ދީން އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ 7

އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ 7

އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟ 7

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ނަމާދަކީ އެކަހެރިވެގެންވާ ޢަމަލެއް ނޫނެވެ

ހަމަކަށަވަރުން، ކީރިތި ޤުރުއާނުގައި ގާތްގަނޑަކަށް 35 ފަހަރު ނަމާދުގެ ވާހަކަ އައިސްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ފަހަރަކު ނަމާދުގެ ޒިކުރު އެކަހެރިކޮށް ގެނެވިފައެއްނުވެއެވެ. ނަމާދުގެ ވާހަކަ ގެނެވޭ ހިނދުގައި ޒަކާތްދިނުމާއި ފަޤީރުންނަށާއި މިސްކީނުންނަށް ޞަދަޤާތް ކުރުމުގެ ވާހަކަ ގެނެވިފައިވެއެވެ. މި ދެކަމަކީ ވަކި ނުކުރެވޭނެ ދެ ޢަމަލެވެ. އެހެންކަމުން، ހަމައެކަނި ޒަކާތްދީ އުޅޭ މީހަކުވެސް، ދުވާލެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަސް ނަމާދު އަދާނުކޮށްފިނަމަ، ﷲ ތަޢާލާގެ ރުހިވޮޑިގަތުމުން އޭނާ މަޙްރޫމް ވާނެއެވެ.

ރަސޫލާ صلﷲعليه وسلم ސުވަރުގެ ވަޑައިގެންނެވުމަށްފަހު ޒަކާތް ދިނުމަށް އިންކާރުކުރި މީނުންނާއި ދެކޮޅަށް، ابو بكر رضي ﷲ عنه،  އެކަލޭގެފާނުގެ ޚަލީފާކަމުގެ ކުރީކޮޅު ހަނގުރާމަ ކުރައްވާފައިވެއެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.
"ﷲ ތަޢާލާ ހެކިކޮށް ބުނަމެވެ! ނަމާދާއި ޒަކާތުގައި ތަފާތުކުރާ މީހުންނާއި ދެކޮޅަށް ތިމަންކަލޭގެފާނު ހަނގުރާމަކުރައްވާ ހުށީމެވެ."

ނަމާދާއިއެކު ކީރިތި ޤުރުއާނުގައި ބަޔާންވެގެން އަންނަ ދެވަނަ ހެޔޮ ޢަމަލަކީ ކެތްތެރިކަމެވެ. އެހެންކަމުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا اسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ إِنَّ اللَّهَ مَعَ الصَّابِرِينَ [٢:١٥٣]

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ".

އިންސާނީ މުޅި ޙަޔާތުގައިވެސް ވަނީ މައްސަލަތަކާއި ކޯޅުން ކަނޑެއްގެ ތެރޭގައެވެ. އެހެންކަމުން، މިކަންތައްތަކާއި ކުރިމަތިލުމަށް އޭނާއަށް ދެވިފައިވާ އެންމެ މޮޅު ދެ ހަތިޔާރަކީ ނަމާދާއި ކެތްތެރިކަމެވެ. ބޭރުފުށުން އޭނާއަށް ދިމާވާ ނުރައްކާތަކާއި އަދާވާތްތެރިކަމާއި ކުރިމަތި ލުމަށް، ކެތްތެރިކަން އޭނާއަށް އެހީވެއެވެ. އަދި ނަމާދު ﷲ އާއި އަޅާއާއި ދެމެދުގައިވާ ރައްބާނީ އަދި ރޫޙާނީ ގުޅުން ވަރުގަދަ ކުރެއެވެ.

ނަމާދާއި އެއްސަފެއްގައިވާ އަނެއް އަޅުކަމަކީ، ޙައްޖުގެ އަޅުކަމުގެ ތެރޭގައި، އަޟްޙާ ޢީދު ދުވަހު، ހަދިޔު ކަތިލުމެވެ. މިކަމަށް ޢިޝާރާތްކުރައްވާ ކީރިތި ޤުރުއާނުގައި އަންނަނީ މިފަދައިންނެވެ.

