ރިޕޯޓް "އަގްލީ ޑަކްލިން"ގެ ފަރާތުން، އުޅެބޮޑުވި ވެއްޓަށް !!

"އަގްލީ ޑަކްލިން"ގެ ފަރާތުން، އުޅެބޮޑުވި ވެއްޓަށް !!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް


ލިޔުނީ: އަފޫ

އަހަރެން އެންމެ ތުއްތު ތުއްތު އިރުއްސުރެ، ތިބާ އަހަންނަށް "އަގްލީ ޑަކްލިން އެންޑް ދަ ސްވޮން" ނަމަކަށް ކިޔާ ވާހަކައެއް ކިޔައިދިނީމު ނޫންހެއްޔެވެ؟ އެވާހަކާގައި އުޅޭ އަސްދޫނި ވިހޭ އިރު ބަލާލަން ނުކެރޭހާ ހުތުރު ސިފައެއްގައި ވަނިކޮށް، ބޮޑުވެގެން ހުދުކުލައިގެ ރީތި ސްވޮން އަކަށް ބަދަލުވެއެވެ. ޒަމާންތަކެއް ވަންދެން ތިބާ އަހަރެންގެ ބޮލަށް ސަވާރުވަމުން އައީ، މިއީ އަހަރެންގެ ޙަޔާތުގެ ވާހަކަކަމުގައި ޤަބޫލުކުރުވަމުންނެވެ. އަންހެން ކުއްޖަކަށްވީތީ، އަހަންނަކީ އުފަންވީ އިރު އެއްވެސް މީހެއްނޫންކަމަށާއި، އަހަންނަކީ މީހުން ބަލައިގަންނަ މީހަކަށްވީ، ތިބާގެ ދަޅަތަކަށް ހެއްލި، ފިރެހެނުން ކުޅެން ގެންގުޅޭ "ޗާބީ ބުދަކަށް" ވުމުންކަމުގައި ތިބާ ބުނީމު ނޫން ހެއްޔެވެ؟

ތިބާ އަހަންނަށް ވިސްނައިދެމުން އައީ، އަހަރެންގެ ޙަޔާތުގެ މަޤްޞަދަކީ، ފިރެހެނުންގެ ހިތްހަމަ ޖައްސައިދީ، އެމީހުންގެ ރުހުން ހޯދުންކަމުގައެވެ. އަހަރެންގެ ހަށިގަނޑުގެ ރީތި ވަނާތައް، ފިރެހެނުންގެ ކުރިމަތީގައި އިޝްތިހާރުކޮށް، އެމީހުންގެ ހިތްތައް ކަތިލުވާ، އެމީހުންގެ ފަރާތުން ތައުރީފާއި ޘަނާ ހޯދައިގަތުންކަމުގައެވެ. ތިބާގެ ވަސްވާހުގައި ޖެހި، އޭގެ އެންމެ ފުރިހަމަ މާނައިގައި ނީލަމަށް ލާފައިއޮތް "ހަވަރު ތުންފުއްސަކަށް" އަހަރެން ވީމެވެ. އަހަރެންގެ ފަރި މޫނަށް މޭކަޕްގެ ބާވަތްތަކުން އިތުރު ޗާލުކަން ގެނައީމެއެވެ. ތިބާ އަހަންނަށް ދައްކަމުން ދިޔަ، ކުލަ ކުލައިގެ މިނީ ސްކަރޓް ތަކާއި ގަޔަށް ބާރު ހެދުން ތަކުން އަހަރެންގެ ޖާޒުބީ ހަށިގަނޑުގެ ނަލަކަން އިންތިހާއަށް ފާޅުކުރީމެވެ. އަހަރެންގެ ލަދުވެތިކަމާއި އަބުރުވެރިކަން، މަޝްހޫރުކަމާއި "ކަތި ނަޒަރު" ތަކަށްޓަކައި ވިއްކާލީމެވެ. އަހަރެންގެ ޅަދޮޅު އުމުރު، ފެޝަން މަޖައްލާ ތަކުގެ ބޭރުގަނޑުތަކާއި ސްޓޭޖްތަކުގެ މަތި  ފަޅުފިލުވުމުގައި ހޭދަކުރީ، ތިބާ އަހަންނަށް ދެއްކި "ސާހިބުންނަށް" އަޅުވެރިކަން އަދާކުރުމުގައެވެ.

