ޤައުމުތަކުގެ ވެރީންގެ ޢަމަލްތައް ހުންނަން ޖެހޭނީ ރިވެތި ގޮތުގައި، ރައްޔިތުންނަށް ބަލައިގަނެވޭ ފަދަ ގޮތަށް ކަމަށް ޝައިޚް އާދަމް ނަސީމް (ބީއޭ ނަސީމް) ވިދާޅުވެއްޖެއެވެ.
އިއްޔެ ހެނދުނު ރޭޑިއޯ އެޓޯލްގެ "ހެނދުނު ފަރުވާ" ޕްރޮގްރާމް ގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވީ މުންކަރާތެއް ކޮށްފިއްޔާ ހަމަ ކޮންމެ މީހަކު ކުރިޔަސް އެވާނީ މުންކަރާތަކަށް ކަމަށާއި، ނަމަވެސް ޤައުމުތަކުގެ ރައީސުންނާއި ރަސްކަލުން ފަދަ ބޭފުޅުން އެފަދަ ކަންތައްތަކަށް އަރައިގަތުމުގައި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. ޝައިޚް ވިދާޅުވީ އެބޭފުޅުންނަކީ މިސާލު ކަމަށް ބަލަން ޖެހޭ، ޤައުމުގެ ބަފައިން ކަމަށާއި އެބޭފުޅުންގެ ޢަމަލްތައް ހުންނަން ޖެހޭނީ ރިވެތި ގޮތުގައި، ރައްޔިތުންނަށް ބަލައިގަނެވޭ ގޮތަށް ކަމަށެވެ. އެފަދަ ބޭފުޅުން މުންކަރާތަކަށް އަރައިގެންފިނަމަ އޭގެ ނުބައިކަން މާބޮޑުވެގެން ވާނެ ކަމަށާއި އެފަދަ ކަންކަން ފެތުރިގެން ދިއުމާއި އޭގެ ނަތީޖާ ވެސް މާނުބައި ވާނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ހުންނަވައިގެން އަންހެން ކުދިންނާ ފިރިހެން ކުދިން އެއްކޮށްގެން ނަށާނެށުން އެއީ ހަމަ ނުބައިކަން ބޮޑުވެގެންވާ ކަމެއް. މިހާރު ކަމަށްވިޔަސް، ކުރީގައި ކަމަށްވިޔަސް. ކުރީގައި ވެސް އެބާވަތުގެ ޢަމަލްތަކާ ބެހޭ ގޮތުން ޢިލްމުވެރިން ވާހަކަ ދައްކާފައި ހުރޭ. އަދި ޖަލަށް ވެސް ވަންނަން ޖެހޭ. އެހެން ނަމަވެސް މިހާރު މިއޮތީ އޭގެ މިނިވަންކަން ލިބިފަ ﷲ ގެ ރަޙްމަތްފުޅުން. މިމިނިވަންކަން ދެއްވުމުގެ މާނައަކީ ސަރުކާރުގެ ފަރާތުން ހުރިހާ ނުބައި ކަންތައްތަކެއް ޢަމަލީ ގޮތުން ކުރިއެރުވުމެއް ނޫން." ޝައިޚް ވިދާޅުވިއެވެ. އަދި ޝައިޚް ވިދާޅުވީ އޭގެ ނިވާފަތްގަނޑުގައި ތިއްބަވައިގެން "ޢިލްމުވެރިންނަށް ވާނީ ދުނިޔޭގެ އެއްވެސް ތަނެއްގައި ނެތްވަރުގެ މިނިވަންކަން ދީފައޭ" ބަޔަކު މީހުން ބުނަމުންދާ ކަމަށެވެ.
