ރިޕޯޓް ތިޔަ ރުޅި އާދެވެނީ ސައޫދީ ޢަރަބިއްޔާދެކެ އެއްނޫނެވެ. މުސްލިމުންދެކެއެވެ.

ތިޔަ ރުޅި އާދެވެނީ ސައޫދީ ޢަރަބިއްޔާދެކެ އެއްނޫނެވެ. މުސްލިމުންދެކެއެވެ.

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ދޮން މަނިކު

ދިވެހި ވެބްސައިޓެއްގައި ހިމެނިފައިހުރި ލިޔުންތަކެއްގެ ސުރުޚީތަކެކެވެ! "ސުޢޫދީ ޢަރަބިއްޔާގެ މަޖްލިސުއްޝޫރާ އާއި އެމެރިކާގެ ކޮންގްރެސް ލާމެހިފައި!" "ސުޢޫދީ ރަސްގެފާނު ބިރުން ފިތްކަނޑައިގެން ގޮސްފައި!" "ކައިވެނިނުކޮށް ތިބޭ އަންހެނުންގެ އަދަދު ސުޢޫދީ ޢަރަބިއްޔާގައި އިތުރުވަނީ!" "ހަމައެކަނި އަންހެން ކުދިންނަށް ކަމަށްބުނެ ހުޅުވި ބޮޑު ޔުނިވަރސިޓީގެ ޙަޤީޤަތް!" "ބަނގުރާ އުފައްދާ ފެކްޓްރީއެއް އަތުލައިގެންފި!" "ސުޢޫދީ އަންހެނުން އެއްޖިންސުން ޖިންސީގުޅުން ހިންގުން ބޮޑު މައްސަލައަކަށް ވެފައި!"

ތިޔަބޭފުޅުން ތިޔަ ހީފުޅުކުރެއްވީ މިއީ ހިއްލަތުގެ ބްލޮގްގައި ލިޔެފައިވާ ލިޔުންތަކެއް ކަމަށް ތޯއެވެ؟ ނޫނެކެވެ! މިއީ ދިވެހި ރާއްޖޭގައި އިސްލާމީ ޖަމްޢިއްޔާއެއް ކަމަށް ދަޢުވާކުރާ ބައެއްގެ ވެބްސައިޓްގެ "ފަލަ ސުރުޚީ" ތަކުގެ ތެރޭގައި، މުސްލިމެއްކަމަށް ދަޢުވާކުރާ ދިވެއްސަކު ލިޔެފައިވާ ލިޔުންތަކެއްގެ ސުރުޚީތަކެކެވެ! މިއީ އެއްޒަމާނެއްގައި ޔަހޫދީންނާއި ދެކޮޅަށް ވަރަށް ފޯރިނަގަނަގާފައި ދަރުމަ މަޖައްލާގައި ލިޔެ އުޅުން މީހެއްގެ ލިޔުންތަކެކެވެ. އެދުވަސްވަރު މި ލިޔުންތެރިޔާގެ ޣީރަތްތެރިކަން ހުރި މިންވަރުން ފަލަސްތީނަށް ޖިހާދު ކުރަން ދެންމެ ދެންމެ ނައްޓާލަފާނެހެންވެސް އަޅުގަނޑުމެންނަށް ސިފަކުރެވުނެވެ. ނަމަވެސް މިހާރު މިހުރިހާ ވާހަކައެއް ހަނދާންނައްތާލައި، ތިމާގެ މުންޑު ކޮށިކޮށް ކޮޅަށްތެދުވެ ހުރީ ދުނިޔޭގައި އޮތް އެންމެ މުޤައްދަސް ދެބިން ހިމެނޭ އަދި އެޤައުމެއްގައި އެންމެ ފުރިހަމައަށް އިސްލާމްދީނުގެ ޙުކުމްފުޅުތައް ތަންފީޒުކުރެވޭ، ސަޢުދީ ޢަރަބިއްޔާ އަށް ފުރައްސާރަ ކުރުމާއި އެޤައުމަށް ހަޑިހުތުރުބަސް ރައްދު ކުރުމަށެވެ.

