ދީން ސުންނަތުގެ ދިފާޢުގައި-3 (ޤުރުއާނިސްޓުން ކަމަށް ދަޢުވާކުރާ ޖަމާޢަތުގެ ޝުބުހަ: ސުންނަތުގައި އިލާހީ ވަޙީއާއި އިރުޝާދެއް ނުވެއެވެ)

ސުންނަތުގެ ދިފާޢުގައި-3 (ޤުރުއާނިސްޓުން ކަމަށް ދަޢުވާކުރާ ޖަމާޢަތުގެ ޝުބުހަ: ސުންނަތުގައި އިލާހީ ވަޙީއާއި އިރުޝާދެއް ނުވެއެވެ)

ސުންނަތުގެ ދިފާޢުގައި-3 (ޤުރުއާނިސްޓުން ކަމަށް ދަޢުވާކުރާ ޖަމާޢަތުގެ ޝުބުހަ: ސުންނަތުގައި އިލާހީ ވަޙީއާއި އިރުޝާދެއް ނުވެއެވެ)

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

މި ޢަދަދުގައި އަލިއަޅުވާނީ ސުންނަތަށް އިންކާރުކުރާ ޖަމާޢަތެއްކަމުގައިވާ "ޤުރުއާނިސްޓުން"ގެ އެންމެ ބޮޑު އެއް ޝުބުހައަށެވެ. އެއީ ޤުރުއާން ފިޔަވައި ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) އަށް އިލާހީ އެހެން ވަޙީއެއް ނުވަތަ އިރުޝާދެއް ލިބިފައިނުވާކަމަށް އެބައިމީހުން ބުނަމުންދާ ޝުބުހަ ނުވަތަ ދޮގު ދަޢުވާއެވެ. މި ދަޢުވާގެ ހަމައެކަނި މަޤްޞަދަކީ ސުންނަތާމެދު ޝައްކު އުފައްދާ، ސުންނަތަށް އިންކާރުކުރުމެވެ.

ޤުރުއާނިސްޓުން ކަމަށް ދަޢުވާކުރާ މީހުން (އަޅުގަނޑު މިބައިމީހުންނާ މުޚާޠަބުކުރާ ނަމަކީ އެންޓި-ޤުރުއާނިސްޓުން) ދެކޭގޮތުގައި ޤުރުއާން ފިޔަވައި ﷲ ގެ އެއްވެސް ހިދާޔަތެއް ނުވެއެވެ. ސުންނަތަކީ ހިދާޔަތުގެ މަގެއް ނޫނެވެ. އޭގައި އިލާހީ އިލްހާމުތަކާއި ޢިރުޝާދުތަކެއް ނުވެއެވެ.

އެބައިމީހުން މި ދަޢުވާގެ ދޮގުކަން ޤުރުއާނުގެ އަލީގައި ﷲ ގެ ރަޙްމަތްފުޅުން ސާބިތުކޮށްދެވޭތޯ ބަލާނަމެވެ. އަދި ހަމައެއާއެކު ޤުރުއާނުގެ އިތުރުން އިލާހީ  އިރުޝާދާއި އަމުރުފުޅުތައް ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހިވަސައްލަމް) އަށް ލިބިލެއްވިކަން ވެސް ﷲ ގެ އިރާދަފުޅުން ސާބިތުކޮށްދޭނަމަވެ.

1-    ސޫރަތުލް ބަޤަރާގެ 143 އާޔަތަށް ބައްލަވައިލައްވާ:

 

وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلَّا لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ۚ وَإِن كَانَتْ لَكَبِيرَةً إِلَّا عَلَى الَّذِينَ هَدَى اللَّهُ ۗ

" އެއުރެންތިބި ފަރާތްނޫން އަނެއްފަރާތަށް އެނބުރިގަންނަ މީހުންނާއި (އެބަހީ: ދީނުންބޭރުވެ މުރުތައްދުވާ މީހުންނާއި) ރަސޫލާއަށް ތަބަޢަވާ މީހުން، ތިމަންއިލާހުހާމަކުރެއްވުމަށްޓަކައި މެނުވީ، އެ ޤިބުލައެއްގެ މަތީގައި ކަލޭގެފާނު އިހު ހުންނެވިޤިބުލަ، ޤިބުލައެއް ކަމުގައި ތިމަން އިލާހު ނުލައްވަމެވެ. اللَّه ތެދުމަގު ދެއްކެވި ބަޔަކަށްމެނުވީ، އެކަންތައް އެއީ ކަށަވަރުންވެސް ބޮޑުވެގެންވާ ކަމެކެވެ."

