އެމެރިކާ އެމެރިކާގެ ދިފާޢީވުޒާރާއަށް ޙަމަލާއެއް!!!

އެމެރިކާގެ ދިފާޢީވުޒާރާއަށް ޙަމަލާއެއް!!!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހުމަދު ޚަލީލު

އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓަގަންގެ ބޭރުގައިވާ ޗެކް ޕޮއިންޓެއްގައި ތިބި ސިފައިންގެ ދެމީހުންގެ ގަޔަށް ހަތިޔާރު އެޅީ މީހަކު ބުރާސްފަތި ދުވަހު ހަވީރު 6:40 އެހާކަށްހާއިރު ޙަމލާދީފިއެވެ. މިޙަމަލާގައި ޑިއުޓީގައިތިބި ސިފައިންގެ ދެމީހުންނަށް ވަރަށްބޮޑަށް އަނިޔާވެފައިވާކަމުގައި އެމެރިކާގެ ނޫސް އިދާރާތަކުން ޚަބަރުދެއެވެ. ޕެންޓަގަންގެ ސިފައިންގެ އިސްވެރިޔާ ރިޗާރޑް ކީވިލްއާ ޙަވާލާދީ ވޮޝިންގޓަން ޕޯސްޓުން ހުކުރު ދުވަހު ހާމަކުރިގޮތުގައި މިޙަމަލާ ދިންމީހާ ކަމަށްވާ ޖޯން ޕެޓްރިކް ބެޑެލް މިޙަމާ ދީފައިވަނީ އޭނާއަމިއްލައަށެވެ. އަދި އޭނާ މިކަން ކުރުމުގައި އެއްވެސް ޓެރަރިސްޓް ޖަމާޢަތަކާ ގުޅުމެއް އޮތްކަން އަދިއެނގޭކަށްނެތެވެ. މިޙަމަލާދން ޖޯން ޕެޓްރިކް ބެޑެލްއަކީ އެމެރިކާގެ ކެލިފޯނިޔާގެ ރައްޔިތެކެވެ. އަދި އޭނާއަކީ ސެޕްޓެމްބަރ 11ގައި އެމެރިކާގެ ޓްވިންޓަވަރަށް ދިން ޓެރަރިސްޓް ޙަމަލާ ރާވާ ހިންގުމުގައި އެމެރިކާ ސަރުކާރު ބައިވެރިވާކަމަށް ގަބޫލުކުރާ އަދި އެމެރިކާ ސަރުކާރާދެކޮޅު ލިޔުންތައް އިންޓަރނެޓްގައި ޝާއިޢްކުރަމުން އަންނަ މީހެއްކަމަށް ނޫސްއިދާރާތަކުން ބުނެއެވެ. ވޮޝިންގޓަން ޕޯސްޓުން ބުނާގޮތުގައި ބެޑެލް އިންޓަރނެޓްގައި ޝާއިޢްކޮށްފައިވާ ސަރުކާރާ ދެކޮޅު ލިޔުންތައް މިހާރު ގެންދަނީ ކަމާބެހޭ އިދާރާއިން ދިރާސާކުރަމުންނެވެ.  އޭނާއިތުރަށް ހާމަކުރިގތުގައި، މިޙަމަލާ ދިންއިރު ޖޯން ޕެޓްރިކް ބެޑެލް ހުރީކަޅުކޯޓެއް ލައިގެންނެވެ. އަދި ޗެކް ޕޮއިންޓްކައިރިއަށްއައިސް ޖީބަށް އަތްކޮށްކޮށްޕާލުމުން ސިފައިންގެ އޮފިސަރުންނަށް ހީވީ އޭނާ އުޅުނީ ޖީބުން ފާސް ނަގަން ކަމަށެވެ. ނަމަވެސް އޭނާ ޖީބުންނެގީ ސެމީ އޮޓަމެޓިކް ދެ ބަޑިއެވެ. އަދި ވަގުތުން ސިފައިންނާ ދިމާލަށް ބަޑިޖަހަންފެށީއެވެ. އޭނާގެ ޙަގީގީ ބޭނުމަކީ ޕެންޓަގަންތެރެއަށްވަދެ އިތުރުޙަމަލާތަކެއް ދިނުންކަމެއް ނުވަތަ ނޫންކަމެއް އެނގިފައެއްނުވެއެވެ.
ޕެންޓަގަންގެ ސިފައިންގެ އިސްވެރިޔާއާ ނޫސްވެރިންނަށް މަޢުލޫމާތު ދިން ގޮތުގައި އެޙަމަލާގައި ޒަޚަމްވި ސިފައިންގެ ދެމީހުންނަށް މިހާރުއަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި މިޙަމަލާގެ ރައްދުގައި، ފޯރިއަށްތިބި ސިފައިން ދިންޙަމަލާގައި ބެޑެލް ޒަޚަމްވެ ފަހުންވަނީ އޭނާމަރުވެފައެވެ.
މިފަހަކަށްއައިސް އެމެރިކާ ސަރުކާރުގެ މިފަދަ މުހިއްމު ތަންތަނަށް މުސްލިމްނޫން އެމެރިކާގެ ރައްޔިތުންގެންދަނީ ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އެގޮތުން ދާދިފަހުންވަނީ މަތިންދާ ބޯޓެއްގއި މީހަކުގޮސް އެމެރިކާގެ މާލީ އިދާރާ ހުރި ޢިމާރާތުގައި ޖައްސާ ގޮއްވާލާފައެވެ. މީގެ އިތުރަށް ހުސްވިއަހަރު ހަތިޔާރު އެޅި އެމެރިކާގެ މީހަކުވަނީ  ހޮލޮކާސްޓް މިއުޒިއަމަށް ވަދެ ޙަމަލާދީފައެވެ. އަދި އެމެރިކާގެ ސެނެޓާއި ހައުސް އޮފް ރެޕްރެސެންޓޭޓިވްސްގެ އިދާރާއަށްވެސްވަނީ ޙަމަލާދީފައެވެ.
މިހުރިހާ ޓެރަރިސްޓުޙަމަލާތަކެއްވެސް ދީފައިވަނީ އެމެރިކާގެ ޣައިރު މުސްލިމު ރައްޔިތުންނެވެ. ނަމަވެސް އެޙަމަލާތައްވެސް ވެސް އަދި އިއްޔެ މިހިނގި ޙަމަލާވެސް އެމެރިކާގެ އޮފިޝަލުން އަދި ހުޅަނގުގެ މީޑިޔާއިން ޓެރަރިސްޓް ޙަމަލާކަމަކަށް ސިފަކޮށްފައެއްނުވެއެވެ. މުސްލިމެއްގެ ފަރާތުން މިފަދަ ކަމެއް ހިނަގއިފިނަމަ ނުވަތަ މުސްލިމެއްގެ މައްޗަށް ޝައްކު ކުރެވިއްޖެ ނަމަ ވަގުތުން ޙައްދުފަހަނައަޅާފައިވާ މުސްލިމު ޓެރަރިސްޓެއްކަމަށްބުނެ މުޅި މީޑިޔާގައި އަޑުހިއްޕާލައެވެ.

ޓެގް

ޑިމޮކްރަސީ ކްރިސްޓިއަން ހަމަލާ ޔޫރަޕް އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.