ރާއްޖޭގެ ޚަބަރު ރަޝާދު ޚަލީފާ އާއި 19 އަށް އަޅުކަންކުރާ މީހުންގެ ކަލްޓް – އިސްލާމް ދީނާއި ދެކޮޅަށް ޒަޔަނިސްޓުން އުފެއްދި ޖަމާޢަތެއް. (1 ވަނަ ބައި)

ރަޝާދު ޚަލީފާ އާއި 19 އަށް އަޅުކަންކުރާ މީހުންގެ ކަލްޓް – އިސްލާމް ދީނާއި ދެކޮޅަށް ޒަޔަނިސްޓުން އުފެއްދި ޖަމާޢަތެއް. (1 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ޑރ. މަޢުރޫފް ޙުސޭން / އެމް.އެސް، އީ.އެން.ޓީ

ދާދިފަހުން އަޅުގަނޑުމެންނަށް ސިހުމެއް ލިބުނީ ރާއްޖެއަށް "ފަހު ޒަމާނުގެ ރަސޫލާ ކަމަށް ދަޢުވާ ކުރާ މީހަކު އައިސް ދިވެހިންގެ ބަޔަކު ހައްލައިގެން ސިލޯނުގެ އެޑަމްސް ޕީކް އަށް "ހައްޖަށް" ގެންދަން އެބައުޅޭ" ކަމުގެ ޚަބަރުންނެވެ. ކަމުގެ ޚަބަރު ބަލާލުމުން އެގުނީ މި މީހަކީ 31 ޖެނުއަރީ 1990 ވީ ދުވަހު އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ ރަށެއްކަމުގައިވާ ޓަސްކަން ގައި ވަޅިހަރައި މަރާލައި ޒައިލޯލް އަޅާލެވުނު ނުބައި ކައްޛާބެއް ކަމުގައިވާ ރަޝާދު ޚަލީފާ ގެނައި އާދީނުގެ މިޝަނަރީ އެއް ކަމެވެ.
ރަޝާދު ޚަލީފާ ނުވަތަ "ރިޗަރޑް ކެލިފް"
މުސައިލަމަތުލް ކައްޛާބު، އަސްވަދުލް ޢަނަސީ، " ބަހާއުﷲ"، މިރްޒާ ޣުލާމް އަޙުމަދު ގާދިޔާނީ ފަދަ ދޮގުވެރި ރަސޫލުންގެ ލިސްޓަށް އިތުރު ވެގެން ދިޔަ މި މީހާޔަކީ މިސްރަށް އުފަން މީހެކެވެ. އޭނާޔަކީ ޙަގީގަތުގައި މިސްރުގައި އުޅޭ ޤިބްޠީ (ކޮޕްޓިކް) ކްރިސްޓިއަނުންގެ މީހެއް ކަމަށާއި އޭނާގެ ޙަގީގީ ނަމަކީ ރިޗަރޑް ކަލިފް ކަމަށް މީނާގެ ކަންތައް ދިރާސާ ކުރި ބައެއް މީހުން ބުނެއެވެ. ނަމަވެސް އޭނާގެ ދީނުގެ މީހުން ބުނާގޮތުގައި އޭނާޔަކީ މިސްރުގެ މާބޮޑު ދަންނަބޭކަލެއްގެ ދަރިއެކެވެ. އޭނާ ކިޔެވީ މިސްރުގެ ޢައިން ޝަމްސް ޔުނިވަރސިޓީ އިންނެވެ. އެއަށްފަހު މިސްރު ސަރުކާރުން ދެއްވި ސްކޮލަރޝިޕެއްގައި އެމެރިކާޔަށް ދިއުމުގެ ފުރުޞަތު ލިބި އެތާގެ ޔުނިވަރސިޓީ އޮފް އެރިޒޯނާ އަދި ކެލިފޯރނިއާ ޔުނިވަރސިޓީ ގައި ތަޢުލީމް ޙާސިލް ކޮށް ބައޯކެމިސްޓްރީ އިން ޕި.އެޗް.