ޙަސަދަވެރިކަމާއި ސިޙުރު ހާހޫރައިން ރާއްޖޭގެ އެތައްބަޔަކު ދަނީ ސުންނާފަތިވަމުންނެވެ. އެތައް ޒަމާނެއް ވަންދެން ޑޮކްޓަރީ ބޭސްތައް ބޭނުންކޮށް، ބޭހުގެ ސަބަބުން ހަށިގަނޑު ހަލާކުވާން ކައިރިވެފައިވަނިކޮށްވެސް، ޤުރުއާނުން ފަރުވާކޮށްގެން މިފަދަ ކިތައްމެ ބަޔަކުވަނީ ރަނގަޅުވެފައެވެ. ޑޮކްޓަރުން މުޅިން އުއްމީދު ކަނޑާލާފައިވާ ކިތައްމެކަމެއް މީގައި ހިމެނެއެވެ. ހަމައެކަނި ފަރުވާ އަކީ ޑޮކްޓަރީ ބޭހާއި ކައުންސިލިން އާއި، ބާރުގަދަ ނަފްސާނީ ބޭސްތަކެއްނޫނެވެ. އެއްމެ ރައްކާތެރި، ސައިޑް އިފެކްޓް ނުހިމެނޭ ފަރުވާ އަކީ ޤުރުއާނާއި ސުންނަތުގެ އަލީގައި ކުރެވޭ ފަރުވާއެވެ.
ކަން މިހެން އޮތްއިރު، މިއަދު ދިވެހިރާއްޖޭގައި ސިޙުރު ޖެހި ގޮތް ހުސްވަމުންދާ މީހުން ގިނަވާތީއާއި، މި ނުބައި ކަންތައް އިންތިހާއަށް ފެތުރެމުންދާތީ، ޤުރުއާނާއި ސުންނަތުގެ އަލީގައި ފަރުވާ ކުރާ ތަޖުރިބާކާރު ބަޔަކު ޖަމުޢިއްޔާއެއް ހެދުމަށް 19 ޖެނުއަރީ 2011 ގައި ވަނީ "މިނިސްޓްރީ އޮފް ހޯމް އެފެއާޒް" އަށް ހުށައަޅާފައެވެ. "ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް" ގެ ނަމުގައި ރަޖިސްޓްރީ ކުރުމަށް ހުށައެޅި މިޖަމުޢިއްޔާ އަކީ 2009 ވަނަ އަހަރުން ފެށިގެން ފޭސްބުކް ގްރޫޕެއް ގެ ގޮތުގައި ހިންގަމުން އަންނަ ގްރޫޕެކެވެ. މި ގްރޫޕުގެ ސަބަބުން މިހާތަނަށް މިފަދަ ކަންކަމުގައި ގޮތް ހުސްވެ، ހާސްވެ ކަންބޮޑުވެފައިވާ އެތައް ބަޔަކަށް ބޭނުންތެރި އެތައް މަޢުލޫމާތެއް ލިބި، އެތައް ފައިދާއެއް ކޮށްފައިވާކަން ގްރޫޕްގެ އާރޓިކަލްތަކާއި ކޮމެންޓްތައް ބަލައިލުމުން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. މީގެ ކުރިން ދުވަހަކުވެސް ދިވެހިރާއްޖޭގައި މިކަން އޮޅުންފިލުވައިދީ، ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ފޯރުކޮށްދެވިފައި ނުވާ ވަރަށް މި ގްރޫޕުން ވަނީ މީހުން ހޭލުންތެރިކޮށް މިފަދަ ކަންކަން މެދުވެރިވުމުން އަމިއްލައަށް ކަންތައްކުރާނެ ގޮތްތައް ބުނެދީ އެހީތެރިވެދީފައެވެ. މި ގްރޫޕުގައި މިހާރު 2100 އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.
"ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް" ގެ މުއައްސިސުންގެ ފަރާތުން މަޢުލޫމާތު ދެއްވި "އަޖްނާދު ޢަލީ" (ރާޤީއެއް) ވިދާޅުވި ގޮތުގައި ޖަމުޢިއްޔާއެއްގެ ސިފައިގައި މިމަސައްކަތް ކުރިއެރުވުމަށް ނިންމީ، އެތައްބަޔަކު މިކަމަށް އެދެމުން ދާތީއާއި، ސިހުރާއި ޖިންނީގެ ބަލިތަކުގައި ޑޮކްޓަރުންނަށް ދެވޭނެ މާބޮޑު އެހީތެރިކަމެއް ނޯންނާތީއާއި، އަދި ސިހުރު ހަދާ މީހުން ގިނަވެފައިވާތީ އާއި، ސިހުރު ޖެހުމުން ސިހުރުން ސިހުރު ބާޠިލުކުރުން ޢާއްމުވެފައި ވާތީއެވެ. އަދި މިފަދަ ކަންކަން ޖެހުމުން، ގޮތް ނޭނގޭ، މަކަރުން ލާރި ފޭރިގަންނަ މީހުން ކައިރިއަށް ނުގޮސް އަމިއްލައަށް ކުރެވޭނެ ކަންތައްތައް ދަސްކޮށް ދިނުމާއި، މިފަދަ ކަންކަމުގައި ދީނާއި އެއްގޮތަށް ފަރުވާ ކުރާމީހުނާއި، ސިޙުރުވެރިން ވަކިކުރަން ކޮންމެ ދިވެއްސަކަށްވެސް އެނގޭނެވަރު ކޮށްދިނުމަކީ އެންމެ ބޮޑު އެއް މަޤުސަދު ކަމުގައިވެސް އަޖްނާދު މަޢުލޫމާތު ދެއްވިއެވެ. އަދި މިކަން ކުރާނީ މިކަމުގެ ތަޖުރިބާ ހުރި ރާޤީންނާއި ދީނީ ޢިލްމުވެރިންގެ ބޭނުން ކޮށްގެން ކަމަށްވެސް ހާމަކުރެއްވިއެވެ. މިޖަމުޢިއްޔާގެ މަޤުސަދުތަކުގެތެރޭގައި، ސިޙުރުވެރިން އިސްލާޙުކުރަން މަސައްކަތް ކުރުމާއި، ރުޤުޔާ ޝަރުޢިއްޔާ ދަސްކޮށްދީ މީހުން ހޭލުންތެރިކުރުވުމާއި، އިސްލާމްދީނާ ޚިލާފަށް ހިންގާ ކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމާއި، ސިޙުރުން ސިޙުރު ބާޠިލުކުރުން ހުއްޓުވުމާއި، އިސްލާމްދީނާއި އެއްގޮތަށް ރުޤުޔާ ކޮށްދިނުން ހިމެނެއެވެ. މިއަދު ރާއްޖޭގެ ޙާލަތަށް ބަލާއިރު މިއީ ވަރަށްވެސް މުހިއްމު އަދި ފައިދާ ހުރި ކަމެއްކަން ކަށަވަރެވެ. އަދި އެތައްބަޔަކު މިއަދު ވަނީ މިފަދަ ބަޔަކަށް ބޭނުންވެފައެވެ.
ޖަމުޢިއްޔާގެ މުއައްސިސުންގެ ގޮތުގައި ހުށައަޅާފައިވަނީ، އައްޝައިޚް ޢަލީ އިބްރާހީމް، އަލްފާޟިލް އަޖްނާދު ޢަލީ، އަލްފާޟިލް އިސްމާޢީލް އަފްރާޙް އަދި އަލްފާޟިލް މުޙައްމަދު އިރުޝާދުއެވެ. 19 ޖެނުއަރީ 2011 ގައި ހުށައަޅާފައިވާ ފޯމަށް ލިޔުމުން ޖަވާބެއް ލިބިފައިވަނީ 7 ޖޫން 2011 ގައެވެ. ޖަވާބުގައިވަނީ "ޤާނޫނު ނަމްބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ދިވެހިރާއްޖޭގައި އެއްވެސް ޖަމްޢިއްޔާއެއް ހަދައި، ހިންގަންވާނީ، މި ޤާނޫނުގެ ދަށުން އެޖަމްޢިއްޔާއެއް ރަޖިސްޓްރީކޮށް، މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާ ގޮތުގެ މަތިންނެވެ" އަދި ޖަމްޢިއްޔާތަކާބެހޭ ޤަވާޢިދުގެ 7ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ޖަމްޢިއްޔާއެއް ހިންގުމަށް ހުއްދަ ދިނުމުގައި ބަލާނީ އެޖަމްޢިއްޔާއަކުން ހިންގުމަށް ހުށަހެޅިފައިވާ، ޙަރަކާތްތަކާގުޅޭ ސަރުކާރުގެ ދާއިރާގެ ތެރޭގައި ގެންގުޅޭ އުސޫލުތަކަށާއި، ތަރައްޤީގެ ޕްލޭންތަކަށާއި އަދި ޖަމްޢިއްޔާގެ ޙަރަކާތްތައް އަމާޒުކުރެވޭ ފަރާތްތަކަށާއި، މީހުންނަށް ލިބޭނެކަމަށް ފެންނަ ފައިދާގެ މައްޗަށެވެ." މިގޮތުން ތިޔަފަރާތުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ޖަމްޢިއްޔާގެ މަޤަސަދުތަކުގެ ތެރޭގައި ހިމެނިފައިވާ ކަންތައްތަކަށް ބަލާއިރު، އެކަންތައްތަކަކީ ސަރުކާރުގެ އެއްވެސް އިދާރާއަކުން އުޞޫލެއް ކަނޑައެޅިފައިވާ ކަންތައްތަކެއް ނޫނެވެ. އަދި އެފަދަ ކަމަކާއި ގުޅޭ ޤާނޫނެއް، ޤަވާޢިދެއް އަދި އުސޫލެއްވެސް މިހާތަނަށް ޝާއިޢުކުރެވިފައެއް ނުވެއެވެ. އަދި ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާއާއި ޖަމްޢިއްޔާތަކާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާއަށް ބެލުމުން "ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް" ގެ ނަމުގައި ރަޖިސްޓްރީކުރަން ހުށަހެޅިފައިވާ ޖަމްޢިއްޔާ ރަޖިސްޓްރީކުރުމުގައި ޤާނޫނީ ފުށުއެރެންތަކެއްވާކަން ފާހަގަކުރެވެއެވެ.
