އަރަބިދުނިޔެދުނިޔެ

އަފްގާންގައި ނޭޓޯގެ 8 ހަނގުރާމަވެރިން މަރާލައިފި.

ލިޔުނީ: ހުސެއިން ސާލިމް

އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުން ދާ ނޭޓޯގެ ހަނގުރާމަވެރިންގެ 8 މީހަކު މަރާލައިފިއެވެ. ނޭޓޯއިން ހާމަކުރާ ގޮތުގައި،  އެ އެންމެންވެސް މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ނޭޓޯއިން ހާމަކުރާ ގޮތުގައި، 4 މީހުން  މަރުވެފައިވަނީ ލިބިފައިވާ ތަފާތު ޒަހަމްތަކުގެ ސަބަބުން ނެވެ. އަނެއް 4 މީހުން މަރުވެފައި ވަނީ ދެކުނު އަފްގާނިސްތާނުގައި، ތާލިބާނުންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގެ ތެރޭގައެވެ. މަރުވި މީހުން ނިސްބަތްވާ  ޤައުމުތައް ނޭޓޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

2001 ވަނަ އަހަރު، އަފްގާނިސްތާނުގައި ސުލްހަ ގާއިމުކުރުމުގެ ނަމުގައި އެމެރިކާއިން ހަނގުރާމަ ފެށިފަހުން އަހަރަކަށްވުރެއް އަހަރެއް، ހަމަ ނުޖެހުން ދަނީ އިތުރު ވަމުންނެވެ. އަދި، އެމެރިކާއަށާއި، ގުޅިފައިވާ ފައުޖުތަކަށް ލިބެމުން ދާ ގެއްލުންތައްވެސް ދަނީ އިތުރުވަމުންނެވެ. އަފްގާން ހަނގުރާމަ ފެށުނު ފަހުން މިއަދާ ހަމައަށް، ބޭރުގެ ފައުޖުތަކުގެ 2530 ހަނގުރާމަވެރިން މަރުވެފައިވާއިރު، އޭގެ ތެރެއިން ގިނައީ އެމެރިކާއަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ.

އަފްގާނިސްތާނުގައި މިވަގުތުވެސް، ބޭރުގެ ފައުޖުތަކުގެ އެއްލައްކަ ފަންސާސް ހާހަށްވުރެއް ގިނަ ހަނގުރާމަވެރިން ހަރަކާތްތެރި ވަމުން ދާ އިރު، އެ މީހުންނަށް، އެ މީހުންގެ މަޤްޞަދު ހާސިލް ކުރެވެމުން ނުދާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދެއެވެ. އެގޮތުން ހަނގުރާމަ ފެށި އިރަށްވުރެއް މިހާރު، އަފްގާނިސްތާނުގައި ހަމަނުޖެހުން އިތުރުވެފައިވުން އެފަދަ ފަރާތްތަކުން ހެއްކެއްގެ ގޮތުގައި ދައްކައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *