ރިޕޯޓް " އޭ ލަވް މެރިޖެއް ދޯ؟!"

" އޭ ލަވް މެރިޖެއް ދޯ؟!"

" އޭ ލަވް މެރިޖެއް ދޯ؟!"

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިއީ ވަރަށް ގިނަ މީހުން އަޅުގަނޑާ ކޮށްއުޅުނު ސުވާލެކެވެ. ޚާއްޞަކޮށް ކައިވެނިކޮށްގެން އުޅުނު ފުރަތަމަ ދުވަސްކޮޅުއެވެ. " އޭ! ކަލޭ ކުރީ ލަވް މެރިޖެއް ދޯ؟" މިހެންނެވެ. އެކުވެރިންނާއި ޢާއިލީމީހުންނެވެ. އެހެނީ ކުއްލިއަކަށް އެމީހުންނަށް ފެނުނީ އެމީހުން ނުވެސް ދަންނަ ކުއްޖަކާ އަޅުގަނޑު ކައިވެނިކުރި ތަނެވެ. އެހެންކަމުން، އެ ސުވާލުކުރުމަށް އެމީހުންނަށް ފުރުޞަތު ލިބިގެންދިޔައީއެވެ.

އަޅުގަނޑުގެ ޖަވާބު ވަރަށް ކުރެވެ. " އާނ! އަހަރެން ކުރީ މެރިޖް ލަވްއެކެވެ." ފުރަތަމަ ކުރީ ކައިވެންޏެވެ. ދެން ލޯބިވީއެވެ. އެހެންކަމުން، މި ޖަވާބުގެ ސަބަބުން އެހެން ސުވާލަކަށް ޖާގައެއް ނުލިބެއެވެ.

ނަމަވެސް، ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަނީ، ކައިވެނި ކުރުމުގެ ކުރިން އެކަކު އަނެކަކުދެކު ލޯބިވާންޖެހޭނެ ކަމަށެވެ. ދެމީހުން އެކަކު އަނެކަކަށް ދަސްވެ އަޖުމަބެލެން ޖެހޭނެ ކަމަށެވެ. މިގޮތަށް ދިހަ ބާރަ މީހުންގެ އަޖުމަ ވެސް ބެލޭތަން އާދެއެވެ. މިރާއްޖޭގައި މިއީ އެއްވެސް  މައްސަލައެއްނޫނެވެ. މުޖްތަމަޢުގައި އެކަމަށް ވަރަށް ތަރުހީބު ދެވޭ ކަމެކެވެ. ޚާއްސަކޮށް މައިންބަފައިންގެ ފަރާތުންނެވެ.

ދަންނައެވެ. އިސްލާމްދީނަކީ ވަރަށް މާތް މަތިވެެރި ދީނެކެވެ. މި ދީނުގައި، އެފަދަ ހަޑިމުޑުދާރު ގޮތަކަށް ކައިވެނީގެ ކުރިން އުޅުން، އެއީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. ކައިވެނީގެ ކުރިން ހިލޭ މީހަކާ އެކު ލަދެއް ހަޔާތެއްނެތި، ބޭނުންހާ ގޮތަކަށް އުޅެން، މި މާތް ދީނުގައި ފުރުޞަތު ހުޅުވާލެވިފައެއް ނޯވެއެވެ. އެހެންކަމުން، "މިއީ އަހަރެން ކައިވެނިކުރަން އުޅޭކުއްޖާ"އޭ ބުނުމުން، ތިބާ އޭނައާއެކު ބޭނުންހާ ގޮތަކަށް އުޅެން ހުއްދައެއް ނުކުރެއެވެ.

