ކޮންމެ އަހަރަކު ޑެންގޫ ހުން މިދުވަސްވަރުގައި އިތުރުވަމުން ދާކަމަށް ވާއިރު ސަރުކާރުން އެކަމަށް އެކަށީގެންވާ ވަރާ ގާތަށްވެސް ތައްޔާރުވެވިފައި ނުވާކަމީ ޤައުމުގެ ސިއްޙީ ޙާލަތު ދަށައްގޮސްފައިވާ ކަމުގެ ހެއްކެއް ކަމުގައި ޢަދާލަތު ޕާޓީއިން ހާމަކޮށްފިއެވެ.
ޢަދާލަތު ޕާޓީއިން އެޕާޓީގެ ރަސްމީ ވެބުސައިޓްގައި ޝާއީކޮށްފައިވާ ބާނެއްގައިވަނީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ދާއިރާއިން ފެންނަން އޮތް ޙަޤީޤަތަކީ، އެކަށީގެންވާ ވަރަށް ދިރާސާ ނުކުރެވި، ގެނެވޭ ބަދަލަކަށް ތައްޔާރުނުވެވި، “އަވަސްއަރުވާލައިގެން” އެތައް ސިޔާސީ ނިންމުމެއް ނިންމާފައިވާ ކަމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މިގޮތަށް ނިންމާފައިވާ ގިނަ ނިންމުންތަކަކީ ޖަސްޓިފައި ނުކުރެވޭ، ނުރަނގަޅު ނިންމުންތަކެއްކަމެވެ. ވުމާއެކު، މިކަންކަން ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅުތަކެއް ސިޔާސީ ލެވެލްގައި ނޭޅިއްޖެނަމަ ވަރަށް ހިތާމަވެރި ޙާލަތަކަށް މި ޤައުމުގެ ސިއްޙީ ދާއިރާ ގޮސްފާނެކަމީ ޝައްކެއްއޮތްކަމެއްނޫން ކަމުގައި ޢަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.
ޢަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ސިއްޙީ ދާއިރާ ކޯޕޮރޭޓް ކުރުމުގެ ސިޔާސަތު ދަށުން ޤައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްޙީ ޚިދުމަތްދޭ ތަންތަން އެކަށީގެންވާ ވަރާ ގާތަށްވެސް ޓްރޭނިންގ އާއި ކަމާއިބެހޭ މުހިއްމު މަޢުލޫމާތާއި އާލާތްތައް ފޯރުކޮށްނުދީ، ޕަބްލިކް ހެލްތު މަސައްކަތްތައް ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ލާމަރުކަޒީ ސިޔާސަތުގެ ދަށުން ޓްރާންސްފަރ ކުރުމާއި، ހެލްތް ކޯޕަރޭޝަންތަކުގެ ބޯޑުތަކަށް ނާޤާބިލް މީހުން އައްޔަންކުރުން ފަދަ ދޯދިޔާ، ޒިންމާދާރުކަން ކުޑަ ސިޔާސީ ނިންމުންތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަކީ، މިވެރިކަން އައި ފަހުން މި ޤައުމުގައި އޮތް އެއްމެ ބޮޑަށް ފޭލްވެފައިވާ ދާއިރާކަމީ އިންސާފުގެ ނަޒަރުން ބަލާ އެއްވެސް މީހަކު ދެބަސްވާނޭ ކަމެއްނޫންކަމަށް ޢަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.
އިސްލާމިކް އެފެއަރޒް މިނިސްޓްރީ ހިންގަމުން ސަރުކާރުގައި ދެމިތިބެ މިފަހަކަށްއައިސް ސަރުކާރަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ކިޔަމުންދާ ޢަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ ކަންކަން ކުރަން ނުދަންނަ، ކަމަށް ނާޤާބިލް ބަޔަކާ ކަންކުރަން ޙަވާލުކުރެވުނީމާ ވާނެގޮތް މިދަނީ ފެންނަމުންކަމަށާއި ރާއްޖެއަށް އެއްމެ އެކަށީގެންވާފަދަ، ބިނާކުރަނިވި، ރޭވުންތެރި ފިޔަވަޅުތަކެއް ވީހާވެސް އަވަހަކަށް ނާޅައިފިނަމަ މިޤައުމުގެ ޙާލަތު ހީވެސްނުކުރާހާ ދަށުދަރަޖައަކަށް ހިނގައިދާނެކަމަށް ޢަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...