ފިރިހެނަކަށް ޣައިރު މަޙްރަމް އަންހެނަކާ އަތާއަތް ޖޯޑުކޮށް ސަލާމްކުރުން އެއްވެސް ޙާލެއްގައި ހުއްދަވެގެންނުވެއެވެ. އޭގެ ދަލީލުތަކުގެ ތެރޭގައި ރަސޫލުﷲ صلى الله عليه وسلم ގެ ހަދީޘްފުޅެއްގެ މާނައިގައި ވެއެވެ." ބީހުން ހުއްދަ ނޫން އަންހެނެއްގެ ގައިގައި ބީހުމަށް ވުރެ ބޮލުގައި ދަގަނޑު މޮހޮރެއް ޖެހުން ވެސް އޭނާ އަށް ހެޔޮކަން ބޮޑުވެގެން ވެއެވެ." (މިޙަދީޘް ރިވާކުރައްވާފައިވަނީ އައްޠަބަރާނީ އަދި އަލްބައިހަޤީ)
ކައިވެނި ހުއްދަވާ މީހެއްގެ ގައިގައި ބީހުމަކީ އަތުން ކުރެވޭ ޒިނޭ ކަމުގައި ރަސޫލުﷲ صلى الله عليه وسلم ހަދީޘްފުޅުތަކުން ޘާބިތު ވެއެވެ. ވީމާ ހިލޭ އަންހެނަކާއި ފިރިހެނަކު އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ދީނީ ނައްޞުތަކުން ހުއްދަ ކަމެއް ނޫނެވެ.
މީހަކަށް ހެޔޮގޮތް ވިސްނައިދިނުމަށްޓަކައި މިކަހަލަ ވާހަކަ އެއް ބުނެފިނަމަ ޢާއްމުކޮށް އިވެނީ "ތިއުޅެނީ މާ ކަންބޮޑު ކޮށްލައިގެން، އަހަރެމެން ހިތުގަ ތިޔަކަހަލަ ނުބައި ޚިޔާލެއް ނުގެންގުޅެން، އަހަރުމެންގެ ހިތްސާފުވާނެ" މިފަދަ ބަސްތަކެކެވެ. މިހެން ބުނާ މީހުން ވިސްނާލަންޖެހޭ ކަމަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ ރަސޫލުﷲ صلى الله عليه وسلم އަށް ވުރެ ވަކިން ހިތްސާފު، ސީދާ، ތެދުވެރި އަދި ދީންވެރި ބޭކަލެއް މިބިން މަތީގައި ހަމަކަށަވަރުވެސް ނުވާނެ ކަމެވެ.
އަޅުގަނޑުމެން އުޅެން ޖެހޭނީ ﷲ އާއި ރަސޫލުﷲ صلى الله عليه وسلم އަންގަވާފައިވާ ގޮތަށެވެ. ރަސޫލުﷲ صلى الله عليه وسلم ޣައިރު މަހުރަމް އަންހެނަކާ އަތާ އަތް ޖޯޑުކޮށް ސަލާމެއް ދުވަހަކުވެސް ނުކުރައްވައެވެ.
