މިސްރުގެ އިޤްޠިޞާދު އަލުން ބިނާކުރުމަށްޓަކައި އެހީތެރިވުމުގެ ގޮތުން ސައުދީ އަރަބިޔާއިން، މިސްރަށް 4 ބިލިއަން ޑޮލަރުގެ އެހީ ދޭން އެއްބަސްވެފައިވާކަމަށް، މިސްރުގައި ވެރިކަން ކުރަމުން އަންނަ މިލިޓަރީ ކައުންސިލްގެ ވެރިޔާ މުހައްމަދު ހުސެއިން ތަންޠާވީ ހާމަކޮށްފިއެވެ.
30 އަހަރުވަންދެން މިސްރުގައި ވެރިކަން ކުރި ހުސްނީ މުބާރަކްގެ ވެރިކަން ވަށްޓާލުމަށް ކުރި ބޮޑެތި މުޒާހަރާތަކުގެ ސަބަބުން މިސްރުގެ އިޤްޠިޞާދަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް ލިބިފައެވެ. މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު އެކަނިވެސް މިސްރުގެ އިޤްޠިޞާދު ހަތެއް އިންސައްތައިން ދަށަށް ގޮސަފައިވާއިރު، މި ވަޅުގަނޑުން އަރައިގަތުމަށް މަދުވެގެން 10 ނުވަތަ 12 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ބޭނުންވާނެކަމަށް މީގެ ކުރިން މިސްރުން ވަނީ ހާމަކޮށްފައެވެ. އަދި އެ ފައިސާ ހޯދުމަށް އެހީދޭ ފަރާތްތަކާއި، އައި އެމް އެފްގައިވެސް މިސްރުން އަންނަނީ އެދެމުންނެވެ.
ސައޫދީން މިސްރަށް އެހީވާން ނިންމުމާއެކު، މިސްރުގެ މިލިޓަރީ ކައުންސިލްގެ ވެރިޔާ، ހުސެއިން ޠަންޠާވީ، ރަސްގެފާނު އަބްދުﷲ އަށް ގުޅުއްވާ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވާކަމަށް ސައުދީ ޕްރެސް އެޖެންސީން ޚަބަރު ދެއެވެ. ސައޫދީ ޕްރެސްއިން އިތުރަށް ހާމަކުރާ ގޮތުގައި، މި ދެބޭފުޅުންގެ ވާހަކައިގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ތާރީހީ ގާތް ގުޅުމާއި، އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
އަލް އަހްރާމް ނޫހުން ޚަބަރު ދޭގޮތުގައި، ސައޫދީން މިވީ އެހީގެ ސަބަބުން، މިސްރުގެ ބަޖެޓާއި، މަރުކަޒީ ބޭންކް ހަމަޔަކަށް އަޅުވާލެވޭނެއެވެ. އަދި ހީނަރުވެފައިވާ އެ ޤައުމުގެ އިޤްޠިޞާދު ހަމަ މަގަށް ގެނައުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

















ޚިޔާލު