ރާއްޖޭގެ ޚަބަރު ރަޝާދު ޚަލީފާ އާއި 19 އަށް އަޅުކަންކުރާ މީހުންގެ ކަލްޓް – އިސްލާމް ދީނާއި ދެކޮޅަށް ޒަޔަނިސްޓުން އުފެއްދި ޖަމާޢަތެއް. (4ވަނަ ބައި)

ރަޝާދު ޚަލީފާ އާއި 19 އަށް އަޅުކަންކުރާ މީހުންގެ ކަލްޓް – އިސްލާމް ދީނާއި ދެކޮޅަށް ޒަޔަނިސްޓުން އުފެއްދި ޖަމާޢަތެއް. (4ވަނަ ބައި)

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޑރ. މަޢުރޫފް ޙުސޭން / އެމް.އެސް، އީ.އެން.ޓީ

މި އާދީނުގެ ހަގީގަތް:
މިއާދީނަކީ އިސްލާމީ އުންމަތް ބަލިކަށިކޮށް މުސްލިމުން ބައިބައި ކުރުމަށްޓަކައި މުސްލިމުންގެ އެންމެބޮޑު ޢަދުއްވުން ކަމުގައިވާ ޒަޔަނިސްޓުން އަޑީގައި ތިބެގެން ރާވައި ހިންގާ ޙަރަކާތެކެވެ. މިމީހުންގެ  މިޝަނަރީ ޙަރަކާތް ތަކަށް އެހާގިނަ ފައިސާ ލިބެނީ ޒަޔަނިސްޓުންގެ ފަރާތުން ކަމުގައި ދިރާސާ ކުރާ މީހުން ބުނެއެވެ. މި ޙަރަކާތް މިހިންގަނީ ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުގެ ބާރު ކަނޑުވާލައި މުސްލިމުން ދީނާއި ދުރުކުރުމަށްޓަކައެވެ. މީގެ ކުރީންވެސް މިފަދަ އާ "ރަސޫލެއް" އެމީހުން އުފެއްދިއެވެ. އެއީ އިންޑިއާގެ ގާދިޔާނޭ ކިއުނު ރަށުން އައި މިރްޒާ ޣުލާމް އަޙުމަދު ގާދިޔާނީ އެވެ. އެއީ އިންޑިއާގެ މުސްލިމުން އިގިރޭސި އިސްތިޢުމާރާއި ދެކޮޅަށް ޖިހާދު ކުރާތީ އެކަން ހުއްޓުވޭތޯ އިގިރޭސީން އުފަންކުރި "ރަސޫލެކެވެ". މީނާ ދަޢުވާ ކުރީ ސަލާމް ލެއްވި ޢީސާ ޢަލައިހިއްސަލާމް ޤިޔާމަތާއި ކާރިގައި ނުވަތަ ފަހު ޒަމާނުގައި ވަޑައިނުގަންނަވާނޭ ކަމަށާއި އެކަލޭގެފާނުވަނީ ޠަބީޢީ އަވަހާރަވުމަކުން (އިންޑިއާގެ ކަޝްމީރުގައި!) އަވަހާރަވެފައި ކަމަށާއި އެކަލޭގެފާނުން އަލުން ވަޑައިގަންނަވާނޭ ކަމުގައި އައިސްފައި އެވަނީ މާނަވީ ގޮތެއްގައި ކަމަށެވެ. އަދި އެންމެފަހުން އެ ވަޢުދު ކުރެވިގެންވާ މަސީޙަކީ އޭނާ ކަމަށް ދަޢުވާ ކުރިއެވެ. ޖިހާދު ކުރުމަކީ މިހާރު މަންސޫޚު ވެފައި ވާ ކަމެއް ކަމުގައި ދަޢުވާ ކުރިއެވެ. އިގިރޭސިން އެދިފައިވާ ފަދައިންނެވެ. ނަމަވެސް ގާދިޔާނިންގެ ދީން މުސްލިމުންގެ ތެރޭގައި ވައިގައި ހިފާ ގޮތެއް ނުވިއެވެ. އެހެންކަމުން އެހެން "ރަސޫލެއް" ގެނެސްގެންވެސް މިކަންތައް ކަމުފޮޅާ ގޮތަކަށް ވޭތޯ އަދިވެސް ބެލީއެވެ.
ދަންނާށެވެ! ރަޝާދު ޚަލީފާ ނުވަތަ "ރިޗަރޑް ކެލިފް" ގެ ޖަމާޢަތުގެ މީހުންނަކީ ގާދިޔާނީންނަށް ވުރެ މާ ނުބައިކަންބޮޑު ބައެކެވެ. އެމީހުންގެ މިޝަނަރީން ދުނިޔޭގެ އެތަން މިތާގައި ޙަރަކާތް ތެރި އެބަ ވެއެވެ. މި ސަރަހައްދުގެ މުސްލިމުން މަގުފުރެއްދުމަށްޓަކައި އުފައްދާފައިވާ އެމީހުންގެ މަރުކަޒު ހުންނަނީ ޕާކިސްތާނުގައެވެ. މި ރާއްޖެއަށްވެސް އެމީހުން މިހާރު ވަނީ އައިސްފައެވެ. އަދި ދިވެހިންގެ ތެރެއިން ބަޔަކު އެމީހުންނަށް ހެއްލި އެމީހުންގެ ދީނަށް ވަނދެފައިވާ ކަމުގައި ވާހަކަ އެބަ ދެކެވެއެވެ. މީގެ ތެރޭގައި ގިނައީ ޒުވާން އަންހެން ކުދީން ކަމުގައިވެސް ބުނެވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މި މީހުންނަށް އަލުން ހިދާޔަތު ދައްކަވާފާނދޭވެ! އަދި ދިވެހި ރާއްޖޭގެ މުސްލިމުން ކާފަރު ކުރުމަށްޓަކައި ބޭރުންނާއި އެތެރެއިން މަސައްކަތް ކުރާ އެންމެހައި މަލްޢޫނުންގެ ނުބައިކަމުން ދިވެހިން ސަލާމަތް ކުރައްވާނދޭވެ! އާމީން.

