ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު އިސްލާމްދީނުގެ ތަރަހައިން ބޭރުވެ ވަޑައިގެން ލާދީނީ ފިކުރުތަކެއް ދިވެހި ރާއްޖޭގެ ލޮބުވެތި މުސްލިމު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރައްވައިފިއެވެ.
ޢަދާލަތު ޕާޓީއިން މިގޮތައް ހާމަކުރެއްވީ އެޕާޓީއިން މިއަދު ނެރެފައިވާ ނޫސްބަޔާނުގައެވެ. މިނޫސްބަޔާނުގައި ވަނީ މިފަހަކަށް އައިސް، ރައީސުލްޖުމުހޫރިއްޔާ ދެއްވަމުންގެންދަވާ ރޭޑިޔޯ ޙިޠާބުތަކުގައި، އިސްލާމުދީނާއި ތަޢާރުޒުވާ ގޮތައް ވާހަކަ ދައްކަވަމުން ދާކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރެއްވިއެވެ.
އަދި ދީނީ ޢިލްމުވެރިން ދެއްވާ ދީނީ ތަޤްރީރުތަކުގައި އަންހެނުންގެ ޙައްޤުތައް ގެއްލޭގޮތަށް ނުވަތަ އެފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން އަންނަހެން ވާހަކަތައް ބައްޓަންވަމުން ދާކަމަށާއި އަދި ސުވަރުގެޔާއި ނަރަކައިގެ ވާހަކަ ބަޔާންކުރާއިރު އަންހެނުންނާއި ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ ބައެއްފަރާތްތަކުން ހިތްހަމަ ނުޖެހޭ ކަމެއްކަމަށާއި އެފަދަ ވާހަކަތައް ހުއްޓުވައިދިނުމަށް އެމަނިކުފާނުގެ އަރިހުގައި ބައެއްފަރާތްތަކުން އެދިފައިވާ ވާހަކަ މިފަދަ ޚިޠާބެއްގައި ގެންނަވައި، ދީނުގައި ކަނޑައެޅި ބަޔާންވެފައިވާ މިފަދަ ވާހަކަ ތަކާއި އިދިކޮޅު ޚިޔާލުތަކަށްވެސް ތަންދޭންޖެހޭނެކަމަށް ވިދާޅުވުމުން، ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ރައްކާތެރިކުރެވިފައިވާ މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކުގެ ބޭރުން މުސްލިމުންނާއި ނުގުޅޭ، ލާދީނީ ފިކުރުތަކަކަށް ނުވަތަ އިސްލާމްދީން ފިޔަވައި އެހެންދީންތަކުގެ ފިކުރުތަކަށް މިރާއްޖޭގައި ފުރުޞަތު ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެމުންދާކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރެއެވެ.
އަދި ރައީސުލްޖުމުހޫރިއްޔާގެ މިޢަމަލަކީ ޤާނޫނު ނަމްބަރު 94/6 ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙީމާޔަތް ކުރުމުގެ ޤާނޫނާ ޚިލާފު ކަމެއްކަމުގައި ޢަދާލަތު ޕާޓިއިން ހާމަކުރައްވާފައިވެއެވެ. ސައްތައިން ސައްތަ އިސްލާމީ ދިވެހި ރާއްޖޭގައި އިސްލާމްދީނާ އިދިކޮޅު މިފަދަ ފިކުރުތަކަށް ޚުދު ރައީސުލްޖުމުހޫރިއްޔާ ގޮވާލެއްވި ގޮވާލެއްވުމަކީ ޢަދާލަތު ޕާޓީއިން އެކަމާއިއެމެދު އިންތިހާއަށް ކަންބޮޑުވާ ކަމަކެވެ. އަދި މިއީ މިޕާޓީއިން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމެއްކަމުގައި ޢަދާލަތު ޕާޓީއިން ހާމަކުރެއެވެ.
މިފަހަކަށް އައިސް ޢަދާލަތު ޕާޓީއިން ވަނީ ރައީސް ނަޝީދުގެ މިފަދަ ޢަމަލުތަކަށް ފާޅުކަން ބޮޑު ގޮތެއްގައި، ފާޑު ކިޔާ ރައްދު ދެމުންނެވެ.
މިކަމުގައި އިސްލާމިކް އެފެޔާޒުގެ ބަހެއް ހަމަ ނެއްތަ؟ ވ އިންތިޒާރުކުރަން. މިއީ ވ ސީރިއަސް ކަމެކެވެ.