އަހަރެންވީ ތިބާ އާއި އެމީހުންގެ އަޅެއްކަމުގައެވެ. ނަމަވެސް ތިބާ އަހަންނަށް ބުނެދިނީ، އަހަންނަކީ ފުރިހަމަ މިނިވަނެއްކަމުގައެވެ. ބަންޑާރަ މުދާގަނޑެއް ފަދައިން ތިބާ އަހަރެން ބޭނުންކުރަމުން އައީމުއެވެ. ތިބާގެ ވިޔަފާރި ކުރިއަރުވާ، މުދާތައް އިޝްތިހާރުކުރުމަށް އަހަރެންގެ ބޭނުން ހިފީމުނޫންހެއްޔެވެ؟ ނަމަވެސް ތިބާ އަހަރެންގެ ގާތުގައި ވަޢުދުވަމުން އައީ، އެއީ އަހަރެންގެ ކާމިޔާބީކަމުގައެވެ. އަހަންނަކީ "އަގްލީ ޑަކްލިން" ކަމުގައި ޤަބޫލުކުރުވަމުން، އަހަރެން ބޮޑުކުރުވި، ތިބާ ތިޔައީ ބޮޑު ދޮގުވެރިއަކީމު ނޫންހެއްޔެވެ؟

އިސްލާމްދީން އަހަންނަށް ބުނެދިނީ އަހަންނަކީ ހުދުކުލައިގެ ރީތި "ސްވޯން"އެއްކަމުގައެވެ. އަހަންނަކީ ކަލާނގެ ޚަލްޤުތަކުންގެ ތެރެއިން، އުފެދުމުގައި ވެސް އިންތިހާއަށް ފުރިހަމަކަމުގެ ލާމަސީލު މިސާލެއްކަމުގައެވެ. އަދި އަހަރެންގެ ހަށިގަނޑާއި ފުރާނަ އުފައްދަވާފައިވަނީ ، މާ މަތިވެރި މަޤްޞަދަކަށްޓަކައިކަމުގައެވެ. އަންހެނަކަށްވީތީ އަހަރެންގެ ޢިއްޒަތް މިވަނީ އުފުލި، ނެގެހެއްޓިފައެވެ. ނަމަވެސް އަހަރެންގެ އަގު ވަޒަންކުރެވެނީ، އަހަރެންގެ އުނަގަނޑުގެ ވަށަމިނާއި، އިސްކޮޅުގެ ދިގުމިނަކުން ނޫނެވެ. އަދި އަހަންނާއި ދިމާއަށް ކަޅި އުކާ ފިރެހެނުންގެ ގިނަކަމަކުން ވެސް ނޫނެވެ. އަންހެނެއްގެ ހައިސިއްޔަތުން އަހަރެން މިންކުރެވެނީ އެއަށް ވުރެ މާ މަތީ ފަންތިއަކުންނެވެ. އެއީ ފިރިހެނުންނާވެސް އެއްފަދައިން، އަހަރެންގެ ކިބައިގައިވާ ތަޤްވާވެރިކަމާއި އަބުރުވެރިކަމުގެ މިންވަރުންނެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ." (49:13)

އަހަރެންގެ ލޫޅާފަތި ހަށިގަނޑާއި ފަރި ގުނަވަންތައް ފިރެހެނުންގެ ދަހިވެތި ބެލުންތަކުން ރައްކާތެރިކޮށް، އަހަރެން ދިރި ދުނިޔޭގައި މިހުރީ އެމީހުން ރުއްސުމަށްޓަކައި ނޫންކަން މުޅި އިންސާނިއްޔަތަށް ހާމަކޮށްދިނުމަށް މާތްﷲ އަންގަވާފައިވަނީ މިސަބަބަށްޓަކައެވެ. އެކަލާނގެ އަހަރުމެން އަންހެނުންގެ ކަރާމާތާއި ޝަރަފް މަތިވެރިކަންމަތީ ދެމެހެއްޓެވުމަށްޓަކައި، އަހަރުމެންގެ ނިޔަނެތިކަން ފޮރުވާ ރައްކާކުރުމަށްވަނީ އަމުރުކުރައްވާފައެވެ. އަދި މިޗާލުކަން ފެނުމުގެ ހަމައެކަނި ޙައްޤުވެރި ފަރާތްކަމުގައި އެކަލާނގެ އަންގަވާފައިވަނީ އަހަރެންގެ އަމިއްލަ އިޚްތިޔާރުގައި އަހަރެން އެމީހަކާއި ކައިވެނި ކުރާ މީހާއެވެ. އެހެންކަމުން އަހަރެން "މިނިވަންކޮށްދޭން" އެދޭ މީހުންނަށް އަހަރެންގެ ފަރާތުން ބުނެލަން ބޭނުންވަނީ، "ނޯ ތެންކްސް"އެވެ.