ސަމާލުވޭ!
އިސްލާމް ދީނުގެ ނަމުގައި  ދޮގުވެރިން އުފައްދާފައިވާ އެތައް "ދީން" ތަކެއް ނުވަތަ "ކަލްޓް" ތަކެއް ވެއެވެ. މީގެ ތެރޭގައި ބަހާއީ ދީން، ގާދިޔާނީ ދީން، އަދި ސަބްމިޓަރސް ގެ ދީން ހިމެނެއެވެ. ބަހާއީން މިހާރު ވަނީ އެމީހުންނަކީ އިސްލާމް ދިނާއި އެއްވެސް ގުޅުމެއް ނެތް  މުޅިން އެހެން ދީނެއް ކަމުގައި އިޢުލާން ކޮށްފައެވެ. އަޅުގަނޑުމެން ދިވެހިން ޚާއްސަގޮތެއްގައި ގާދިޔާނީންނާއި އަދި ސަބްމިޓަރސް ގެ ދީނާއި މެދު ޚަބަރުދާރުވެ ތިބެން ޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ. އެއްވެސް މީހަކު ސަލާމް ލެއްވި ޢީސާގެ ފާނާއިމެދު ޒަމާނުއްސުރެ މުސްލިމުން ގަބޫލު ކުރަމުން އަންނަ ސައްޙަ ނުވަތަ އޯރތޮޑޮކްސް ޢަގީދާ އާއި ޚިލާފަށް އެކަލޭގެފާނު ވަނީ އަވަހާރަވެފައޭ ދެން ވަޑައެއް ނުގަންނަވާނެޔޭ މިފަދަ ވާހަކަތަކެއް ދައްކާ ނަމަ އެމީހަކު ވުން ގާތީ ގާދިޔާނި ދީނުގެ މިޝަނަރީ އެއް ކަމުގައެވެ. ހަމަ މިފަދައިން އެންމެ ފަހުގެ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީސް ފުޅު ތަކާއި ސުންނަތުގެ ބާރު ކަނޑުވާލައި، އިސްލާމް ދީނުގެ ދެވަނަ ތަނބާއިމެދު ޝައްކު އުފައްދަން އުޅޭނަމަ އެމީހަކު އެވަކާލާތު ކުރަނީ ރަޝާދު ޚަލީފާ ގެ ދީނަށްކަން ދަންނާށެވެ.
ﷲ މެނުވީ އަޅުކަމެއް ކުރުން ޙައްގު ވެގެންވާ އެއްވެސް ފަރާތެއް ނުވާ ކަމަށާއި އެ އިލާހަށް އެއްވެސް ޝަރީކެއް ނުވާކަމަށާއި އަދި އަޅެމެންގެ ލޯބިވެތި ޙަބީބު ސައްޔިދްނާ ވަ މަޥްލާނާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ﷲ ގެ އަޅާކަމަށާއި އަދި އެންމެ ފަހުގެ ރަސޫލާ އަދި ނަބީ ކަމުގައި އަޅު ހެކި ވަމެވެ. އަދި