ރިޕޯޓް ގިއުޅު އަތުކުރީގައި ރަން އުޅާތައް....

ގިއުޅު އަތުކުރީގައި ރަން އުޅާތައް....

ގިއުޅު އަތުކުރީގައި ރަން އުޅާތައް....

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

(މިއީ  އޮން އިސްލާމް.ނެޓް ގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ތަރުޖަމާއެކެވެ.)

ޝައްކުއުފައްދާ މީހުން އަންހެނުންގެ ޙައްޤުތަކާއި މިނިވަންކަމުގެ ވާހަކަ އަޑުގެ ކޮޅަށް ދައްކަމުން، އިސްލާމްދީނަށް "ގުދޯ ގުދޯ ގޮވަމުން" ދާއިރު، އެބައިމީހުން އަންހެނުންނަށް ދީފައިވާ މަޤާމް ވަރަށް ވެސް ދަށްވެފައި ނިކަމެއްޗެވެ. ޙަޤީޤަތަކީ އަންހެނުންނަށް އިހާނާތްތެރިކޮށް ހިތުމާއި، މުޖުތަމަޢުން އެކަނބަލުން އެކަހެރިކޮށް ބާކީކޮށްލުމުގެ ނާތަހުޒީބު ފިކުރަށް އިސްލާމް ދީން އެއްވެސް ޖާގައެއް ނުދޭކަމެވެ. ކޮންމެ ޖިންސެއްގެ މީހަކަށްމެ ޙައްޤުވެގެންވާ ޙަޤީޤީ މައުޤިފް ކީރިތި ޤުރުއާނުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.

"އިސްލާމްދީނުގައި އަންހެނާގެ މަޤާމަކީ" ޒަމާނުއްސުރެ ބަހުސްކުރެވެމުން އަންނަ މައުޟޫޢަކަށް ވީހިނދު، އާދަކާދައިގެ ގޮތުން ނުވަތަ ދީނުގެ ތެރޭގައި ނުހިމެނޭ ނަމަވެސް ދީނަށް ނިސްބަތްކުރެވިފައިވާ ބޯދާ ފިކުރުތަކުގެ ސަބަބުން ބައެއް އޮޅުންތައް އަރާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް ޙަޤީޤަތަކީ، އަންހެނާ އަށް އިޖްތިމާޢީ ގޮތުން ލިބިދޭންޖެހޭ މިނިވަންކަން ވެސް އެންމެ ފުރިހަމައަށް ހޯދައިދީފައިވަނީ އިސްލާދީންކަމެވެ.

އަންހެނުންގެ ޙައްޤުތަކާއި، އެކަނބަލުންގެ ވާޖިބުތަކާއި، ދެޖިންސްގެ ގުޅުމާއި މެދު ކީރިތި ޤުރުއާނުގައިވާ އަމުރުފުޅުތަކުގައި އިސްލާމްދީން އަންހެނާއަށް ހޯދައިދީފައިވާ އިންސާފު ނުހަނު ޞަރީޙައެވެ. މިގޮތުން ޙައްޤުތަކާއި، ވާޖިބުތަކާއި، ޒިންމާތަކުގައި  އިސްލާމްދީން ދެޖިންސު ހަމަހަމަ ކުރައްވާފައިވާވުމުން، އެދީނަކީ މުޅިއިންސާނިއްޔަތުގެ މައްޗަށްވާ ހެޔޮ ރަޙްމަތެއްކަން ޘާބިތުވެއެވެ.