ޑީ ހޯދިއެވެ. އެމެރިކާގައި އުޅުނު ދުވަސްވަރު އެތާގެ މީހަކާ ކައިވެނި ކޮށް އެމެރިކާގެ ސިޓިޒަންޝިޕް ހޯދިއެވެ. އެއަށްފަހު، ދެ އަހަރެއްހައި ދުވަހު ލީބިޔާ ސަރުކާރުގެ "ސައިންސް އެޑްވައިޒަރ" ގެ ގޮތުގައި މަސައްކަތް ކުރިއެވެ. ލީބިޔާގައި މީނާ އުޅުނީ އެގައުމަކީ ތެލުގެ މުއްސަނދި ކަން ނުލާހިކު ބޮޑު ގައުމަކަށް ވެފައި، އަދި މީނާޔަކީ ކެމިސްޓްރީގެ މާމޮޅު މީހެއް ކަމަށާއި ތެލުން ޕްރޮޓީން އުފައްދާނޭ ސިއްރު ފޯރމިއުލާ އެއް މީނާޔަށް އެގޭކަމަށް ދަޢުވާ ކޮށްގެންނެވެ. އެދުވަސްވަރު މީނާޔާއި އެކީގައި މަސައްކަތް ކުރެއްވި މިޞްރުގެ ސައިންޓިސްޓެއް ކަމުގައިވާ ޑރ. މަބްރޫކް އައްޝަރްކާވީ ލިއުއްވާފައި ވެއެވެ. "ރަޝާދު ޚަލީފާ ލީބިޔާ އަށް ގެންދިޔައީ އޭނަޔަކީ މާމޮޅު ކެމިސްޓެއް ކަމުގައި އަޑުއަރާފައިވާތީ އާއި އަދި ސިއްރު ފޯމިއުލާ އެއް ބޭނުން ކޮށްގެން ތެލުން ޕްރޮޓީން އުފައްދަން އެގޭކަމަށް އޭނާ ދަޢުވާ ކުރާތީ ލީބިޔާގެ ތެޔޮވަޅުތަކުން ޕްރޮޓީން އުފައްދައި އެގައުމަކީ ޕްރްޓީން އެކްސްޕޯރޓް ކުރާ ގައުމަކަށް ހެދުމަށެވެ. އޭނާގެ ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތު ދިނުމަށް ފަންނީ މީހުންނާއިއެކު ބޭއްވި ބައްދަލު ވުމަށް އަހަރެން ވެސް ދިޔައީމެވެ. އެއީ ޓްރިޕޮލީ ޔުނިވަރސިޓީގެ ފަރާތުންނެވެ. އޭނާ ދަޢުވާ ކުރާ ކަންތަކަކީ އެއްވެސް ޙަގީގަތެއް އެކުލެވިގެންވާ ކަމެއް ކަމުގައި އެތަނަށް ޙާޒިރުވި އެކްސްޕާރޓުންނަށް ސާބިތު ކޮށެއް ނުދެވުނެވެ. މާސުވާލު ތައް ގިނަވުމުން އިސްތިޢުފާގެ ސިޓީ ލާފައި ފުރައިގެން ދިޔައީއެވެ. ލީބިޔާގައި އުޅުނު ދުވަސްވަރު ދީނީ މަޥްޟޫޢު ތަކަށް ޓީ.ވީ ގައި ވާހަކަދައްކާ ހެދިއެވެ."
ލީބިޔާއިން އެމެރިކާ އަށް އެނބުރި ދިއުމަށްފަހު އަހަރުތަކެއް ފަހުން، ކީރިތި ޤުރުއާނުގައި އެކުލެވިގެންވާ '19' މި ޢަދަދުގެ މައްޗަށް ބިނާވެގެންވާ މުޢުޖިޒާތެއްފަދަ ކޯޑެއް އޭނާޔަށް ހޯދިއްޖެ ކަމުގައި އިޢުލާން ކުރިއެވެ. އޭނާ ބުނިގޮތުގައި ސޫރަތް ތަކުގެ ޢަދަދާއި އެކިއެކި ކަލިމަ ތަކާއި މިފަދަ ވަރަށް ގިނަ ކަންތަކެއް އެކުލެވިގެންވަނީ 19 އިގެ ބަހާ ތަކެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާނަކީ ދެމިގެންވާ މުޢުޖުޒާތެއް ކަމުން އެ ފޮތުގެ މުޢުޖިޒާތް ތަކުގެ ވާހަކަ ދެއްކުމަކީ ހުރިހާ މުސްލިމުން މަރުޙަބާ ކިޔާ ކަމެކެވެ. ރަޝާދު ޚަލީފާގެ "ހޯދުން ތައް" ވަރަށް މަޝްހޫރު ވެއްޖެއެވެ. އިސްލާމީ ޢިލްމު ވެރީންނާއި ދާޢީން އޭނާގެ "ހޯދުން" ތަކަށް