އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، عدل އަށް (ތެދަށް) ބުނާށެވެ!
( އަލް އަންޢާމް 6:152)
އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ!
( އަލް ބަޤަރަ 2:45)
އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!
( އަލް ބަޤަރަ 2:83)
ތިޔަބައިމީހުން اللَّه އަށް عهد ކޮށްފިނަމަ، އެ عهد ތިޔަބައިމީހުން ފުއްދާށެވެ!
( އަން ނަޙުލް 16:91)
ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ.
( އަން ނިސާ 4:58)
ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ!
( އަލް އިސްރާ 17:29)
އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ!
( އަލް އަޢްރާފް 7:31)
އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ.
( އަލް ބަޤަރަ 2:197)
އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.
( އައް ޠަލަޤަ 65:2)
އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.
( އައް ޠަލަޤަ 65:3)
رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ.
( އަން ނިސާ 4:80)
ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ.
( އާލް އިމްރާން 3:92)
ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، وكيل ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!
( އާލް އިމްރާން 3:173)
އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ.
( އަލް އިސްރާ 17:37)
އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ)!
( ލުޤްމާން 31:18)
އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ!
( ލުޤްމާން 31:19)
އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ!
( އަލް މުއްދަޘިރް 74:6)
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ.
( އަން ނިސާ 4:29)
އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ.
( އަލް ބަޤަރަ 4:186)
ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. ( އަލް މުމްތަޙިނާ 60:8)
އަދި އެބޭކަލުންނާ ވިދިގެން ފަހަތުން مريم ގެފާނުންގެ ދަރިކަލުން عيسى ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނުންގެ ކުރިން (ބާވައިލައްވާފައިވާ) توراة ގައިވާ ކަންތައް ތެދުކުރައްވަނިވި ބޭކަލެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް إنجيل ދެއްވީމެވެ. އޭގައި ތެދުމަގާއި نور ވެއެވެ. އެއީ އޭގެކުރިން ބާވައިލައްވާފައިވާ توراة ގައިވާ ކަންތައް ތެދުކުރަނިވި ގޮތުގައެވެ. އަދި تقوى ވެރިންނަށް ތެދުމަގާއި، وعظ އެއް ކަމުގައެވެ.
( އަލް މާއިދާ 5:46)
ހެޔޮ شفاعة އަކުން شفاعة ތެރިވާ މީހާޔަށް އޭގެ (ދަރުމައިން) ބައެއްވެއެވެ. އަދި، ނުބައި شفاعة އަކުން شفاعة ތެރިވާ މީހާޔަށް އޭގެ (ފާފައިން) ބައެއްވެއެވެ.
( އަން ނިސާ 4:85)
އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ. ( އާލް އިމްރާން 133-134: 3)
مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.
( އަން ނަޙުލް 16:97)
اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެއުރެންގެ މުދާ، اللَّه ގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެއުރެން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ عمل ން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެއުރެންގެ އުޖޫރަ (އެބަހީ: ثواب) އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންނަށް ވެއެވެ. އަދި، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. ( އެ صدقات އަކާ ގުޅިގެން އުނދަގުލެއްދޭ صدقات އަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި عفو ކުރުން، ހެޔޮކަން މާބޮޑެވެ. اللَّه އީ، ފުދިވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެއެވެ.
( އަލް ބަޤަރަ 261-263 : 3)
ވަރަށް ރަނގަޅު!. މިކަހަލަ މުހިއްމު އާޔަތްތަކުގެ މާނަ ގިނަ ގިނައިން ލިޔުއްވުން އެދެން! ޝުކުރިއްޔާ!!