މިއަދު އަޅުގަނޑުމެންގެ ގައުމުގައި ޑިމޮކްރެސީއޭ ބުނެފިނަމަ އެއީ ކޯއްޗެއްކަން ނުދަންނަ މީހެއް ނޫޅޭނެވެ. މީހެއް ކީއްކުރަންތޯއެވެ. މަދަރުސާގައި ކިޔަވާ އެންމެ ތުއްތު ކުއްޖާއަށްވެސް ޑިމޮކްރެސީއަކީ ކޯންޗެއްކަން ބުނެލަދޭން މިއަދު އެނގޭނެއެވެ. ނަމަވެސް މީގެ ކުޑަދުވަސްކޮޅެއް ކުރިން މިހާރު އަހަރުމެން މިކިޔާ ޑިމޮކްރެސީ އަކީ ކޯންޗެއްކަން އެނގޭ މީހުން ވަރަށް މަދެވެ. އޭރު މިބަސް،އާދެ ދިމޮކްރެސީ ބޭނުން ކުރުމަކީވެސް މީހުން ޖެހިލުން ވާ ކަމެކެވެ. ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދަށްކާ މީހުން ތިބެން ޖެހުނީ ޖަލުގެ ކުޑަ ގޮޅިތަކުގައެވެ. އޭރު އަހަރުމެންނަށް މިއާ އެންމެ ވަށްތަރު ބަހަކަށްވެސް އިވެމުން ދިޔައީ "ދިމުޤުރާތީ" ނުވަތަ ބައެއް މީހުން ކިޔާ ގޮތުންނަމަ "ދިމާ ކުރާތީ" އޭ ކިޔާ ބަހެކެވެ. މިފަދަ ބަހެއްވެސް އޭރު އިވެނީ އޭރުގައި ހުންނެވި ރައީސެއްގެ ހިޠާބަކުން އިވުނިއްޔާ އިވުނު ފަހަރަކުއެވެ.
އާދެ ރާއްޖެއަށް ޑިމޮކްރެސީ ގެނެވުނީ ވަރަށް ގިނަބައެއް ގެ ޖާނާ މާލުން އެތަށް ގުރުބާންތަކެއް ވެގެންނެވެ. އެތަށް ޒަމާންތަކެއްގެ ކެކުޅުމާއި، މިންނެތް މަސައްކަތުންނެވެ. އިންތިޒާރު ކޮށްގެން ލިބޭ އެއްޗެއްގެ ނަތީޖާ ފޮނިވާނެއޭ ބުނާތީ އަޅުގަނޑުވެސް އަހަމެވެ. އެހެންނަމަވެސް އެހާ ދުވަހުގެ މަސައްކަތުން މިގެނެވުނު ޑިމޮކްރެސީއަކީ އަޅުގަނޑުމެންނަށް މިދެންނެވިފަދަ ފޮނި އެއްޗެއްކަމާމެދު މިހާރު އަޅުގަނޑަށް ޝަށްކެވެ. މިހެން މި ދަންނަވަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެ ސިފަވެފައި އޮންނަނީ ވަރަށް އަމާން އޮމާން، އެއްބައިވަންތަ ، އަނެކުންނަށް ހެޔޮކޮށް ހިތާ ރަނގަޅު ބަޔަކު ދިރި އުޅޭ ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ލޮލުގެ ފެނުން ސަލާމަތުން ހުރި ބޭފުޅަކަށް ވިއްޔާ ދިވެހި މުޖުތަމައު މިއަދު މިއޮތް ހާލަތު ވަރަށް ރަނގަޅަށް ސިފަވާނެއެވެ. ސިޔާސީ ޕާޓީ ތަކާއެކު މުޅި ގައުމު މިވަނީ މުޅިން ބައިބައިވެފައެވެ. މި ދެންނެވި ބައިބައިވުން ފުޅާވަމުންގޮސް ނުހަނު އެކުވެރިކަމާއެކު އުޅެމުން އައި އާއިލާތަކަށްވެސް މިވަނީ އޭގެ ނުބައި އަސަރު ކޮށްފައެވެ. މައިންނާ ދަރިންނާ ދެމެދުވެސް ޑިމޮކްރެސީއެވެ. ފިރިމީހާއާ އަނބިމީހާއާ ދެމެދުވެސް ޑިމޮކްރެސީއެވެ. އޮފީސްތަކުގެ މުވައްޒަފުންނާ ބޮހާ ދެމެދުވެސް ޑިމޮކްރެސީއެވެ. މިހެންގޮސް ކިޔާނެކަމެއް ނެވެ. މުޅި ގައުމަށް މިވަނީ ޑިމޮކްރެސީ ބަލި ޖެހިފަވެ.
