އެމެރިކާގެ ޖާސޫސީ އިދާރާގެ އޭޖެންޓުންނާ ގުޅިގެން ޕާކިސްތާނު ސިފައިން ހައްޔަރުކޮށްފައިވާކަމަށް ބުނާ ޠާލިބާން މުޖާހިދުންގެ ލީޑަރުން އަފްޣާނިސްތާނުގެ ސަރުކާރާ ޙަވާލުނުކުރާނެކަމަށް ޕާކިސްތާނުގެ އޮފިޝަލުންނާ ޙަވާލާދީ އިނގިރޭސިވިލާތުގެ ނޫހެއްކަމުގައިވާ ގާރޑިއަންއިން ބުނެފިއެވެ. ފާއިތުވެދިޔަ ދެތިން ހަފްތާއެއްގެ ތެރޭގައި ޠާލިބާން މުޖާހިދުންގެ އިސް ކޮމާނޑަރުންތަކެއް ޕާކިސްތާނުގައި ހައްޔަރުކޮށްފައިވާކަމަށް ޕާކިސްތާނާ އެމެރިކާގެ އޮފިޝަލުންވަނީ ހާމަކޮށްފައެވެ. ނަމަވެސް މިޚަބަރުތަކުގެ ތެދުކަމާމެދު ސިޔާސީ ތަޖުރިބާކަޜުން ބަލަމުން އަންނަނީ ޝައްކުގެ ނަޒަރަކުންނެވެ.
ދާދިފަހުން އެމެރިކާގެ ޖާސޫސީ އޭޖެންޓުންގެ އެހީއާއެކު ޕާކިސްތާނުން، އެމެރިކާއަށް އުފަން އަލްޤާއިދާގެ މުޖާހިދު އާދަމް ޔަޙްޔާ ހައްޔަރުކުރެވިއްޖެ ކަމަށްބުނެ އަޑުފަތުރާފައިވަނުކޮށް، ހައްޔަރުކުރެވިފައިވަނީ އޭނާނޫންކަން ފަހުންވަނީ ކަށަވަރުވެފައެވެ. އަދި އެމެރިކާއާ ޕާކިސްތާނުގެ އޮފިޝަލުންވަނީ އެކަމަށް އިޢްތިރާފްވެފައެވެ. އަދި މީގެކުރިން ހައްޔަރުކުރިކަމަށްބުނާ ޠާލިބާން މުޖާހިދުނގެ ލީޑަރުން އަފްޣާނިސްތާނުގައި އުޅުއްވާކަމުގެ ހެކިތައްވަނީ ފެނިފައެވެ.
ކޮންމެއަކަސް މުޖާހިދުންގެ ދެވަނައަށް އެންމެ އިސް ކޮމާނޑަރ ޢަބްދުލް ޣާނީ ބަރާދަރު ހައްޔަރު ކުރެވިފައިވާކަމަށް ޕާކިސްތާނުގެ އޮފިޝަލުން ބުނަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އަދި އަފްޣާނިސްތާނުގައިއޮންނަ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރުން އޭނާ ޙަވާލުކުމަށް ޕާކިސްތާނުގައި އެދިފައވާކަމުގެ ޚަބަރުތައް ހުޅަނގުގެ ނޫސްތަކުންވަނީ ހާމަކޮށްފައެވެ. އަދ އެމެރިކާއިންވެސް ބަރާދަރު އެމެރިކާގެ ޖަލެއްގައި ބަންދުކުރަން ބޭނުންވާކަމުގެ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެމެރިކާގެ އެދުމަށް ޕާކިސްތާނުގެ ސަރުކާރުން ދެކޮޅު ހަދާފައިވާކަމަށް ގާރޑިއަން ނޫހުންބުނެއެވެ. ޢަބްދުލްޣާނީ ބަރާދަރަށް އިޝާރާތްކޮށް "އޭނާ އަފްޣާނިސްތާނަކާ އަދި އެމރިކާއަކާވެސް ޙަވާލެއް ނުކުރެވޭނެ" އޮފިޝަލަކާ ޙަވާލާދީ ގަރޑިއަންގައި ލިޔެފައިވެއެވެ.
ޠާލިބާނުންނާ ހަނގުރާމަކޮށްގެން އަފްޣާނިސްތާނުގެ މައްސަލަ ޙައްލު ނުކުރެވޭނެކަމަށާ އަދި ހަމައެކަނި އޮތް ޙައްލަކީ ޠާލިބާނުންނާ ވާހަކަދައްކައިގެން ޞުލްޙަވުން ކަމުގައި މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ އިސްއޮފިޝަލަކުވަނީ ބުނެފައެވެ. އަދި ބަރާދަރު ހައްޔަރުކުރި ޚަބަރާގ ގުޅިގެން ޠާލިބާނުންނާއއެކު ވާހަކަ ދެއްކުމަށް ކުރެވެމުންދިޔަ އުއްމީދުތަކަށް ހުރަސްއެޅިފައިވާކަމުގައި އޭނާބުނެފައިވެއެވެ. އަފްޣާނިސްތާނަށް އިނގިރޭސިންއަރާ ޠާލިބާނުންނާ ދެކޮޅަށްކުރާ ހަނގުރާމައިގާ ގިނަޢަދަދެއްގެ އިނގިރޭސި ސިފައިން މަރުވަމުންދާތީ އިނގިރޭސިވިލާތުގެ ޢާއްމުރައްޔިތުންދަނީ މިހަނގުރާމައާ ދެކޮޅުހަދާ އަޑުއުފުލަމުންނެވެ. ދާދިފަހުންވެސް ލަންޑަންގައިވަނީ މިފަދަ މުޒާހަރާތަކެއްބާއްވާފައެވެ. އަދި ޠާލިބާނުންނއެކު ޞުލްޙާއިގެ ވާހަކަތައް ފެށުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުވަނީ ހުސްވި ހަފްތާގައި ކަރުޒާއީއަށް ގޮވާލާފައެވެ. އަދި މިދިޔަ ހަފްތާގައި ކަރްޒާއީވަނީ ޕާކިސްތާނަށްގޮސް ޕާކިސްތާނުގެ ވެރިންނާ ބައްދަލުކޮށް ޠާލިބާނުންނާއެކު ޞުލްޙައިގެ ވާހަކަތައް ދެއްކުމާމެދު މަޝްވަރާތައް ކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މިކަމާމެދު ގޮތެއް ނުނިންމާކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ދެކެއެވެ. އަދި ބައެއް އޮފިޝަލުން ދެކޭ ގޮތުގައި ޕާކިސްތާނުން ޞުލްޙައިގެ ވާހަކަތަކަށްޓަކައި ބަރާދަރު ދޫކޮށްލުމަކީވެސް އެކަށީގެންވާކަމެކެވެ.

















ޚިޔާލު