ކ.ހިންމަފުށީ ގައި ރޭ ބޭއްވި ޝައިޚް އާދަމް ޝަމީމް ދަރުސަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބުނު ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ޝާން އިބްރާހީމް ވިދާޅުވީ އެ ދަރުސް އަޑުއެހުމަށްޓަކައި ސްކޫލް ކުދިންނާއި އެކި އުމުރުތަކުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޙާޟިރު ވެފައިވާ ކަމަށެވެ. އަދި ރަށު ކައުންސިލާއި ޒުވާނުން ގުޅިގެން ބޭއްވި އެދަރުސާމެދު ރައްޔިތުންގެ ފަރާތުން ހިތްހަމަޖެހުން ފާޅުކޮށްފައިވާ ކަމަށް ޝާން ވިދާޅުވިއެވެ.
ޝާން އިތުރަށް ވިދާޅުވީ މިފަދަ ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމަކީ ރަށަށް ވަރަށް މުޙިންމު ކަމެއް ކަމަށާއި، މިފަދަ ޕްރޮގްރާމްތަކަށް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
އެރަށު ސްޓޭޖް ސަރަހައްދުގައި ރޭ ޝައިޚް ޝަމީމް ދަރުސް ދެއްވީ "ކާމިޔާބަށް އެދޭނަމަ" މިމައުޟޫއަށެވެ.
ޝައިޚް ޝަމީމް މިމަހު 12 ން ފެށިގެން ހއ، ހދ. އަދި ށ.އަތޮޅަށް ދަރުސް ދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ އެނބުރި މާލެ ދުރުވީ އިއްޔެ އެވެ. އެ ދަތުރުފުޅުގައި މީހުން ރަށްވެހިވެފައިވާ 8 ރަށެއްގައި އަދި 1 ރިސޯޓްގައި ދަރުސް ދެއްވާފައި ވެއެވެ. އެއީ ހދ.ހަނިމާދޫ، ހދ.ކުޅުދުއްފުށި، ށ.ކަނޑިތީމް، ށ.ބިލެތްފަހި، ހއ.ދިއްދޫ، ހއ.ތަކަންދޫ، ހއ.މާރަންދޫ އަދި ހއ.ފިއްލަދޫގެ އިތުރުން ހއ. އަތޮޅުގެ "ބީޗް ހައުސް މޯލްޑިވްސް އަ ވަލްޑޯފް އެސްޓޯރިއާ ރިސޯޓް" ގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...