ނޭޓޯއިން އިއްޔެ ލީބިޔާގެ ވެރިރަށް، ތުރާޕުލުސްއަށް ދިން ވައިގެ ހަމަލާތަކުގައި 31 މީހުން މަރުވެފައި ވާކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި އިއްޔެ އެކަނިވެސް ތުރާޕުލުސް އަށް 60 މިސައިލް ހަމަލާ ނޭޓޯއިން ވަނީ ދީފައެވެ. އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުންވެސް މަރުވެފައިވާކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވަމުން މޫސާ އިބްރާހިމް ހާމަކުރެއްވި ގޮތުގައި އިއްޔެ ތުރާޕުލުސްއަށް ދިން ހަމަލާތަކަކީ، މިހާތަނަށް ނޭޓޯއިން ހަނގުރާމަ ފެށިފަހުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އަދި، ނޭޓޯއިން އެއްވެސް ހަމައެއް ލަމައެއް ނެތި މިސައިލް ހަމަލާ ދީ އާންމުން މަރަމުން ދާ މަންޒަރު ބަލަން ދުނިޔެ ނިދާފައި އޮންނާތީ އަޖައިބު ވާކަމަށްވެސް މޫސާ އިބްރާހިމް ހާމަކުރެއްވިއެވެ.
ފާއިދުވެ ދިޔަ ދެ ހަފްތާ ތެރޭ، މުއައްމަރުލް ގައްޒާފީގެ ގަނޑުވަރުކޮޅު ހުންނަވާ ބާބުލް އަޒީޒިއްޔާ ޑިސްޓްރިކްޓަށް އަންނަނީ ކޮންމެ ދުވަހަކުހެންވެސް މިސައިލްގެ ހަމަލާތަކެއް ދެމުންނެވެ. އިއްޔެގެ ހަމަލާތަކަށްފަހު އިނގިރޭސި ވިލާތުގެ ދިފާއީ ބާރުން ބުނެފައިވަނީ، ލީބިޔާގެ ސިއްރު ފުލުހުންގެ މައި މަރުކަޒަކަށާއި، އަދި ސިފައިންގެ މުހިންމު ތަނަކަށް ހަމަލާދީފައިވާނެކަމަށެވެ.
އިއްޔެ ނޭޓޯއިން ދިން ވަރުގަދަ ހަމަލާއަށްފަހު ގައްޒާފީގެ ހިޠާބެއް ވަނީ ޤައުމީ ޓީވީން ދުރަށް ދައްކާފައެވެ. 9 މިނެޓުގެ އެ ހިޠާބުގައި ގައްޒާފީ ބުނެފައިވަނީ އޭނަ އަމާން ނުދޭނެ ކަމަށާއި، އޭނަ ކަންކުރާނެ އޮތީ އެންމެ ގޮތެއްކަމަށެވެ. އެއީ، ކޮންމެވެސް އެއްގޮތެއް ވާންދެން ޤައުމުގައި ސާބިތުވެ ހުރުންކަމަށެވެ.
"އަހަރުމެންނަށް އޮތީ އެންމެ ގޮތެއް. އެއީ ކޮންމެވެސް އެއްގޮތެއް ވާންދެން ސާބިތުވެ މި ޤައުމުގައި ތިބުން. އަހަރުމެން މަރުވިޔަސް، ސަލާމަތްވިޔަސް ފަރުވާލެއް ނެތް. އަހަރުމެން މި ޤައުމު ދޫކޮށްފައެއް ނުދާނަން. އަދި މި ޤައުމު ވިއްކައެއްވެސް ނުލާނަން" ގައްޒާފީގެ ހިޠާބުގައި އޭނާ ބުނެފައިވެއެވެ.
ނޭޓޯއިން ލީބިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ފެށީ ސަރުކާރުން އާންމު ރައްޔިތުންނަށް ހަމަލާ ދެމުން ދާތީ އާންމު ރައްޔިތުން ސަލާމަތް ކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް ފާޑު ކިޔާ ފަރާތްތަކުން ބުނަމުން ދަނީ، ނޭޓޯއިން ހަމަލާ ދޭން ފެށި ފަހުން އާންމުންނަށް ލިބެމުން ދާ ގެއްލުން މާ ބޮޑު ކަމަށެވެ. އަދި، އެމެރިކާ އިސްވެ އޮވެ އެ ހަމަލާތައް ފެށުމުގެ ހަޤީޤީ މަޤްޞަދާމެދު ސުވާލު އުފެދޭކަމަށެވެ. އެ ފަރާތްތަކުން ބުނަމުން ދާ ގޮތުގައި، އެމެރިކާގެ މަޤްޞަދަކީ ލީބިޔާގައި އޮތް ބިޔަ ތެލުގެ ރިޒާވް އެމެރިކާގެ އަތްދަށަށް ގެނައުމެވެ.

















ޚިޔާލު