ކޮންމެ މީހަކުވެސް ކުށް ކޮށްފާނެއެވެ. އިންސާނީ ޠަބީޢަތު ހުންނަގޮތުން އާދައިގެ މީހަކު ކުށްކުރާ ފަދައިން ޝައިޚަކަށްވެސް ކުށެއް ކުރެވިދާނެއެވެ. އަދި ހަމައެފަދައިން އެހެން އިސްލާމީ ޤައުމުތަކުގައި އިސްލާމްދީނާ ފުށުއަރާ ކަންކަން ހުންނަ ފަދައިން އިސްލާމީ ބޮޑެތި ޤައުމުތަކުގައިވެސް އެފަދަ ކަންކަން ހުރެދާނެއެވެ. ހިތާމަޔަކީ ތިމާމެންގެ ޤައުމު ދީނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ސިޔާސީ ގޮތުންވެސް ބޮޑު އަނދަވަޅުގަނޑަކަށް ވެއްޓި އެކަމުން އަރައި ނުގަނެވިގެން އުޅޭ ދަނޑިވަޅެއްގައި ކަމާކަންފަށާ އިސްލާމީ ޤައުމަކަށް ޒާތީ ފުރައްސާރަ ކުރުންތަކާއި މަލާމާތުގެ ބަސްތައް އޭގައި ބޮޑެތި ދޮގު ހިމަނައިގެން ގެނެސްދެމުން ދާކަމެވެ. ދިވެހިރާއްޖޭގައި ދިވެހިބަހުން ލިޔާ މިފަދަ ލިޔުންތަކުން ދިވެހިންނަށް ކުރާނީ ކޮންފައިދާއެއްތޯއެވެ؟ އޭގެ ބަދަލުގައި ދީނުގެ ޢަދުއްވުންނަށާއި އެތީސްޓުންނަށް ދެވޭ ޕޮއިންޓް ތަކެއް ކަމުގައި މެނުވީ އެފަދަ ލިޔުންތައް ނުވެއެވެ.

ހުރިހާ ޒަމާނެއްގައިވެސް އިސްލާމްދީނުގެ ތެރެއިން މުނާފިޤުންވެސް ފާޅުވެއެވެ. އިސްލާމީ ރިވެތި ނަންނަން ތިމާއަށް ނިސްބަތް ކުރިއެއްކަމަކު ތިމާމެންގެ ހިތުގައި އިސްލާމްދީނާއި މެދުގައި އޮންނަ ނަފަރަތާއި ރުޅިވެރިކަމުގެ އަލިފާންގަނޑު ނޭނގިނަމަވެސް ފަޅައިގެންވެސްދާ މަންޒަރު އަޅުގަނޑުމެންނަށް މިދަނީ ފެންނަމުންނެވެ. މިކަމުގައި އެންމެ ބޮޑު ހިތާމައަކީ މިފަދަ ފަރާތެއްގެ ހިތަށް އުނދަގޫކުރަމުންދާ ނަފްރަތުގެ ބަސްތައް ދީނަށް ނަޞްރު ދިނުމުގެ މަޤްޞަދުގައި އުފެދިފައިވާ ދީނީ ޖަމްޢިއްޔާއެއްގެ ވެބްސައިޓްގައި ހިމެނެމުން ދިއުމެވެ. މިއީ އަޅުގަނޑުމެން އެކަމާއިމެދު ކަންބޮޑުވަން ޖެހޭ މައްސަލައެކެވެ.

އެހެނީ ދިވެހި ޤައުމުގައި އުފެދިފައިވާ ދީނީ ޖަމްޢިއްޔާތަކުގެ ވާޖިބެއްކަމުގައި ވާންޖެހޭނީ އިސްލާމްދީނަށް ނަޞްރު ދިނުމާއި އެދީނުގެ ދަޢުވަތު ފެތުރުމެވެ. އެފަރާތްތަކުގެ ޢަމަލުތަކާއި ބަސްތައްވެސް ހުންނަންޖެހޭނީ ތިމާމެންގެ ބޭރުފުށުގެ ފޭރާމާއި ގުޅޭ ގޮތަށެވެ. ހަމަ އެފަދައިން ކޮންމެ ކޮންމެމީހަކަށް އެފަދަ ފަރާތެއްގެ ނަމުގައި ބަސް އުފުލިގެންވެސް ނުވާނެއެވެ. ވެބްސައިޓެއްގައި ލިޔެވިގެންވެސް ނުވާނެއެވެ. އެފަދަ ވެބްސައިޓެއްގެ ލިތުންތައް ވާންޖެހޭނީވެސް މީސްތަކުންނަށް ދީނުގެ މަޢުލޫމާތެއް ލިބިދޭ އަދި ދީނުގެ ދަޢުވަތަށް ކުރިއެރުމެއްލިބޭ ފަދަ ލިޔުމަކަށެވެ. އެގޮތަށް އެކަން ނުހިނގަނީނަމަ އެފަދަ ޖަމްޢިއްޔާއެއްގެ އިސް ސަފުގައި މަސައްކަތްކުރާ ހިންގުންތެރިންނާއި ފަހަތުގައި މަސައްކަތްކުރާ ޚާދިމުން ޒިންމާވާން ޖެހޭނެއެވެ.

