ރިޕޯޓް ހިތުގެ “ނަޣްމާ” ދުނިޔަވީ ވަޒަނާއި ހަމަނުކުރާށެވެ!

ހިތުގެ “ނަޣްމާ” ދުނިޔަވީ ވަޒަނާއި ހަމަނުކުރާށެވެ!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަފޫ

"އަހަރެން ދޫކޮށްފައި އެދިޔައީ ކީއްވެހެއްޔެވެ؟" މިއީ ހިތްދަތިކަމާއި ހިތާމައިން ފުރިގެންވާ ވޭނީ ސުވާލެކެވެ. ތިމާގެ ހިތުގެ އަޑިން އިންތިހާއަށް ލޯބިވާ، އެމީހަކާއި އެކުގައިވުމަށް ހިތް އެދި، ރޮމުންދާ މީހަކު ތިމާ ދޫކޮށް ދިއުމުން އަމިއްލަ ނަފްސާއި ކޮށްލެވޭ ސުވާލެކެވެ. ޙަޤީޤަތަކީ، މިއީ މިވަޤުތީ ޢާލަމުގެ ފިތުރަތާއި ގުޅިފައިވާ ސުވާލެއް ކަމެވެ. މިއީ، ދުވަހަކު ވެސް ތިމާ ދޫކޮށް ނުދިއުމަށް ވަޢުދުވަމުން، އެންމެ ލޯބިން، އެންމެ ގާތުގައި އުޅޭ މީހުން މާދަމާ ތިމާ އާއި ދުރަށްދާނޭ "ދުނިޔެ" އެވެ. މިޙަޤީޤަތް އަހަރުމެންގެ ހިތްތަކަށް "ދަތިކަން" ދެނީ، އަހަރުމެން އިންސާނުންނަކީ ދާއިމަށް ލޯތްބާއި އުފާ ލިބުމަށް ކެނޑިނޭޅި އެދެމުންދާ ބައެއްކަމުގައި ވާތީއެވެ. އެހެނީ އަހަރުމެންގެ ފިޠުރަތަކީ، ތާއަބަދަށް އަރާމާއި ބާއްޖަވެރިކަމަށް އެދުންވެރިވެ، އެކަމަށްޓަކައި މަސައްކަތްކުރުމެވެ.

އިންސާނީ އެދުންވެރިކަމަކީ، އުޚްރަވީ ބާއްޖަވެރިކަމަށް އޭނާ ކުފޫ ހަމަވެގެން ވުމާއި ނުވުން އޭނާއަށް ޘާބިތުކޮށްދެއްވުމަށްޓަކައި އޭނާއަށް ކުރިމަތިކުރައްވާފައިވާ އިމްތިހާނެއްކަމުގައި މެނުވީ ނުވެއެވެ. މިއިމްތިހާނުގެ ނަތީޖާ އަކީ އަހަރުމެންނަށް ނިމުމެއްނުވާ ދާއިމީ ޙަޔާތެކެވެ. އަހަރުމެންގެ "ފެށުން" އެތަނަކުން އައިސްފައިވާ ޙަޤީޤީ ގޮވައްޗަކީ ސުވަރުގެއެވެ. އެހެންކަމުން އަރާމާއި އުފާ "އަތުން ބީވެ ނުދިއުމަށް" އެދި ނަފްސު ރޯރުއިމަކީ، އިންސާނީ ފިޠުރީ ތަބީޢަތެވެ. ނަމަވެސް މައްސަލަ އަކީ، މިފަނާވަނިވި، އުނި ޢާލަމުން އެދާއިމީ ބާއްޖަވެރިކަން ހޯދުމަށް އެދުންވެރިވެވުމެވެ. އަހަރުމެން ޒުވާންކަމާއި ތާޒާކަންމަތީ ތާއަބަދަށް ދެމިތިބުމަށްޓަކައި ފާޑުފާޑުގެ "އޭޖްލެސް ކްރީމްތައް" ބޭނުންކޮށް، ކޮސްމެޓިކް ސަރޖަރީތައް ހަދަމުއެވެ. މުއްސަނދިކަމާއި ތަނަވަސްކަން އަތުން ދޫވިޔަނުދިނުމަށްޓަކައި، އެންމެ ފައިސާ ފޮއްޗެއް ވެސް ދޫނުކޮށް، ލިބެން އޮތް ކޮންމެ ދިމާއަކުން ދެވަނަ ފައިސާ ފޮތި ވެސް އެއްކުރަމުއެވެ. މީހުންގެ ކުރިމަތީގައި ނަން އުފުލާ، ޤަދަރު ހިފެހެއްޓުމަށްޓަކައި ކުރެވުނުހާ ކަމެއްކުރަމުއެވެ. މިގޮތަށް، މިފަނާވަނިވި ޢާލަމްގައި ދާއިމަށް ފުރިހަމަކަންމަތީ، އުފަލާއި އަރާމުގައި ދެމިތިބުމަށްޓަކައި ކިތައްމެ މަސައްކަތެއް ކުރިނަމަވެސް، މިއީ ދާއިމީ ސުވަރުގެ ކަމުގައި ހެދޭނެބާއެވެ؟