އަހަރެން މިދުނިޔެއަށް ފޮނުއްވީ މައުރަޒެއްގައި ދައްކާލުމަކަށްޓަކައި ނޫންކަން އަދިވެސް ހަނދާންކޮށްދެމެވެ! އަހަރެންގެ ހަށިގަނޑު އުފެއްދެވީ މަގުތަކުގެ ދުވާރުތަކަށް ސަވާރުވެތިބޭ ޝިކާރަވެރިންގެ ބޭނުންތަކަށްޓަކައި ނޫންކަމުގައި ވެސް ބުނަމެވެ! އަގެއްނެތް، މާއްދީ. "އެތިގަނޑެއްގެ" ފެންވަރަކަށް އަހަންނެއް ނުވެއްޓޭނަމެވެ. ނުވަތަ ފިހާރައިގެ ޑިސްޕްލޭގައި ބެހެއްޓިފައި ހުންނަ ބުދަކާ ވެސް އަހަރެން އެއްވަރެއް ނުވާނަމެވެ. އަހަރެންގެ ހަށިގަނޑުގެ އެތެރޭގައި ދިރުން ހުރި ރޫޙެއްވެއެވެ. އަހަންނަށް މާތްﷲ ވަނީ ބުއްދީގެ ނިޢުމަތް ހަދިޔާކުރައްވާފައެވެ. ތިބުނާ "ފްރީޑަމް އޮފް ކޮންޝިއަސް"ގެ ޙައްޤު އަހަރެންނަށްވެސް ލިބިގެން ވޭނޫންހެއްޔެވެ!! އަހަންނަކީ މާތް ރަސްކަލާންގެ އަޅަކީމުއެވެ. އަހަރެންގެ އަގު މިންކުރެވޭނީ އަހަރެންގެ ހިތާއި، ފުރާނަ އާއި ސުލޫކުގެ ތޯހިރުކަމުންނެވެ. ތިބާ ރީތިކަން ބަލާމިންގަނޑުތަކަށް އަހަރެން އަޅުކަން ނުކުރާނީ އެހެންވެއެވެ!

މިހާރު ތިބާއަށް ތިޔަފެންނަ އަހަރެންގެ ފޭރާމަކީ އީމާންތެރިކަމުގެ މުތްތަކަކުން ޖަރީކުރެވިގެންވާ ހެދުމެކެވެ. އަހަރެން ފެނުމުން މިއަދު ތިބާއަށް ތިޔަކުރެވެނީ، އޭގެ އެތެރޭގައި އަގުބޮޑު، ރީތި ޖަވާހިރެއް ރައްކާކުރެވި، ތަޅުއެޅުވިފައިވާ ފޮއްޓެއް ފެނުމުން ކުރެވޭ އިޙްސާސްއެވެ. ތިބާ އެޖަވާހިރަށް ކިތަންމެ ދަހިވެތިވީނަމަވެސް، އެއީ ތިބާއަށް އަގެއްދީފައި ގަނެވޭވަރަށްވުރެ މާ އަގު ބޮޑު ޖަވާހިރެއްކަން ތިބާއަށް ވިސްނޭ ނޫންހެއްޔެވެ؟

ޓެގް

ދީން މުޖުތަމަޢު މިއަދުގެ ޙާލަތު ވެށި އަންހެނުން ދިރާސާ ޒުވާނުން ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.