މިރޭ ޖަމްޢިއްޔަތުލް ޙައިރުއާއި، އެމް.ޑީ.ޕީގެ އިސްލާމީ މަޝްވަރާ މަޖްލީހާއި ގުޅިގެން ހެދިގޮނޑުދަށުގައި ކުރިއަށްދިޔަ، ދީނީ ދަރުސް މެދުކަނޑައިލައިފިއެވެ. މިދަރުސް މެދު ކަނޑާލީ، ބޮޑު ދެޕާޓީގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން، ދެޕާޓީގެ ސަޕޯޓަރުންގެ މެދުގައި، ހޫނުވެ، އެއްބަޔަކު އަނެއް ބަޔަކަށް، ކުރިމަތިލުން ހިންގައި، މިފަދަ ނުރައްކާތެރި ޙާލަތަކަށް ދިއުމުގެ ސަބަބުންނެވެ.
ދެޕާޓީގެ ސަޕޯޓަރުންގެ މެދުގައި، އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ޚަމަލާތައް ހޫނުވެ، ތަނުގައި އަޑުގަދަވާންފެށުމުން، މިދަރުސްކުރިއަށް ގެންދެވި އައްޝައިޚް އަޙްމަދު ހައިޘަމްވަނީ ކުޑަވަގުތުކޮޅަކަށް މެދުކަނޑާލާފައެވެ. ނަމަވެސް ކުރީސަފުގައި ތިއްބެވި ބޭފުޅުންވަނީ އަތުގެ އިޝާރާތުން، ދަރުސް ކުރިއަށްގެންދެވުމަށް އަންގާފައެވެ. މިއިޝާރާތައް ޝޭޚް ދަރުސްކުރިއަށްގެންދަވަންފެށިތާ، މާގިނައިރެއްނުވަނީސް، ދެޕާޓީގެ ސަޕޯޓަރުންގެ މެދުގައި، ކުރިމަތިލުން ހިގައި، އެއްބަޔަކުއަނެއްބަޔަކަށް އެއްޗިހި އުކަންފެށުމުން ވަނީ ދަރުސް މެދުކަނޑާލައިފައެވެ.
ދެޕާޓީގެ ސަޕޯޓަރުންގެ މެދުގައި، ކުރިމަތިލުންހިގަން ފެށުމުން ފުލުހުންވަނީ މިކަން ހުއްޓުވުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ދެޕާޓީގެ ސަޕޯޓަރުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ތަނުގެ ޢަމާންކަށް ގެއްލުމުގެ ސަބަބުން، ފުލުހުންވަނީ މިކަން ކޮންޓުރޯލުކުރުމަށްޓަކައި، ކަރުނަގޭސް ބޭނުންކޮށްފައެވެ. ކަރުނަގޭސް ބޭނުންކުރުމުގެ ކުރިން، ފުލުހުންވަނީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅާކަމުގައިވާނަމަ، ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ލިބޭއެއްވެސް ގެއްލުމަކަށް ޒިންމާނުވާނެކަމަށް އިޢުލާންކޮށްފައެވެ.
ދެޕާޓީގެ ދެމެދުގައި، ހިނގި ކުރިމަތިލުންތަކުގައި، ބައެއް މީހުންނަށްވަނީ، ޒަހަމުތަކެއްވެފައެވެ. ޒަހަމުވި ޢާމުންގެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، ފުލުހުންގެ އެހީގައިވަނީ ހޮސްޕިޓަލަށްގެންގޮސް ފަރުވާ ދޭންފަށާފައެވެ. މިހިނގި ކުރިމަތި ލުމުގައި ޢާންމުގެ މީހެއްގެ ލޯމަތިވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.
މިއީ މިފަހުގެ ތާޜީހެއްގައި، ރާއްޖޭގައި ކުރިއަށްގެންދިޔަ ދީނީ ދަރުސެއް ވަކިބައެއްގެ މިފަދަ ޢަމަލުތަކުގެ ސަބަބުން މެދުކަނޑާލެވުނު ފުރަތަމަ ދަރުސެވެ.
ޚިޔާލު