ރިޕޯޓް ގޭގެ އޮޅިގަނޑު

ގޭގެ އޮޅިގަނޑު

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަފޫ

މާތް ﷲ ފިރެހެނާ ޚަލްޤުކުރައްވާ، އޭނާގެ ބައިވެރިއެއްގެ ގޮތުގައި އަންހެނާ އުފައްދަވާފައިވަނީ، ދުނިޔެ އާރާސްތުކޮށް އިންސާނީ ނަސްލު އެންމެ ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައެވެ. މިގޮތުން ރައްކާތެރި ގޮތުގައި ދެމީހަކު ގުޅި، އެކީގައި ދިރިއުޅުން ވޭތުކުރުމަށްޓަކައި ކައިވެނީގެ މުޤައްދަސް ގުޅުން ޝަރުޢުކުރެއްވިއެވެ. އަދި މިޝަރުޢުގެ މަތިން ދެމަފިރިންނަށް ދަރިން ލިބި، އާއިލާއެއް އުފެދި، އާއިލީ ޒިންމާތައް ދެމަފިރިންގެ ދެމެދުގައި އިންސާފްގެ މަގުން ބެހިގެންދެއެވެ. އާއިލާ ބެލެހެޓުމުގައި ފިރިމީހާ އެކޭ އެއް ފަދައިން، އަނބިމީހާގެ މައްޗަށްވާ މަސްއޫލިއްޔަތަކީ ކުޑަ މަސްއޫލިއްޔަތެއްނޫނެވެ. މިކަމުން ދޭހަކޮށްދެނީ އާއިލާއެއް ބިނާ ކުރުމަކީ އަންހެނަކާއި ނުލާ ފިރިހެނަކަށް ތަޙައްމަލްކުރުން ދަތި ބުރައެއްކަމެވެ. އާއިލާގައި އަންހެނާގެ ދައުރު ބަޔާންކުރައްވާ ކީރިތި ރަސޫލާ صلى الله عليه وسام ޙަދީޡްކުރައްވާފައިވެއެވެ. "المرأة راعية فى بيت زوجها وهى مسئولة عن رعيتها "-أخرجه مسلم-މާނައީ، އަންހެނާއީ އެނާގެ ގެ ބަލަހައްޓަންޖެހޭ މީހާއެވެ. އަދި އެކަމުގައި އޭނާ އަކީ މަސްއޫލިއްޔަތު އުފުލަންޖެހޭނޭ މީހެކެވެ."

އަނބިމީހާ އާކީ ފިރިމީހާގެ ލޮލާއި ހިތުގެ ފިނިކަމެއް ކަމުގައި ލެއްވިއެވެ. ހަމައެފަދައިން އެމީހުންގެ ފުށުން މިބިމުގައި ޚަލީފާވެރިންގެ ގޮތުގައި ދެމިއޮންނާނޭ ދަރިފަސްކޮޅެއް އުފައްދާ، އެދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭނޭ "ޔުނިވަރސިޓީއެއް" ކަމުގައި މާތްﷲ އޭނާ ލެއްވިއެވެ. ބައެއް ފިލޯސަފަރުން ސިފަކުރައްވާގޮތުގައި، އަންހެނާ އަކީ އިންސާނީ ނަސްލު އުފައްދާ ދެމެހެއްޓުމަށްޓަކައިވާ ދަނޑު ބިމެކެވެ. މޮޅަށް ގޮވާން ކުރެވިފައިވާ ބިމަކުން ނޫނީ، ފައްކާ މޭވާ އާއި މޮޅު ގޮވާމުގެ ބާވަތްތައް ނުނިކުންނަ ފަދައިން، އަނބިވަންތަކަމާއި މައިވަންތަކަމުގެ މަސްއޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ޤާބިލްކަން ލިބިފައިވާ އަންހެނަކަށް މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެކަމީ ޝައްކެއް ހުރިކަމެއްނޫނެވެ.

