އަހަރެންނަކީ ކޮންފަދަ ނުބައި ނުލަފާ އިންސާނެއްހެއްޔެވެ؟ އަހަރެންގެ އުމުރުން 22 އަހަރު ދުވަސް މި ހޭދަކޮށްލީ ދުނިޔެވީ އެދުންތަކާއި ހެއްލުންތެރިކަމުގެ ދަލުގައި ކަސްތަޅު އެޅި ބަނދެވިގެންނެވެ. ދުނިޔޭގެ އުފަލާއި އަރާމުގައި ޣަރުގެވެގެންނެވެ. މިސްރާބެއްނެތި ދަތުރުކުރި އޮޑި ޖެހުމެންދިޔަ އޮޔާއި ވައިގެތެރެއަށް ބެހިގެންދިޔަ ފަދައަކުންނެވެ. ނަމަވެސް އެއްވެސް އުފަލަކާއި އަރާމެތްނެތި ތާ އަބަދު ނުތަނަވަސްކަމުގެ ކިއްލާގެ ތެރޭގައި އުޅެމުންދިޔަ މި ނިކަމެތި އިންސާނާއަށްﷲ ގެ ރަޙުމަތުން އަމާން ބަނދަރުގެ މަލަ މަތި އުދަރެހުން ފެނުނުކަމަށްޓަކައި ގަދަ ކީރިތިވަންތަ ޖައްބާރުވަންތަ ﷲ އަށް ޙަމްދުކުރަމެވެ.
އަހަރެން މަޤުފުރެދިގެންދިޔުމެގެ އަސްލަކީނުބައި ނުލަފާ ރައްޓެހިންތަކެއް އަހަރެންގެ ހަޔާތުގެ ގާތް އެކުވެރިންކަމުގައި ދުށުމެވެ. އެމީހުން އެބުނާ “ގަޓް” ދައްކާލުމުގެ ހިތި ނަތީޖާއެވެ. އަހަރެންގެ އެކުވެރިންނަކީ ދުވާލު ހަތަރުދަމު “ވައި ބުރު” ޖެހުމާއި މީހުންނަށް ޖެއްސުންކުރުމާއި ޒުވާން އަންހެންކުދިންނާ ފޮށުމުގައި ހޭދަކުރަމުންދާބައެކެވެ. އަދި އެމީހުންނަކީ އެވަރުންނުވެގެން ފާޙިޝް އަމަލަތަކުގެ މަސްތުގައި މުޅި ދުވަސް ދުއްވާލުމުން ދާ ބައެކެވެ. ރައްބެއް ރަސޫލެއް ނުދަންނަކަހަލައެވެ.
އަހަރެން އޭރު ޤަބޫލުކުރިގޮތުގައި އިސްލާމް ދީނަކީ ހަމައެކަނި މިސްކިތުގެ ހަތަރު ފާރުތެރޭގައި ވާކަމެކެވެ. ދީނަށް އުޅެނެްޖެހޭނީ ދީނީ އިލްމުވެރިންނެވެ. އަހަރެމެން ދެން މިގޮތަށް އުޅެލިޔަސް ރަނގަޅުވާނެކަމަށް ދުށީމެވެ.
އަހަރެންވެސް ދެން މަންމަ ނަމާދަށް ދާންބުނުމުން ހާހަކުން ފަހަރަކު މިސްކިތައް އަރާލަމެވެ. ނަމަވެސް އެއީ ހަމަ ނަމަކަށެވެ. އަހަރެންގެ ރައްޓެހިން އަހަރެން ނަމާދަށް އެހާ މަދުން އެރިޔަސް މަލާމަތްކުރެއެވެ. ސުބުޙާނަﷲ އެއީ ކޮންފަދަ އެކުވެރިންނެއްބާވެއެވެ. އަހަރެންނަކީ މިކިޔާ” ފްރައިޑޭ މުސްލިމް” އެކެވެ. މުޅި ދުވަސް އަހަރެންނިއްމާލަނީ ޖަހާލަތުގެ އަދިރަކަމުގެ ތެރޭގައެވެ. ހަމައެކަނިދުނިޔެވީ އުފަލަށް ހެއްލިގެންނެވެ.
