ނޭޓޯގެ ޤައުމުތަކުން ލީބިޔާގެ ސަރުކާރާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތައް ދިނުމުގައި މި އަހަރުގެ ސެޕްޓެމްބަރ މަސް ނިމެންދެން ތިބޭނެކަމަށް ނޭޓޯގެ ސެކެއްޓްރީ ޖެނެރަލް އެންޑާސް ފޮގް ރަސްމުސެން މިއަދު ވިދާޅުވެއްޖެއެވެ. ރަސްމުސެން މިހެން ވިދާޅުވެފައި ވަނީ، ނޭޓޯގެ ޤައުމުތަކުގެ އެންބަސަޑަރުންނާއެކު މިއަދު ބުރަސުލްސްގައި ބޭއްވި ބައްދަލުވުމެއްގައި، ވާހަކަ ދައްކަވަމުނެވެ.
ނޭޓޯއިން ލީބިޔާގައި ތިބޭ މުއްދަތު އިތުރުކުރުމަށް މި ނިންމި އިރު، ލީބިޔާގައި، ނޭޓޯގެ ހަނގުރާމަވެރި ސިފައިން ވައިގެ މަގުން ދެމުން ގެންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެގޮތުން ތުރާޕުލުސްއާއި، ބާބުލް އަޒީޒިއްޔާއަށް ދެމުން ގެންދާ ހަމަލާތައް ފާހަގަކޮށްލެވެއެވެ.
ލީބިޔާގެ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމުގެ ނަމުގައި، އެމެރިކާ އިސްވެ އޮވެ، ނޭޓޯއާއެކު ހަމަލާތައް ފުރަތަމަ ފެށި އިރު، ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން ހުއްދަ ދީފައިވަނީ ޖޫން މަސް ނިމެންދެން ހަމަލާތައް ކުރިޔަށް ގެންދިޔުމަށެވެ.
ސަރުކާރުގެ ދިފާއީ ބާރުތަކާ ދެކޮޅަށް އެމެރިކާއާއި، ނޭޓޯ ހަނގުރާމ ފަށައި، މާރޗް މަހުގެ ފަހުކޮޅު އެމެރިކާއިން ވަނީ، ހަމަލާތައް ކޮމާންޑްކުރުން ނޭޓޯގެ ފައުޖުތަކާ ހަވާލުކޮށްފައެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނަމުން ދާ ގޮތުގައި އެމެރިކާ އިސްވެ އޮވެ ލީބިޔާގެ ސަރުކާރާ ދެކޮޅަށް މި ހަމަލާތައް ފެށި ހަޤީޤީ މަޤްޞަދަކީ އާންމު ރައްޔިތުން ދިފާއުކުރުމެއް ނޫނެވެ. އެފަދަ ފަރާތް ތަކުން ބުނަމުން ދާ ގޮތުގައި އެމެރިކާގެ ހަޤީގީ މަޤްޞަދަކީ ލީބިޔާގައި އޮތް ބިޔަ ތެލުގެ ރިޒާވް އެމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ. ފާޑު ކިޔާ ފަރާތްތަކުން ހާމަކުރަމުން ދާ ގޮތުގައި، އެމެރިކާގެ މަޤްބޞަދަކީ ރައްޔިތުން ހިމާޔަތް ކުރުންކަމަށް ވާނަމަ، ލީބިޔާއަށް ހަމަލާ ދިންގޮތަށް ބަހްރޭނަށާއި، ސައޫދީ އަރަބިޔާއަށާއި، ސީރިޔާއަށްވެސް ހަމަލާދޭންޖެހޭނެއެވެ. އެހެނީ، އެ ޤައުމުތަކުގައިވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދާ ފަރާތްތަކާ، ދިފާއީ ބާރާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި އެތައް ބަޔަކުދަނީ މަރުވަމުންނެވެ.

















ޚިޔާލު