މި އާޔަތުގައި އެވަނީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމުގައިވާ މަސްޖިދުލް އަޤްޞާ ޤިބުލައެއްކަމުގައި މާތް ﷲ ލެއްވިވާހަކައަށް ޢިޝާރާތްކުރައްވާފައެވެ. އަދި އެއީ މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް)އަށް އެކަމުގައި ތަބަޢަވަނީ ކޮންބައެއްތޯއާއި ފުރަގަސްދީ އިންކާރުކުރަނީ ކޮންބައެއްތޯ ބެއްލެވުމަށް ނޫން ގޮތެއްގައި އެކަން ނުލައްވާކަމުގައެވެ.

ނަމަވެސް އެޤިބުލައަށް ކުރިމަތިލުމަށް އެކަލޭގެފާނަށް މި އާޔަތް ބާވައިލެއްވުމުގެ ކުރިން މާތް ﷲ އަމުރުކުރެއްވިކަން މިއާޔަތުން ދޭހަކޮށްދެއެވެ. އެ އަމުރު ޤުރުއާނުން ފެންނާކަށް ނެތެވެ. މިކަމުން ދަލާލަތު ކޮށްދެނީ ކޮންކަމެއްތޯއެވެ؟ މިއިން ދަލާލަތުކޮށްދެނީ، އެ އަމުރު މާތް ﷲ ކުރައްވާފައިވަނީ ޤުރުއާން މެދުވެރިކުރައްވާފައި ނޫންކަމެވެ.

2-   ސޫރަތުއް-ތަޙްރީމްގެ 3 ވަނަ އާޔަތަށް ބައްލަވައިލައްވާ:

وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَٰذَا ۖ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ

" ނަބިއްޔާ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންގެ އަރިހުގައި (އެބަހީ: ޙަފްޞަތުގެފާނުގެ އަރިހުގައި) ވާހަކައެއް ސިއްރުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ފަހެ، އެކަމަނާ އެވާހަކައިން (ޢާއިޝަތުގެފާނަށް) ޚަބަރު ކުރެއްވިހިނދު، އަދި اللَّه،އެކަލޭގެފާނަށް އެކަން ފާޅުކުރެއްވުމުން، އެވާހަކައިން ބައެއް އެކަލޭގެފާނު (އެކަމަނާއަށް) އަންގަވައި، އަނެއްބައި ނާންގަވައި ދޫކޮށްލެއްވިއެވެ. ފަހެ، އެކަމަނާއަށް އެވާހަކައިން އެކަލޭގެފާނު ޚަބަރު ކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް މި ޚަބަރު ދިނީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް އެ ޚަބަރުއެންގެވީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަރަސްކަލާނގެއެވެ."

މިއާޔަތުގައި އެވަނީ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލަހިވަސައްލަމް)ގެ އަނބިކަނބަލުންގެ މެދުގައި ދެކެވުނު ވާހަކައެއް މާތް ﷲ އެކަލޭގެފާނަށް އަންގަވާފައިވާ ކަމުގެ ވާހަކައެވެ. ނަމަވެސް، ޤުރުއާން އެއްކޮޅުން އަނެއްކޮޅަށް ބެއްޔަސް މި ޚަބަރު ޤުރުއާން މެދުވެރިކުރައްވައި އެކަލޭގެފާނަށް ދެއްވާފައިވާ އާޔަތެއް ނުފެންނާނެއެވެ. އެހެންކަމުން މި ޚަބަރު އެކަލޭގެފާނަށް ލިބިލެއްވީ ކިހިނަކުންތޯއެވެ؟ މިއިން ދަލާލަތުކޮށްދެނީ ޤުރުއާން ފިޔަވައި އިލާހީ ވަޙީ އެކަލޭގެފާނަށް ލިބިލެއްވިކަމެވެ.

