ޔޫރަޕު ސްއިސައިޑް ޓޫރިޒަމް އަށް ސްވިޒަލޭންޑް ގެ 85 އިންސައްތަ ތާއީދު!

ސްއިސައިޑް ޓޫރިޒަމް އަށް ސްވިޒަލޭންޑް ގެ 85 އިންސައްތަ ތާއީދު!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޙާތިމް ޔޫސުފް

ސްވިޒަލޭންޑައި އިތުރުވެފައިވާ އަމިއްލައަށް މަރުވުން ނުވަތަ ސްއިސައިޑްކުރުން މަނާކުރުމަށް މިދިޔަ ހަފްތާ އާދީއްތަ ދުވަހު ޒިޔުރިޗްގައި ނެގުނު ޚިޔާލުހޯދުމުގެ ވޯޓުގައި 85 އިންސައްތަ އެކަން މަނާކުރުމާ ދެކޮޅުހަދައިފިއެވެ. ޒިޔުރިޗްއަކީ އަމިއްލައަށް މަރުވާން ބޭނުން މީހުން ސްއިސައިޑްކުރުމަށް އެހީވެދޭ (އަތްގާތްކޮށްދޭ) ބޮޑު ދެ މުޢައްސަސާއެއް ހުންނަ ސިޓީއަކަށް ވުމުން، ސްވިޒަލޭންޑްގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު އެތައް ބަޔަކު އަމިއްލައަށް މަރުވުމަށް ދަތުރުކުރާ ތަނެކެވެ. 1941 ވަނަ އަހަރުން ފެށިގެން ސްވިޒަލޭންޑްގައި އަމިއްލައަށް މަރުވުމާއި އަމިއްލައަށް މަރުވާން އެހީތެރިވެ ދިނުމަކީ ހުއްދަކުރެވިފައިވާ ކަމެކެވެ.

ބައެއް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު 200 އަށްވުރެ ގިނަ މީހުން ޒިޔުރިޗްގައި އެކަނި ވެސް އަމިއްލައަށް މަރުވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅު ތަކުންވެސް ކޮންމެ އަހަރަކު އެތައް ބަޔަކު އަމިއްލައަށް މަރުވުމަށް ސްވިޒަލޭންޑްގެ ޒިޔުރިޗަށް ޒިޔާރަތް ކުރެއެވެ. މިމަހު 15  ވަނަ ދުވަހު މި ރެފަރެންޑަމް ނެގީ، ޖަރުމަނު ވިލާތާއި، އިނގިރޭސި ވިލާތާއި، ފަރަންސޭސި ވިލާތްފަދަ ޤައުމުތަކުން ކޮންމެ އަހަރަކުވެސް އެތައް ބަޔަކު އަމިއްލައަށް މަރުވުމަށް ސްވިޒަލޭންޑަށް ދަތުރުކުރަމުންދާ އަދަދު އިތުރުވަމުން ދާތީ ސްވިޒަލޭންޑްގެ 2 ސިޔާސީ ޕާރޓީއަކުން  އިސްނަގައިގެންނެވެ. ނަމަވެސް، ސްވިޒާލޭންޑްގެ އެންމެ ބޮޑު ދެ ޕާރޓީކަމަށްވާ ސްވިސް ޕީޕްލްސް ޕާރޓީ އާއި ސޯޝިއަލް ދިމޮކްރޭޓްސް އިން މިކަން މަނާ ކުރުމާ ދެކޮޅު ހަދައެވެ.

ރޮއިޓާރސް އެޖެންސީއާ ޙަވާލާދީ އޮންއިސްލާމް ސައިޓުން މައުލޫމާތު ދީފައިވާ ގޮތުގައި، އަމިއްލައަށް މަރުވުމަށް އެހިތެރިވެދޭ ޖަމާޢަތެއްކަމުގައިވާ ޑިގްނިޓާރސް އިން ހާމަކޮށްފައިވާ ގޮތުގައި  އެ ޖަމާޢަތުން 1000 އަށްވުރެ ގިނަ ބިދޭސީ މީހުން އަމިއްލައަށް މަރުވުމަށް އެހީތެރިވެދީފައިވެއެވެ. ސްވިޒަލޭންޑަކީ އެންމެ މިނިވަން އެއް ޤައުމުގެ ގޮތުގައި ބުނަމުން އަންނަ ޤައުމެކެވެ. އެޤައުމުގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި އަމިއްލައަށް މަރުވުމަކީވެސް ކޮންމެ މީހަކަށް ލިބިގެންވާ މިނިވަންކަމެކެވެ.

މުޅި ދުނިޔޭންވެސް އަމިއްލައަށް މަރުވުން ހުއްދަކޮށްފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ ސްވިޒަލޭންޑް، ހޮލެންޑް، ލްކްޒެމްބާރގް، ބެލްޖިޔަމް އަދި އެމެރިކާގެ ސްޓޭޓެއްކަމަށްވާ އޮރެގޮން އެވެ.

ޓެގް

މަރު ޔޫރަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.