އެންމެންވެސް ޤަބޫލުކުރާގޮތުގައި ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ ފަދައިން މިފަދަ ބޮޑު ޖަމްޢިއްޔާއަކަށްވެސް ކުށެއް ކުރެވިދާނެއެވެ. އަރައިފައިވާ އޮޅުމެއްގެ ސަބަބުންވެސް ނުވަތަ ފާސިޤަކަށް ކުރެވުނު އިތުބާރެއްގެ ސަބަބުންވެސް މިފަދަ ކަމަކާ ކުރިމަތިލާން ޖެހިދާނެއެވެ. ނަމަވެސް މިފަދަ ކަންކަން އިސްލާޙުނުވެ އެއްވެސް ހުއްޓުމެއްނެތި ތަކުރާރުކޮށް ކުރިޔަށް ދާދިއުމުން އެފަދަ ޢަމަލު ތަކާއި ބަސްތަކަކީ އެބައިމީހުން ބިރުވެތިބި ގޮތް ނުވަތަ އެބައިމީހުންގެ ފިކުރިއްޔާތު ބާއޭ ސުވާލުއުފެދެއެވެ؟

ކޮންމެއަކަސް ދިނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް ދިވެހި ޤައުމު ބޮޑު އަނދަވަޅަކަށް ވެއްޓި އެއިން އަރި ނުގަނެވިގެން އުޅޭ ޙާލަތެއްގައި އެކަމުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ ފަރުދީ ފެންވަރުގައާއި ޖަމާޢަތުގެ ފެންވަރުގައި ކުރަންޖެހިފައިވާ ކަމެކެވެ. ދީނީ ޖަމްޢިއްޔާތަކާއި އިޖްތިމާޢީ ޖަމްޢިއްޔާތައްވެސް އެކީ އެކަތިގަނޑަކަށްވެ މިކަމަށް ކެނޑި ނޭޅި މަސައްކަތްތައްކޮށް އަޑު އުފުލަމުންދާއިރު ދީނާ ފުށުއަރާ ކަންކަމުގައިވެސް ދީނީ މިފަދަ ޖަމާޢަތަކުން އަޅައިނުލައި މަޑުން އޮންނާތީ އަޅުގަނޑު ހިތާމަ ކުރަންޖެހެއެވެ. މީގެ ބަދަލުގައި މިފަދަ ފަރާތްތަކުގެ ޢަމަލުތައްހުރީ ތިމާއާއި ތިމާގެ ޤައުމުގައި ހުރި ކުށްތައް ހަނދާންނައްތާލައި ތިމާމެންގެ މުސްލިމު އަޚުން ފަޟީޙަތްކޮށް އިސްލާމްދީނަށް ހުތުރުވާނޭ ބީދައިންނެވެ.

ދީނީޖަމްޢިއްޔާއެއްގެ މިފަދަ ވެބްސައިޓެއްގައި ކޮންމެ ކޮންމެ މީހަކަށް ހިތު ހުރިހާ ވާހަކައެއް ލިޔުމުގެ ފުރުޞަތު ދެވިގެން ނުވާނެއެވެ. އެހެނީ އެއީ އެންމެހާ މުސްލިމުންންގެ ޙައްޤެކެވެ. މިހެން މިކަން ވީހިނދު ވަކިކޮޅަކަށް ބުރަވެ ތިމާމެންނާ އެއްބައިވާ މީހުންނާ ބައިވެރިވެގެންކަމަށް ބުރަވެވޭގޮތަށް ޢަމަލުތައް ހިންގުމީ ޙަޖަމްކުރަންދަތި މައްސަލަތަކެވެ. އަދި މިއީ ނޫސްވެރިކަމުގެ މިނިވަންކަމޭވެސް ނުދެންނެވޭނެއެވެ. ތިމާގެ މަޤްޞަދަކީ އިސްލާޙް ކުރުންކަމުގައި ވަނީނަމަ ދިވެހި ރާއްޖޭގެ ޙަޤީޤީ ޙާލަތު މީސްތަކުންނަށް ބަޔާން ކޮށްދިނުމަށް ކަމާ ކަންފަށާ ތެދުވުން މާ ރަނގަޅު ނޫންތޯއެވެ؟ ދީނާ ފުށުއަރާ އެތައްކަމެއް ޤައުމުގައި ހިނގަމުންދާ މަންޒަރު މިބައިމީހުންގެ ޤައުމުން ނުވަތަ ތިމާމެންގެ އަމިއްލަ ނަފްސުގެ ފުށުން ނުފެންނަނީތޯއެވެ؟ މިކަންކަމުން ޤައުމު ސަލާމަތް ކުރުމަށް ދިވެހިޤައުމު އެކީ އެކަތިގަނޑަކަށް ވެފައިވާހިނދު ތިމާމެންގެ ފިކުރުގެ ސިޔާސީ ފަރާތްތަކަށް ވިކި ހުސްވުމަކީ ދީނީ ކުލައިގައިތިބެ ދީނަށް ކުރެވޭ އަނިޔާއަކަށް ނޫނީ ނުވާނެ ނޫންތޯއެވެ؟ އެފަދަ ވާހަކަތައް ލިޔެލުން މާރަނގަޅު ނޫންތޯއެވެ؟