ވީމާ "ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް" ގެނަމުގައި ތިޔަފަރާތުން ރަޖިސްޓްރީކުރުމަށް ހުށަހަޅުއްވާފައިވާ ޖަމްޢިއްޔާ ރަޖިސްޓްރީ ކޮށްދެވެން ނެތްވާހަކަ ދެންނެވީމެވެ" މިފަދައިންނެވެ. މިސިޓީގައި ސޮއިކޮށްފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ޒިއްމާވާ ވެރިއެއްގެ ނަން ނެތި ހަމައެކަނި ސޮޔަކާއި ތައްގަނޑެވެ.
ޖަމްޢިއްޔާގެ މުއައްސިސުން ވިދާޅުވާގޮތުގައި މިއީ ޤަބޫލުކުރެވޭފަދަ ބަހަނާއެއްނޫނެވެ. ޤާނޫނީ ބޭފުޅުން ވިދާޅުވާގޮތުގައި ޤާނޫނުގައި ނުވަތަ އިދާރާއެއްގައި އެކަމެއް ކަނޑައެޅިފައި ނެތުމަކީ އެކަމެއްކުރުމަށް އެޅޭނެހުރަހެއް ނޫންކަމަށެވެ. އަދި އެވިދާޅުވާފަދަ ޤާނޫނީ ފުށުއެރުމެއް މިޖަމްޢިއްޔާ ރަޖިސްޓްރީ ކުރުމުގައި ނުވާކަމަށެވެ.
މިޖަމްޢިއްޔާ ހިމެނެނީ ދީނީ ކަންކަމާ ގުޅޭ ޖަމްޢިއްޔާއަކަށްވާތީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ލަފައަކަށް އެދުމުން އިސްލާމިކް އެފެއާޒްއިންވަނީ އެކަމުގައި އެއްވެސް މައްސަލައެއްނެތްކަމަށް ޖަވާބުދެއްވާފއިކަން އެނގޭކަމަށްވެސް އަޖްނާދު ވިދާޅުވިއެވެ. އެހެންނަމަވެސް ރަޖިސްޓާރ ގެ ޚިޔާލާ ފުށުއަރާކަމަކަށް ވާތީ ދައްކާނެ ބަހަނާއެއްނެތިގެން ރީތިބަހުން ޖޯކެއްލިޔެފައި ޖަވާބެއްގެ ގޮތުގައި ފޮނުވީ ކަމަށްވެސް އަޖްނާދު ސިފަކުރައްވައެވެ. އަދި މިކަމަކީ ދީނީ ކަމަކަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނުބުނާގޮތުން އިސްލާމްދީނާއި ދިވެހި ޤާނޫނުގައި މަނާނުކުރާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށްވެސް ލިބިގެންވެއެވެ.
އެހެންކަމުން މިމައްސަލާގައި ބެލެވެނީ މިއީ ވަރަށް ޚުދުމުހުތާރު އަދި ތާކުންތާކު ނުޖެހޭ ގޮތަކަށް ނިންމާފައިވާ ނިންމުމެއްކަމުގައެވެ. ދީނުގައި ރުޤުޔާގެ ޙުކުމް ހިމެނެނީ ކިފާޔަތުގެ ފަރުޟެއްގެ ގޮތުގައިކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އަޖްނާދު މަޢުލޫމާތު ދެއްވި ގޮތުގައި ފުންނާބުއުސް ދީނީ ޢިލްމުވެރިން، މިޖަމްޢިއްޔާގެ މަޤަސަދުތަކުގައިވާ ގޮތަށް ރުޤުޔާ ޝަރުޢިއްޔާއާއިބެހޭ ޖަމްޢިއްޔާއެއް ހިންގުމަކީ ދީނީގޮތުން މައްސަލައެއް ނޫންކަމަށާއި، މިއަދު ރާއްޖޭގެ ޙާލަތު ހުރިގޮތުން އެދެވިގެންވާ ކަމެއްކަމުގައި އެއްބަސްވެލައްވާ ސޮއެކުރައްވާފައިވާ ލިޔުމެއްވެސް ހޯމްއެފެއާޒަށް ހުށައެޅިކަމުގައެވެ. މިހުރިހާ އެއްޗަކަށް ފުރަގަސްދީ މިޖަމްޢިއްޔާ ރަޖިސްޓްރީ ނުކޮށްދިނުމަކީ ވަރަށް ލާދީނީ ފިކުރަކަށް ކޮށްފައިވާ ކަމެއްކަމުގައި ދެކޭކަމަށްވެސް އަޖްނާދު ވިދާޅުވިއެވެ. އަދި މިމަސައްކަތް ހުއްޓާނުލާނެކަމަށާއި ޤާނޫނީ އިމުގެތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށްވެސް އަޖްނާދު ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...