ކޮންމެ މެޝިނެއްވެސް އުފައްދާ ފަރާތުން އެ އެމެޝިން ބޭނުންކުރާނެގޮތުގެ ކެޓަލޮގެއް (ލުއި ފޮތެއް) ތައްޔާރުކޮށް މެޝިނާއިއެކު ދެއެވެ. މެޝިނުގެ ހައިބަތާއި މަސައްކަތާއި ކޮމްޕްލެކްސްކަމުގެ މައްޗައްބަލައި އެމެޝިން އޮޕަރޭޓްކުރާނެ ގޮތް އެންގުމަށް އެކަމަށް ޚާއްސަ އިންޖިނޭރުން އެމެޝިނުގެ މެނުފެކްޗަރިން ކުންފުނިން ފޮނުވައިސްދެއެވެ. އެގޮތުން މެޝިން އޮޕަރޭޓްކުރަންވީގޮތާއި، މެޝިންގެ ބޭނުންތަކާއި އެއަށް ބޭނުންވާ އެންމެހާ ކަންތައްތަކާއި، އެ މެޝިނަށް ގެއްލުން ލިބޭނެ ކަންތައްތަކުން ދުރުހެލިވުމަށް ކިޔާދެއެވެ. އަދި ހަމައެއާއި އެކު މެޝިންގެ މުއްދަތު ހަމަވާ ތާރީޚާއި އާމެޝިނެއް ހޯދަންޖެހޭ މުއްދަތުވެސް އަންގާއެދެވެ. އެހެންނަމަވެސް ހިތާމައަކީ އަޅުގަނޑުމެން އެމެޝިންގެ ލުއިފޮތާއި، އިންޖިނޭރުންގެ ބަސްނާހައި އަމިއްލަގޮތްގޮތަށް މެޝިން ބޭނުންކުރަންފެށުމެވެ. އޭގެ ނަތީޖާ މިއަދު މުޅި ދުނިޔެ މިދަނީ ދައްކަމުންނެވެ. ތިބާ މިސުވާލަށް ޖަވާބުދީބަލާށެވެ. "މެޝިން އޮޕަރޭޓްކުރަންވީގޮތް އެންމެ ފުރިހަމައަށް އެންމެ ރަނގަޅަށް އެނގޭނީ އެމެޝިން އީޖާދުކުރި ފަރާތަށްތޯ؟ ނުވަތަ ޚުދު އެމެޝިނަށްތޯއެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި އެސުވާލުގެ ޖަވާބަކީ އެމެޝިން އީޖާދުކުރި ފަރާތަށްކަން ކަށަވަރެވެ.
ނެތުމުގެ ތެރެއިން ހުރިހާ އެއްޗަކާއި ޢާލަމްތައް ހައްދަވާބޮޑުކުރައްވާ ހުސްޠާހިރުވަންތަ އެއްކައުވަންތަ ﷲ ސުބުޙާނަހޫވަތަޢާލާ އިންސާނުން ޚަލްޤުކުރެއްވިއެވެ. އިންސާނާއަކީ ﷲ ތަޢާލާ ހެއްދެވި އެންމެފުރިހަމަ އެންމެ ކޮމްޕްލެކްސް މެޝިނެވެ. އެއިންސާނާ އޮޕަރޭޓްކުރާނެގޮތް އެންގެވުމަށް އެކަމަށް ޚާއްސަ އިންޖިނޭރުން އާދެ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވިއެވެ. އޮޕަރޭޓިން ކެޓަލޮގެއްގެގޮތުގައި ފޮތްބާއްވާލެއްވިއެވެ. އެހެންނަމަވެސް އެއިންސާނާ ހެއްދެވިފަރާތުން ފޮނުއްވި އިންޖިނޭރުންނާއި، ކެޓަލޮގާއި ޚިލާފުވި މެޝިންތަކައް ދިމާވި ހިތާމަވެރި ޙާދިސާތަކާއި ނިމުންއައި އަވަސްކަމާއި ބިރުވެރިގޮތާއިމެދު ވިސްނާލެއްވުންކީއްތޯއެވެ.