3-    ސޫރަތުލް ޤިޔާމަތުގެ 17 ވަނަ އާޔަތަށް ބައްލަވައިލައްވާ:

 

إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ

" ހަމަކަށަވަރުން، އެ ޤުރުއާން  ޖަމަޢަކުރެއްވުމާއ، އަދި އެ ޤުރުއާން ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ."

މި އާޔަތުގައި މިވަނީ ޤުރުއާން ޖަމަޢަކުރައްވާ ތަރުތީބު ކުރެއްވުމަކީ މާތް ﷲ ގެ ޙަޟްރަތުންވާ ކަމެއްކަމުގައި ބަސްފުޅު ވަޙީކުރައްވާފައެވެ.

ޤުރުއާން ބާވައިލެއްވިފައިވަނީ، މިހާރު ޤުރުއާން  މުޞްޙަފުތަކުން މިފެންނަ ތަރުތީބަކުން ނޫނެވެ. ޤުރުއާން ބާވައިލެއްވުނީ 23 އަހަރުގެ ދިގު މުއްދަތުގައި އެކި ދުވަސްވަރު އެކި އާޔަތްތަށް އެކި ސޫރަތް ސޫރަތުންނެވެ. ކޮންމެ އާޔަތެއްވެސް ބާވައިލެއްވުމުން، ރަސޫލާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ އަރިހުގައި ޤުރުއާން ލިޔުއްވާ ޞަޙާބީން ކައިރީގައި އެ އާޔަތް ތަރުތީބު ކުރައްވާނެ ގޮތް، އަދި އެ އާޔަތަކީ ކޮން ސޫރަތެއްގެ ކިތައް ވަނަ އާޔަތްކަން ބަޔާންކުރައްވާ، އެ ތަރުތީބުން ލިޔުއްވުމަށް އެކަލޭގެފާނު އަމުރުކުރައްވައެވެ.

ނަމަވެސް، ޤުރުއާން ޖަމަޢަކުރައްވާނެ ގޮތެއް ޤުރުއާނުން ފެންނާކަށް ނެތެވެ. މި ތަރުތީބު ކުރެއްވުން ފެންނާން އޮތީ ސުންނަތުންނެވެ. މިހަމައިން ތަރުތީބު ކުރެވިފައި އެވަނީ މަތީގައި އޮތް އާޔަތުގައިވާ ފަދައިން މާތް ﷲ ގެ އިލާހީ ވަޙީގެ ޒަރިއްޔާއިންނެވެ.  އެހެންކަމުން، މިއިންވެސް ސާބިތުވަނީ އިލާހީ ވަޙީ ޤުރުއާން ފިޔަވައިވެސް އައިސްފައިވާކަމެވެ.

4-    ސޫރަތުލް މާއިދާ 58 ވަނަ އާޔަތާއި ސޫރަތުލް ޖުމުޢާގެ 9 ވަނަ އާޔަތަށް ބައްލަވައިލައްވާ:

 

وَإِذَا نَادَيْتُمْ إِلَى الصَّلَاةِ اتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ

" އަދި ތިޔަބައިމީހުން ނަމާދަށް ގޮވައިފިނަމަ އެކަމަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި އެއުރެން ހަދަތެވެ. އެއީ، އެއުރެންނަކީ ހަމަކަށަވަރުންވެސް ނުވިސްނޭބަޔަކު ކަމުގައިވާތީއެވެ." (މާއިދާ 58)

يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލެވޭ ހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ." (ޖުމްޢަތް 9)

މި ދެއާޔަތުންވެސް ނަމާދަށް ގޮވައިލުމަކީ ( ނުވަތަ ބަންޤި ގޮވުމަކީ) މާތް ﷲ ޝަރުޢު ކުރައްވާފައިވާ ކަމެއްކަން ސާބިތުކޮށްދެއެވެ. ނަމަވެސް، ބަންޤި ގޮވާނީ ކޮންގޮތަކަށް ކަމެއް އަދި ކޮން ލަފުޒުތަކަކުން ކަމެއް ޤުރުއާނުގައި އަންގަވާފައިނުވެއެވެ. މިއާ ޚިލާފަށް ބަންޤިގޮވުމުގެ ހައިބަތާއި ލަފުޒުތައް ބަޔާންވެފައިއޮތީ ސުންނަތުގައެވެ. މިކަމުން ސާބިތުކޮށްދެނީ ކޮންކަމެއްތޯއެވެ؟ މިކަމުން ދަލާލަތުކޮށްދެނީ އިލާހީ އިރުޝާދާއި އަމުރުފުޅުތައް ޤުރުއާނުގެ ގޮތުގައި ނޫނަސް އައިސްފައިވާކަމެވެ.

