ދުވާލަކު 7000 މީހުންނަށް މިހާރުވެސް އެއިޑް ޖެހޭކަމަށް އ.ދ. ގެ ދިރާސާއަކުން ދައްކައިފިއެވެ. އ.ދ ގެ އެއިޑްސް އެޖެންސީން ކުރި ދިރާސާ ބުނާ ގޮތުން، 2010 ވަނަ އަހަރު ނިމުނު އިރު އެއިޑް ޖެހިފައިވާ 34 މިލިއަން މީހުން ދުނިޔޭގައި ތިއްބެވެ. އަދި އެއިޑް ގެ ވަބާ ފެތުރެން ފެށިފަހުން މިވީ 30 އަހަރު ދުވަހުގެ ތެރޭ، 30 މިލިއަން މީހުން މި ބަލީގައި މަރުވެފައިވެއެވެ.
ދުނިޔޭގައި އެއިޑްސް ބަލި ޖެހިފައިވާ 34 މިލިއަން މީހުން ތިބި އިރު އޭގެ ތެރެއިން ދެ ބައި ކުޅަ އެއްބައި މީހުންނަށް، އެމީހުންނަށް އެއިޑް ޖެހިފައިވާކަން ނޭންގޭކަމަށް ދިރާސާއަށްފަހު ނެރުނު ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވެއެވެ. މި ރިޕޯޓު ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އ.ދ ގެ އެއިޑްސް އެޖެންސީގެ އެކްޒެކެޓިވް ޑިރެކްޓާ، މިޝެލް ސިޑިބެ ވިދާޅުވި ގޮތުގައި، ދިރަސާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، އެއިޑް ފެތުރުން ހުއްޓުވުމަށްޓަކައި އެންމެ މުހިންމު ކަމެއް ދީގެން ކުރަން ޖެހޭ އެއް ކަމަކީ، ފަސޭހައިން ޓެސްޓުތައް ހެދޭނެ މަގު މީހުންނަށް ފަހިކޮށްދިނުމެވެ.
އ.ދ ގެ މައި އިދާރާގައި ކުރިޔަށް މިއޮތް ހަފްތާ ތެރޭ އެއިޑްސް އާ ބެގޭ ސަމިޓެއް ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް ނެރުނު މި ރިޕޯޓުގައި އ.ދ ގެ ސެކެއްޓްރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެފައިވަނީ، އެއިޑްސް ބަލި ފެތުރެމުން ދާ ނިސްބަތާއި، އެ ބަލީގައި މީހުން މަރުވަމުން ދާ ނިސްބަތް މަދުކުރެވިފައި ވާނަމަވެސް، ފާއިތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭ ފުރަތަމަ ފަހަރަށް، އެއިޑްސް ބަލި ކޮންޓްރޯލް ކޮށްފައި ބޭއްވުމަށް ބޭނުންވާ ވަސީލަތްތައް ލިބޭ މިންވަރު މަދުވެފައި ވާކަމަށެވެ.
ރިޕޯޓުގައި ބުނާ ގޮތުން، އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެއިޑްސް ޖެހިފައިވާ މީހުން އެންމެ ގިނައީ އަވަށްޓެރި އިންޑިޔާގައެވެ. އަދި އެފްރިކާ ބައްރުން މި ބަލި އެންމެ ގިނަ މީހުންނަށް ޖެހިފައިވަނީ ދެކުނު އެފްރިކާގައެވެ. އޭޝިއާގެ ލިސްޓުގެ އެންމެ ކުރީގައި އިންޑިއާ އޮތް ނަމަވެސް އިންޑިއާގައި އެއިޑްސް ފެތުރެމުން އަންނަ ނިސްބަތް މިހާރު 50 އިންސައްތަ ދަށްކޮށްފައިވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

















ޚިޔާލު