މުޅިދުނިޔެ ދައްކަމުންމިދާ ނަތީޖާގެ ތެރެއިން އަޅުގަނޑުމެންގެ ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭކަމަށްބުނާ ދިވެހިރާއްޖެއަށް ބަލާލަމާހިނގާށެވެ. މާރާމާރީއާއި، ޒިނޭއާއި، އެއްޖިންސުންގުޅުން ހިންގުމާއި، ރާލާއި މަސްތުވާތަކެތިބޭނުންކުރުމާއި، ވައްކަންކުރުމާއި ފޭރުމާއި ޓެކުމާއި، ބިރުދެއްކުމާއި، ކުޑަކުދިންނާއި އަންހެނުން އެބިއުޒްކުރުމާއި، ވިޔަފާރީގައި މަކަރާއި ޙީލަތް ހެދުމާއި، ޣީބަބުނުމާއި، ނެތިނުބައިމޮށުމާއި، މައިންބަފައިންނަށް އުރެދުމާއި، އެވަރުންނުވެގެން ޖަނަވާރުންނަށް ޖިންސީގޯނާ ކުރުންފަދަ ދުނިޔެ މިހާތަނަށް ދެކިފައިވާ އެންމެހާ ހަޑިމުޑުދާރު ޢަމަލެއް އެއްތާކުން ބަލާލުމުގެ ފުރުޞަތު މިއަދު މިވަނީ މިދިވެހިރާއްޖެއިން ތަނަވަސްވެފައެވެ. ހުރިހިތާމައަކާއި ބިރުވެރިކަމެއްގެ ބޮޑުކަމާއެވެ!!
އިންސާނުން އުޅެންވީގޮތާއި ފައިދާހުރި، ދިންނަވާނޭ މަގާއި ނުރައްކާތެރި ،މަގުފުރެދޭނެ އެންމެހާކަންކަން އަންގަވައި ދެއްވައި ފޮނުއްވި ކެޓަލޮގު ކުނިގޮނޑަށްލާ ނުވަތަ ހިރަފުސްއަރުވަން މަތާރަންފިލާމަތީ ބޭއްވުމަށްފަހު މިއުޅެނީ އުޅެންވީގޮތުގެ އަމިއްލަ ޤާނޫނާއި ޤަވާއިދު ހަދައި އެ ތަންފީޒުނުކުރެވިގެންނެވެ. ވާނީވެސް އެހެންނެވެ. ދުވަހަކުވެސް އެގޮތަށް އުޅެގެން ކާމިޔާބެއްނުލިބޭނެއެވެ. ދެން މިސުވާލަށް ޖަވާބު ދީބަލާށެވެ. އެންމެ ފުރިހަމައަށް އިންސާނުން އުޅެންވީގޮތް އެނގޭނީ އެއިންސާނާއަށްތޯއެވެ؟ ނުވަތަ އިންސާނާ އީޖާދުކުރައްވާ ޚަލްޤުކުރެއްވި ﷲތަޢާލާއަށްތޯއެވެ؟ ޖަވާބަކީ ހަމަކަށަވަރުންވެސް ﷲ ތަޢާލާއަށް ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އިސްލާމީ ޝަރީޢަތް ދޫކޮށް ފެހިޤާނޫނު އަސާސީ އަށް ޝަރީޢަތް ކުރަންފެށުމުން އަޅުގަނޑުމެންނަށް މިދަނީ ކުށްކުރުން މަދުނުކުރެވި ކުށްކުރާމީހުން އެކަމުން ދުރުނުކުރެވި އެބައިމީހުންގެ ޢަދަދު ދުވަހެއްދުވަހަކަށް ގިނަވެ އިޖްތިމާޢީ ފޭރާން އިތުރަށް ހަލާކުވެ ބިރުވެރި ޙާލަތައްކަށް މިޤައުމު ބަދަލުވަމުންނެވެ. ޔަހޫދީ އަދި ނަޞާރާ ފިކުރެއްކަމައްވާ ޑިމޮކްރަސީއަކީ ދައުލަތް ހިންގުމުގެ އަސާސަށްހެދުމުން މިދަނީ ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުން ޤައުމު ބަނދެވެމުންނެވެ. އެންމެ ފަރުދެއްގެ ޒާތީ ނުވަތަ ސިޔާސީ ބޭނުމަށްޓަކައި ދެންތިބި ބާކީ ހުރިހާ އަފުރާދުންގެ ޙައްޤުއެދަނީ ނިގުޅެމުންނެވެ. ސިޔާސީ ވާދަވެރިކަން ރަޙިމުގެ ގުޅުމާއި ކައިވެނީގެ ކުޅުމަށްވުރެއްވެސް މުޤައްދަސް ކަމަށް ހީވާކަހަލައެވެ. ބައެއްފަހަރު ދީންވެސް ކުލަވާހެންހީވެއެވެ. ނޭގިނަމަވެސް އެންމެހާ ރައްޔިތުންގެ މެދުގައިދަނީ ތަފާތުކުރެވެމުންނެވެ. މިއީ ހަމަ ޑިމޮކްރަސީތޯއެވެ. ރުހުމުގެ ލޮލަށް އައިބެއް ނުފެންނަންޏާ ނުރުހުމުގެ ލޮލަށް އައިބު ގިނަވެސްވާނެއެވެ.
ހުށަހަޅަމުންދާ ބިލްތަކުން ފެންނަނީ ދުނިޔޭގެ ޖާހާއި މާލަށްޓަކައި މަސައްކަތްކުރަމުންދާ މިންވަރެވެ. މަރުވުން ޤާނޫނަކުން ހުއްޓުވޭނަމަ އެވެސް ހުއްޓުވީހެވެ. އެހެނަކުން ހަމަހިލާ ނުވާނެވެ. ކޮންމެ ނަފްސެއްވެސް މަރުގެ ރަހަދެކޭނެއެވެ. އެދުވަހުގެ ރައީސްއަކީވެސް ރަސްކަލަކީވެސް އަދި މާލިކަކީވެސް ހަމަ ﷲ ތަޢާލާއެވެ. ފެހިޕާސްޕޯޓަކުން، ފުރާނައިގެ އިންޝުއަރެންސަކުން، ޢުމުރުން ދުވަސްވުމުން ލިބޭ ޕެންޝަނަކުން ސިޔާސީ މަޤާމަކުން އަދި ބޮޑުމުސާރައަކުން ކުރާނެ އެއްވެސްފައިދާއެއް ނޯންނާނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭ! ޤައުމު ކުއްލިއަކަށް ރަނގަޅެއްނުކުރޭވެނެއެވެ. ނަމަވެސް ތިމާގެ އަމިއްލަނަފުސު ކުއްލިއަކަށްވެސް ރަނގަޅުކުރެވިދާނެއެވެ. ހުރިހާ އެންމެންގެ ނަފުސު ރަނގަޅުކުރުމުން މުޅިގައުމު ރަނގަޅުކުރެވުނީ އެވެ. ވީމާ ގައުމު ރަނގަޅުކުރުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައިވެސް އެޅިފައިވެއެވެ. އެންމެފުރަތަމަ ތިބާގެ ގޭތެރެއިންނެވެ، ދެން ތިބާގެ އަވައްޓެރިންނެވެ، ދެން ތިބާގެ ރަށެވެ. ޤައުމު އެންމެފަހުންނެވެ. ތިބާ ރަނގަޅުވުމަށް އެންމެފުރަތަމަ ނަމާދުކުރާށެވެ. އެއީ ތިބާގެ މައްޗަށް ނަމާދުކުރުމުގެ ކުރިންނެވެ. ކޮންމެ ކަމެއްކުރުމުގެ ކުރިން އެކަމެއް ކުރަންޖެހޭ އެންމެރަނގަޅުގޮތް ހޯދައި އޮޅުންފިލުވައި އޭގެފަހުން އެކަމެއްކުރާށެވެ. އެކަމުގައި ތިމާގެ އަމިއްލަ ގޮތްތައް ބޭނުން ނުކުރާށެވެ. އޭރުން ކާމިޔާބުލިބޭނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...