އަހަރުމެންގެ ހިތްތައް އެހާފަސޭހައިން "ހަލާކުވެ"، ފުނޑުފުނޑުވެގެން ދަނީ، މިބޭވަފާތެރި އަވާމެންދުރެއް ފަދަ ދުނިޔެއަށް އެހިތްތައް ހަދިޔާ ކުރެވޭތީއެވެ. މިވަޤުތީ ކުލަވަރުގެ އަވައިގައި ޖެހި، ދާއިމީ ފާގަތިކަން އުޚްރަވީ ފަރުދާގެ ފުރަގަހުގައި ހަނާއަޅައަޅާހުރިކަން ހަނދާން ނެތޭތީއެވެ. މިދުނިޔެއަކީ ވޭންދެނިވި ތަނަކަށްވަނީ މިތާނގައި އަބަދަށް ދާއިމްވުމުގެ އުންމީދު ކުރެވޭތީއެވެ. މިތަނުން އުފަލާއި ލައްޒަތު ހާސިލްކުރުމުގެ  ފޮނި ހުވަފެން ދެކެވޭހާ ހިނދަކު، މިދުނިޔެ އަހަރުމެންގެ ހިތްތަކަށް އަނިޔާދިނުން ހުއްޓައެއް ނުލާނެއެވެ.

ގިނަ ބަޔަކަށް ހީވެފައި އޮންނަނީ، މާއްދިއްޔަތަށް ގޮސް ހުސްވުމަކީ ހަމައެކަނި ދުނިޔެއަށް ލޯބިކޮށް އާޚިރަތުގެ މަތިން ހަނދުމަނެތިކުރުންކަމުގައެވެ. މުއްސަނދިކަމާއި މަޤާމާއި ރީތިކަން ފަދަ މާއްދީ އެދުންތަކަށް ލޯބިކުރުން ކަމުގައެވެ. އެހެންކަމަށް ވާނަމަ މީހުންނާއި، ވަޤުތުތަކާއި، އިޙްސާސްތައް މާއްދިއްޔަތުގެ ތެރޭގައި ހިމެނޭނެބާއެވެ؟ ލޯބިވާ މިތުރުން ގެއްލިދިއުމުން ހިތަށް ލިބޭ ވޭނަކީ މާއްދިއްޔަތަށްޓަކައި ކުރެވޭ ލޯތްބެއް ނޫންބާއެވެ؟ އެމީހުންނާއި އެކު ޙިއްޞާކުރި ޖާދުވީ  ވަޤުތުތަކާއި، އެފޮނި އިޙްސާސްތަކުގެ ހަނދާންއާވުމުން ލޮލުން އޮހޮރޭ ކަރުނައަކީ މިދުނިޔެއަށްޓަކައި އެޅޭ ކަރުނައެއް ނޫންބާއެވެ؟

