަވަން ބޭނުންވާ ކުދިންނާ އިންޓަވިއު ކުރެވިފައިވާ ކަން ފާހަނގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ދެއްކެވި ވާހަކަފުޅުގައި މި ދައުރާ އަކީ ވަރަށް އުފާވެރި އަދި ކުދިންގެ ކުރިމަގު އުޖާލާކުރުމަށް ލިބިގެންދިޔަ ފުރުޞަތެއް ކަމަށް ވިދާޅުވިއެވެ. އަދި ޢިލްމީ ފުރުޞަތުތައް ތަނަވަސްވެފައިވާ މިފަދަ ވަޤުތެއްގައި ޢިލްމު ހޯދުމުން މަޙްރޫމްވެފައި ނުތިބުމަށާއި، މިހާރު ގޭގައިތިބެ އޮންލައިންކޮށް ވެސް ކޯސްތައް ހެދުމުގެ ފުރުޞަތު ފަހިވެފައި ވުމާއެކު އެފުރުޞަތުތައް ނަގާނުލުމަށް ދަރިވަރުންނަށް ޑރ. މަޖީދު ނަޞީހަތްތެރިވެލެއްވިއެވެ. ޑރ. މަޖީދު ވިދާޅުވީ ޢިލްމީ ގޮތުން ފަހަތުގައި ތިބެގެން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން އުނދަގޫވާނެ ކަމަށެވެ. އަދި ދަރިވަރުން ދީނީ ތަޢުލީމް އުނގެނުމާއެކު މަދަނީ ތަޢުލީމަށްވެސް ލޯހުޅުވިފައިވާ ބަޔަކަށްވާން ޖެހޭނެ ކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ދައުރާގެ ދަރިވަރުންގެ ފަރާތުން ވާހަކަދެއްކެވި އިޔާޟް ޖާދުﷲ ނަސީމް ވިދާޅުވީ މިފަދަ ކޯހަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމަށާއި މިކޯހުން ލިބުނު ޢިލްމުގެ ސަބަބުން ވަރަށް ބޮޑު ފައިދާތަކެއް ލިބުނު ކަމަށެވެ. އަދި މިފަދަ ކޯހެއް ރާއްޖޭގައި ބޭއްވިކަމަށްޓަކައި ސަޢުދީ ސަރުކާރުގެ ވެރިންނަށާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ވެރިންނަށް ދައުރާގެ ބައިވެރިންގެ ފަރާތުން އިޔާޟް ޝުކުރުދެންނެވިއެވެ.

މިރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި އިސްލާމިކް މިނިސްޓްރީ އާއި ކުއްލިއްޔަތުއްދިރާސަތިލް އިސްލާމިއްޔާ އިން ދައުރާ ބޭއްވުމުގައި ވެދެއްވި އެހީތެރިކަން ވަޒަންކޮށް އެފަރާތްތަކާ ހަނދާނީ ފިލާ ޙަވާލުކުރެއްވިއެވެ. އަދި ދައުރާގެ ކްލާސްތައް ތަރުޖަމާ ކޮށްދެއްވި ބޭފުޅުންނަށް ވެސް އިނާމް ޙަވާލުކުރެއްވިއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޙަސަން ހަމީދު އާއިޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އާއި ޔުނިވަރސިޓީގެ އެހެން ބައެއް ވެރިންނާއި ލެކްޗަރަރ އިންގެ އިތުރުން ރާއްޖޭގެ ބައެއް ޝައިޚުން ބައިވެރިވެލެއްވިއެވެ.

މިދައުރާގެ ކްލާސްތައް ކުރިއަށް ދިޔައީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައެވެ. ދައުރާގައި ފިރިހެން ކުދިންގެ ދެ ކްލާހާއި އަންހެން ކުދިންގެ ކްލާހެއް ކުރިއަށްދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޯހުގައި ކިޔަވައި ދެއްވާފައިވާ ބައިތަކުގެ ތެރޭގައި އަޤީދާ، ޤުރުއާން ތަފްޞީރު، ޙަދީޘް، ސީރަތު، ތަރުބިޔަތު އަދި ޢަރަބި ބަސް ހިމެނެއެވެ. ކިޔަވާދެއްވާފައިވަނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ އުސްތާޛުންނެވެ.

ކްލާސްތައް ތަރުޖަމާ ކޮށްދެއްވީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ބައެއް ލެކްޗަރަރ އިންނާއި ބައެއް ޝައިޚުންނެވެ. އޭގެ ތެރޭގައި ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، ޝައިޚް މުޙައްމަދު ނަޝީދު އާދަމް، ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް، ޝައިޚް އިލްޔާސް ޖަމާލް، ޝައިޚް ޙަސަން މޫސާ ފިކުރީ، ޝައިޚް އަޙްމަދު ސަލީމް އަދި ޝައިޚް މުޙައްމަދު ޠައްޔިބް ހިމެނެއެވެ.

މިދަތުރުފުޅުގައި ދައުރާ ހިންގެވި ފަރާތުން ރާއްޖޭގެ ޝައިޚުންނާއި އަދި އިމާމުންނަށް ޚާއްޞަކޮށްގެން ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.

ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތު ދައުރާ އަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީ އިން ކޮންމެ އަހަރެއްގެ ހޫނު މޫސުމްގެ ޗުއްޓީގައި ދުނިޔޭގެ އެކި ޤައުމުތަކުގައި އިސްލާމީ ނޫރު ފެތުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ކޯހެކެވެ. އެ ޔުނިވަރސިޓީގައި މިހާރު ދުނިޔޭގެ 200 ށް ވުރެ ގިނަ ޤައުމުތަކުގެ ދަރިވަރުން ދަނީ ތަޢުލީމް ޙާޞިލް ކުރަމުންނެވެ.

_________________________

ޢަރަބި ބަހާއި އިސްލާމީ ޘަޤާފަތު ދައުރާގެ ނިންމުމުގެ ރަސްމިއްޔާތުގެ އިތުރު ފޮޓޯތައް :

ފޮޓޯ : ވަސީމް – ދިއިސްލާމް

ޓެގް

ޢަރަބި ބަސް މަދީނާ އިސްލާމިކް ޔުނިވަރސިޓީ އިސްލާމީ ޘަޤާފަތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.