އިސްލާމީ ޝަރީޢަތަކީ ބައެއް ދިވެހިންގެ ނަޒަރުގައި "އެޓަމް ބޮމަކަށް" ވެފައިވާ ކަމަށް ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ. ޝައިޚް އިލްޔާސް މިހެން ވިދާޅުވީ ރޭ ދަރުބާރުގޭ ދޮށިމޭނާ މާލަމްގައި "ޙައްލު" މިމައުޟޫއަށް ދެއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ މުޖުތަމަޢުގައި ހިނގަމުންދާ ބޮޑެތި ޖަރީމާތަކާއި ފިތުނަތައް ޙައްލުކުރުމަށްޓަކައި ޤައުމުގެ ވެރިން ކިތަންމެވަރަކަށް މުޢައްޞަޞާތަކާއި ވާހަކަތައް ދެއްކިޔަސް ޙައްލެއް ނުލިބޭނެ ކަމަށާއި، ހަމައެކަނި ޙައްލު ލިބޭނީ އިސްލާމީ ޝަރީޢާ އަށް ރުޖޫޢަވެގެން ކަމަށް ޝައިޚް ބަޔާންކޮށްދެއްވިއެވެ.
އިތުރަށް ޝައިޚް ވިދާޅުވީ އިސްލާމް ދީނަކީ ހުރިހާ ޒަމާނަކަށާއި ހުރިހާ ތަނަކަށް ފެތޭގޮތަށް ﷲ ބާއްވާލައްވާފައިވާ، އެކަލާނގެ ޙަޟްރަތުގައި ހަމައެކަނި ދީންކަމަށާއި، މިދިރިއުޅުމުގެ ނިޒާމްގައި ކަނޑައެޅިފައިވާ އުޞޫލްތަކާއި ޤާނޫންތަކާއި ޤަވާއިދުތަކަށްވުރެ ލާބައާއި މަންފާހުރި އެއްވެސް ކަހަލަ އުޞޫލްތަކެއް މިބިންމަތީގައި ދެނެއް އެއްވެސް ބަޔަކަށް ނުގެނެވޭނެ ކަމަށެވެ.
"ނުކެރޭނެ ދުނިޔޭގެ އެއްވެސް ޖަމްޢިއްޔާއަކަށް ވެސް އަދި އެއްވެސް ސޮސައިޓީ އަކަށް ވެސް މިފަދަ ނިޒާމެއް ގެނެސްދޭން." ޝައިޚް ޗެލެންޖް ކުރެއްވިއެވެ.
އިސްލާމްދީނަކީ ހަރުކަށި ދީނެއް ކަމަށް ޢަދާވާތްތެރިން ދައްކާ ވާހަކަތައް ބައެއް ދިވެހިންވެސް "ތަރައްޤީވެގެން ގޮސް" ޤަބޫލުކޮށްފައިވާ ކަމަށް ޝައިޚް ވިދާޅުވިއެވެ.
"މިޝަރީޢަތުގެ ލަފްޛު އަޑުއިވުނީމަ އަޅުގަނޑުމެންގެ ޢަދާވާތްތެރިންގެ ލަގޮނޑިތަކަށް ވަރަށް އަސަރުކުރާނެ. އަސަރުކުރީމަ އެމީހުން ދެއްކި ވާހަކައިގެ މައްޗަށް އަސަރުކޮށްގެން އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މީހުން ބުނަނީ އިސްލާމީ ޝަރީޢަތޭ ބުނެފިނަމަ ވަރަށް ކަޑަވީއޭ. އިސްލާމީ ޝަރީޢަތޭ ބުނެފިއްޔާ އެޓަމް ބޮމެއް އެއީ. " ޝައިޚް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިއަދުގެ އިސްސަފުގައި ތިއްބެވި ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އިސްލާމީ ޝަރީޢަތޭ ކިޔައިގެން އަޅުގަނޑުމެންނަށް މިއުޅެނީ ތަރައްޤީނުވެގެނޭ. ޤައުމެއް ތަރައްޤީވެގެން ދާއިރު ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް ވެސް އޮންނާނެއޭ" ބައެއް ވެރިންގެ ފިކުރު ހުރިގޮތް ބަޔާންކޮށްދެއްވަމުން އިތުރަށް ވިދާޅުވިއެވެ.
