ކާބޯ ތަކެތީގެ ޚިދުމަތް ދޭ ތަންތަން ބަލައި ޗެކުކުރުމަށްފަހު ބަންދު ކުރަން ޖެހޭ ތަނެއް ބަންދު ކުރިޔަސް ބަންދުކުރި ސަބަބު ދެން ހާމަ ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން މިހާރު ވަނީ ނިންމާފައެވެ. ސަބަބެއް ކަމަށް އެ އޮތޯރިޓީން ހާމަކުރަނީ، ބަންދު ކުރި ތަންތަނުގެ ވެރީންގެ ޝަކުވާ ބޮޑުވުމެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް ތަނުގެ ނަން ހާމަކުރާނެކަމަށް އެ އޮތޯރިޓީގެ އޮފިޝަލަކާއި ޙަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.
އެމްއެފްޑީއޭގެ މި ނިންމުމަށް ޢާންމުންގެ ތާޢީދެއް ނެތެވެ. އޮންލައިން ނޫސްތަކަށް ޚިޔާލު ހުށަހަޅުއްވާފައިވާ ޢާންމުންގެ ވާހަކައިންނާއި ނޫސްތަކުން ނަގާފައިވާ ޕޯލް އިން މިކަން ސާބިތުވެއެވެ. ސަބަބުތައް ވަރަށް ގިނައެވެ. ކާބޯ ތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ވެރީންގެ ޝަކުވާތަކަށް ބަލައި މިފަދަ ނިންމުމެއް ނިންމުމަކީ ހަރުދާނާ ފިޔަވަޅެއް ނޫނެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކާބޯ ތަކެތީގެ ޚިދުމަތް ދޭ ތަންތަން ބަންދު ކުރުމަށްފަހު ބަންދު ކުރި ސަބަބު ވަރަށް ތަފްޞީލުކޮށް ހާމަކުރެއެވެ.
ކާބޯ ތަކެތީގެ ޚިދުމަތް ދޭ ތަންތަނުންގެ މައްސަލައަކީ ޢާންމުންގެ މަޞްލަޙަތާއި އެމީހުންގެ ޞިއްޙަތާ ގުޅިފައިވާ ކަމެކެވެ. ދުވާލަކު އެތައް ބަޔަކު ވަންނަ މަޝްހޫރު ރެސްޓޯރެންޓުތަކާއި ކެފޭތައް ބަންދު ކުރާއިރު އެތަނުން ޚިދުމަތް ލިބިގަންނަ މީހުންނަށް އެތަނެއް ބަންދުކުރި ސަބަބު އެނގުމަކީ އެއްގޮތަކުން ބަލާއިރު އެމީހުންގެ ހައްޤެކޭވެސް ދެންނެވިދާނެއެވެ.
އެމް.އެފް.ޑީ.އޭ ގެ މި ނިންމުން ބައެއް މީހުން ސިފަކުރަނީ އެއީ އެ އޮތޯރިޓީ އަށް ކޮންމެވެސް ފަރާތެއްގެ ނުފޫޒު އައިސްގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ހަވީރު ނޫހުގައި ހާމަކޮށްފައިވާ ގޮތުގައި މިމަހު އެއްވަނަ ދުވަހުން ފެށިގެން އެމް.އެފް.ޑީ.އޭ އިން ކުރިއަށް ގެންދާ އިންސްޕެކްޝަނުގައި 133 ތަނެއް މިހާތަނަށް ޗެކްކޮށްފައިވާއިރު، 12 ތަނެއް ބަންދުކޮށްފައިވެއެވެ. އޭގެ ތެރެއިން ބައެއް ތަންތަން ބަންދުކުރަން ޖެހުނީ ބަދިގޭ ތެރެއިން މީދަލުގެ ނަޖިސް ފެނުމާއި، ކުރަފި ފެނުމާއި، ބުޅާ އުޅުމާއި، ބަދިގޭ ފާޚާނާގައި ބަކަރި ގެންގުޅުމާއި، ތަނުގައި ޓައިލްސް ކެފުން ފަދަ ކަންކަން ފެނިގެން ކަމަށް އެމް.އެފް.ޑީ.އޭ އިން ބުނެފައިވެއެވެ. މިގޮތުން ބަންދުކުރި ތަންތަނުގެ ބައެއް ތަންތަނުގެ ޙާލަތު ރަނގަޅުކުރުމުން އަލުން ހުޅުވުމުގެ ޙުއްދަ ވަނީ ދީފައެވެ.
______
ފޮޓޯ : ސަން އޮންލައިން
ޚިޔާލު