فَصَلِّ لِرَبِّكَ وَانْحَرْ [١٠٨:٢]

މާނައީ: "ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ!"

އަދި ހަމަ އެހެންމެ، ސޫރަތުލް އަންޢާމްގައިވެސް ނަމާދާއި ޤުރުބާން ކަތިލުމާއި ދެމެދުގައިވާ ގުޅުން ބަޔާންކޮށްދެއްވާފައި ވެއެވެ.

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ [٦:١٦٢]

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ޤުރުބާންކުރެއްވުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ".

އަހަރުމެންގެ ޢަމަލުތައް ގުޅިފައިވަނީ ދިރިހުރުން ނުވަތަ މަރުގެ މައްޗަށްކަމުގައި ވިޔަސް، އަހަރެމެންގެ ހަމައެކަނި މަޤްޞަދަކަށް ވާން ޖެހޭނީ ﷲ ތަޢާލާގެ ރުއްސެވުން ހޯދުމެވެ. ﷲ ތަޢާލާ ނޫން އެހެން ފަރާތަކަށް ޤުރުބާން ކުރުމެއް ނެތެވެ. ހަމަ އެފަދައިން ﷲ ތަޢާލާ ނޫން އެހެން ފަރާތަކަށް ކުރެވޭ ނަމާދަކީ ބާޠިލް ނަމާދެކެވެ.

އިންސާނާ ނަމާދު ނުކޮށް ދޫކޮށްލަނީ ކީއްވެ؟

ހަމަކަށަވަރުން ޢާލަމްތަކުގެ ވެރި ﷲ ވަޙީކުރައްވާފައިވެއެވެ.

۞ فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا [١٩:٥٩]

މާނައީ: “ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައެއެވެ. އެއުރެން ނަމާދު ދޫކޮށްލައެވެ. އަދި ޝަހުވާނީ އެދުންތަކަށް تبع ވެއެވެ. ފަހެ، އެއުރެން ނަރަކައަށް އެއްލާލެވޭ ހުއްޓެވެ!”

إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا [١٩:٦٠]

މާނައީ: “توبة ވެ، އަދި، إيمان ވެ، އަދި صالح عمل ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ”.

ކީރިތި ޤުރުއާނުގެ މި އާޔަތުގެ ކުރިއަށް ވަނީ ވަރަށް ގިނަ ނަބީބޭކަލުންނާއި އެބޭކަލުންނަށް ތަބައުވީ، ތެދުމަތު ލިބުނު މީހުންގެ މިސާލު ގެނެސްދެއްވާފައިވެއެވެ.  މިއާޔަތުން އޮޅުން ފިލުވައިދެނީ ނަމާދު ދޫކޮށްލާ މީހުންނަކީ، އެމީހުންގެ އަމިއްލަ އެދުންތަކަށް ތަބަޢުވާ ބައެއްކަމެވެ. އިންސާނާއަށް ކިޔަމަންވެވޭނީ ﷲ ތަޢާލާއަށް ނުވަތަ އޭނާގެ އަމިއްލަ އެދުން ތަކަށެވެ. އެހެންކަމުން، މިކިޔަމަންތެރިކަން ކީރިތި ޤުރުއާނުގައި އެއްފަދަ ކުރައްވާފައިވަނީ އަޅުކަމާއެވެ.

أَرَأَيْتَ مَنِ اتَّخَذَ إِلَٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا [٢٥:٤٣]

މާނައީ: “އެމީހެއްގެ އެދުންތައް އެއީ، އެމީހެއްގެ إله ކަމުގައި ހެދިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ފަހެ، އޭނާ ބަލަހައްޓާ ވަކީލަކު ކަމުގައި، ކަލޭގެފާނު ވާނެތޯއެވެ؟”