"އެކަކު އަނެކަކަށްޓަކައި ފޭރާމެއްކަމުގައި ލެއްވުން": (البقرة: 187)

އަންހެނާގެ ފަރާތުން ފިރެހެނާއަށް ލިބޭ އެންމެހާ ޤަދަރަކާއި އިޙްތިރާމެއްގެ ޙައްޤު ބަދަލު، އޭނާގެ މައްޗަށް ރައްދުކުރުމަށް އިސްލާމްދީން ފިރެހެނާއަށް އަމުރުކުރެއެވެ. އަދި ދެޖިންސުގެ މެދުގައި ހަމަ އާއި އިންސާފުގެ ތިލަފަތުން މިންކުރައްވާ ބައްސަވާފައިވާ ޒިންމާތަކާއި ވާޖިބުތަކާއި، އެޒިންމާތައް އަދާކުރުމުގައި ދެބައިމީހުންނީ އެއްބަޔަކު އަނެއްބައެއްގެ ލޮލުގެ ފިނިކަންކަމުގައި ވުމަށް މާތްﷲ އަންގަވަނީ މިފަދައިންނެވެ. "وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّـهَ وَرَسُولَهُ ۚ أُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ ۗ إِنَّ اللَّـهَ عَزِيزٌ حَكِيمٌ " (سورة التوبة :9:17) މާނައީ، "مؤمن ފިރިހެނުންނާއި،

مؤمن އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް أمر ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު قائم ކޮށް، زكاة ދީ، اللَّه އާއި އެކަލާނގެ رسول އާއަށް ކިޔަމަންވެތެވެ. އެއުރެންނަށް اللَّه رحمة ލައްވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ."

ޖަޒާ ދެއްވުމުގައި ހަމަހަމަވެގެންވުން:

ޖިންސީ ތަފާތުކުރެއްވުމެއްނެތި، އެމީހަކު ކުރި ޢަމަލެއްގެ ޖަޒާ އެމީހަކަށް މިންވަރުކުރައްވާނެކަމުގައި އަންގަވާ   އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. " فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ"(سورة آل عمران: 195) މާނައީ، " ދެން، އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންގެ دعاء އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، عمل ކުރާ މީހެއްގެ عمل، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ."

އަދިވެސް ވަޙީކުރައްވާފައިވެއެވެ. " مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ "( النحل: 97) މާނައީ، "مؤمن އަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عمل ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."

މީގެ އިތުރުން އަންހެނުންނާއި ފިރެހެނުންނާއި މެދު މުޚާތަބުކުރެވެނީ އެއްބައެއްގެ ގޮތުގައި ކަމުގައާއި، މާތްﷲގެ ޙަޟްރަތުގައި ދެޖިންސުގެ މީހުންގެ މައްޗަށްވާ ޙައްޤުތަކާއި ވާޖިބުތައް ހަމަހަމަކަމުގައި އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. " إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّـهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّـهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا"(الأحزاب: 35) މާނައީ، " ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ."

މާތްﷲއާއި ކުއްތަންވެ، އެކަލާނގެއަށް ކިޔަމަންގަތުމުގައި ފިރެހެނުންނާއި އަންހެނުންގެ މެދުގައި އެއްވެސް ފަރަޤެއް ނުވާކަމުގައި ކީރިތި ޤުރުއާނުގެ މޫރިތި އެތަށް އާޔަތެއްގައި އެކަލާނގެ ބަޔާންކޮށްދެއްވާފައިވެއެވެ. މީގެއިތުރުން އިޖްތިމާޢީ ގޮތުން ދެޖިންސުގެ މީހުން އުފުލާ މަސްއޫލިއްޔަތުގައި ތަފާތުކަމެއް ވީނަމަވެސް، މިއީ އަންހެނުން ރައްކާތެރިކޮށް އެކަނބަލުންނަށް ދޭންޖެހޭ ޙިމާޔަތްތެރިކަން ދިނުމަށްޓަކައި ކުރެވިފައިވާ ތަފާތެއްކަން ދެނެގަނެވެނީ، އުފެދުމުގައި ދެޖިންސުގެ ދެމެދުގައިވާ ފަރަޤުތައް ފެންނަން ހުރީތީއެވެ.