ހަމަކަށަވަރުން، ކައިވެންޏަކީ އިސްލާމްދީނުގައި ވަރަށް މާތް ޤަދަރެއް އެގުޅުމަކަށް ދެވިފައިވާ މާތް ގުޅުމެކެވެ. ހެޔޮގޮތުގައި، ހެޔޮލަފާ ޖީލެއް ބިނާކުރުމަށް މިއީ އެޅޭ އެންމެ ވަރުގަދަ އަދި އެންމެ ފުރަތަމަ ފިޔަވަޅެވެ. ކައިވެނީގެ މި ގޮށަކީ، ދެމަފިރިން މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދަން، ހަޔާތުގެ މައިކަނޑުގައި ދަތުރުފަށާ ފެށުމެެކެވެ. ވުމާއެކު، ޢިޝްޤީ މަސްތެއްގައި ޖެހި، ރުހޭ ލޮލަކަށް އައިބެއް ނުފެންނާނެ ފަދަ ގޮތަކަށް ކޮށްނިންމާލަން ހެއުވާވަރުގެ ކަމެއް ނޫނެވެ. އެއަށްވުރޭން މާ ސީރިއަސްކަމެކެވެ. ވަރަށް ޒިންމާދާރުކަމެކެވެ. އެއާ ގުޅިގެން އަމާނާތްތަކެއް ހަވާލުކުރެވޭތީއެވެ. ބަލަދުވެރިއަކަށް ވެގެންދާނެތީއެވެ. ޤިޔާމަތް ދުވަހުން މިހުރިހައި ކަންތައްތަކާ ބެހޭގޮތުން ސުވާލުކުރެވޭނެތީއެވެ.

އެހެންކަމުން، ތިމާ މީހަކާ ކައިވެނިކުރަން ގަސްތުކުރާ ހިސާބުން ފެށިގެން ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، މިކަމަކީވެސް މާތް ﷲ ގެ ރުއްސެވުން ހޯދުމަށްކުރާ ކަމަކަށް ހެދުމެވެ. ތިބާގެ އިއްފަތްތެރިކަން ސަލާމަތުން ބެހެއްޓުމަށް ކުރާކަމަށް ހެދުމެވެ. އިސްލާމީ މަތިވެރި ޖީލެއް ބިނާކުރުމަށް ކުރާކަމަކަށް ހެދުމެވެ.

ނަމަވެސް، ބައެއް މީހުން މިވާހަކަތަކާ ދެކޮޅު ހަދައިފާނެއެވެ. "ނުދަންނަ މީހާކާ އިންނާނީ ކިހިނެއްހޭ" އަހާ ސުވާލު އުފައްދަފާނެއެވެ. ތި ސުވާލަށް ދޭނެ ޖަވާބުވެސް އެބައޮތެވެ. ތިބާ ނުދަންނަ މީހަކާ ކައިވެނިކުރާ ވާހަކައެއް މިތާނކު ނުދެކެވެއެވެ. ތިބާ ދަންނަ ކުއްޖަކު ހޯދާށެވެ. ރައްޓެހީންނާ އެކުއްޖާގެ ޢާއިލީމީހުން ކައިރިން އެކުއްޖާގެ ފުރިހަމަ މަޢުލޫމާތު ހޯދާށެވެ. އެކުއްޖާގެ މިޒާޖަކީ ކޮބާކަން އެމީހުންކުރެން އަހާ އޮޅުންފިލުވާށެވެ. ފަރުޟު ފަސްނަމާދަށް ރައްކާތެރިވޭތޯ ބަލާށެވެ. މައިންބަފައިންނަށް ކިޔަމަންތެރިކޮށްހިތާ ކުއްޖެއްތޯވެސް ބަލާށެވެ. މުސްކުޅިންނަށް އޯގާތެރިވެ ކުޑަކުދިންނަށް ރަޙްމުކުރާ ކުއްޖެއްތޯވެސް ބަލާށެވެ. ތިބާ ހިތް އެދޭ ހުރިހައި ދާއިރާއަކުންވެސް ބަލާށެވެ. ރީތިކަމަށްވެސް ބަލާށެވެ. ބުރު ސޫރައިގެ ރީތިކަމަކީ، ތިބާ އެހާ އަހައްމިއްޔަތުކަންދޭކަމެއް ކަމުގައިވަނީ ނަމައެވެ.