ހަމަ އެހެންމެ، ﷲގެ ރަސޫލާ محمد صلﷲعليه وسلم  މިފަދަމީހުން ސިފަކުރައްވާފައިވަނީ ދިރުހަމާއި ދީނާރުގެ އަޅުން ތަކެއްގ ސިފައިގައެވެ. ކީރިތި ރަސޫލާ صلﷲعليه وسلم ގެ ޒަމާނާއި، މިޒަމާނާއި މާބޮޑު ތަފާތުތަކެއް ނުވެއެވެ. އެހެނީ، ހުޅަނގުގެ މުޞައްނިފެއް އެމެރިކާމީހުން ސިފަކުރައްވަނީ، އެމީހުންނީ ހަފްތާއަކު ހަދުވަހު ޑޮލަރަށް އަޅުކަން ކޮށްފައި ހަތްވަނަ ދުވަހު އެމީހުންގެ އިލާހުގެ ޙަޟްރަތަށް ރުޖޫޢަވާ ބައެކެވެ!

ފައިސާއަށް ވާ ލޯބިން މީހެއްގެ ހިތް ފުރިއްޖެނަމަ، އެމީހާގެ ވެރި ރައްބަށް އެހިތުގައި އެއްވެސް ޖާގައެއް ނޯންނާނެއެވެ. އެހެންކަމުން، މިކަމުގެ ސަބަބުން އެންމެ ފުރަތަމަ ދޫކޮށްލެވޭނެ އެއްޗަކީ ނަމާދެވެ.

ނަމާދު ޠާހިރުކަމާއި، ފާފަތަކުން ސާފުވުމަށާއި އަދި ސުވަރުގެ ވަނުމަށްޓަކައި އޮތް ދާއިމީ ފަރުވާއެއް (ނަމާދާއި ގުޅޭގޮތުން ރިވާވެފައިވާ ބައެއް ހަދީޘްތައް)

1.    އަބޫހުރައިރާ رضي ﷲ عنه ރިވާކުރައްވާފައިވާގޮތުގައި ﷲގެ ރަސޫލާ صلﷲعليه وسلم  ހަދީޘް ކުރެއްވިއެވެ.

“ބަލާށެވެ. އެމީހެއްގެ ގޭދޮށުގައި ކޯރެއްވާނަމަ އަދި އެކޯރުން އޭނާ ދުވާލަކު ފަސްފަހަރު ފެންވަރާނަމަ، އޭނާގެ ހަށިގަނޑުގައި އެއްވެސް ނުތާހިރުކަމެއް ވާނެހެއްޔެވެ؟” އެބޭކަލުން ވިދާޅުވިއެވެ. “އެއްވެސް ނުތާހިރުކަމެއް އޭނާގެ ހަށިގަނޑުގައި ނުވާނެއެވެ”. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “ހަމަ މިފަދައިން ފަސްނަމާދުގެ ސަބަބުން، މާތް ﷲ މީހާގެ ފާފަތައް ފުއްސަވައެވެ”. (ބުޚާރީ، މުސްލިމް)

2.    އަބޫހުރައިރާ رضيﷲ عنه ރިވާކުރައްވާފައިވާގޮތުގައި ﷲގެ ރަސޫލާ صلﷲعليه وسلم  ހަދީޘް ކުރެއްވިއެވެ.

“ފަރުޟު ފަސްނަމާދާއި، އެއް ހުކުރާއި އަނެއް ހުކުރަށް، އެއް ރަމަޟާންމަހުން އަނެއް ރަމަޟާން މަހަށްވަނީ ފާފަތަކުގެ ކައްފާރާއަކަށެވެ. އެއީ ބޮޑެތި ފާފަތަކުން ދުރުހެލިވެ ރައްކާތެރިވާހާ ހިނދެއްގައެވެ”. (މުސްލިމް، ތިރްމީޛީ)

3.    ރަބީޢާ ބިން ކަޢުބު رضيﷲ عنه ރިވާކުރެއްވިއެވެ.