އެކަމަށް ރައްދު ދެއްވަމުން ޝައިޚް ވިދާޅުވީ މިފަދަ މިނިވަންކަން ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް އެބައޮތް ކަމަށާއި އޭގެ މިސާލެއްގެ ގޮތުން އިސްލާމްދީނާއި ދެކޮޅަށް ހަނގުރާމަކުރާ، ދީނުގެ ބޮޑެތި ޢަދާވާތްތެރިން އުޅޭ، ބުރުގާ އެޅުން މަނާ ކުރުން ފަދަ ކަންތައްތައް އޮންނަ ޖަރުމަނުގައި ދާދިފަހުން އިސްލާމްދީނުގެ ދާޢީއެއް ކަމަށްވާ ޑރ.އަބޫ އަމީނާ ބިލާލް ފިލިޕްސްގެ އަތްޕުޅުމައްޗަށް 17 މީހުން އިސްލާމް ވެފައިވަނީ ވަރަށް ބޮޑު މިނިވަންކަމަކާއެކު ވާހަކަދެކެއްކުމުގެ ފުރުޞަތު ލިބިފައިވާތީ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް އެކަންޏެއް ނޫން މިނިވަންކަން އޮންނަކީ. ދުނިޔޭގެ އެހެން ތަންތާގަވެސް މިނިވަންކަން އޮވޭ. ސިލޯނުގައި ވެސް އިންޑިޔާގައި ވެސް އިސްލާމުން ވާހަކަ ދައްކާ ނުލާހިކު މިނިވަންކަމާއެކުގައި" ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވި ގޮތުގައި އިސްލާމްދީނުގައި ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައި ކަންތައްތައް މަނާކުރުމަށް އަންގަވާފައިވާއިރު، ހެޔޮކަންތައްތަކުގެ ވާހަކަ ދައްކާ ނުބައި ކަންތައްތައް މަނާކުރުމުގެ ވާހަކަ ޤުރުއާނާއި ހަދީޘްގެ އަލީގައި ޢިލްމުވެރީން ދެއްކެވީމަ، "ޠާލިބާނުންގެ ގޮތް ގެންނަން އުޅެނީއޭ" ، "ސަޢުދީ އަރަބިއްޔާގެ ގޮތްގަނޑު ފަތުރަން އުޅެނީއޭ" ނުވަތަ "ވައްޙާބީންގެ ގޮތްގަނޑު ފަތުރަން އުޅެނީއޭ" ބަޔަކު މީހުން ބުނަމުންދާ ކަމަށެވެ. އަދި މިއީ އިސްލާމްދީނަށް ނަފްރަތުކުރާ މީހުން ޢާއްމުކޮށް ދައްކާ އުޅޭ ވާހަކައެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޝައިޚް މިފަދައިން ވާހަކަފުޅު ދައްކަވާފައިވަނީ މިމަހު 9 ވަނަ ދުވަހުގެ ރޭ އއ.ތޮއްޑޫގައި އެމް.ޑީ.ޕީ އިން ބޭއްވި ޖަލްސާގައި އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭގެ ސްޓައިލަށް ރައީސުލްޖުމްހޫރިއްޔާ ނެއްޓެވުމަކީ އިސްލާމީ ޙުދޫދުތަކާއި، އަޚްލާޤީ މިންގަޑުތަކާއި އަދި ދިވެހި ޤައުމުގެ ވެރިކަމުގެ ކަރާމަތް ވެއްޔާއި މޮޑެލުން ކަމުގައި ޢަދާލާތު ޕާޓީން ބުނުމާއި ގުޅިގެން ރައީސްގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ނެށުމަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދޭ މައްސަލައެއް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ޝައިޚް ބީއޭ ނަސީމް ވަނީ މީގެ ކުރިން އެމް.ޑީ.ޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސްކަން ކުރައްވާފައެވެ. ޝައިޚް އެޕާޓީން ވަކިވެ ވަޑައިގެންނެވީ އެޕާޓީގެ ކަމާބެހޭ ފަރާތްތަކުން އިސްލާމްދީނުގެ ހަމަތަކާއި ޚިލާފަށް، މުޖްތަމަޢަށް ނުރައްކާތެރިގޮތެއްގައި ތަޢުލީމީ ނިޒާމް ރާވައި ތަންފީޛްކުރަމުންދާތީ އެކަމާމެދު ހިތްހަމަނުޖެހިގެންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...