އެއްދުވަހު “ބާތް ޑޭ” ޕާޓިއަކަށް ދާން އަހަރެންނަށް ދަޢުވަތު ލިބުނެވެ. އެއީ އަހަރެންގެ ގާތް އެކުވެރިއެއްގެ ޕާޓިއެކެވެ. އަހަރެންގޮސް އެ ގޭގެ ދޮރު ހުޅުވާލާ އެތެރެއަށްވަނީމެވެ. ގޭގެ ތެރެ މުޅިން އޮތީ ކުލަބޮކިން ޒީނަތްތެރިކޮށްފައެވެ. މިޔުޒިކްގެ އަޑުން މުޅިތަން އޮތީ ގުގުމާލައިފައެވެ. ދެ ޖިންސްގެ ޒުވާނުން މިޔުޒިކްގެ ފޯރީގެ ތެރޭގައި ގައިގޯޅިކަމާއެކު ނަށަމުންދިޔައެވެ. އަހަރެންވެސް އެ މަސްތުގެ ތެރެއަށް ޣަރަގުވެގެންދިޔައެވެ. ހެވުމާއި ސަކަރާތްޖެހުން ނޫންކަމެއް އަހަރެން ނުކުރަމެވެ. މި ކުރެވެނީ ކިހާ ބޮޑު ފާފައެއްކަން ވިސްނާނުލާ ހާލުގައެވެ. ހަމަ އެކަނި ވަގުތީ އުފަލަކަށެވެ. އެނެށުމުގެ ތެރޭގައި އަހަރެންނަށް ކުރެވޭ ކަންކަމެއްވެސް ނޭނގޭ ވަަރަށް އެ މަސްތުގައި އަހަރެންޖެހި އާޚިރަތުގެ ގޮވެތި ބަނަކުރަމުންދިޔައީއެވެ.
ގަޑިން 12 ޖެހުމާއެކު މިޔުޒިކްގެ އަޑު އެއްކޮށް ނިމިއްޖެއެވެ. ތަން ހަމަ ހިމޭންވެއްޖެއެވެ. ނަމަވެސް އަހަރެންގެ ރައްޓެހިންވެސް އެމީހުންގެ ފޮނި ވާހަކަތައް ދެއްކުމުގެތެރޭގައި ތިއްބެވެ. އަހަރެން ގެޔަށް ދާން ނުކުތުމަށް އުޅުމުން އެ ރައްޓެހިން އަހަރެންގެ ގާތު މަޑުކޮށްލުމަށް ބުންޏެވެ. އެމީހުންގެ އަވާގައިޖެހި އަހަރެން މަޑުކުރީމެވެ. އެ ތަނުގައި ތިބީ އަހަރެންގެ ރަައްޓެހިންނާއި އެމީހުންގެ ލޯބިވެރިންނެވެ. ދެން އަހަރެމެން އެންމެންގޮސްވަނީ ކޮޓަރިއަށެވެ. އަހަރެންގެ ރައްޓެއްސަކު ޖީބުން ނެގީ ކުޑަވަރެއްގެ ރަބަރު ޕެކެޓްތަކެކެވެ. އެއީ އެއްޗެއް އަޅާ ބަންދުކޮށްފައި ހުރި ކުޑަ ވަރެއްގެ ޕެކެޓްތަކެކެވެ. އެއިން ކޮންމެ ޕެކެޓެއް ކޮންމެ މީހަކު އަތަށްވެސް ދިނެވެ. ސުބުޙާނަﷲ! އެއީ މަސްތުވާތަކެއްޗެވެ. ފުރަތަމަ އަހަރެން ނުހިފަންވެސް ވަރަށް މަސައްކަތްކުރީމެވެ. އެމީހުން ބުނަމުންދިޔައީ”ހާދަ ގަޓެއް ނެތޭ” އެވެ. އަދި މީ އެއްފަހަރު ބޭނުންކޮށްްލިޔަސް ރަނގަޅުވާނެކަމަށެވެ. އަހަރެންވެސް ޤަބޫލުކުރީއެގޮތަށެވެ. ނަމަވެސް އެންމެ ފަހުން އެ ނުބައި އަމަލުވެސް އަހަރެން ކުރީމެވެ. އަހަރެންނަކީ ކޮންފަދަ ބަދު ނަސީބުވެރި އެއްހެއްޔެވެ؟ ޒުވާންދުވަސް ވަރު ކަޅު އަދިރިކޮށްލީ ކުޑަ ކުޑަ ހިނދުކޮޅެއްގެ ވަގުތީ އުފަލަކަށްޓަކައެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. ހަމަ ހިމޭންކަމުގެ ތެރޭގައި އޮއްސެމުންދާ އިރާ ދިމާއަށް ބަލަހައްޓައިގެން އެތައް އިރަކު އަހަރެން ގޮޑުދޮށުގައި އިނީމެވެ. މިއީ އަހަރެންގެ ޙަޔާތާ މެދު ވިސްނާލި ފުރަތަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަޔާތުގެ މި ކުރު ދަތުރުގެ މިސްރާބު ޖެހިފައިވާ ނުބައި މަންޒިލް އަހަރެންނަށް ސިފަވަމުންދިޔައެވެ. އަހަރެންގެ ހިތައް ބިރުވެރިކަން ވަންނަމުންދިޔައެވެ. ފުރަތަމަ ފަހަރަށް އަހަރެން ހެއްދެވި މަތިވެރިވެގެންވާ ﷲގެ މަތިން ހަނދާން ވަމުންދިޔައެވެ. ހަޔާތުގެ މަޤުޞަދު ހަނދާންވަމުންދިޔައެވެ. މީން ދުވަހުކު އަހަރެންްގެ ހިތް ނުތަނަވަސް ނުވާވަރަށް އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. ޒުވާން ދުވަސްވަރު ހޭދަކުރަމުން މިދެވެނީ ރަނގަޅަށް ނޫންކަން އަހަރެންނަށް އިޙްސާސްކުރެވުނެވެ. އުއްމީދުގެ ހުޅުކޮޅު އަހަރެން އަމިއްލައަށް ނިވަމުންދާކަމުގެ އިހްސާސް ކުރެވުނެވެ. އެއްވެސް އިހްތިޔާރެއްނެތި އަހަރެންގެ ލޮލުން ކަރުނައިގެ ތިކިތައް ފައިބަމުންދިޔައެވެ.
އަހަރެންގެ ހަޔާތުގައި އަމިއްލައަށް ބޭނުންވެގެން މަތިވެރި ﷲއަށް ސަޖިދަ ޖެހި ފުރަތަމަ ފަހަރަކީ މިއީއެވެ. ކަންދިމާކުރިގޮތުން އެ ދުވަހުގެ ނަމާދައް ފަހު އިލްމްވެރިއެއްގެ ދަރުސެއް މިސްކިތުގައިއޮތެވެ. އަހަރެންގަސްތުކުރީ އެ ދަރުހުގައި އިށީނުމަށެވެ. އެ ދަރުސަކީ އަހަރެންފަދަ ޒުވާންދުވަސް ވަރު ނުބައި ކަންކަމުގައި އުމުރު ނަގައިލި ޒުވާނެއްގެ ވާހަކަ ކިޔައިދިން ދަރުސެކެވެ. ދަރުސް ދެއްވި ބޭފުޅާ ސީދާ އަހަރެންނާ މުޙާތަބުކުރިފަދައެވެ. އަހަރެންގެ ހިތައް ކެތްނުވެ ބޭއިޙްތިޔާރުގައި ލޮލުން ކަރުނަ އައެެވެ. އަދި އެމީހެއްގެ ޒުވާންދުވަސް ހޭދަ ކުރި ގޮތާމެދު ޖަވާބު ދިނުމުން ނޫނީ ޤިޔާމަތްދުވަހުން ހުރި ފިޔަވަޅު މަތިންގުޑާ ނުލެވޭނެކަން އަހަރެންނަށް އެނގިގެންދިޔުމުން އިތުރަށް ހަޔާތުގެ ބާކީބައި ހެޔޮގޮތުގައި ހޭދަކުރުމަށް އަޒުމް ކަނޑައެޅީމެވެ. ﷲގެ ހިޔާވެހިކަން ފިޔަވާ އެހެން އެއްވެސް އިހާވެހިކަމެއްނެތް ދުވަހު އެކަލާނގެ ހިޔާވެހިކަން ލިބޭ 7 ބާވަތެއްގެ މީހުންގެ ތެރޭގައި ހެޔޮގޮތުގައި ޒުވާން ދުވަސްވަރު ހޭދަކުރި ޒުވާނާ ހިމެނޭކަން އެނގުމުން އިތުރަށް ﷲގެ މަގުގައި ސާބިތުވުމަށް ހިތްވަރު ލިބުނެވެ. އަދި ޝޭޙް ދަރުސްގައި ﷲގެ ރަޙުމަތުން މާޔޫސް ވުމެއްނެތްކަން އެނގުމުން ހިތްހަމަޖެހުމެއް އަހަރެންނަށް ލިބުނެވެ. އަދިވެސް ހަޔާތުގައި ވަގުތުއޮތްކަން އަހަރެންނަށް އެނގުނެވެ. ދަރުސް ނިމުމުން އަހަރެންގެ ދެއަތް ﷲގެ ޙަޞްރަތައް އުފުލާ ހަޔަތުގެ ދުވަސްތައް ހޭދަ ކުރެވުނު ގޮތާމެދު ގިސްލާ ރޮވުނީމެވެ. އަދި ﷲގެ ޙަޞްރަތުން ތައުބާލެއްވުން އެދި އާދޭހުގެ ބަސްތަކުން ދުޢާކުރީމެވެ.
ﷲގެ ރަޙުމަތުން މިހާރު އަހަރެންނަކީ ފަރުޟް ފަސް ނަމާދާއި ދީނުގައި ﷲ އަންގައިވަފައިވާއިގޮތަށް އުޅެމުންދާ ޒުވާނެކެވެ. މިހާރު ދުވަހުކުވެސް މާޔޫސް ވާކަށްނުޖެހެއެވެ. ހިތްނުތަނަވަސް ވާކަށް ނުޖެހެއެވެ. އަހަރެންގެ އެ ނުލަފާ ރައްޓެހިން ދޫކޮށްލާ، ﷲގެ މަގުގައި ސާބިތުވެ ތިބޭ ރައްޓެހިން އަހަރެންގެ ގާތް ރައްޓެހިންކަމުގައި ދެކެފީމެވެ. އަހަރެންގެ ދުޢާ އަކީ އަހަރެންކަހަލަ ޒުވާނުންނަށް ހެޔޮވިސްނުންދެއްވާ ، ﷲގެ މަގުގައި ސާބިތުވުކަމާއި ހެޔޮވިސްނުން ދެއްވުމެވެ
.
ނޯޓް: މިއީ އިބްރަތަކަށްޓަކައި ލިޔެފައިވާ ޙިޔާލީ ވާހަކައެކެވެ. އަދި މިއަދުގެ ޒުވާނުންނަށް އަޅުގަނޑުގެ ފަރާތުން ދޭ ހަދިޔާއެކެވެ. އެންމެހާ ޒުވާނުން ވިސްނަވާ، ﷲގެ މަގުގައި ސާބިތުކަންދެއްވުން އެދި އަޅުގަނޑު ދުޢާ ކުރަމެވެ..
ކޮމެންޓް (0)
ލޯޑް ކުރަމުން...