ކޮންސްޓެންޓިނޯޕުލް ފަތަހަކުރުން އެއީ މުސްލިމު ކޮމާންޑަރުންގެ ހުވަފެނެއްގެ ގޮތުގައި އަށް ގަރުނަށްވުރެއް ގިނަ ދުވަސް ވާންދެން އޮތެވެ. މަޝްހޫރު ސަހާބީ މުޢާވިޔާ ބުން އަބޫ ސުފިޔާންގެ ދުވަސްވަރުންފެށިގެން ކޮންސްޓެންޓިނޯޕުލް ފަތަހަ ކުރުމަށް އެތައް ހަނގުރާމައެއް ވަނީ މުސްލިމުން ކޮށްފައެވެ. އެހެން ނަމަވެސް އެއިން އެއްވެސް ފަހަރަކު މުސްލިމުންނަށްވަނީ ކާމިޔާބު ލިބޭގޮތް ނުވެފައެވެ. އެހެންނަމަވެސް އެއީ، މުހައްމަދު އަލް ފާޠިހަށް ރަސްކަން ލިބިވަޑައިގަތުމާ ހަމައަށެވެ. އެކަލޭގެފާނަށް ރަސްކަން ލިބިވަޑައިގަތްތާ ދާދި ކުޑަ ދުވަސްކޮޅެއް ތެރޭ ވަނީ ކޮންސްޓެންޓިނޯޕުލް ފަތަހަކުރަށްވާފައެވެ.
މުޙައްމަދު އަލް ފާޠިޙުގެ ތުއްޕުޅު ދުވަސްވަރާއި، ޢިލްމު އުނގެނި ވަޑައިގަތުން
މުހައްމަދު އަލް ފާޠިޙު އުފަންވެ ވަޑައިގެންފައިވަނީ، ހިޖުރައިން 835 ވަނަ އަހަރުގެ ރަޖަބު މަހުގެ 27 ވަނަ ދުވަހުއެވެ. މީލާދީ ސަނަތުން ބަލާނަމަ އެއީ 1432 ވަނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހެވެ. އެކަލޭގެފާނު ބޮޑުފުޅުވަމުން އައީ ބައްޕާފުޅުގެ ބެއްލެވުމުގެ ދަށުންނެވެ. ތުއްޕުޅު އިރުންސުރެއް އެކަލޭގެ ފާނުގެ ބައްޕާފުޅު، މުޙައްމަދު އަލް ފާޠިޙަށް ތަރުބިއްޔަތު ދެއްވަވަމުން ގެންދަވާފައިވަނީ ވަރަށް ޙިކުމަތްތެރިކަމާ އެކީގައެވެ. އެކަލޭގެފާނަށް އޭރުންފެށިގެން ރަސްކަލެއްގެ ޒިންމާތައް ނަގާނެގޮތް ވަނީ ދަސްކޮށްދެއްވާން ފަށްޓަވައިފައެވެ.
މުޙައްމަދު އަލް ފާޠިޙު ވަނީ ކީރިތި ޤުރުއާން ހިތުން ދަސްކުރަށްވާފައެވެ. އަދި އެކަލޭގެފާނު ވަނީ ރަސޫލާ(صلى الله عليه وسلم)ގެ ހަދީޘް ބަސްފުޅުތަކާއި، އިސްލާމީ ޝަރީއަތާއި، ހިސާބާއި، އެސްޓުރޮނޮމީގެ އިތުރުން ހަނގުރާމައިގެ އުކުޅުތައްވެސް އުނގެނި ވަޑައިގެންފައެވެ. މީގެ އިތުރުން އެކަލޭގެފާނު އަރަބި ބަހާއި، ފާރިސްބަހާއި ލެޓިންގެ އިތުރުން ގުރީކު ބަސްވެސް އުގެނިވަޑައިގެންފައި ވެއެވެ. އަދި މުސްލިމުން ކުރެއްވި ހަނގުރާމަތަކުގައިވެސް މުޙައްމަދު އަލް ފާޠިޙު ވަނީ ބައްޕާފުޅާ އެކު ބައިވެރިވެ ވަޑައިގެންފައެވެ.
