ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން ދާ މީހުންނަށް ވާގިވެރިވުމަށް، ގަވައިދާ ޚިލާފަށް ލީބިޔާއަށް ވަދެގެން އުޅޭކަމުގެ ތުހުމަތުގައި ލީބިޔާގެ ސަރުކާރުން މިދިޔަ މަހުގެ 5 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ބޭރުގެ 4 ނޫސްވެރިޔަކު މިނިވަންކޮށްފިއެވެ.
އެ ހަތަރު ނޫސްވެރިން މިނިވަންކޮށްފިކަން އިއުލާނުކުރަމުން ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި މޫސާ އިބްރާހިމް ވިދާޅުވީ، މީ ހަނގުރާމައިގެ ވަގުތު ކަމަށާއި، އިދިކޮޅު ފަރާތްތަކަށް އެހީވުމަށް އެމީހުންނާއެކު، ހުޅަނގުގެ ޤައުމުތަކުގެ ހަނގުރާމައިގެ ތަޖުރިބާކާރުންވެސް މަސައްކަތް ކުރަމުން ދާކަމަށާއި، މިހެންކަމުން މި ހަތަރު ނޫސްވެރިން ހައްޔަރު ކުރީވެސް އެފަދަ ބައެއްކަމަށް ހީކޮށްކަމަށެވެ. އަދި އެމީހުންނަކީ ނޫސްވެރިންތަކެއްކަން އޭރު ނޭނގޭކަމަށެވެ.
ލީބިޔާއިން މިފަހަރު މިނިވަންކުރި ނޫސްވެރިންގެ ތެރޭގައި ހިމެނެނީ، އެމެރިކާގެ ދެ ނޫސްވެރިން ކަމަށްވާ ކްލެއާ ގިލިސްއާއި، ޖޭމްސް ފޮލޭގެ އިތުރުން ސްޕޭންގެ ފޮޓޯގުރަފަރެއް ކަމަށްވާ މަނޫ ބްރާބޯއާއި، އިނގިރޭސް ވިލާތުގެ ނޫސްވެރިޔާ ނައިޖަލް ޗާންދްލާއެވެ. މި ހަތަރު ނޫސްވެރިންވެސް ހައްޔަރު ކުރެވިފައިވަނީ، އޭޕްރީލް 5 ވަނަ ދުވަހު، ލީބިޔާގެ ބްރެގާ އިންނެވެ. އަދި މިހާރު އެ ހަތަރު ނޫސްވެރިންވެސް ތިބީ ތުރާޕުލުސްގައި ހުންނަ ރިޒޯސް ހޮޓަލުގައިކަމަށް ޕްރެސްޓީވީން ޚަބަރު ދެއެވެ.
ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި އިބްރާހިމް މޫސާ އިތުރަށް ވިދާޅުވެފައިވަނީ، އެ ހަތަރު ނޫސްވެރިންނަށް އިހާނެތިކޮށް ކަމެއް ކުރެވިފައި ވާނަމަ ލީބިޔާގެ ސަރުކާރުން އެމީހުންގެ ކިބައިން މާފަށް އެދޭކަމަށެވެ. އަދި، އެމީހުން ބޭނުންނަމަ ނޫސްވެރިންގެ ގޮތުގައި ލީބިޔާގައި ހަރަކާތްތެރިވުމަށް ނުވަތަ ތޫނިސް މަގުން ލީބިޔާ ދޫކޮށް ދިޔުމުގެ ފުރުޞަތު ދީފައިވާކަމަށެވެ.
ލީބިޔާގައި ހިނގަން ފެށި ހަމަނުޖެހުންތަކަށް އެތަށް ދުވަހެއް ވެފައިވާއިރު، ދެ ފޮޓޯ ޖާނަލިސްޓަކު ވަނީ، މިޝްރާތުގައި، ހިނގި ހޫނުގަދަ ކުރިމަތިލުންތަކެއް ތެރޭ މަރުވެފައެވެ.

















ﷲ އަކްބަރު. އަޅުގަނޑުމެން ދި އިސްލާމަށްޓަކައި މިއަދު ފަޚްރުވެރިވަން. ﷲ ތިޔަބޭފުޅުންނަށް ބަރަކާތްލައްވާށި. އަދި އަޅުގަނޑުމެން ނަށް ތެދުމަގުދައްކަވާށިއެވެ. އާމީން.