ރިޕޯޓް "ޙައްލަކީ އިސްލާމްދީން" ކެމްޕޭނާއެކު ރާއްޖެ އަމާން ބަނދަރަކަށް !

"ޙައްލަކީ އިސްލާމްދީން" ކެމްޕޭނާއެކު ރާއްޖެ އަމާން ބަނދަރަކަށް !

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމީ ޝަރީޢަތް ތަންފީޛް ކުރުމަށް ގޮވާލާ 29/04/2011 ގައި ސުނާމީ ބިނާ ސަރަޙައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން / ފޮޓޯ : ދިއިސްލާމް / ލިޔުނީ : ޙަސަން ޝިޔާޒް

ރާއްޖެ އަމާން ބަނދަރަކަށް ގެނައުމަށް އޮތް އެންމެ ވަރުގަދަ ވަޞީލަތަކީ ކޮބައިތޯއެވެ؟ އެއްވެސް މުސްލިމަކު އެއްވެސް ދެބަސްވުމެއް ނެތި މިސުވާލުގެ ޖަވާބަކަށް ވިދާޅުވާނީ އެވަޞީލަތަކީ އިސްލާމްދީން ކަމަށެވެ. މިއީ މިއަދު ގިނަ ޣައިރުމުސްލިމުން ވެސް އެކަމަކަށް އިޢުތިރާފްވަމުންދާ ޙަޤީޤަތެކެވެ.

އިއްޔެ ހަވީރު ޢަދާލަތު ޕާޓީން އިސްނަގައިގެން މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި "ޙައްލަކީ އިސްލާމީ ޝަރީޢަތް ތަންފީޛް ކުރުން" މިޝިޢާރުގެ ދަށުން ރައްޔިތުން އެއްވެ ފާޅުކުރެއްވި ޝުޢޫރުތަކަކީ ދިވެހި ޤައުމަށް ﷲ ގެ މިންވަރުފުޅާއެކު އާދިރުމެއް ލިބެން އުޅޭކަމުގެ ފެހި ސިގްނަލެއް ކަމަށް އުންމީދުކުރެވެއެވެ. މާލޭގައި ސުނާމީ ބިނާ ސަރަޙައްދުގައި ކުރިއަށް ދިޔަ މިއެއްވުމުގައި އެތައްހާސް ބަޔަކު ބައިވެރިވެ ރާއްޖޭގައި އިސްލާމީ ޝަރީޢާ ތަންފީޛް ކުރުމަށް ގޮވާލާފައިވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް ފިނިކަން ލިބޭފަދަ އެތައް މެސެޖްތަކެއް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ޤާނޫނީ ތަޖުރިބާކާރުންނާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިސްބޭފުޅުންގެ ދޫފުޅުތަކުން އިއްޔެ އިވިގެން ދިޔައެވެ. މިގޮތުން އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައްޔިތުންނަށް ދެއްވި މެސެޖް ފާހަނގަކޮށްލަމެވެ.

ޝަހީމް ވިދާޅުވީ "ޙައްލަކީ އިސްލާމްދީން" މި ޝިއާރުގެ ދަށުން، އިސްލާމީ ޝަރީޢާ ތަންފީޛްކުރަން ގޮވާލާ ގޮވާލުންތަކުގެ އަޑު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ޤާޒީންނަށް އިވެންދެން އަދި ޤާނޫނުތައް އިސްލާމީ ޝަރީޢަތާ އެއްގޮތަށް ބައްޓަން ކުރެވެންދެން ރާއްޖޭގައި ވަރުގަދަ ކެމްޕޭނެއް ކުރާނެ ކަމަށެވެ. އަދި "ރާމާމަކުނުތައް ބޯކިބާ ބަހަމުން ދިޔައިރު ދެންތިބި މަކުނުތައް ބަލަހައްޓައިގެން ތިބިގޮތަށް ބަލަހައްޓައިގެން ނުތިބޭނެ" ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

މިއެއްވުމުގައި ވާހަކަފުޅުދައްކަވަމުން އީ.އެން.ޓީ ސްޕެޝަލިސްޓް، ޑރ. މައުރޫފް ޙުސައިން ވިދާޅުވިގޮތަށް ރާއްޖޭއަށް މިއަދު ޢާއްމުވެފައިވާ ޢިޖްތިމާއީ ނުބައި ބަލިތަކަށް ފަރުވާކުރުމަށްޓަކައި "އިމަޖެންސީ ޓްރީޓްމަންޓް" ދޭން ވަނީ ޖެހިފައެވެ. ނުރައްކާތެރި ކެންސަރު ބަލިޖެހިފައިވާ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އެމީހާގެ ގުނަވަނެއް ބުރިކޮށްލަންޖެހުމުން އެގުނަވަން ހަށިގަނޑާއި ވަކިކޮށްލުން ނޫންގޮތެއް ނެތެވެ. ހަމަމިފަދައިން މީހުން މަރާ މީހުންނަށާއި، ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށާއި، ޒިނޭ އާއި ވައްކަމާއި، ފޭރުމާއި، ބިންމަތީގައި ފަސާދަ އުފެއްދުމާއި، މިފަދަ އެންމެހާ ބޮޑެތި ކުށްތަކަށް އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ޙުކުމް ތަންފީޛް ކުރުމުން މެނުވީ މުޖުތަމަޢަށް އަމާންކަމާއި ރައްކާތެރިކަމެއް ނުލިބޭނެއެވެ.

"ޙައްލަކީ އިސްލާމްދީން" މިޝިޢާރުގެ ދަށުން އަޅުގަނޑުމެން ހުރިހާ ރައްޔިތުންގެ އަމިއްލަ ނަފްސުތައް ފުރަތަމަ އިޞްލާޙްކުރުމަށް މަސައްކަތް ފަށަމާ ހިނގާށެވެ. އަދި އަޅުގަނޑުމެންގެ ޢާއިލާތަކާއި، ރަޙްމަތްތެރިންނާއި، މުޖުތަމަޢުގެ މީސްތަކުން އިޞްލާޙްކޮށް، އެބައިމީހުންނަށް ހެޔޮގޮތް ވިސްނައިދެވޭތޯ މިޝިޢާރުގެ ދަށުން މަސައްކަތްކުރަމާ ހިނގާށެވެ. މި ދީނީ އަދި ޤައުމީ ކެމްޕޭނުގައި ހުރިހާ ދިވެހި މުސްލިމުންވެސް ބައިވެރިވެލައްވާށެވެ. މިކަމުގައި އެންމެން އެއްބައިވެ އެކަތިގަނޑަކަށްވާށެވެ. ދިވެހި ޤައުމަށް އަމާން ބަނދަރެއް އެދިގެންނެވެ.

ޓެގް

އިސްލާމީ ޝަރީޢާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.