ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން "ނަމާދު ވޯކްޝޮޕް" ގެ ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން އެޖަމްޢިއްޔާގެ އޮފިޝަލަކު ވިދާޅުވީ މިވޯކްޝޮޕްގެ މަޤްޞަދަކީ ސުންނަތުގެ އަލީގައި ނަމާދުކުރާނެ ގޮތާއި، ނަމާދާއި ގުޅޭ ފިޤުހީ ކަންތައްތަކާއި އެފަދަ ހުރިހާ ކަމެއް އޭގެ އެންމެ ޞައްޙަކޮށް ކިޔަވާދީ ހޭލުންތެރިކުރުވުމެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މިވޯކްޝޮޕް އޮންނާނީ އަންނަ ޖުލައި މަހުގެ 8 ، 9 ، 15 އަދި 16 ވަނަ ދުވަހު އެވެ. ޖުލައި 8 އަދި 9 ވަނަ ދަވަހުގެ ވޯކްޝޮޕް ހަމައެކަނި ފިރިހެން ބޭފުޅުންނަށް ޚާއްޞަ ކުރެވިފައިވާއިރު، ޖުލައި 15 އަދި 16 ޚާއްޞަ ކުރެވިފައި ވަނީ ހަމައެކަނި އަންހެން ބޭފުޅުންނަށެވެ.
މިވޯކްޝޮޕްގައި ކިޔަވައިދެއްވާނީ އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އެވެ. ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ ކޮންމެ ޖިންސަކުން ވެސް 100 މީހުންނަށެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމް ޖަމްޢިއްޔަތުއްސަލަފްގެ ވެބްސައިޓުންނާއި ސަލަފް ލައިން (ހިލާލީމަގު) އިން ލިބިވަޑައިގަންނަވާނެ އެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ ޖުލައި 4 ވާ ހޯމަ ދުވަހެވެ. ފޯމް ހުށަހަޅަން ޖެހެނީ ސަލަފް ލައިން އަށެވެ. ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީއަކީ 250 ރުފިޔާ އެވެ.
މިވޯކްޝޮޕާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ނަންބަރު 7411078 ފޯނާއި ގުޅުއްވުމަށް ޖަމްޢިއްޔަތުއްސަލަފުން އެދިލައްވައެވެ.
މީގެ ކުރިން "އަޤީދާ ވޯކްޝޮޕް" ގެ ނަމުގައި ވެސް ސަލަފުން ވޯކްޝޮޕްތަކެއް ހިންގާފައިވެއެވެ.
"ނަމާދު ވޯކްޝޮޕް" ގައި ބައިވެރިވުމަށް އެދޭ ފޯމް ޑައުންލޯޑްކުރައްވާ !

ކޮމެންޓް (0)
ލޯޑް ކުރަމުން...