ކީރިތި ރަސޫލާ صلى الله عليه وسام ޙަދީޡްކުރައްވާފައިވެއެވެ. "الدنيا متاع وخير متاعها المرأة الصالحة"_مسلم _މާނައީ، "ދުނިޔެއަކީ އުފަލާއި އަރާމް ލބެނިވި ތަނެކެވެ. ދުނިޔޭގައި ލިބެނިވި އެންމެ ބޮޑު އުފަލަކީ ރަނގަޅު ޞާލިޙު އަންބެކެވެ." މިޙަދީޡްފުޅުގައި އިޝާރާތްކުރައްވާފައި މިވާ ހެޔޮ ލަފާ ޞާލިޙު އަނތްބަކީ އޭނާގެ ބޮލުގައި އެޅިފައިވާ ޒިންމާ އަދާކުރުމުގައި ފަސްނުޖެހި، ތެދުވެރިކަމާއި ހީވާގި ކަމާއިއެކުގައި އެމަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސާބިތު ވެހުންނަ އަންހެނާއެވެ. މިގޮތުން  އާއިލާއެއްގައި އަންހެނާގެ ދައުރަކީ ކޮބާ ކަމާއިމެދު ޚުލާސާކޮށް ނަޘަރުހިންގާލާނަމެވެ.

1. ފިރިމީހާގެ ޙައްޤުތަކަށް ރައްކާތެރިވުން:

އާއިލާއެއްގައި އަތްބަކު ކުޅެންޖެހޭ އެންމެ ފުޅާ އަދި މައިގަނޑު އެއް ދައުރަކީ އޭނާގެ ފިރިމީހާގެ ޙައްޤުތަކަށް ރައްކާތެރިވުމެވެ. މީގެ މާނައަކީ، ފިރިމީހާ އަށްޓަކައި އަނބިމީހާ އަދާކުރުން ވާޖިބުވެގެންވާ ޙައްޤުތަކާއި ވާޖިބުތައް އަދާކުރުމުގައި ސަމާލުވުމެވެ. މިޙައްޤުތަކުގެ ތެރޭގައި އުރެދުމަކަށް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް ކިޔަމަންގަތުމާއި، އޭނާ އަށް އިޙްރާމްކުރުމާއި އޭނާގެ ސިއްރުތައް ހިފަހައްޓައިދިނުމެވެ. މީގެ އިތުރުން އޭނާގެ ކަންތައްތައް ފުރިހަމަކޮށްދިނުމާއި، އަބަދުވެސް ފިރިމީހާގެ ރުހުމާއި ލޯބި ހޯދުމަށްޓަކައި  އޭނާ އުފާކޮށްދީ، ހިތް ހަމަޖެހުމާއި އަރާމް ހޯދައިދީ އޭނާގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމަކީ ޒަވާޖީ ޙަޔާތުގައި އޭނާގެ ދައުރު ފުރިހަމަ ގޮތުގައި އަދަކުރުމަށް ބާރުލިބިދޭ ރިވެތި ތަހުޒީބީ އުސޫލުތަކެވެ.