އެދުވަސްވަރު ތިއްބެވި ކުޅަދާނަ ބައެއް ޢިލްމުވެރިންގެ ބެއްލެވުމުގެ ދަށުން މުޙައްމަދު އަލް ފާޠިޙު މުސްލިމުންގެ ފުޠޫހާތުގެ ދަށުގައިވާ ކުޑަކުޑަ އަވަށެއްގެ ވެރިއަކަށް އައްޔަނު ކުރެވުނެވެ. އެއީ އެކަލޭގެފާނަށް ރަސްކަން ވާރުތަކުރުމުގެ ކުރިން ރަނގަޅަށް ކަމުގެ ތަޖުރިބާ ހޯއްދަވައި ދެއްވުމުގެ ގޮތުންނެވެ. ނަތީޖާއެއްގެ ގޮތުން އެކަލޭގެ ފާނު ބޮޑުފުޅުވެގެން އައިސްފައިވަނީ އިސްލާމީ ރިވެތި އަޙްލާޤާއި، އުސޫލުތަކާ އެއްގޮތަށެވެ.
އެކަލޭގެފާނަށް ތަރުބިއްޔަތު ދެއްވުމުގައްޔާއި، ޢިލްމު އުނގަންނަވައިދެއްވުމަށް އުޅުއްވި ޢިލްމުވެރިއެއްކަމުގައިވާ ޝޭޚް ޝަމްސުއްދީން، އެކަލޭގެ ފާނުންގެ ހިތްޕުޅަށް ޖިހާދުކުރެއްވުމުގެ ރޫޙު ވެއްދެވުމަށްޓަކައި ވަރަށް ގިނަ މަސައްކަތްޕުޅު ކުރެއްވެވިއެވެ. ނަތީޖާއެއްގެ ގޮތުން މުޙައްމަދު އަލް ފާޠިޙު ވެގެންދިޔައީ ޖިހާދު ކުރުމުގެ ރޫޙު ލިބިވަޑައިގެންފައިވާ، އެކަމަށް ޝައުޤުވެރިކަން ބަހަށްޓައިގެން ގަދަ އަޅާ މަސައްކަތް ކުރައްވާ، ހަނގުރާމައިގެ އުކުޅުތައް ފުރިހަމައަށް އެނގިވަޑައިގެން ހުންނެވި ބޭކަލެއްކަމުގައެވެ.
ރަސްކަން ލިބިވަޑައިގަތުމާއި، ކޮންސްޓެންޓިނޯޕުލް ފަތަހަކުރެއްވުމަށް ކުރެއްވެވި މަސައްކަތްޕުޅު
އެކަލޭގެފާނުންގެ ބައްޕާފުޅު ހިޖުރައިން 852 ވަނަ އަހަރުގެ މުޚައްރަމު މަހުގެ 5 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެން އުސްމާނީ ޚިލާފަތުގެ ރަސްކަން ވާރުތަވެގެންދިޔައީ މުޙައްމަދު އަލް ފާޠިޙަށެވެ. އޭރު އެކަލޭގަ ފާނުގެ އުމުރުފުޅަކީ އެންމެ 22 އަހަރެވެ. ނަމަވެސް އެކަލޭގެ ފާނަކީ އޭރުވެސް ހަށިގަނޑުގެ ބާރު ގަދަ އަޒުމު ވަރުގަދަ ބޭކަލެކެވެ. ރަސްކަން ލިބުނު ހިސާބުން އެކަލޭގެ ފާނުގެ އަމާޒަކަށްވެސް ވެވަޑައިގަތީ ކޮންސްޓެންޓިނޯޕުލް ފަޠަހަކުރެއްވުމެވެ.
އެކަލޭގެފާނު އެކަމަށް ބެހެއްޓެވި ޝައުޤެއްގެ ބޮޑުކަމުން ، އެތަން ފަޠަހަ ކުރެއްވުމުގެ ވާހަކަ ނޫން ވާހަކައެއް އެކަލޭގެފާނު ނުދައްކަވައެވެ. އަދި އެކަލޭގެ ފާނުގެ ގާތުގައި އެނޫންވާހަކައެއް ދެއްކެވުންވެސް އެކަލޭގެ ފާނު ވަނީ އެހެންމީހުންނަށް މަނާކުރަށްވައިފައެވެ.