އިސްލާމްދީން އަންހެނާ އަށް ލިއްބައިދީފައި މިވާ މަތިވެރި ޝަރަފާއި އެކު، އެކަނބަލުންގެ ތެރެއިން ހެޔޮލަފާ، ޞާލިޙް ޢިއްފަތްތެރި އަންހެނުން ފާސިދު ފިރެހެނުންނާއި ކައިވެނި ކުރުމަށް އެކަށިގެން ނުވާކަމުގައި ވެސް އަންގަވައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. " لْخَبِيثَاتُ لِلْخَبِيثِينَ وَالْخَبِيثُونَ لِلْخَبِيثَاتِ ۖوَالطَّيِّبَاتُ لِلطَّيِّبِينَ وَالطَّيِّبُونَ لِلطَّيِّبَاتِ ۚ أُولَـٰئِكَ مُبَرَّءُونَ مِمَّا يَقُولُونَ ۖ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ"(النور: 35) މާނައީ، " ނުބައި އަންހެނުން ނުބައި ފިރިހެނުންނަށެވެ. ނުބައި ފިރިހެނުން ނުބައި އަންހެނުންނަށެވެ. ރަނގަޅު އަންހެނުން ރަނގަޅު ފިރިހެނުންނަށެވެ. ރަނގަޅު ފިރިހެނުން ރަނގަޅު އަންހެނުންނަށެވެ. އެއުރެން (އެބަހީ: ނުބައިމީހުން) ބުނާ ބުނުންތަކުން އެއުރެން (އެބަހީ: ރަނގަޅުމީހުން) ބަރީއަވެގެންވެއެވެ. ފާފަފުއްސެވުމާއި، ދީލަތިވެގެންވާ رزق އެއުރެންނަށް ހުށްޓެވެ."

ޒަވާޖީ ވާޖިބުތައް ވެސް ދެމަފިރިންގެ ދެމެދުގައިމެ ބައިކުރައްވަނީ އެއްވެސް ފަރާތަކަށް ކުޑަނަމަވެސް ބޭއިންސާފެއް ނުވާ ބީދައިންނެވެ. މިގޮތުން ދެމަފިރިންމެ ލޯތްބާއި އޯގާތެރިކަމާއި އެކު އެކަކު އަނެކެއްގެ ޙައްޤުތަކަށް ރައްކާތެރިވާނެ އުސޫލު ﷲތަޢާލާ ސިފަކުރައްވާފައިވަނީ މިފަދައިންނެވެ. " هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ"(البقرة: 187) މާނައީ، " އެކަނބަލުންނީ ތިޔަބައިމީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށް ފޭރާމެކެވެ."

އަންހެނާގެ ޒަވާޖީ ޙައްޤުތައް ރައްކާތެރިކުރުމާއި ގުޅޭ ގޮތުން ކީރިތި ޤުރުއާނުގައި  އެތައް އަމުރުފުޅެއް އައިސްފައިވާއިރު، ދެމީހުންގެ ރުހުމާއި ނުލާމެނުވީ ކައިވެންޏެއްގެ ގޮށުން ދެމީހުން ގުޅުމަށް ވެސް އިސްލާމްދީން ނުރުހެއެވެ. އަނބިމީހާގެ މައްޗަށްވާ މާލީ ޙައްޤުތައް އަދާކުރުމުގެ ބުރަ ފިރިމީހާއަށް ޖައްސަވާފައިވާއިރު، ވަރިކުރުމަށްފަހު ޢިއްދައިގައި އިންނަ އޭނާގެ ކުރީގެ އަނބިމީހާ ބެލެހެއްޓުމުގެ ޒިންމާ ވެސް އޭނާގެ މަތިން ނުކެނޑެއެވެ. ( الطلاق: 6، النساء: 4)

 

ޙަޤީޤީ މާނައިގައި ކަސްތޮޅުތަކުން ވީއްލިފައިވުން:

އަންހެނުންނާއި މެދު ތަފާތުކުރުމުގެ ބޯދާ ވިސްނުންތަކަކަށް އިސްލާމްދީން ތަރުހީބެއްނުދެއެވެ. ޝައްކު އުފައްދާ މީހުން އިސްލާމް ދީން ބާވާލެއްވުމުގެ ކުރިން ޢަރަބިންގެ ތެރޭގައި އަންހެނުންނާއި މެދު ޢަމަލްކުރެވެމުން އައި އަނިޔާވެރި އުސޫލްތަކަކީ އެމީހުންގެ ވާހަކައަށް ފުދޭ ހެއްކެއްގެ ގޮތުގައި ދައްކައެވެ. ނަމަވެސް އެއީ ހެއްކެއް ނޫނެވެ. ބޯދާ ޢަރަބިން ދެކެމުން އައީ އަންހެނުންނަކީ ފަޤީރުކަމާއި ބަދުނަސީބަށް މަގުފަހިކުރުވާ ސަބަބެއްކަމުގައެވެ. އަދި އެމީހުންގެ ޤަދަރުހިފެހެއްޓުމުގެ ނަމުގައި އަންހެން ކުދިން ދިރި ތިއްބާ ވަޅުލަމުންދިޔައެވެ. ނަމަވެސް އިސްލާމްދީން މިނުބައި ޢަމަލްތައް މަނާކުރައްވާ، މިފިކުރުތަކުގެ އަހުލުވެރިންނަށް ޤިޔާމަތްދުވަހުގައި ހުރި ވޭންދެނިވި ޢަޒާބުގެ އިންޒާރުކުރެއްވިއެވެ.

ބޯދާ ޢަރަބިންގެ ތެރެއިން ޙައްޤުތަތް ނިގުޅައިގަނެވި، އަޅުވެތިކުރެވިފައިވާ އަންހެނުންނަށް މިނިވަންކަންް އޭގެ ޙަޤީޤީ ސޫރައިގައި އިސްލާމް ދީން ފޯރުކޮށްދިނެވެ. އިސްލާމްދީނާއި ޢަރަބި ދުނިޔޭގެ ތާރީޚް ދިރާސާކުރެއްވުމަށް މަޝްހޫރު ހުޅަނގުގެ ތާރީޚް ޢިލްމުވެރިއެއްކަމަށްވާ ޕްރޮފެސަރ ބަރނަރޑް ލެވިސް އޭނާގެ "ދަ މިޑްލް އީސްޓް: އަ ބްރީފް ހިސްޓްރީ އޮފް ދަ ލާސްޓް 2000 އިޔަރޒް" މިފޮތުގައި ތިރީގައި މިވާފަދައިން ބަޔާންކުރައްވާފައިވެއެވެ.

"ޤަދީމީ އަރަބި މުޖުތަމަޢުތަކުގައި އަންހެނުންގެ މަޤާމު އިސްލާމްދީން މަތިވެރިކޮށްދިނެވެ. އަދި މުދާ މިލްކުކުރުމުގެ ޙައްޤުފަދަ އެތަށް ޙައްޤެއް އެކަނބަލުންނަށް ހޯދައިދީ، ފިރިންނާއި ސާޙިބުންގެ އަނިޔާވެރިކަމުން އެކަނބަލުން ރައްކާތެރިކޮށްދިނެވެ. އަންހެން ކުދިން ދިރިތިއްބާ ވަޅުލުން ފަދަ ނުބައި އާދަތައް އިސްލާމްދީން ނައްތާލައިދިނެވެ. "