ދެން ތިބާ ގަޔާވާ ހިތް އެދޭ ކަހަލަ ސިފަތަކެއް އެ ކުއްޖާގެ ކިބައިގައި ވަނީނަމަ، އޭނާގެ މައިންބަފައިންނަށް އޭނައާ ކައިވެނިކުރުމަށް ހުށަހަޅާށެވެ. އަދި އެކުއްޖާއަށްވެސް ތިބާއާ ބެހޭގޮތުން މަޢުލޫމާތު ޖަމަޢަކުރަން ފުރުޞަތުދޭށެވެ. ތިބާގެ ރައްޓެހީންނާއި، މައްސަކަތު ބައިވެރިންނާއި އަދި ޢާއިލީމީހުން ކައިރިން ތިބާގެ މިޒާޖަކީ ކޮބައިކަން ދަސްކުރުމަށް ދޮރު ހުޅުވައިދޭށެވެ. ދެން އޭނާއަށް ތިބާއާ މެދު ހިތްހަމަޖެހޭނަމަ، އެކަހެރިކޮށް ބައްދަލުކުރުމުގެ ބަދަލުގައި، ފޯނުން ވާހަކަ ދެއްކިދާނެއެވެ. ކައިވޭނީގެ ޕޮރުގުރާމުތަށް ހަމަޖެއްސުމުގެ މަޝްވަރާކުރުމަށެވެ. ނަމަވެސް، ވިސްނާލަންޖެހޭ ތަންކޮޅަކީ، ކައިވެނީގެ ކުރިން ދައްކަން ނުޖެހޭ ވާހަކަ ދެއްކުން ހުއްދަ ނުވާނެކަމެވެ. ޝައިތާނާއަށް ތިގުޅުން ކިނލަބުކޮށްލަން އެއްވެސް ފުރުޞަަތެއް ނުދޭށެވެ. އޭނާ ވަރަށް މައްސައްކަތް ކުރާނެއެވެ. އޭނަގެ ނުބައި ބީހުން ތި ގުޅުމުގެ ތެރެއަށް ވެއްދޭތޯއެވެ. ކައިވެނީގެ ކުރިންނެވެ. އެހެނީ އެކަން އޭނާއަށް ކާމިޔާބުކުރެވުމަކީ، ތިގުޅުމުގައި މާތް ﷲ ލައްވާނެ ބަރަކާތް ނެތި ހިނގައިދާނެކަމެކެވެ. އެހެންކަމުން، އެކަމަށް ސަމާލުވާށެވެ.

މާތް ﷲ ގެ ރަޙްމަތުން، މިގޮތަށް ކުރެވޭ ކައިވެނީގައި އެ އިލާހު ބަރަކާތް ލައްވާނެއެވެ. ޝައިޠާނާގެ މުޑުދާރު ބީހުމެއް ނުވާނެއެވެ. އަމާން އޮމާން ޒަވާޖީ ޙަޔާތެއް ލިބޭނެއެވެ. އަދި ތިބާގެ އަންހެނުންނަކީ ތިބާއަށް ވަފާތެރިމީހަކަށް ވާނެއެވެ. އެނާދެކެ ތިބާ އިންތިހާއަށް ލޯބިވާނެއެވެ. މާތް ލޯތްބެކެވެ. ކަނުކަމެއްނެތް ފުރިހަމަ ލޯތްބެކެވެ.

 

މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް އޭނާ ތިބާއަށް އެހީވާނެއެވެ. ތިބާ ކަންނެތްވެގެންދާ ހިނދު ހިތްވަރު އާކޮށްދޭނެއެވެ. މަގުން ކައްސާލައިގެން ދާނަމަ، ހަމަ މަގަށް އަޅުވާނެއެވެ. އެހެންކަމުން، ދެމީހުންގެ ދެމެދުގައި އުފެދިގެން ދާނީ ވަރަށް ވަރުގަދަ ގުޅުމެކެވެ. ވަރަށް މަތިވެރި ލޯތްބެކެވެ. ކިތަންމެ، ވަރުގަދަ ޠޫފާނެއް އަޔަސް އެގުޅުމަކަށް ލޮޅުމެއްހާ މިންވަރުވެސް އަރުވައެއް ނުލެވޭނެއެވެ. الحمد لله, އެއީ "މެރީޖް ލަވް"އެކެވެ.

ޓެގް

ލޯބީގެ ގުޅުން ލަވް މެރިޖް ކައިވެނި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.