ތިމާމެންގެ ފަހަތުގައި ބޮޑެތި ޝޭޚުން ބައިތިއްބައިގެން މީސްތަކުންނަށް ވަޢުޒާއި ނަސޭޙަތް ދިނުމަށް ފަހު ތިމާމެން އެމަގުން ކަސިޔާރުވެ ޒިންމާދާރުކަން ކުޑަގޮތެއްގައި ކަންކަން ހިނގަމުންދިއުމަކީ އެފަދަ ޤަދަރުވެރި ފަރާތްތަކުގެ އަގު ވައްޓާލުން ކަމުގައި ނޫނީ ނުވާނެއެވެ. މިފަދަ ކަންކަމުން ތިމާމެންގެ ފޭރާން ނަޖިސްވެ މީސްތަކުންގެ ކުރިމަތީގައި ތިމާމެންނަށް ލިބިފައިވާ ޤަދަރު ވެއްޔާއިމޮޑެވި ހުތުރުސޫރައެއް ލިބުންމެނުވީ އިތުރުކަމެއް ވާނެކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. ތިމާމެންގެ މަޤްޞަދަކީ ގިނަ ބައެއްގެތާއިދު ހޯދުމާއި ފަންޑު ހޯދުން ކަމުގައި ވާނަމަ ތިމާމެންނަށާއި ތިމާމެންގެ ޤަދަރުވެރީންނަށް ހުތުރުވާ ގޮތަށް ޢަމަލު ކުރުން ހުއްޓާލުމުގެ އިތުރުން މިފަދަ ވެބްސައިޓެއްގައި މިއަށްވުރެ ރަނގަޅު ލިޔުންތައް ނުހިމެނެންވީ ސަބަބެއް އޮތްކަމުގައި އަޅުގަނޑު ނުދެކެމެވެ.

މިފަދައިން މިކަން ވީހިނދު މިޖަމްޢިއްޔާގެ މަސްޢޫލު ވެރިންނަށާއި ހިންގުންތެރިންނަށާއި ޢިއްޒަތްތެރި ޤަދަރުވެރިންނަށް ދަންނަވާލަން އޮތީ ޖަމްޢިއްޔާގެ ރީތިނަން ހަފުސްކޮށްލުމަށް މީހަކު ނުވަތަ ބަޔަކު އިސްވެ ހުރެ މިކުރަމުންދާ ހަޑިމުޑުދާރު ޢަމަލު ވަޤުތުންވަޤުތައް ހުއްޓުވައި ޒިންމާދާރުވާން ޖެހޭފަރާތްތައް މިފަދަ ކަންކަމުގައި ޒިންމާދާރު ކުރުވުމެވެ. މިފަދަ ކަންކަމުގެ ސަބަބުން އެއްބަޔަކާއި އަނެއްބަޔަކު ނުވަތަ އެއްޖަމްޢިއްޔާއާއި އަނެއްޖަމްޢިއްޔާގެ ދޭތެރޭގައި މައްސަލަތައް އުފެދި ހެޔޮވެގެންވީ ދީނީ މަޤްޞަދުތަކުގެ ބަދަލުގައި ފިތުނަފަސާދައާއި ނަފްރަތްތެރިކަން އުފެދިގެން ނުދަނީސް ސަލާމަތުގެ އައްސޭރިޔައަކަށް ތިމާމެން ދަތުރުކުރަމުންދާ ނައު ވާޞިލްކޮށްދިނުމަށް ގޮވާލަމެވެ. އަދި އިސްލާމީ އެހެން މުޖުތަމަޢު ތަކުގެ ބަލިފައިތައް ދައްކައި އެޔަށް ޙަޖޫކިޔުމުގެ ބަދަލުގައި، ދީނާއި ޤައުމުގެ ޙައްޤުގައި މިނިވަން މަސައްކަތްތަކެއްކޮށް ތިމާމެންނާއި ތިމާމެންގެ ޤައުމު އަމާންކަމުގެ އައްސޭރިއަކަށް ބަނދަރު ކޮށްދިނުމުގެ މަސައްކަތް ފެށުމަށް ގޮވައިލަމެވެ.

ޓެގް

ލާދީނީ ލާއިންސާނީ ޑިމޮކްރަސީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.