ފިރިމީހާއަށް ކިޔަމަންގަތުމަށް އަމުރުކުރައްވާ މާތް ރަސޫލާ މުޙައްމަދު  صلى الله عليه وسام ޙަދީޡްކުރައްވާފައިވެއެވެ."لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لِأَحَدٍ لَأَمَرْتُ النِّسَاءِ أَنْ يَسْجُدْنَ لِأَزْوَاجِهِنَّ "-أبو داود- މާނައީ: " ތިމަން ރަސޫލާ މީހަކަށް ސަޖިދަކުރަން މީހަކަށް އަމުރު ކުރައްވާނޭ ނަމަ، ފިރީންނަށް ސަޖިދަކުރަން އަނބީންނަށް އަމުރު ކުރެއްވީމުހެވެ." މިޙަދީޡުން ދޭހަވާ ގޮތުގައި އަންހެނާ މާތްﷲ އަށް ކިޔަމަންގަތުމަށް ފަހުގައި، އޭނާގެ ފިރިމީހާ އަށް ކިޔަމަންތެރިވުމުގެ ކުރިން އޭނާ އަދާކުރަން ޖެހޭ އެހެން އެއްވެސް މަސްއޫލިއްޔަތެއްނުވެއެވެ. ފިރިމީހާއަށް ކިޔަމަންތެރިވުމަށް ބާރުއަޅުއްވާފައިވާ އެހެން ޙަދީޡެއްގައި ވަނީ، " لاَ يَحِلُّ لاِمْرَأَةٍ أَنْ تَصُوْمَ وَزَوْجُهَا شَاهِدٌ إِلاَّ بِإِذْنِهِ "-متّفق عليه- މިޙަދީޡްގެ މާނައީ،" އަންހެނަކަށް، އޭނާގެ ފިރިމީހާގެ ޙާޟިރުގައި އެފިރިމީހާގެ އިޛުނަ ލިބިގެން މެނުވީ ސުއްނަތް ރޯދަ ހިފުން ހުއްދައެއް ނޫނެވެ."

ފިރިމީހާ އަށް ކިޔަމަންވެ އޭނާ އަށް އިޙްތިރާމް އަދާކުރުމުގެ އިތުރުން، އޭނާގެ ހިތް ލޯތްބާއި ކުލުނުން ފުރާލަދީ، އޭނާގެ މޫނުމައްޗަށް އުފަލާއި ހިނިތުންވުން ގެނެސްދީ، އަބަދުވެސް ހިނިތުންވެފައިވާ މޫނަކާއިގެން އޭނާ އަށް އިސްތިޤްބާލުކުރުމާއި، އުފަލާއި އެކު އަލްވަދާޢު ކިޔުމަކީ ވެސް ފިރިމީހާ އަށްޓަކައި އޭނާގެ ހިތުގައިވާ ލޯތްބާއި ކުލުނު ފާޅުކޮށްދެވޭނެ ވަޞީލަތްތަކެވެ.

ފިރިމީހާގެ ރުހުމާއި އޭނާގެ ލޯތްބާއި ކުލުނު ހޯދުމުގައި އަނބިން ސަމާލުވެތިބެންޖެހެއެވެ. އެހެނީ ކީރިތި ރަސޫލާ  صلى الله عليه وسام ޙަދީޡްކުރައްވާފައިވެއެވެ. "أَيُّمَا امْرَأَةٍ مَاتَتْ وَزَوْجُهَا رَاضٍ عَنْهَا دَخَلَتِ الْجَنَّةَ " (ترمذي) މާނައީ: "ފިރިމީހާ ރުހިގެންވާ ޙާލުގައި މަރުވެއްޖެ އަންހެނާ ސުވަރުގެ ވަދެއްޖެއެވެ." މިއާއި އެކު އަންހެނަކަށް ސުވަރުގެއިން ވެސް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޙޫރުލްޢަޢިނުންނާއި އެކު ސުވަރުގޭގައި ފިރިއެއްގެ އުފަލާއި އަރާމްކަމުގައި ވުންކަން ހަނދާންކޮށް ފިރިއެއްގެ ރުހުން ހޯދުމަށްތަކައި މަސައްކަތްކުރުމަކީ އަންހެއްގެ ޒަވާޖީ ޙަޔާތުގެ އެންމެ ބޮޑު ކާމިޔާބީއެވެ.

2. ދަރިންގެ ޙައްޤުތައް އަދާކުރުން:

ދަރިންނަކީ ކައިވެނީގެ މޭވާގެ ގޮތުގައި މާތް ﷲ ދެމަފިރިންނަށް ދެއްވާ ނިޢުމަތެކެވެ. އެދަރިންގެ ޙައްޤުތައް އަދާކޮށް އެކުދިންތަރުބިއްޔަތުކުރުމަކީ މައިންބަފައިންގެ ޒިންމާއެއްކަމުގައި ވީހިނދު، ދަރިން ބެލުމުގެ މަސްއޫލިއްޔަތު އެންމެ ބޮޑަށް ހަވާލުކުރެވިފައިވަނީ މައިމީހާއާއިއެވެ. އެހެނީ  ދަރިފުޅު ބަނޑުގައި ޣަރުބަ ގަތީއްސުރެ، ނުވަ މަހާއި ނުވަ ދުވަސް ވަންދެން  ވޭނާއި ކެކުޅުން އިޙްސާސްކުރުމަށްފަހު، ދަރުފުޅު ވިހަނީ މައިމީހާއެވެ. ދަރިފުޅު ވިހެއުމުގެ ވަގުތާއި އަޅާ ވޭންތަކަކީ މައިމީހާގެ ހަނދާނުން ދުވަހަކު ވެސް އުނިވެގެން ނުދަނޭ ކަންކަމެވެ. ދަރިފުޅު ވިހެއުމަށްފަހު ކުރި ހޭހާންތަކާއި، އެ ދަރިފުޅަށްޓަކައި ރޭގަނޑުގެ އަރާމުގެ ވަގުތުގައި ނަގާލި ނިދި ގުނައި ޢަދަދު ނުކުރެވޭނެއެވެ. އަދި ލޯތްބާއި އެކު އެތައް ދުވަހެއް ވަންދެން ގާތުން ކިރުދެއެވެ. މިގޮތުން ކޮންމެ ކުޑަކުއްޖަކީވެސް އެކުއްޖެގެ މަންމައާއި މެދު ތަބީޢީގޮތުން ޚާއްޞަ ކުލުނަކާއި ލޯތްބެއް އުފެދިފައިވާ ކުއްޖެކެވެ. މިހުރިހާ ކަމަކާއި އެކު ޤުދުރަތުން އަންހެނާގެ ކިބައިގައި ލައްވާފައިވާ، ރަޙުމާއި ޙަމްދަރުދީ އާއި މަޑުމައިތިރކަމުގެ ޢާތިފީ ސިފަ އޭނާ އަށް މަޖުބޫރުކުރުވަނީ ދަރިފުޅު ވިހެއީއްސުރެ ބޮޑުވެ ތަސައްރަފް ފުރެންދެން ދަރިން މަސަލަސްކޮށް، އެކުދިންނާއި އަޅާލާ ބަލަހައްޓުމެވެ. އަދި އެކަމުގެ ބުރަ މަސްއޫލިއްޔަތާއި ރުޙުމާއި ކުލުނާއި އެކު ހަވާލުވުމެވެ.

މައިން ދަރިންނަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކަކީ، އެކުދިން ވިހެއުމަށްފަހު އެކުދިންނަށް އަޅާލަން ޖެހޭ އެންމެ ފުރިހަމައަށް ލޯތްބާއި ކުލުނާއި އެކު އަޅާލާ އެކުދިންގެ ކަންތައްތައް ކޮށްދީ، އެކުދިން ރަނގަޅަށް ބަލާ ތަރުބިއްޔަތުކުރުމެވެ. ކުއްޖާ ދުނިޔެއަށް އައުމަށް ފަހު އޭނާގެ ޙަޔާތުގައި  ބައްޕަ އާއި އެކު ހޭދަކުރާ ވަޤުތަށްވުރެ ގިނަ ވަގުތު އޭނާގެ މަންމަ އާއި އެކުގައި ހޭދަކުރެއެވެ. މީގެ ސަބަބުން މަންމަގެ މިޒާޖާއި އަޚްލާޤުގެ އަސަރު ކުއްޖާ އަށް ކުރާކަމަށް ސައިންސް ހެކިދެއެވެ. މިކަމަށްޓަކައި ކީރިތި ރަސޫލާ صلى الله عليه وسام ފިރެހެނުންނަށް އަމުރުކުރައްވާފައިވަނީ އެމީހުންގެ ދަރިންނަށް ރަނގަޅު މަންމައިން ހޯދައިދިނުމަށެވެ. އެކަލޭގެފާނު ޙަދީޡްކުރައްވާފައިވެއެވެ. "تخيروا لنطفكم "-رواه ابن ماجه- މާނައީ، "ތިޔަބައިމީހުންގެ ދަރިފަސްކޮޅަށްޓަކައި ރަނގަޅު ބައިވެރިއަކު އިޚްތިޔާރުކުރާށެވެ." މިޙަދީޘުންވެސް އަޚްލާޤު ރަނގަޅު، ދީންވެރި މަޑުމައިތިރި އަދި އޯގާތެރި މަޔަކަށް އިސްލާމްދީން ބާރުއަޅާ މިންވަރު ހާމަވެގެންދެއެވެ.

ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް މަންމަ ދަރިފުޅަށް ކޮށްދޭން ޖެހޭ ކަންތައްތަކާއި، ދޭންޖެހޭ ސަމާލުކަމަށް ތަފާތު ބަދަލުތަކެއް އާދެއެވެ. އެގޮތުން ދަރިފުޅުގެ ޢުމުރާއި ގުޅޭގޮތަށް އޭނާ އަށް ދީނީ ތަޢުލީމް އުނގަންނައިދީ، އަޚްލާޤީ ރިވެތި ސިފަތަކުން ޖަރީކުރަންޖެހެއެވެ. އަދި ފުރާވަރަށް އަރަމުން އަންނަ ވަރަކަށް ދުނިޔެއަށް ލޯހުޅުވައިދީ، ކުއްޖާ ހޭލުންތެރިކުރުވާ، ދުނިޔޭގެ ތަފާތު އޮއިވަރުތަކުން ސަލާމަތްކުރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަންޖެހެނީ ކުއްޖާގެ މަންމައެވެ. މީގެ އިތުރުން ކުއްޖާ ޒުވާނަކަށްވެ، ތަސައްރަފް ފުދި ކައިވެންޏާއި ހަމައަށް ފޯރަންދެން، އޭނާގެ ސިއްރުވެރި އެންމެ ގާތް އެކުވެރިޔާއަށް ވާންޖެހޭ ފަދައިން، އޭނާގެ ކަންކަން ބަލަހައްޓާ، އޭނާ އުޅޭ ނޫޅޭ ގޮތް ބެލުމުގައި މަޝްޣޫލުވުމުގެ ޒިންމާ ކޮނޑުގައިއެޅިފައިވާ ބެލެހެއްޓުންތެރިޔަކީ ވެސް ޚުދު މަންމައެވެ.

އަންހެނާ އަކީ އާއިލާގެ ދިރުމެވެ. ގަހެއް ހެދުމަށްޓަކައި ފެނާއި ގަސްކާނާ ބޭނުންވާފަދައިން، އާއިލާއެއް ބިނާކުރުމަށްޓަކައި ހަރުދަނާ އަންހެނެއް ބޭނުންވެއެވެ. ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި ކުޅަދާނަ އަންހެނެއްގެ ބުރަ މަސައްކަތް ވާ ކަމަށް ބުނެވޭ ވާހަކަ އަކީ ތެދު ޙަޤީޤަތެކެވެ. ބާއްޖަވެރި ޙަޔާތެއްގެ ބިންގަލަކަށްޓަކައި ހެޔޮ ލަފާ އަންހެނަކު އިޚްތިޔާރުކުރުމަށް ރަސޫލާ صلى الله عليه وسام އުންމަތަށް އިރުޝާދުދެއްވާފައިވަނި މިސަބަބަށްޓަކައެވެ. ރަގަޅު ޖީލެއް ބިނާކުރުމަށްޓަކައި މުޖުތަމަޢުގެ ކޮންމެ ގެއެއްގެ އޮޅިގަނޑާއި މަތިވަޑާންގަނޑަށް ރަނގަޅު ހައިވަކަރު ލަކުޑި ބޭނުންވާނެކަން ގައިމެވެ.

ޓެގް

ދީން ދެމަފިރިން އާއިލާ އަންހެނުން އަންހެނެއްގެ ދަޢުރު ޒުވާނުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.