އަހަރުމެންގެ ވަށައިގެންވާ މީހުންނަށް ބަރޯސާ ވެވެނީ، އެމީހުންނާއި ދޭތެރޭގައި އޮންނަ ގުޅުންތަކަށް އިތުބާރުކުރެވި، އެމީހުންގެ އަތްމައްޗަށް ހިތް އެއްކޮށް ދޫކޮށްލެވޭ ހާލުގައެވެ. ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް، "އަލްވަދާޢު"ގެ ވަޤުތު އައިސް ޖެހިއްޖެނަމަ ހިތާމައިން ހިތް ފުރި ބަންޑުންވެގެންދަނީ، އެގުޅުންތަކާއި ނުލާ ދިރިހުންނަން ބޭނުންނުވާ މިންވަރަށެވެ. އިންސާނުންގެ ޙައިޞިއްޔަތުން އުންމީދުކުރުމާއި އިތުބާރުކުރުމަކީ އަހަރުމެންގެ ކުށެއްކަމުގައެއްނުވާނެއެވެ. ބޭވަފާތެރި ދުނިޔޭގެ ކެހިވެރި ދަންތުރައިގެ ވޭނާއި ތަދު އުފުލަން ޖެހެނީ، އެއިތުބާރު ކުޅަދުންވަންތަ ރަސްކަލާނގެ އާއި މެދު އޮންނަ ޔަޤީންކަމަށް ވުރެ ބޮޑުވެ، އެއުންމީދުތައް ދާއިމީ ބާއްޖަވެރިކަން ލިބެނިވި ސުވަރުގެއިން އެކަލާނގެ އުޖާލާވެގެންވާ ވަޖްހުފުޅާއި ބައްދަލްވުމަށް އޮންނަ އުންމީދަށްވުރެ މަތީ އެއްޗަކަށް ވުމުންނެވެ.

މާތްﷲގެ މިވަޢީދުގެ ބަސްފުޅާއި މެދު ވިސްނަވާލައްވާށެވެ!

ޔޫނުސް ސޫރަތުގެ 7 ވަނަ އާޔަތް (10:7) އަދި ޔޫނުސް ސޫރަތުގެ 8 ވަނަ އާޔަތް (10:8)

މާނައީ : " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާއި ބައްދަލްވާން ނޭދޭ، އަދި ދުނިޔޭގެ ދިރިއުޅުމަށް ރުހި، އަދި އެކަމަށް ހިތްހަމަޖައްސައިގެން ތިބެ ތިމަންރަސްކަލާނގެ އާޔަތްތަކާއި މެދު ޣާފިލްވި މީހުން (ދަންނާށެވެ!) އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. އެއީ އުރެން ކުޅަ ޢަމަލްތަކުގެ ސަބަބުންނެވެ."

މިތަނުގައި ހުރިހާކަމެއް ފުރިހަމަކުރުމުގެ ޚިޔާލު، މާތްﷲ އާއި ކުއްތަންވުމަށް އޮންނަ އުންމީދުގެ މައްޗަށް ގަދަވެގަނެފިނަމަ، ތިމާގެ އުންމީދުތައް ވަނީ މާއްދިއްޔަތާއި ދުނިޔެވީ އެދުންތަކާއި އެކުގައެވެ. މާނައަކީ ދުނިޔެއަށް ބަރޯސާވުން ކުޑަކުރުމެވެ. ރަޙްމަތްތެރިން ތިބިނަމަވެސް އެމީހުން ތިބާގެ ހިތް ފުރާލަދޭނެކަމަށް ހީނުކުރާށެވެ! ޒަވާޖީ ދިރިއުޅުމެއް ފެށުމަށްފަހުގައި ޙަޔާތުގެ ބައިވެރިޔާ ތިމާގެ ހުރިހާ އެދުންތަކެއް ފުރިހަމަ ކޮށްދޭނެކަމުގައި އުންމީދު ނުކުރާށެވެ! ވޭނާއި ކެކުޅުމުގެ ވަޤުތުގައި އަމިއްލަ ނަފްސުގެ މައްޗަށް ބަރޯސާ ނުވާށެވެ! ތިބާގެ ބަލަދުވެރިޔަކީ ހަމައެކެނި ﷲ ކަން ހަނދުމަކޮށް، އެކަލާނގެ އަށް ވަކީލްކުރުން މަތީ ދެމިހުންނާށެވެ!

