ރާއްޖޭގެ ޚަބަރު

ނޫސްބަޔާން: ދީނީ ތަޤްރީރުތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ގޮތުން ރައިސް ނަޝީދު ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލުން.

މަދަނީ ޖަމިއްޔާތަކުގެ ނޫސް ބަޔާން

ނޫސް ބަޔާން

މާރޗް 26 ވީ ހުކުރު ދުވަހު ދިވެހި ރާއްޖޭގެ އަޑު މެދުވެރިކޮށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޤައުމާއި މުޚާޠަބު ކުރައްވާ ދެއްވާފައިވާ ރޭޑިޔޯ ޚިޠާބުގައި ދީނީ ޢިލްމުވެރިންދެއްވާ ދީނީ ތަޤްރީރުތަކުގައި އަންހެނުންނަށް ނިކަމެތިކަން ލިބޭހެން ވާހަކަ ދައްކާކަމަށާއި ދީނީ ދަރުސްތަކުގައި ދައްކާވާހަކަ ތަކާއި އިދިކޮޅު ހަދާ ފަރާތްތަކަށް އެދަރުސްތަކާއި ދެކޮޅަށް ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ދިނުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާ ގޮވާލެއްވުން އަޅުގަނޑުމެން ކުއްވެރި ކުރަމެވެ. އަދި ރައީސް ނަޝީދު މިމޭރުމުން ދައްކަވާފައިވާ ވާހަކަތަކަކީ އެކަންކަން އޮތްގޮތް ސާފުކޮށްދިނުމަށް ޢިލްމުވެރިންނަށް ލިބުނު ފުރުޞަތެއްކަމަށްބުނެ އެމްޑީޕީއިން ރައީސް ނަޝީދުގެ ލާދީނީ މިޢަމަލު ފޮރުވުމަށް މަސައްކަތް ކުރި ކުރުންވެސް ކުށްވެރި ކުރަމެވެ. އެހެނީ ދީނީ ކަންކަން އޮންނަންޖެހޭގޮތް ބުނެދިނުމުގެ ފުރުޞަތު ހުޅުވާލުމުގެ ބޭނުމުގައި ކަމަށްބުނެ، ޖެހިލުމެއްނެތި ދީނާއި އިދިކޮޅު ވާހަކަތައް ދެއްކުމަކީ ހަމަބުއްދީގައިތިބި ބަޔަކަށް ޤަބޫލުކުރެވޭފަދަ ފަލްސަފާއެއް ނޫނެވެ.

ދެންފަހެ ދަންނައެވެ. ދީނީ ތަޤްރީރުތަކުގައި ޢިލްމުވެރިން ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކަކީ ކީރިތި ޤުރްއާނުންނާއި މާތްރަސޫލާ صلى الله عليه وسلم ގެ ސުންނަތުގެ މައްޗަށް ބިނާކުރައްވައިގެން ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކެވެ. ޚާއްޞަގޮތެއްގައި ސުވަރުގެޔާއި ނަރަކައިގެ ވާހަކަ ދައްކަވާމުންނޭ ވިދާޅުވަމުން، ރާއްޖޭގެ މަޝްހޫރު ދެޢިލްމުވެރިންކަމަށްވާ އައްޝައިޚް އިލްޔާސް ޙުސައިންނާއި އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު މިމައުޟޫއަށް ދެއްވާފައިވާ ދެ ތަޤްރީރުގައި އަންހެނުންނަށް ބަދުބަސް ބުނެފައިވާކަމަށް ވިދާޅުވަމުން، މުޅިޤައުމުގައި އިސްލާމް ދީނާއި ދެކޮޅު އަންހެންވަންތަ (ފެމިނިސްޓް) ޚިޔާލުތައް  ދިރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެމަނިކުފާނު ޢަމަލާ ބަހުން ހިތްވަރު ދެއްވާފައިވާކަން ހިތާމައާއިއެކު ފާހަގަ ކުރަމެވެ.  އަދި ދީނީ ތަޤްރީރުތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދާ ދީނީ ޢިލްމުވެރިންގެ އަގުވައްޓާލުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމެވެ.

