ދިވެހި ސަރުކާރުގެ ފަރާތުން 'ޝޯ'އެއް ބާއްވަން ތައްޔާރުވަމުންދާކަމަށް ސަރުކާރުގެ އިސްފަރާތްތަކުން މީޑިއާއަށް ޔަގީންކޮށްދީފިއެވެ.
ތަފާތު މައްސަލަތަކެއް ކުރިމަތިވެގެން ހުއްޓާލި 'ބޮނިއަމް ކޮންސެޓް' ސަރުކާރުން ބާއްވާގޮތަށް ހަމަޖައްސާ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އެބަދާކަމަށް ޔޫތު މިނިސްޓާރ އަލްއުސްތާޒް ހަސަން ލަތީފުވަނީ ޔަގީންކޮށްދީފައެވެ. އިއްޔެގެ 'ހަވީރު' ނޫހަށް މައުޟޫމާތު ދެމުން މިނިސްޓާރ ހާމަކުރިގޮތުގައި 'ބޮނިއެމް ކޮންސެޓް ބާއްވަން ސަރުކާރުން އިސްނެގީ ބައިނަލްއަގުވާމީ ފަންނާނުންތަކެއް ބައިވެރިކޮށްގެން ރާއްޖޭގައި ކޮންސަޓެއް ބާއްވަން އިޝްތިހާރުކުރުމަށްފަހު ފްލޮޕް ވުމުން ރައްޖެއަށް ހުތުރުނަން ލިބޭނެތީ' ކަމަށެވެ.
ބޮނިއަމް ކޮންސެޓްގެ އިޝްތިހާރު ވަރަށް ގަދަޔަށް ކުރުމަށްފަހު ކުއްލިއަކަށް ޝޯ ބާއްވާނެ ތާރީހު ފަސްކުރުމަށްފަހު ފެނިގެން ދިޔައީ ބޮނިއެމް ކޮންސެޓާއި ބެހޭ ހިޔާނާތުގެ މައްސަލައެއް ފެންމަތިވެ އެމައްސަލަ ބަލަމުންދާތަނެވެ. ކޮންސަޓްގައި ބައިވެރިވާ މީހުން މާލެ ގެނެސްނުދެވުމުން ޝޯ ފަސްކުރުމަށްފަހު ޓިކެޓްގެ ރިފަންޑްވެސް ދޭނެކަމަށް އިއުލާންކޮށް އަނެއްކާ ފެނިގެން މިދަނީ މިކަންތައްގަނޑުގެ ތެރެއަށް ދިވެހި ސަރުކާރުން ވަދެ 'ލަދުން ސަލާމަތްވާން'ކަމަށް ބުނެ މިއުޒިކް ޝޯއެއް ދޭން ތައްޔާރުވަމުންދާތަނެވެ.
'ބައެއްކަންކަމުގައި ސަރުކާރުން ކުރަން ބޭނުންވެއްޖެނަމަ 'ފަންޑު' އަންނަ ނާންނަ ދިމާލެއް ނޭނގި އެކަމެއް ނިންމާލާއިރު އަނެއްބައި ކަންކަމުގައި 'ފަންޑު' ހަމަނުޖެހިގެން ނުކުރެވިފައިވާކަން ފާހަގަ ކުރެވޭ. އޭގެތެރޭގައި އިސްލާމިކް ޗެނަލްއެއް ހެދުމަށް 'ފަންޑު' ނެތިގެން އުޅެނިކޮން 'ޔޫތު ޓީވީ' ވަނީ ވުޖޫދަށް އައިސްފަ. އަރަބިއްޔާ ސުކޫލުގެ އާއިމާރާތް 'ފަންޑު'ނުލިބޭތީ ހެދޭނެ ތާރީހެއް ސަރުކާރަކަށް ނޭނގެ. މިފަދަ އެތައް ކަމެއް.' ނަން ހާމަކުރަން ނޭދޭ މީހަކު ހިތްހަމަނުޖެހިހުރެ ދިއިސްލާމްއަށް ހާމަކުރިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...