މީހުންގެ އެހީއަށް އެދުނު ނަމަވެސް ކުޅަދުންވަންތަ މަތިވެރި ﷲ ފިޔަވާ އެހެން ފަރާތަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ހަނދާނުގައި ބަހައްޓާށެވެ! ކޮންމެ ކަމެއް މެދުވެރިވުމުގައި ވެސް  ސަބަބުތަކަކާއި ޙިކުމަތްތަކެއް ވާނޭކަން ދަންނާށެވެ! އެއްވެސް ކަމަކީ "ހަމަ ހުރެފައި ވީކަމެއް" ނޫނެވެ. ގެއްލުމާއި، ހަލާކާއި، ހިތާމަ އާއި ހިތްދަތިކަމަކީ މީހަކަށް ތިމާއަށް މެދުވެރިކުރެވޭނެ ކަމެއް ނޫނެވެ. އެއީ ޣައިބުގެ ޢިލްމު ލިބިވޮޑިގެންވާ ސަމީޢުވަންތަ، ބަޞީރުވަންތަ ރަސްކަލާނގެ ތިމާ އުފަންވުމުގެ މާކުރިން ތިމާއަށްޓަކައި ކަނޑައަޅުއްވާ ތަޤުދީރުގައި ލިޔުއްވާފައިވާ ގޮތެވެ.  ތިމާގެ އަމިއްލަ ނަފްސާއި މެދު ނުރުހި، އަމިއްލަ ހާލާއި މެދު ހިތާމަކުރި ނަމަވެސް އެއީ ތިމާއަށް ހުރި އެންމެ ފައިދާބޮޑު ގޮތްކަން އެކަލާނގެ މޮޅަށް ދެނެވޮޑިގަންނަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ އަހަރުމެންނަށް ނޭގޭ ކަންތައްތަކުގެ ޢިލްމު އެންމެ ފުރިހަމައަށް ލިބިވޮޑިގެންވީ ރަސްކަލާނގެއެވެ.

ދިމާވާ ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ޙިކްމަތްތަކެއް ވާނޭކަން ދަންނަން ޖެހެއެވެ. ހިތްދަތިކަމާއި، ވޭނަކީ އަހަރުމެންގެ މައްޗަށްވާ ފިލާވަޅުތަކަކާއި ޢަލާމާތްތަކެއް ކަމުގައި މެނުވީ ނުވެއެވެ. އެއީ އަހަރުމެންގެ ޢަމަލްތައް ބަދަލްކުރަން ވެއްޖެކަމުގެ އިންޒާރެކެވެ. އަލިފާނަށް އަތްލުމުން އަތްފިހުމަކީ އަތްތިލަ އަލިފާނާއި ދުރުކުރަން ވެއްޖެކަމުގެ އިންޒާރަކަށް ވާފަދައިން ނަފްސާނީ އަނިޔާ އަކީ، އަހަރުމެންގެ ޝުޢޫރުތައް ކޮންޓްރޯލްކުރަން ވެއްޖެ ކަމުގެ އިންޒާރެކެވެ. ލޯބިވާ މީހެއްގެ ފަރާތުން ހުއްޓުމެއް ނެތި ލިބޭ ހިތްދަތިކަމަކީ އެމީހަކާއި ދުރުހެލިވާންވީކަމުގެ އިންޒާރެކެވެ. މިފަދަ ކޮންމެ ތަދަކީ މިއަނިޔާވެރި ދުނިޔެ އަހަރުމެންނަށް ދޭ އަނިޔާއެވެ. އަނިޔާއަކީ އެއަނިޔާއެއް ލިބުމަށް މެދުވެރިވާ ސަބަބާއި ދުރުހެލިވުމަށް ގޮވާލެވޭ ގޮވާލެވުމަކަށް ވާހިނދު، ދުނިޔަވީ ކޮންމެ ހިތްދަތިކަމަކީ ދުނިޔެ އާއި މާއްދިއްޔަތަށް ލޯބިކުރުން ހުއްޓާލުމަށް ލިބޭ އިންޒާރެއްކަމުގައި ނުވެ ނުދާނެއެވެ.

ކީރިތިރަސޫލާ ސުވަރުގެ ވަޑައިގަތުމާއި ވިދިގެން މުސްލިމުންގެ ހިތާމައާއި ހިތްދަތިކަން އިންތިހާއަށް ދިޔަ ހިނދު، މުސްލިމް އުންމަތާއި މުޚާތަބްކުރައްވާ އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން މުޙައްމަދުގެފާނަށް އަޅުކަން ކުރާނަމަ، އެކަލޭގެފާނު އަވަހާރަވެއްޖެކަން ދަންނާށެވެ! ނަމަވެސް ތިޔަބައިމީހުން ﷲއަށް އަޅުކަންކުރާނަމަ ދަންނާށެ! އެކަލާނގެއީ ނިމުމެއްނުވާ ރަސްކަލާނގެއެވެ."

ޓެގް

ދީން ޝުޢޫރު ޙާލަތު ދުނިޔެ މާއްދިއްޔަތު އަނިޔާ ރޫޙާނިއްޔަތު ނަފްސާނީ ހައްލު ފަރުވާ ލޯބި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.