އަޅުގަނޑުމެން ކިތަންމެ ނުރުހުނަސް، މާތް ރަސޫލާގެ ޙަދީސް ބަސްފުޅުތައް ކިޔައި، އެއާއި ދޭތެރޭ ވިސްނާ ހެދުމަކީ އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިވާކަމެކެވެ. މިޢުރާޖުގެ ދަތުރުގައި އިތުރު އެކަލޭގެފާނަށް ސުވަރުގެއާއި ނަރަކަ ދެއްކެވުނު ހިނދު، ސުވަރުގޭގައި ފަޤީރުން ގިނަކަމާއި ނަރަކައިގައި އަންހެނުން ގިނަކަން އެކަލޭގެފާނު ދެކިވަޑައިގަތެވެ. މިއީ ދީނީ ޢިލްމުވެރިން ހަދައިގެން ދައްކާވާހަކަތަކެއްނޫނެވެ. ޤަބޫލުކުރަން ކިތަންމެ ދަތިވިއަސް މިވާހަކަތައް ޖެހޭނީ މުސްލިމެއް ކަމަށްވަންޏާ ޤަބޫލުކުރާށެވެ. އަދި މިވާހަކަތައް ޤަބޫލުނުކުރުމަކީ މުޙައްމަދު ނަބިއްޔާގެ ނަބީކަމަށް އިންކާރުކުރުމެވެ. އަދި މިވާހަކަތައް ނުދެއްކުމަށް ބުނުމަކީ ދީނުގެ ޙައްޤުގައި ވެވޭ ބޮޑުވެގެންވާ ޚިޔާނާތެކެވެ. އެހެންކަމުން ސުވަރުގެއާއި ނަރަކައިގެ ވާހަކަތައް މީސްތަކުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ އެކަލޭގެފާނުގެ ސުންނަތް ދިރުވުމެވެ.

މަދަނީ ބައެއް ޖަމްޢިއްޔާތައް ކަމަށްބުނެ ދީނުގެ ނަމުގައި އަންހެނުން ނިކަމެތިކުރަނީ ކަމަށް ބަޔާންކޮށް ދީނީ ކަންކަމާއި ބީރައްޓެހި  ބައެއް ޖަމްޢިއްޔާތަކަކުން ނެރެފައިވާ ނޫސްބަޔާނެއްގައިވާ ވާހަތަކަކީ ދިވެހި ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި، މުސްލިމުން ދައްކައިގެންވާނޭފަދަ ވާހަކަތަކެއް ނޫނެވެ. އިސްލާމްދީނަށް މަލާމާތާއި ފުރައްސާރަ ރައްދުވާފަދަގޮތަކަށް ޢިބާރާތްކޮށް ދީނުގެ ޤަދަރުކުޑަކޮށް ލިޔެފައިވާ މިނޫސްބަޔާން ބާޠިލުކޮށް މިދެންނެވި ޖަމްޢިއްޔާތަކުގެ އެންމެހައި މެންބަރުންނާއި ރައީސް ނަޝީދު ޙައްޤުގެ މަގަށް ރުޖޫޢަވެ ތައުބާވުމަށްވެސް މިޖަމްޢިއްޔާއިން ގޮވާލަމެވެ.

ނޫސްބަޔާން ނެރުމުގައި ބައިވެރިވި ޖަމްޢިއްޔާތައް:
1-    މޯލްޑިވިއަން ސޮސައިޓީ ފޯ އިސްލާމިކް ރިސާރޗް
2-    ޖަމްޢިއްޔަތުއްސަލާމް
3-    ޖަމްޢިއްޔަތުލް މުސްލިޙީން
4-    ޖަމްޢިއްޔަތުލް މުއައްޙިދީން
5-    ދިޔަމިގިލީ މަސްވެރިންގެ ކުރިމަގު
6-    އިހަވަންދޫ ޑިވްލަޕްމަންޓް ސޮސައިޓީ
7-    އިސްލާމިކު ފައުންޑޭޝަން އޮފް ދަ މޯލްޑިވުސް
8-    ޖަމްޢިއްޔަތުއް ނޫރު
9-    ޖަމްޢިއްޔަތުއް ތައިސީރު
10-     ތިމަރަފުށީ އެކުވެރިންގެ އައުރޫޙް

ގުޅުންހުރި

2 ޚިޔާލު

  1. جزاكم الله خيراً

  2. ދީނީ ތަޤްރީރުތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ ގޮތުން ރައިސް ނަޝީދު ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ހ :

    ނޫސްބަޔާން ވިދާޅުވޭ!

Your email address will not be published. Required fields are marked *