ކޮންސްޓެންޓިނޯޕު ފަތަހަކުރެއްވުމުގެ ގޮތުން އެކަލޭގެފާނު އެންމެ ފުރަތަމަ ވިސްނެވީ، ކޮންސްޓެންޓިނޯޕުލްއާއި، ޔޫރަޕު ގުޅުވައިދޭ ކެނާލު މުސްލިމުންގެ އަތްދަށަށް ގެންނެވުމަށެވެ. އެއީ، ޔޫރަޕުން ކޮންސްޓެންޓިނޯޕުލަށް ފޯރުވައިދީފާނެ އެހީތަށް ހުއްޓުވާލުމަށްޓަކައި އެކަލޭގެފާނުން ނިންމެވި ނިންމެވުމެވެ. އެގޮތުގެމަތީން ޔޫރަޕާއި ކޮންސްޓެންޓިނޯޕޯލް ގުޅުވައިދޭ ބޮސްޕޮރަސް ކެނާލްގެ ޔޫރަޕާވީފަޅީގައި މުސްލިމުންގެ ކިއްލާއެއް ބިނާކުރެއްވިއެވެ. ތިން މަސްދުވަހަށް ދެމިގެން ދިޔަ މި ކިއްލާ ބިނާކުރުމުގެ މަސައްކަތުގައި، މުސްލިމުންނާއެކު ހުދު މުޙައްމަދު އަލް ފާޠިޙުވެސް އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކިއްލާ މަޝްހޫރުވެފައިވަނީ ރޯމަނުންގެ ކިއްލާގެ ނަމުންނެވެ. ބޮސްޕޮރަސް ކެނާލްގެ އޭޝިއާއާވީ ފަރާތުގައި އޭރުވެސްވަނީ އެނަޓޯލިއާގެ ކިއްލާ ބިނާކުރެވިފައެވެ. މިހެންކަމުން ބޮސްޕޮރަސް ކެނާލް ހުރަސްކޮށް އެއްވެސް ނަވަކަށް ދެވެނީ މުސްލިމުންގެ ހުއްދައާ އެކުގައެވެ.
އެދުވަސްވަރު ހުންނެވި ކުޅަދާނަ އިންޖިނިއަރެއް، މުހައްމަދު އަލް ފާޠިހަށް، ހަނގުރާމަތަކުގައި ބޭނުންކުރެއްވުމަށް އާދަޔާ ޚިލާފު ވަރުގަދަ ކެނޮން(ބަޑި) އެއް އުފެއްދިއެވެ. އެ ބަޑީގެ ބަރުދަނުގައި 700 ޓަނު ހުރެއެވެ. އަދި އެ ބަޑީގެ އެންމެ ވަޒަނެއްގައިވެސް 1500 ކިލޯ ހުރެއެވެ. އެބަޑި ޖަހާ އަޑު ވަރަށްދުރު ހިސާބުތަކަށް އިވޭކަމަށްވެއެވެ. މި ބޮޑު ބަޑިއަށް ނަންދެވިފައިވަނީ ސުލްތާނިކް ކެނޮންގެ ނަމުންނެވެ.
=ނުނިމޭ=

















ލިޔުން ވަރަށް ރަގަޅު..މާޝާ ﷲ.. މިފެންވަރުގައި ދެން އަންނަ ބައިވެސް ގެނެސްދޭނެކަމަށް އުއްމީދުކުރަން.. މިލިޔުން ސްކޫލުތަކުގައި ކިޔަވާކުދިންނަށް ކިޔަވައިދޭން ބޭނުންކުރާހާ ރަގަޅަށް ލިޔެލާފަ މިއޮތީ..މާޝާ ﷲ…
ވަރަށް ރީތި.ވަރަށް މުހިއްމު ލިޔުމެއް.ދި އިސްލާމް ގެ ޝަޚުސިއްޔަތުންގެ މަޒުމޫނުތައް ފޮތެއްގެ ސިފައިގައި ނެރޭނެ ދުވަހެއް ދެކެން ބޭނުން