އަލް މުމްތަޙަނާ ސޫރަތުގެ 12 އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އޭ ނަބިއްޔާއެވެ! إيمان ވެގެންވާ އަންހެނުން ކަލޭގެފާނުގެ އަރިހަށް بيعة ހިފުމަށް އަންނަ ހިނދު، އެކަނބަލުން اللًّه އާ އެއްވެސް އެއްޗެއް شريك ނުކުޅައުމަށާއި، އެކަނބަލުން ވައްކަން ނުކުޅައުމަށާއި، އެކަނބަލުން ޒިނޭ ނުކުޅައުމަށާއި، އެކަނބަލުންގެ ދަރިން ނުމެރުމަށާއި، އަދި އެކަނބަލުންގެ އަތްތަކާއި ފައިތަކާ ދެމެދަށް بهتان ދޮގު ވާހަކައެއް ހަދައިގެން ނުގެނައުމަށާއި (އެބަހީ: ނަހަލާލު ކުދިން حلال ކުދިން ކަމުގައި ނުހެދުމަށާއި) އަދި އެއްވެސް ހެޔޮކަމެއްގައި ކަލޭގެފާނަށް އެކަނބަލުން އުރެދިނުގަތުމަށް، ފަހެ، ކަލޭގެފާނު އެކަނބަލުންނާ بيعة ހިއްޕަވާށެވެ! އަދި އެކަނބަލުންނަށް ފާފަފުއްސެވުންއެދި ކަލޭގެފާނު اللَّه އަށް ދަންނަވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ." (60:12)
ޢައިޝާ رضي الله عنها ރިވާކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ބައިޢަތު ހިއްޕެވި އިރުވެސް އެއްވެސް ޣައިރު މަހުރަމް އަންހެނަކާ ސަލާމެއް ނުކުރައްވައެވެ. ޞަޙީޙް އަލްބުޚާރީގެ 4512 ވަނަ ޙަދީޘުން ޘާބިތު ވަނީ ރަސޫލުﷲ صلى الله عليه وسلم ބައިޢަތު ހިއްޕެވި އިރު އަނގަބަހުން ބައިޢަތު ޤަބޫލުކުރައްވައިފީމޭ ހަދީޘްފުޅު ކުރެއްވި ކަމެވެ. އެކަލޭގެފާނު ސަލާމެއް ނުކުރައްވައެވެ.
މިޒަމާނުގައި ހިލޭ އަންހެނަކާއި ފިރިހެނަކު އަތާއަތް ޖޯޑުކޮށް ސަލާމް ނުކޮށްފިނަމަ އެއީ އަނެއް މީހާއަށް ދެވޭ ޤަދަރު ކުޑަވަނީ ކަމުގައި ދެކެއެވެ. ނުވަތަ އެގޮތަށް ސަލާމް ނުކުރާނަމޭ ބުނެފިނަމަ އެއީ ޙައްދު ފަހަނައަޅާފައިވާ މީހެކޭ ބުނެއެވެ. އެގޮތަށް ސަލާމް ކުރުމުގެ ބަދަލުގައި އަނގަބަހުން السلام عليكم ورحمة الله وبركاته ބުނުމާއި އޭގެ ޖަވާބުގައި وعليكم السلام ورحمة الله وبركاته މިފަދައިން ބުނުމުން ފުދެއެވެ. އަދި އަތުގައި އަތާއަތް ޖޯޑުކޮށް ސަލާމް ނުކުރިއެއްކަމަކު އެއީ އަނެކާއަށް ދެވޭ ދެރައެއް ނޫނެވެ. އަޅުގަނޑުމެން މިގޮތުގައި ހިފަހައްޓައިފި ނަމަ މަޑުމަޑުން ހިލޭ އަންހެނުންނާ ހިލޭ ފިރިހެނުން އަތާއަތް ޖޯޑުކޮށް ސަލާމްކުރުމުގެ އިސްލާމްދީނާ ބީރައްޓެހި މި ޘަޤާފަތް އަޅުގަނޑުމެންގެ މުޖުތަމަޢުން ނެތިގެން ހިނގައިދާނެއެވެ.
އެކަމަކު މިއަދު މިފެންނަނީ ހިތާމަކުރަންޖެހޭ މަންޒަރުތަކެކެވެ. ޤައުމީ ޤުރުއާން މުބާރާތުގައި ވަނަ ވަނައަށް އަންނަ ފުރާފުރިހަމަވެފައިވާ އަންހެން ދަރިވަރުންނާ އަތާއަތް ޖޯޑުކޮށް ރާއްޖޭގެ ބައެއް ޝައިޚުން ވެސް ސަލާމް ކުރުމާއި، މިފަދަ އެހެން ރަސްމިއްޔާތު ތަކުގައި ވެސް ބައެއް އިސްވެރިން މިގޮތަށް ސަލާމް ކުރާ މަންޒަރެވެ. މިގޮތަށް މިކަން ތަކުރާރުވަމުންދާނަމަ ޢާއްމުންގެ ގިނަ ބަޔަކަށް މިކަމަކީ ބޮޑުކަމަކަށް ނުވާނެއެވެ. ނަތީޖާ އަކަށް ވާނީ މުޖުތަމަޢުގައި މިފަދަ ޙަރާމް ކަންތައްތައް އިތުރުވުމެވެ.