އިސްވެބަޔާންވެދިޔަ ޤުރުއާނުގެ އާޔަތްތަކަކީ މާތް ﷲ ގެ އިރުޝާދާއި އިލާހީ އަމުރުފުޅުތައް އެއިލާހުގެ ނަބިއްޔާއަށް ޤުރުއާނުގެ އިތުރުންވެސް ލިބިލައްވާފައިވާކަން ދަލާލަތުކޮށްދޭ އާޔަތްތަކެކެވެ. އެ އިލާހީ އިރުޝާދުތަކާއި އަމުރުފުޅުތައް ފެންނަން ހުރީ މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ ސުންނަތުންނެވެ. އެހެންކަމުން، މި އާޔަތްތަކަކީ ޤުރުއާނިސްޓުންގެ ބާޠިލް ދަޢުވާތަކުގެ ދޮގުކަން އިރުގެ އަލިކަން ފަދައިން ހާމަކޮށްދޭ އާޔަތްތަކެކެވެ.

 ސުންނަތުންވެސް މިކަމަށް ދަލީލުތައް ބައިވަރު ލިބެން އެބަހުއްޓެވެ. ނަމަވެސް، އަޅުގަނޑުމެން ޖަދަލު މިކުރަނީ ސުންނަތަށް އިންކާރުކޮށް ތިމަންމެން ޤާބޫލުކުރަނީ ހަމައެކަނި ޤުރުއާން ކަމަށް ދަޢުވާކުރާ ބަޔަކާ ކަމުގައިވާތީ، އެމީހުންގެ ދަޢުވާތަކާއި ޝުބުހަތަކަށް އެންމެ ރަނގަޅުވާނީ ޤުރުއާނުން ރައްދުދިނުމެވެ.

ޤުރުއާނިސްޓުން ކަމަށް ދަޢުވާކުރާ ބައިގަނޑު ބޭނުންވަނީ ހަމައެކަނި ޤުރުއާނަށް ތަބަޢަވާށެވެ. ނަމަވެސް، ޤުރުއާންވަނީ އެބައިމީހުންގެ މިޢަމަލުތަކުން ބަރީއަވެފައެވެ. ސަބަބަކީ ޤުރުއާނުގެ އެންމެ މުހިންމު ތަޢުލީމަށް އެބައިމީހުން ބޯލަބައިފައި ނުވާތީއެވެ. އެބައިމީހުންނަށް އޮޅުން އަރާފައިވާ ކަމެއްގައި ހިފައި، ސުންނަތަށް އިންކާރުކުރުމުގެ ސަބަބުން އެބައިމީހުން ވެފައިވަނީ ޤުރުއާނުގެ އެތަކެއް އާޔަތްތަކަށް އިންކާރުކުރާ ބަޔަކަށެވެ.

ވުމާއެކު، އެބައިމީހުން ދަޢުވާކުރާ ގޮތާ ޚިލާފަށް އެބައިމީހުންނަކީ ޤުރުއާނިސްޓުންނެއް ނޫނެވެ. އެބައިމީހުންނަކީ އެންޓި-ޤުރުއާނިސްޓުންނެވެ. ޙަޤީޤީ ޤުރުއާނިސްޓުންނަކީ ޤުރުއާނުގެ ތަޢުލީމް ފުރިހަމައަށް ޤަބޫލުކުރާމީހުންނެވެ. ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ (ޞައްލަﷲ ޢަލަހި ވަސައްލަމް) ގެ ޠާހިރު ސުންނަތަށް ތަބަޢަވާ މުއުމިނުންނާއި މުސްލިމުންނަކީ ޙަޤީޤީ މާނައިގެ ޤުރުއާނިސްޓުންނެވެ.

ޓެގް

ޤުރުއާނިސްޓުންގެ ޝުބުހަ، ސުންނަތް، ސުންނަތުގެ ދިފާޢުގައި ޤުރުއާނިސްޓުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.