ޢަދާވާތްތެރިން އިސްލާމްދީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ޝައިޚްގެ މިދަރުސްގައި ބައްލަވާލެއްވިއެވެ. މިގޮތުން ފިކުރީ ހަނގުރާމައިގައި ޢަދާވާތްތެރިން މައިގަނޑު 5 ކަމެއް ބޭނުންކުރަމުންދާ ކަމަށާއި އެއީ ތަޢުލީމް، މީޑިއާ، އަންހެނުންގެ ޙައްޤުތައް، ޤައުމިއްޔަތު އަދި އިންސާނީ ޙައްޤުތައް ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަންތައްތައް ނަގައިގެން ޒުވާން ޖީލު ހަލާކުކޮށްލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އިސްލާމީ ތަޢުލީމް ހަލާކުކޮށް، އިސްލާމީ އަޤީދާ ހީނަރުކޮށް، މާއްދިއްޔަތަށް ފިކުރު ހުސްކޮށްލުމަށާއި ރޫހާނީ ބައި ނައްތާލުމަށް މަސައްކަތްކުރަމުންދާ ކަން ޝައިޚް ފާހަނގަ ކުރެއްވިއެވެ. ތަޢުލީމީ ދާއިރާގެ ގިނަ ވެރިންވެސް އިސްކަން ދެއްވަނީ މާއްދިއްޔަތުން ކަންތައް ޙައްލުކުރުމަށް ކަމަށާއި، އިސްލާމް މާއްދާ ކިޔަވައިދެވޭ ގަޑި މަދުކޮށްފައިވާ ކަމަށާއި، ޤައުމަށް ބޭނުންވާ ވަރަށް އިސްލާމް މާއްދާ ކިޔަވައި ދިނުމަށް ޤާބިލްކަމާއި ހުނަރު ހުރި މީހުން އުފައްދާފައި ނެތް ކަމަށް ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ އިސްލާމީ ތަޢުލީމްދޭ މަރްކަޒްތައް ނައްތާލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މީގެ މިސާލު ދައްކަވަމުން އައްޑޫ އިސްލާމިއްޔާ ސްކޫލް ނައްތާލުމަށްފަހު އެތަން އައްޑޫ ހައި ސްކޫލްގެ ނަމަށް ބަދަލުކޮށްފައިވާ ކަން ފާހަނަގަކުރެއްވިއެވެ.
އިސްލާމްދީން އައީ މުޖުތަމަޢުގައި އަމާންއޮމާންކަން ޤާއިމްކުރުމަށް ކަމަށާއި، މައިގަނޑު ގޮތެއްގައި ފަސްކަމެއް ޙިމާޔަތްކުރުމަށް އިސްލާމްދީން ބާރުއަޅާކަން ހަނދާންކޮށްދެއްވިއެވެ. އެއީ ދީން ޙިމާޔާތްކުރުމާއި، ފުރާނަ ސަލާމަތްކުރުމާއި، ބުއްދި ޙިމާޔަތްކުރުމާއި، މުދާ ޙިމާޔަތްކުރުމާއި، އަބުރާއި ޢިއްޒަތް ރައްކާތެރިކުރުން ކަން ބަޔާންކޮށްދެއްވިއެވެ.
ޒިނޭގެ ޙައްދު، މަރަށް މަރުހިފުން، ފޭރުމާއި ބިންމަތީގައި ފިތުނަ ފަސާދަ އުފައްދާ މީހުންނަށް އިސްލާމްދީނުގައި ކަނޑައެޅިފައިވާ އުޤޫބާތް، މިފަދަ އެންމެހާ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތައް ތަންފީޛް ކުރުމުގެ ބޭނުމަކީ މުޖުތަމަޢު ޙިމާޔަތްކޮށް އަމާންކަމާއި ޞުލްޙަމަސަލަސް ކަން ޤާއިމްކުރުން ކަން އިތުރަށް ޝައިޚް ބަޔާންކޮށްދެއްވިއެވެ.
"އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންގެ ލޮލުންތޯ ކަރުނަ އޮހެމުން މިދަނީ؟ ކިތައް މީހުންނަށްތޯ އަމާންކަން ގެއްލިފައި ވަނީ؟ މުސްކުޅިންނަށް ބެލުމެއް ނެތް. ކުޑަކުދިންނަށް ބެލުމެއް ނެތް. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފާޙިޝް ކަންތައްތައް ގޮސްފައިވާ މިންވަރަކީ ގްރޭޑް އެކެއްގެ ކުދިންވެސް ފާޙިޝް ޢަމަލް ކުރަން ފަށައިފިއޭ. 17 ކުދިން އެބަތިބި ކަމަށް އެބަ ބުނޭ. ނަމަވެސް މީޑިއާތަކުން ނުކިޔާނެ." ޝައިޚް އަސަރާއެކު ވިދާޅުވިއެވެ.
މުޖުތަމަޢުގައި ފާޙިޝް ކަންތައްތައް ފެތުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިންވެސް ޢަދާވާތްތެރިން އުޅޭނެކަން ޝައިޚް ހަނދާން ކޮށްދެއްވިއެވެ. މިގޮތުން މިއުޒިކް ހުއްދަކޮށް ދިވެހިން މަގުފުރެއްދުމަށް މަސައްކަތްކުރާ ޢަދާވާތްތެރިންނަށް ރައްދު ދެއްވިއެވެ.
މީގެ އިތުރުންވެސް، ޤުރުއާނާއި ހަދީޘްގެ އަލީގައި ރައްޔިތުންނަށް ވަރަށް ގިނަ މެސެޖްތައް ޝައިޚް ވަނީ ދެއްވާފައެވެ. ޢަދާލަތު ޕާޓީން އިންތިޒާމްކުރި މިދަރުސަށް ވަރަށް ގިނަ ރައްޔިތުން ޙާޟިރުވެފައިވާ ކަން ފާހަނަގަކޮށްލެވެއެވެ. މިދަރުސް ވަނީ އެމް.އެން.ބީ.ސީ ވަން އަދި ރޭޑިއޯ އެޓޯލް އިން ވަގުތުން ދުރަށް ފޮނުވާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...