ތިމަން ކަލޭގެފާނު ﷲގެ ރަސޫލާ صلﷲعليه وسلم  އަރިހުގައި ވީ ރެއެއްގައި، އެކަލޭގެފާނަށް ފެނާއި އަދި އެކަލޭގެފާނު ބޭނުންފުޅުވި އެހެނިހެން ތަކެތި ގެނެސްދިނީމެވެ. އެކަލޭގެފާނު ހަދީޘްކުރެއްވި އެވެ. “(ބޭނުން ކޮންމެ ކަމަކަށް) އެދޭށެވެ”. ތިމަންކަލޭގެފާނު ދެންނެވީމެވެ. “އަޅުގަނޑު އެދެނީ ސުވަރުގޭގައި ކަލޭގެފާނާއި އެކުގައި ވުމަށެވެ”. އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. “ތިކަންތައް ފިޔަވައި އެހެން ކަމަކަށް އެދޭށެވެ”. އަހަރެން ދެންނެވީމެވެ. “އަޅުގަނޑު އެދޭ ހުރިހާވެސް ކަމަކީ އެއީއެވެ”. އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. “ތިހެންކަމަށްވާނަމަ ތިޔަކަން ހާޞިލް ކޮށްދެއްވުމަށް ތިމަންކަލޭގެ ފާނަށް އެހީތެރިވުމުގެ ގޮތުން، ގިނަގިނައިން ސަޖިދައިގައި ވަގުތު ހޭދަކުރާށެވެ”. (މުސްލިމް)

4. އަބޫ ޛައްރު رضي ﷲ عنه ރިވާ ކުރެއްވި ގޮތުގައި ފިނި މޫސުމުގައި ފަތްތައް ފައިބަނިކޮށް، ﷲގެ ރަސޫލާ صلﷲعليه وسلم ، ނިކުމެވަޑައިގަތެވެ. އެކަލޭގެފާނު އޮފިގަނޑެއްގައި ހިއްޕެވިއެވެ. (އަދި ތަޅުއްވައިލެއްވިއެވެ.) އެހިނދު އެގަހުގެ ފަތްތައް ފައިބާން ފެށިއެވެ. ދެން އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ.

“އޭ އަބޫ ޛައްރެވެ!” އަހުރެން ދެންނެވީމެވެ. “ލައްބައެކަ (އަހުރެން މިހުރީ ކަލޭގެފާނުގެ ޚިދުމަތުގައެވެ.) އޭ ﷲގެ ރަސޫލާ صلﷲعليه وسلم އެވެ. “އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. “މުސްލިމަކު، ﷲގެ ރުހުން ހޯދުމަށްޓަކައި ނަމާދު ކުރާހާ ހިނދަކު، އޭނާގެ ފާފަތައް މިގަހުގެ ފަތްތައް ފައިބާ ފަދައިން ފައިބައިގެން ދެއެވެ.” (މުސްނަދު އަޙްމަދް)

5. އުޤްބާ ބިން އާމިރު رضي ﷲ عنه ރިވާކުރެއްވި ގޮތުގައި ނަބިއްޔާ صلﷲعليه وسلم  ހަދީޘް ކުރެއްވިއެވެ.

“ފަރުބަދައެއްގެ މަތީގައި (އޭނާގެ ކަންބަޅިތަކާއި އެކު) ހުރި ބަކަރިހުއިހައްޕާ މީހާ، ބަންގިގޮވުމަށްފަހު ނަމާދު ކޮއްފި ނަމަ، އެމީހާ ދެކެ ތިޔަބައިމީހުންގެ ވެރި އިލާޙް ލޯބިވެވޮޑިގެންވެއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. ނަމާދަށް ގޮވާލުމަށްފަހު، ޤަމަތްދީފައި ތިމަންރަސްކަލާނގެއަށް ބިރުވެތިވެ ހުރެ ނަމާދު ކުރާ ތިމަންރަސްކަލާނގެ އަޅާ ނިކަން ދެކެބަލާށެވެ. ތިމަންރަސްކަލާނގެ އަޅާގެ ފާފަފުއްސަވާ އަދި އޭނާ ސުވަރުގެ ވައްދަވައިފީމުއެވެ.” (އަބޫ ދާވޫދް، ނަސާޢީ)

(ނުނިމޭ)

ތަރުޖަމާ: އަލްއުޚުތު އުއްމު ފާޠިމާ
އަޞްލު ލިޔުއްވީ: ޑރ. ޝުހައިބް ޙަސަން

ޓެގް

ދީން ދިވެހިން ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.