ރިޢާޔަތް ކުރައްވައި ވާހަކަ ދައްކަވަން ފެށިއެވެ. މިގޮތުން އެންމެ ފާހަގަ ކުރެވޭ ބޭފުޅަކީ އަލް މަރްޙޫމް ޝައިޚު އަޙުމަދު ދީދާތެވެ. އޭނާގެ "ޤުރުއާން – ދި އަލްޓިމޭޓް މިރެކަލް" މި ބަޙުސްގައި ޤުރުއާނުގައި އެކުލެވިގެންވާ 19 އިގެ ބަހާ ތަކާއިމެދު ވާހަކަ ދެއްކެވިއެވެ. ނަމަވެސް އެއީ ރަޝާދު ޚަލީފާގެ ޙަގީގަތް ފާޅުވުމުގެ ކުރީންނެވެ. ފަހުން ޝައިޚު ދީދާތު އެކަންތަކާއި ދުރުވެ ބަރީއަ ވެ ވަޑައިގަތެވެ. ރަޝާދު ޚަލީފާ އޭނާގެ އައު "ހޯދުން" ތަކާއިގެން ކުރިއަށް ދިޔައެވެ. ދާދިއަވަހަށް އޭނާގެ ކަންތައް ޙައްދުން ނެއްޓިއްޖެއެވެ. ﷲ ސުބުޙާނަހޫ ޥަތަޢާލާގެ މަތިވެރިވެގެންވާ ފޮތަކީ އޭނާ ހިތުހުރިގޮތަކަށް ހިސާބު ތަކާއި ވިޔަތައް ހަދަން އޮތް އެއްޗެއް ކަމުގައި ހަދައިފިއެވެ. 19 އިން ގެއްލައި ގުނަކޮށް ހަދަމުންގޮސް އޭނާގެ 19 އިގެ ކޯޑަށް ނުފެތޭ ދެއާޔަތެއް (ތައުބާ ސޫރަތުގެ 128 އާއި 129 ވަނަ އާޔަތް) ކީރިތި ޤުރުއާނުގައި އެބަވާ ކަމަށާއި އެހެންކަމުން އެދެއާޔަތަކީ ޤުރުއާނަށް ފަހުން ވައްދާފައިވާ ދެއާޔަތެއް ކަމުގެ ނުބައިވެގެންވާ ދަޢުވާ ކޮށްފިއެވެ. އޮޅުމެއް ނެތްގޮތުގައި ކީރިތި ޤުރުއާނަކީ އެފޮތުގެ ކުރިމަތީންވިޔަސް އަދި ފަހަތުން ވިޔަސް އެއްވެސް ބާޠިލް ކަމެއް ނާންނާނެ ފޮތެއް ކަމާއި އަދި އެފޮތް ޤިޔާމަތަށް ދާންދެން ރައްކާތެރި ކުރެއްވުމަށް އެފޮތް ބާވައިލެއްވި ފަރާތުން ޖާމިނުވެވޮޑިގެންފައިވާ ފޮތެވެ. އެހެން ކަމުން 1400 އަހަރު ފަހުން އެމެރިކާގެ އެރިޒޯނާ ސަހަރާގައި އުޅެމުން އައި ކައްޒާބު މައްކާރެއްގެ މިވާހަކައަކީ މުސްލިމުންގެ ޢަގީދާ އާއި ފުށުއަރާ އަދި ނުރައްކާތެރި ވާހަކައެކެވެ. ރަޝާދު ނުވަތަ ރިޗަރޑް މިވަރުން ފުއްދާލީކީ ނޫނެވެ. އިސްލާމް ދީނުގެ ދެވަނަ ތަނބު އަދި ކީރިތި ޤުރުއާނުގެ ތަފްޞީލު ކަމުގައި ވާ މާތް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީސް ތައް ނުވަތަ ސުންނަތަކީ އެއްގޮތަކަށްވެސް ގަބޫލުކޮށް ތަބާވާން ޖެހޭނޭ އެއްޗެއް ނޫން ކަމުގައި ބުނަން ފެށިއެވެ. މީނާ ސިލްސިލާ ކޮށް ލިޔަމުންދިޔަ ކީރިތި ޤުރުއާނުގެ ތަރުޖަމާ އާއި "ތަފްސީރު" ގައި ޤުރުއާނުގެ އާޔަތް ތައް ދިޔައީ އޭނާ ބޭނުންހައި ގޮތަކަށް މާނަކުރަމުންނެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެންމެފަހުގެ (ރަސޫލާ އަދި) ނަބިއްޔާ ކަމުގައި ޤުރުއާނުގައި (ސޫރަތުލް އަޙުޒާބުގެ 40 ވަނަ އާޔަތުގައި) އަންގަވާފައި އޮތަސް "ޚާތަމައް ނަބިއްޔީން" އޭ އޮތުމުން އޭގެ މާނަޔަކީ ނަބީ ކަން ޚަތިމު ކުރެއްވީ އެކަލޭގެފާނުން ކަމަށާއި ނަމަވެސް ރަސޫލުކަން އަދި ޚަތިމު ނުވާކަމަށްވެސް ބުނަން ފެށިއެވެ. ނަބީ ކަމަކީ ރަސޫލު ކަމަށްވުރެ ދަށް ފައްތަރެއްކަމަށާއި ކޮންމެ ރަސޫލަކީ ނަބީއެއް ކަމާއި ނަމަވެސް ކޮންމެ ނަބީބޭކަލަކީ ރަސޫލެއް ނޫންކަން އެއީ މުސްލިމް ކުޑަ ކުދީންވެސް ދަންނަ ކަމެކެވެ. ޔާސީން ސޫރަތުގެ 3 ވަނަ އާޔަތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި މުޚާޠަބު ކުރައްވައި ވަޙީ ކުރައްވާފައިވާ "ހަމަކަށަވަރުން ކަލޭގެފާނަކީ ރަސޫލުންގެ ތެރެއިންހިމެނޭ ބޭކަލެކެވެ." މިފަދައިން އެވަނީ އޭނާޔާއިމެދު ކަމުގައި ބުނެ އެންމެ ފަހުން ރަސޫލު ކަމަށްވެސް ދަޢުވާ ކުރީއެވެ. ޖިބްރީލުލް އަމީން އޭނާކާރިއަށް ވަޙީ ގެންނަވާކަމަށްވެސް ދަޢުވާ ކުރީއެވެ! އޭނާއަކީ އެހެން ހުރިހާ ރަސޫލު ބޭކަލުންނާއި އަދި ޚުދު ޚާތަމައްނަބިއްޔީން ކަމުގައިވާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށްވުރެވެސް މާމަތީ "ރަސޫލެއް" ކަމުގައި ވެސް ދަޢުވާ ކުރީއެވެ. މީނާގެ މަރުކަޒަކަށް ހަދާފައިވަނީ އެރިޒޯނާގެ ޓަސްކަން ގެ މިސްކިތެކެވެ. އެތައްބަޔަކު މީނާގެ ބަހަށް ހެއްލި އޭނާގެ އައު ދީނަށް ވަންނަން ފެށިއެވެ. އޭނާގެ ދީނުގެ މީހުންނަށް އޭނާ ދިން ނަމަކީ "ސަބްމިޓަރސް" އެވެ. މީނާގެ ނުބައިކަމާއި ނުލަފާކަން ހުރިހާ ހައްދުތަކެއް ފަހަނައަޅާ ހިގައްޖެހިނދު މީނާގެ ނުބައި ކަމުން ދުނިޔެއަށް އަރާމު ހޯދައިދީ މި އަބާއްޖަވެރިޔާ ދެމިގަރާރުވެ އޮންނާނެ ތަނަށް ފޮނުވައިލީ ޖަމާޢަތުލް ފުޤްރާ ކިޔާ ޖަމާޢަތެއްގެ "މުސްލިމް ޓެރަރިސްޓެކެވެ." 31 ޖެނުއަރީ 1990 ވީ ދުވަހު ޖޭމްސް ވިލިއަމްސް އޭކިޔޭ މީހަކު މީނާގެ ގަޔަށް ވަޅި ހަރައި މަރާލުމަށްފަހު ޒައިލޯލް އޭކިޔާ ކެމިކަލެއް އަޅާ އަލިފާން ރޯކޮށްލަން އުޅުނެވެ. އަލިފާން ރޯކޮށްނުލެވުނީ ރަޝާދު ޚަލީފާގެ "އަސްޙާބުން" އެކަމަށް ހުރަސް އެޅުމުންނެވެ.

_ނުނިމޭ-

ޓެގް

ދީން ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.