ޝައިޠާނާގެ ވަސްވާސްތަކުންނާއި ޒިނޭފަދަ ފާޙިޝް ކަންތައްތަކުން ސަލާމަތްވުމަށްޓަކައި މިފަދަ އެންމެހާ ފިތުނަވެރި ކަންކަމުން ދުރުހެލިވެ ތިބެންޖެހެއެވެ. އީމާންތެރިކަން ވަރުގަދަ ކުރަން މަސައްކަތް ކުރަން ޖެހެއެވެ.
ހިލޭ އަންހެނުންނާ ފިރިހެނުން އެއްބަޔަކު އަނެއް ބައެއްގެ ގައިގައި ބީހުމަކީ ޙަލާލު ކަމެއް ނޫނެވެ. ސަލާމް ކުރުމުގެ ނިޔަތުގައިވެސް ހިލޭ އަންހެނަކާ ހިލޭ ފިރިހެނަކު އަތާއަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެކެވެ. އަތާއަތް ޖޯޑު ކޮށް ސަލާމް ކުރުން ހުއްދަ ވަނީ އެޖިންސެއް އެޖިންސެއްގެ މީހުންނާއެވެ. އަދި މަޙްރަމް ފިރިހެނުންނާ މަޙްރަމް އަންހެނުންގެ ދެމެދުގައެވެ.
______
ނޯޓް : މި ލިޔުން ޗެކްކުރީ މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ ޝަފީޢު ޢަބްދުﷲ އެވެ.

















advertisment
ރައްޔިތުންނައް މިސާލަކައްވާންހުރި ރައީސް ނަޝީދަށް ހިލޭ އަންހެނުންނާ ސަލާންކުރުމަކީ ޚަރާމް ކަމެއްކަން އިންގޭއިރު އެއީ ލަވަޔާ މިއުޒިކާ ދެޖިންސު އެކުއެކީ ނެށުން ފަދައިން ދީނުގައި ޚިޔާލުތަފާތުވެފައިވާ ކަމަކަށް ހަދާތްން އަފްރާޝީމް ކަހަލަ ބޭފުޅުންގެ އަރިހުން ދީނީ ޚިޔާލު ހޯދައިގެން ރާއްޖޭންނާ ބޭރުން އެކިއެކި ހަފްލާތަކުގައި ހިލޭ އަންހެނުންނާ ސަލާންކުރާއިރު ތިއީ މާބޮޑުކަމަކައްވެފައެއް ނޯވޭ އަދާލަތުޕާޓީ ފަދަ ޕާޓީ ތަކުންވެސް ތިވާހަކައެއްނުދައްކާ؟
އައިޝާ މުނާއަށް : މިލިޔުމުގެ ދެވަނަ ޕެރެގްރާފް ފަށާފައިވާ ޢިބާރާތްކަމުގައިވާ (ކައިވެނި ހެޔޮނުވާ މީހެއްގެ ގައިގައި ބީހުމަކީ އަތުން ކުރެވޭ ޒިނޭ ކަމުގައި ރަސޫލުﷲ صلى الله عليه وسلم ހަދީޘްފުޅުތަކުން ޘާބިތުވެއެވެ.) މިޖުމްލާއިގެ “ކައިވެނި ހެޔޮނުވާ ” މިއީ ރަނގަޅު ގޮތެއްތޯ؟