އެއްވެސް އޮޅުމެއްނެތް ގޮތުގައި އަޅުގަނޑުމެން އެންމެހައި ދިވެހިންނަކީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރިން އިސްލާމީ ހިދާޔަތް ލިބިފައިވާ، އެހިދާޔަތަށް ތަބާވެގެން ތިބި ބަޔަކީމުއޭ ބުނެވިދާނެއެވެ. ނަމަވެސް ޒަމާނުގެ އޮއިވަރުގައި ޖެހި އަޅުގަނޑުމެންގެ ޒުވާން ޖީލު، ދީނީ ކަންކަމަށް ދުރުހެލިވަމުންދާދިއުމަކީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. މިކަން ދިމާވުމަށް މެދުވެރިވި އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އެކަމަކު އެކަން އެވީ ތިމާގެ ފުށުން ނޫންކަމަށް ބުނެ، ދެއަތް އުރާލައިގެން ތިބެވޭކަށް ނެތެވެ. އެކަމުގައި ތިމާ އިހްމާލުވެފައި ނުވިނަމަވެސް އެކަމުން ރެކެވޭކަށް ނެތެވެ. އެއީ ޚުދު ތިމާއަކީވެސް މި ދިވެހި މުޖުތަމައުގައި އުޅެމުންދާ މީހަކަށް ވާތީއެވެ. އަދި ތިމާއާ ގުޅުންހުރި އެތައްބަޔަކު މިމާޙައުލުގައި އުޅެމުންދާތީވެސްމެއެވެ.
އިސްލާމުދީނުގައި މިސްކިތްތަކަށް ވަރަށް ޚާއްސަ މަޤާމެއް ދެއްވާފައިވެއެވެ. އެއީ މިދުނިޔެމަތީގައިވާ އެކަލާނގެ ގެކޮޅުތަކެކެވެ. އެގެކޮޅުތަކަކީ އެކަލާނގެއަށް ނަމާދުކޮށް، ޒިކުރުކޮށް، އެކަލާނގެއަށް ދުޢާކޮށް، މުނާޖާ ދެންނެވުމަށް ޚާއްޞަކުރެވިފައިވާ ތަންތަނެވެ. މިތަންތަނުގައި ބައެއް މުސްލިމުން އަވަދިނެތި އުޅެމުންދާއިރު އަނެއްބަޔަކު "ވޫސް ވޫސް" ލާފައި އެ މިސްކިތްތަކާ އިންވެގެންވާ މަގުތަކުން އެކިވަރުގެ އެކި އުޅަނދުތަކުގައި ދުއްވަމުންދެއެވެ. ބަރުގޮނު އަޅައި ހަޅޭއްލަވުން ދެއެވެ. ނަމަވެސް ހަމަ ޖެހިގެންހުރި މިސްކިތްތަކުގައި ނަމާދުކުރުމަށާއި ﷲ ގެ ކަލާމްފުޅު ކިޔެވުމުގައި ތިމާމެންގެ އަޚުންނާއި އުޚުތުން އަވަދިނެތި އުޅެމުންދާކަން ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. އެކަންކަމަށް މާކަބޮޑު ސަމާލުކަމެއް ނުދެވެއެވެ. މިއީ ފަހެ ކުޑަކަމެއް ތޯއެވެ؟
މިސްކިތްތަކަކީ ﷲ އަށް އަޅުކަން ކުރުމަށް ޚާއްޞަކުރެވިފައިވާ ތަންތަނަށް ވީހިނދު އެތަންތަނަށް ދާން އަންގަވާފައިވަނީވެސް ސާފުތާހިރު ކަންމަތީގައެވެ. ޖުނުބުވެރި ޙާލަތެއްގައި މިސްކިތްތަކަށް އަރައި އަޅުކަމެއް ނުކުރެވެއެވެ. ނަމާދުކޮށް ޤުރުއާން ފޮތުގައި ބީހުމުގެ ކުރިން ވުޟޫ ކުރަންޖެހެއެވެ. އެހެންކަމުން މިސްކިތްތަކަށް ދިއުމުގެ ކުރިން ސާފުތާހިރުވެ، ވީވަރަކުން ހުވަނދުލުން މޮޅުއިތުރުވެގެންވެއެވެ.ކަންއޮތީ މިހެންކަމަށްވިޔަސް ބައެއް ފަރާތްތަކުން މިސްކިތްތަކަށް ދަނީ އެންމެ އެކަށޭނަ ގޮތުގައެއް ނޫނެވެ. ދާހިއްލާ ތެމި ފޯވުމުގެ ސަބަބުން މީހާގެ ގައިން ވަރަށް ބޮޑަށް ނުބައިވަސް ދުވާފަހަރުވެސް އާދެއެވެ. އަދި ހަމައެހެންމެ ލައިގެން ހުންނަ އަންނައުނު ސާފުތާހިރުވިޔަސް ދަތްތައް ރަނގަޅަށް ސާފު ނުކުރުމުގެ ސަބަބުން ބައެއް މީހުންގެ އަނގައިން ނުބައިވަސް ދުވައެވެ. އެހެންކަމުން ތިމާއާ ޖެހިގެން ނަމާދުކުރުމަށް ހުންނަ މީހާއަށް ތިމާގެ ހަށިގަނޑުން ނުވަތަ ފޭރާމުން ނުބައިވަސް ދުވުމުން އޭނާއަށް ވާނެ އުނދަގުލާމެދު ވިސްނާލުން ވަރަށް މުހިއްމެވެ. ސަބަބަކީ ﷲ އަށް ކުއްތަންވެ އަޅުކަންކުރުމުގައި މަސްއޫލުވެ ހުންނައިރު އެހެން މީހެއްގެ ސަބަބުން އަޅުކަމުގައި ހުންނަ މީހަކަށް އުނދަގުލެއް ވުމަށް ހަމަ އެކަކުވެސް ނޭދޭނެތީއެވެ.
ދީނުގައި މިސްކިތްތަކަށް ލިބިދީފައިވާ މަޤާމާމެދު ވިސްނާ، މިސްކިތުގެ އަދަބުތަކަށް އަޅުގަނޑުމެން އެންމެން އަހުލުވެރިވުން މުހިއްމެވެ. އަދި އެމިސްކިތްތަކުގައި އަޅުކަމާއިގެން މަސްއޫލުވެ ތިބޭ، ތިމާފަދަ މުސްލިމު އަހުންނަށް އުނދަގޫ ނުވާނެހެން މިސްކިތުގައި ތިމާގެ ޢަމަލުތައް ބެހެއްޓުމަކީ ހަމަކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަމުގެ ސަބަބުން މިސްކިތްތަކަށް ޒަމާނުއްސުރެ ދެވެމުންއައި ޤަދަރުދެވި، އަޅުގަނޑުމެންގެ ދަރިންނަށް ރިވެތި ނަމޫނާތަކެއް ފެނިގެންދާނެއެވެ. ވީއިރު، މިކަންކަމާމެދު އަދި ވިސްނާލުން ކީއްތޯއެވެ؟

ކޮމެންޓް (0)
ލޯޑް ކުރަމުން...