އިންސާނިއްޔަތަށްހުރި ލާމަސީލު މިސާލެއްގެ ގޮތުން، ޞާލިޙް ދެ އަންހެން ބޭކަނބަލުންގެ ވާހަކަ ވަރަށް ޚާއްޞަގޮތެއްގައި ކީރިތި ޤުރުއާނުގައި ގެންނަވާފައިވެއެވެ. އެއީ ޢީސާގެފާނުގެ މައިކަމަނާ މަރިޔަމްގެފާނާއި، ފިރުއައުނުގެ އަނބިކަނބަލުން އާސިޔަތުގެފާނެވެ. ފިރުއައުނާއި އޭނާގެ އައުވާނުންގެ ނުބައިކަމާއި އެކުގައި ވެސް އާސިޔަތުގެ ފާނުވަނީ މިޘާލީ އަންހެން ބޭކަނބަލަކަށް ވެވަޑައިގެންފައެވެ. (التحريم: 11،12) ކީރިތި ޤުރުއާނުގައިވާ، ސުލޭމާނުގެފާނާއި ސަބާގެ ރަނިކަމަނާ އާއި،(النمل: 42-43) މޫސާގެފާނާއި ޒުވާން ދެއަންހެންކަނބަލުންނާއި ދެމެދުގައި ކުރެވިފައިވާ އޯގާތެރި، ތަހުޒީބީ މުޢާމަލާތްތަކުގެ ވާހަކައިން(القصص:23-26) ދެޖިންސްގެ ދެމެދުގައި އޮންނަންވީ ތަހުޒީބީ އިޖްތިމާޢީ ގުޅުން، ވަރަށް ރަނގަޅަށް ހާމަވެއެވެ.

ކުޑަމިނުން އަންހެނަކާއި ދިމާއަށް ތަޢައްސުބީ ނަޒަރަކުން ބަލާލުމުގެ ޖާގަ ވެސް އިސްލާމްދީން އެއްވެސް ފިރެހެނަކަށް ނުދެއެވެ. އިސްލާމީ އުސޫލަތަކަށް ތަރުޙީބުދެވެމުން އަންނަ ޙަޤީޤީ މުސްލިމް މުޖުތަމަޢެއްގެ ސިފަ އަކީ، އެމުޖުތަމަޢުގެ އަންހެނުންނަށް ޚާއްޞަ ޤަދަރަކާއި އިޙްތިރާމެއް ފޯރުކޮށްދެވި، އެކަނބަލުންނާއި މެދު އޯގާތެރިކަމާއި ލޯބިވެތިކަމާއި އެކު މުޢާމަލާތުކުރެވުމެވެ. އަދި އެކަނބަލުންނަށް ފުރިހަމަ މިނިވަންކަމާއި ހަމަޖެހުމާއި އެކު މުޖުތަމަޢުގައި ދިރިއުޅުމުގެ ޙައްޤުލިބިދިނުމެވެ.

ކީރިތި ޤުރުއާން ތަފްސީރުކުރުމުގެ އަސާސީ އެއް ޤަވާޢިދަކީ، އެޤުރުއާން ބާވާލެއްވުނު މަޤްޞަދު އެންމެ ފުރިހަމަ އަށް ޙާޞިލްވާފަދައިން އެޤުރުއާނުގެ މާނަ މީސްތަކުންނަށް އުނގަންނައި ދިންކަމުގައި ވީހިނދު، އަންހެނުންނާއި ގުޅިގެން މާތްﷲ ކުރައްވާފައިވާ އެންމެހާ އަމުރުފުޅުތަކުން، އަންހެނުންނަށް މުޖުތަމަޢުގައި އުފާވެރިކަމާއި މިނިވަންކަމުގެ އިންތިހާ ދަރަޖައިގައި ދިރިއުޅެވޭނެ ފަދަ ފުރިހަމަ އިޖްތިމާޢީ ނިޒާމެއް އުފައްދައިދެއެވެ.

ފަތްމިނިންކަމުގައި ބުނެ، އަޅުގަނޑުމެން އަންހެނުން ދަޢުވާކުރާއިރު އަޅުގަނޑުމެންގެ ގިއުޅު އަތުކުރިތަކަށް އިލާހިއްޔަ ޤުދުރަތުން މަހާލަދެއްވާފައިވާ މިސާފު ރަނުގެ އުޅާތަކުގެ އަގު އަޅުގަނޑުމެންނަށް ކުރެވެން ޖެހޭނެ ނޫންތޯއެވެ؟

ޓެގް

އަންހެނުން،

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.