ޑިމޮކްރެސީ ނުލިބޭހާ އިރު އެވަރު އެއްޗެއްނެތެވެ. ނަމަވެސް އަޅުގަނޑުމެންނަށް އެ އެއްޗެއް ގެނެވިގެން ފަހުރުވެރި މިވާ ޑިމޮކްރެސީ ހާސިލް ކުރެވުނު އިރު މިވަނީ އިޖްތިމާއީ އެތައް ބަލިތަކެއް ގައުމުގައި ފެތުރި ވަކިހިއްޕާލައިފައެ. ރައްޔެތުންގެ މަޖިލީހުގެ ޖަލްސާއެއް އޮތީވިއްޔާ މުޒާހަރާއަކާ ނުލާ ނިންމާ ލެވުމަކީ ދަތިކަމެކެވެ. ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ބާއްވައިފިނަމަ ކޮންމެވެސް މީހެއްގެ މަސްކެއުން ނޫން ކަމެއް ކުރަނީކީ ނޫނެވެ. ޑިމޮކްރެސީގެ ސަބަބުން ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާ، ތިމާގެ ހިތުހުރިހާ ވާހަކައެއް ދައްކާއިރު، ކަހަރުވަކު ތޮއްޓޭވެސް ހީނުވެއެވެ. މީހެއް ބަދުނާމުކޮށް ވަކި ކުލައެއްގެ ޕޯޑިއަމެއް ކައިރި ހުރެގެން ފަތިވަރެއް ދަމާލެވެނިކޮށް އައިސް ތިބޭ މީހުން އަތް ޖަހަ ޖަހައިފައި ހީވާނި މުޅި ދުނިޔެ ރަންވެގެން އުޅޭހެންވެ. ދުވަހަކުން ތިމާގެ ދުލުން ބޭރުކުރި ކޮންމެ ޖުމުލައަކާއިމެދު ސުވާލު ވެވޭނެކަމެއް ހިތަކަށްވެސް ނާރައެވެ.
ކޮންމެއަކަސް މިއޮތީ ބަޔަކަށް މޮޅު ކަމެއް ހާސިލް ކުރެވިފައެވެ. އެކަމަށް ޖާނާއި މާލުން ގުރުބާންތަކެއް ކޮށްގެން އެތަށް މަސައްކަތެއްކުރެވުނު އިރަކު މަސައްކަތް މިކުރެވެނީ ގައުމަށް ހަމަ ނުޖެހުމާއި، މާރާ މާރީއާއި، އަދި މިނޫންވެސް އިޖުތިމާއީ ތަފާތު މައްސަލަތަކެއް ގެނައުމަށް ކަމެއް އެކުގެ ހިތަށްވެސް ނާރައެވެ. ޑިމޮކްރެސީއަށް ތާއީދުކުރާ ބައެއް ބޭފުޅުން މިއީ ޑިމޮކްރެސީގެ ޅަފަތުގެ ދައުރުގައި ހިނގާނޭ ކަންކަމޭ ބުނެ ކޮޅު ދިފާއުކުރަން މަސަކަތް ކޮށްފާނެއެވެ. އެބޭފުޅުންނަށް އަޅުގަނޑު ކޮށްލަން އޮތި ދެތިން ސުވާލެކެވެ. ތިދަންނަވާ ޑިމޮކްރީ ފަރިވެ ފަށްކާ ވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ލާމަސީލު ޑިމޮކްރެސީއެއް ސިފަކުރާނަމަ މިސާލު ތިޖައްސަވާ އެމެރިކާގައި އެވަނީ ތިދަންނަވާ ފަދަ ފަރިވެ ފަށްކާވެފައިވާ ޑިމޮކްރެސީއެއް ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އެތާކު މާރާ މާރާ މާރީއެއް ހިނގައިގެން ނުވާނެއެވެ. ދެދުހުން އެއްދުހު މުޒާހަރާކޮށް މީސްތަކުންނަށް އަނިޔާ ލިބިގެންވެސް ނުވާނެއެވެ. ހަގީގަތުގައިވެސް އެތަނުގެ ކަން އޮތީ ހަމަމިފަދައިން ހެއްޔެވެ؟ އެއީ ތިދަންނަވާ ޑިމޮކްރެސީ ފަރިވެ ފަށްކާވުމުން ލިބޭ މޭވާތޯއެވެ؟

















ޚިޔާލު