ސަލާމް ލެއްވިގެންވާ މަސީޙު ޢީސަ ބުނި މަރްޔަމް އަކީ އެއްވެސް ބަފައިކަލެއްގެ މެދުވެރި ވުމެއްނެތި ﷲ ޚަލްގު ކުރެއްވި އެކަލާނގެ އަޅެއް އަދި ލޮބުވެތި ރަސޫލެއް ކަމަށާއި އެކަލޭގެފާނުން ވަނީ ހަށިކޮޅާއި އަދި ފުރާނަ ފުޅާއިއެކު އުފުއްލެވިގެން ކަމާއި އަދި އެކަލޭގެފާނު އަވަހާރަ ނުވާ ކަމާއި ޤިޔާމަތް ޤާއިމް ވުމުގެ ކުރީން އެކަލޭގެފާނުން އަދި ފައިބާ ވަޑައިގަންނަވާނޭ ކަމަށާއި ދޮގުވެރި މަސީޙު ނުވަތަ މަސީޙުއްދައްޖާލު ގަތުލު ކުރައްވާނޭ ކަމާއި، ޤިޔާމަތް ގާއިމް ވުމުގެ ކުރީގައި އިސްލާމީ ޚިލާފަތް އަލުން ގާއިމް ވާނެ ކަމާއި، އިމާމް މަހުދީ ވަޑައިގަންނަވާނޭ ކަމާއި އަދިވެސް ފަހު ޒަމާނުގައި ފާޅުވާނޭ ކަމުގައި އެންމެ ފަހުގެ ރަސޫލާ ޚަބަރު ކުރައްވާފައި ވާ މިފަދަ ހުރިހައި ކަންތައް ތަކަކީ ތެދު ޙަގީގަތް ކަމުގައި އަޅު ހެކި ވަމެވެ. އަދި،  މުސައިލަމަތުލް ކައްޛާބު އާއި އަސްވަދުލް ޢަނަސީ އަކީ ދޮގުވެރިންނަށް ވީފަދައިން ބަހާއީ ދީން އުފެއްދި ބަހާއުﷲ (ކްރިސްޓިއަން ތާރީޚުން 1863 ގައިބަޣުދާދުގައި ނަބީކަމަށް ދަޢުވާ ކުރި މީހެއް) އާއި ޤާދިޔާނީ ދީން އުފެއްދި މިރުޒާ ޣުލާމް އަޙުމަދު ޤާދިޔާނީ (ކްރިސްޓިއަން ތާރީޚުން 1835 އިން 1908 އަށް އިންޑިއާގައި އުޅުނު މީހެއް) އާއި އަދި ސަބްމިޓަރސް ގެ  ދީން ގެނައި ރަޝާދު ޚަލީފާ އާއި މިއެންމެންނަކީ އެންމެ ފަހުގެ ރަސޫލާގެ މާތް ދޫފުޅުން އެފަދަ ދޮގުވެރި ރަސޫލުން ފާޅުވާނެ ކަމުގައި އަންގަވާފައިވާ ދޮގުވެރިންގެ ތެރެއިން ހިމެނިގެންވާ ކައްޛާބުން ކަމުގައިވެސް އަޅު ހެކި ވަމެވެ.
ނިމުނީ

ޓެގް

ދީން ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.